ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި 69 އަހަރު މީހަކު މިއަދު މަރުވެއްޖެ އެވެ.
މިއީ މިއަދު ކޮވިޑް ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ.
އެޗްޕީއޭ އިން ދެންމެ ބުނީ މަރުވީ ދިވެހި އަންހެނެއް ކަމަށާއި އެ މީހާ މަރުވީ ހެނދުނު 10:53 ގައި ކަމަށެވެ.
މި މަރާ އެކު މިހާތަނަށް ރާއްޖޭން ވަނީ ކޮވިޑް ބަލީގައި 154 މީހަކު މަރުވެފަ އެވެ. މި މަހު އެކަނި ވެސް ރާއްޖޭން ވަނީ ކޮވިޑް ބަލީގައި 81 މީހަކު މަރުވެފަ އެވެ.
ކޮވިޑް ބަލީގައި، މެދުއުމުރުގެ ދެ މީހަކު ވެސް މިއަދު ވަނީ މަރުވެފަ އެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 54 އަހަރުގެ ދިވެހި ފިރިހެނަކާއި 47 އަހަރު ދިވެހި ފިރިހެނެކެވެ.
ބަލިޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް މިހާރު 1،000 އިން މަތީގައި އުޅޭއިރު، މި ވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 25،000 އިން މައްޗަށް ގޮސްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެޗްޕީއޭ އިން ވަނީ މާލޭގެ އިތުރުން ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ.