ރާއްޖޭގައި ކޮވިޑް-19 ގައި މިއަދު ތިން ވަނަ މީހަކު މަރުވެއްޖެ އެވެ. މިއީ ބަލީގައި ރާއްޖެ އިން މިހާތަނަށް މަރުވި 161 ވަނަ މީހާ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އައިޖީއެމްއެޗްގެ އީއާރު އަށް ގެންދިޔަ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު ފަހު 3:00 ގައި މަރުވެފައިވާ ކަމަށެވެ. މިއަދު 3:39 ގައި ވެސް ވަނީ ކޮވިޑްގައި މީހަކު މަރުވެފަ އެވެ. އެއީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11 ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން 160 މީހުން މަރުވި އިރު، އިއްޔެއާ ހަމައަށް 63،686 މީހުންނަށް ވަނީ އެ ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން ރަނގަޅުވެފައި ވަނީ 39،313 މީހުންނެވެ.
މީގެ އިތުރުން ކޮވިޑް ޖެހިގެން 218 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދެ އެވެ.
ކޮވިޑުން ސަލާމަތް ވެވެން އޮތް ގޮތަކީ ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖަހައިގެން ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ. ރާއްޖޭގައި މިހާތަނަށް 309،444 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 165،181 މީހުން ވަނީ ދެ ޑޯޒް ވެސް ފުރިހަމަކޮށްފަ އެވެ.
ވެކްސިން ޖެހުމުގެ އިތުރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ މާލެ އާއި ރާއްޖޭގެ ގިނަ ރަށްތަކުގައި ފިޔަވަޅުތައް އަޅައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފަ އެވެ.