ގެއްލިގެން ހޯދަން އިއުލާނުކޮށްފައިވާ މިސްބާހް މުހައްމަދު، ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން އަތުލައިގަތް ނެޓްވޯކުގައި އިސްކޮށް ހުރި އެކަކު ކަމަށްވާ އިރުފާން ތަގިއްޔު ކަމަށާއި މިސްބާހަކީ އެތެެރެކުރި ޑްރަގްސްގެ އަގު އަދާކުރާނެ ކަމުގެ "ގެރެންޓާ" ކަމަށް ބެލެވޭ ކަމަށް ފުލުހުން މިރޭ ކަށަވަރުކޮށްދީފި އެވެ.
ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި މިސްބާހު ހުރި ކަމަށް ބެލެވޭ މައުލޫމާތުތަކެއް "މިހާރު" އަށް ލިބި އެކަން މިއަދު ރިޕޯޓްކުރި ފަހުން ފުލުހުން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީން މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. މިސްބާހު ރާއްޖޭން ބޭރަށް ދިޔައީ ނޮވެމްބަރު 19 ގައި ކަމަށް ކުރިން ބުނެފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މިސްބާހު ގޮވައިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީއާ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ.
އިރުފާނާއި މިސްބާހް ދުބާއީއަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރުގައި ވެސް ފުލުހުން ބުންޏެވެ. އެ ކާރުގެ ޑިކީ ތެރެއިންް މަސްތުވާތަކެތި ފެނުނީ ކަނޑުމަގުން އެ ތަކެތި ޜާއްޖެ އެތެރެކޮށް ލޯންޗެއްގައި މާލެ ގެނެސް ކާރަށް އަރުވައިގެން ދަނިކޮށް ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯނިތަކާއި ފޮށިތަކުގަ އެވެ.
ފުލުހުން ބުނި ގޮތުގައި، މިސްބާހު ގޮވައިގެން ދުބާއީ އަށް ދިއުމަށް ފަހު އިރުފާން ވަނީ މިދިޔަ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓަކުން އެނބުރި ރާއްޖެ އައިސްފަ އެވެ. އެކަމަކު މިސްބާހު ރާއްޖެ އައުމުގެ ބަދަލުގައި ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓަކުން ދުބާއީން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މިސްބާހު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާނަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވެ އެވެ. އިރުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ ފެބްރުއަރީ ތިން ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލައިފަ އެވެ. މި މައްސަލާގައި އިތުފާނުގެ އިތުރުން ދިހަ މީހެއްގެ މައްޗަށް އެކަމުގައި ދައުވާ އުފުލި އެވެ.
އުމުރުން 25 އަހަރުގެ މިސްބާހް އުޅެމުން ދިޔައީ އޭނާގެ އުފަން ރަށް ހދ. ނޮޅިވަރަންފަރުގައި ކަމަށް ވިޔަސް އޭނާގެ ހަބަރެއް ނުވެގެން ޕޮލިހަށް ރިޕޯޓްކުރީ އޭނާ މާލެ އައި ފަހުން ވީނުވީއެއް ނޭނގުމުންނެވެ. އޭނާގެ އާއިލާއަށް ވެސް އޭނާ ދިޔަ ތަނެއް ނޭނގެ އެވެ.