އައްޑޫ ހިތަދޫގެ "މައިލޯސިޓީ" ގޭގައި ހިންގަމުން އަންނަ ޑްރަގު އައްޑާ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ބަންދުކޮށްފި އެވެ. 

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ގެ ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވަނީ އިއްޔެ އެވެ. 

ފުލުހުން ބުނީ ޖުލައި 1 އިން ފެށިގެން 90 ދުވަހުގެ މުއްދަތަކަށް އެތަން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. 

ފުލުހުން ބުނީ އެ އަމުރު ނެރެފައި ވަނީ މަސްތުވާތަކެތި ބޭނުންކުރަމުންދާތީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް އިންޖެކްޓްކުރުން ފަދަ ކަންކަމަށް ބޭނުންކުރާ އާލާތްތަކާއި އެފަދަ ތަކެތި އެތަނުން ފޯރުކޮށްދެމުންދާތީ ކަމަށެވެ. 

އެތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ކޯޓު އަމުރުގައިވެ އެވެ. 

ކޯޓު އަމުރުގައި ވަނީ އެ ގެއަކީ ފުޅާ ދާއިރާއެެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއް ކަމަށާއި އެ ގެ އާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ކަމަށެވެ. 

ބަންދުކޮށްފައިވާ މުއްދަތުގައި އެތަނަށް ވަދެ އުޅުމަކީ މަނާ ކަމެކެވެ. 

މިދިޔަ އަހަރު ހައްޔަރުކުރި މައިލޯ ގްރޫޕުގެ ބައެއް މީހުން. -- ފޮޓޯ: ޕޮލިސް
މިދިޔަ އަހަރު ހައްޔަރުކުރި މައިލޯ ގްރޫޕުގެ ބައެއް މީހުން. -- ފޮޓޯ: ޕޮލިސް

އެ ގެ ބަންދުކުރަން ކޯޓުން އަމުރުކުރިއިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ މައްސަލާގައި "މައިލޯ" ގުރޫޕުގައި އިސްކޮށް އުޅޭ  އަލީ ނަދީމް (މައިލޯ ނަދަމާ) ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛ 

  • އަލީ ނަދީމް، (މައިލޯ ނަދަމާ) 30، ކޮންމުލި، ސ. ހިތަދޫ
  • ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ
  • އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ
  • ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ
  • އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ

އެމީހުން ހައްޔަރުކުރީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތައް މިލިއަން ރުފިޔާއެއް ދައުރުކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ނަދީމްގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ހިތަދޫ ކޯޓުން ދިން ނަމަވެސް ފަހުން ހެކި ނެތިގެން ކަމަށް ބުނެ އެންމެން ދޫކޮށްލީ އެވެ. 

ނަދީމް ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރުމުން ހައި ކޯޓުން އެންމެ ފުރަތަމަ އެ މައްސަލަ ބަލައެއް ނުގަތެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް އަލުން ބަލައިގަތުމަށް ފަހު އެ މައްސަލައިގެ އިސްތިއުފާނު އަޑުއެހުންތައް ވަނީ ފަށައިފަ އެވެ. 

"މައިލޯސިޓީ" ބަންދުކުރިއިރު މިފަހުން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ އުޅޭ ހިތަދޫގެ އެހެން ގެއެއް ވެސް ބަންދުކޮށްފަ އެވެ.