ށ. ފުނަދޫގައި ޖެޓްސްކީއެއްގައި ސީބެޑެއް އައްސައިގެން ދުއްވަނިކޮށް، ސީބެޑްގައި އިން ޒުވާނަކު ވިއްސައިގެން ގޮސް ލަކުޑި ދަނޑިއެއްގައި ޖެހި މިއަދު މަރުވެެއްޖެ އެވެ.

މި އެކްސިޑެންޓުގައި މަރުވީ އުމުރުން 22 އަހަރުގެ ޝުނާން ޝަރީފެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުނަދޫ ދަށްފަޅުގައި ދުއްވި ފަންބޯޑުން ވިއްސައިގެން ގޮސް ޒުވާނަކު ޒަހަމްވެގެން ހަވީރު 4:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޝުނާން މަރުވީ ލިބުނު ޒަހަމްތަކަށް، ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުނަދޫގައި މިއަދު އެކްސިޑެންޓު ހިނގި ސަރަހައްދު.
ފުނަދޫގައި މިއަދު އެކްސިޑެންޓު ހިނގި ސަރަހައްދު.

"މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އެންމެ ފުރަތަމަ މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގީ ޖެޓްސްކީގެ ފަހަތުގައި އިން މީހަކު ވިއްސައިގެން ގޮސް ތަނެއްގައި ޖެހިގެންނެވެ. ނަމަވެސް ފަހުން ބުނީ ވިއްސައިގެން ދިޔައީ ސީބެޑްގައި އިން ދެ މީހުންގެ ތެރެއިން އެކަކު ކަމަށެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ޝުނާނާ އެކު ސީބެޑުގައި އިތުރު ޒުވާނަކު އިން ކަމަށެވެ. ނަމަވެސް އޭނާއަށް ޒަހަމެއް ނުލިބި ސަލާމަތްވެފައިވާ ކަމަށް ބުންޏެވެ.