މާލެ އަތޮޅުގައި އޮންނަ ތާޖު އެގްޒޯޓިކާ ރިސޯޓް ކައިރިއަށް މިއަދު ހެނދުނު ބޯޓެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މަރުވި ދިވެއްސަކީ އުމުރުގެ ބޮޑުބައި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކުރި ބ. ހިތާދޫގެ ތަޖުރިބާކާރު ކެޕްޓަނެކެވެ. 

"ބަލްމާ-6" ނަމަކަށް ކިޔާ ބޯޓު ބަންޑުން ޖަހާލިއިރު އޭގައި ހަތަރު މީހުން ތިބިއިރު، ގެއްލުނު ދެ މީހުންގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނީ ހިތާދޫ، މުނިޔާ، އަލީ ހުސައިން އެވެ.

ގެއްލުނު ބިދޭސީމީހާ އަދިވެސް ނުފެނެ އެވެ.

އުމުރުން 60 އަހަރުގެ އަލީ ހުސައިންގެ ހަށިގަނޑު މިއަދު ފެނުނީ ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިންނެވެ. އޭނާއަކީ އެ ދޯނީގައި މަސައްކަތް ކުރާތާ ވެސް ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ މީހެކެވެ.

އަލީ ހުސައިންގެ އުމުރުގެ ވަރަށް ކުރީކޮޅުން ފެށިގެން އައީ ކަނޑުއުޅަނދުފަހަރުތަކުގައި މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް ކެޕްޓަނެއްގެ ގޮތުން ބަލާ ނަމަ އެއީ ތަޖުރިބާކާރެއް ކަމަށް އޭނާ ދަންނަ މީހުން ބުންޏެވެ. 

ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އަލީ ހުސައިނަކީ އެންމެންނާ ވެސް ވަރަށް ގުޅޭ ހިތްހެޔޮ މީހެއް ކަމަށެވެ.

"އުމުރުގެ ބޮޑުބައި ހޭދަކުރީ ކަނޑުމަތީގައި. މަހަށްދާ ދޯނިތަކުގެ ކެޕްޓަންކަން ކުރިން ކޮށް އުޅުނު. ދެން ސަޕްލައި ދޯނިތަކުގެ ކެޕްޓަންކަން ކުރި. އެ ބަންޑުން ޖަހާލި ދޯނި ދުއްވާތާ ވެސް ވަރަށް ގިނަ އަހަރު ވެފައިވާ ކަމަށް މައުލޫމާތު ލިބެނީ،" އޭނާ ބުންޏެވެ.

"ވަރަށް ރަނގަޅު މީހެއް އެއީ، އެންމެންނަށް ވެސް، އެންމެންނާ ވެސް ވަރަށް ގުޅޭނެ." 

އަލީ ހުސެއިން ނިޔާވިއިރު އޭނާގެ އާއިލާ ދިރިއުޅެމުން އައީ މާލޭގަ އެވެ. އޭނާގެ ކަށުނަމާދު ބޭއްވީ މިރޭގެ އިޝާ ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.

ދޯނި ބަންޑުން ޖަހާލި ސަބަބެއް އަދި އެމްއެންޑީއެފަކުން ނުބުނެ އެވެ. 

އެމްޑީއެފުން އެކްސްގައި ޕޯސްޓްކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަންޑުން ޖަހާލި ބޯޓު އޭރު އޮތީ ފަރުމަތީގަ އެވެ. އެ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި ކަނޑުވި ދެ މީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރުކުރި ދޯންޏެކެވެ.