މާލެ- މޭ 21، 2021: ކޮވިޑް ޖެހިގެން މަރުވި މީހަކު ހުޅުމާލޭ ސަހަރާގައި ވަޅުލަނީ.-- ފޮޓޯ؛ ނިޝާން އަލީ/ މިހާރު
11 ޖޫން 2021 - 12:52
ކޮވިޑް ބަލީގައި މި މަހުގެ މިހާތަނަށް 31 މީހަކު މަރުވެފައިވާއިރު، 24 ގަޑިއިރު ތެރޭ މީހަކު މަރުނުވާ ހަމައެކަނި ދުވަހަކީ އިއްޔެ އެވެ. އަދި މިދިޔަ މަހު ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީއިރުން ފެށިގެން މިއަދާ ހަމަ އަށް މީހަކު މަރުނުވާ ހަމައެކަނި ދުވަހަކީ ވެސް އިއްޔެ އެވެ.
މިދިޔަ މަހު ރެކޯޑް އަދަދަކަށް މި ބަލި ޖެހިގެން މީހުން މަރުވި އެވެ. އެއީ 88 މީހެކެވެ. މި މަސް ފެށުނު ދުވަހު ވެސް އަށް މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފަ އެވެ. އެއީ މި މަހު އެންމެ ގިނަ މީހުން މަރުވި ދުވަސް ވެސް މެ އެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އޭގެ ފަހުން އެންމެ ގިނައިން މީހުން މަރުވެފައި ވަނީ މި މަހު 4 ގަ އެވެ. އެ ދުވަހު ފަސް މީހަކު މަރުވި އެވެ.
މިއަދު ހެނދުނު 7:05 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި 60 އަހަރު އަންހެނަކު ވަނީ މަރުވެފަ އެވެ. އެއާ އެކު މި ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 192 އަށް އަރައިފަ އެވެ.
މާލެ- މޭ 21، 2021: ކޮވިޑް-19 ގެ ސަބަބުން މަރުވާ މީހުން ވަޅުލުމަށް ހުޅުމާލެ ސަހަރާގައި ވަޅު ކޮންނަނީ، އެތަނުގައި މަސައްކަތް ކުރާ ޖަމާއަތްތެރިން ބުނާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ގިނަވުމުގެ ސަބަބުން ބަލަ ބަލާ ތިއްބާ އެ ސަހަރާ ދަނީ ފުރެމުން.-- ފޮޓޯ: ނިޝާން އަލީ/މިހާރު
މިދިޔަ މަހު ކޮވިޑްގައި 88 މީހަކު މަރުވިއިރު، ދުވާލެއްގެ ނިސްބަތުން ނަމަ އެއީ 2.8 ގެ ރޭޓެވެ. މިދިޔަ މަހުގެ ނުވަ ދުވަހެއް، ފިޔަވައި ކޮންމެ ދުވަހަކު ވެސް ބަލީގައި މީހަކު މަރުވެފައިވެ އެވެ. އެންމެ ގިނަ މީހުން މަރުވީ 24 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު މަރުވި އެވެ.
މި ބަލީގައި އެންމެ ހަގު އުމުރުގެ ކުއްޖެއް ވެސް މަރުވީ މިދިޔަ މަހު އެވެ. އެއީ 10 އަހަރުގެ ކުއްޖެކެވެ.
ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ތެރެއިން 20 ޕަސެންޓަކީ އިތުރު އެއްވެސް ބައްޔެއް ނެތް މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިއްޔެ ވަނީ ބުނެފަ އެވެ.
ކޮވިޑްގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކޮން ކަހަލަ ބަލިތަކެއް ހުރި މީހުންނެއްތޯ ބެލިިއިރު، އޭގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ އެއްވެސް އިތުރު ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހުންނެއް ނޫން ކަމަށެވެ.
އެއީ މިދިޔަ އޭޕްރީލް މަހުގެ 28 އިން ޖޫން 5 ވަނަ ދުވަހުގެ ނިޔަލަށް މަރުވި 111 މީހުންގެ ތެރެއިންނެވެ. އެ މުއްދަތު ތެރޭ މަރުވީ 80 އަހަރުން މަތީގެ 31 މީހަކާއި 65-80 އަހަރާ ދެމެދުގެ 37 މީހަކު އަދި 40-64 އަހަރާ ދެމެދުގެ 35 މީހެއްގެ އިތުރުން، 40 އަހަރުން ދަށުގެ އަށް މީހެކެވެ.
އެޗްއީިއޯސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އެޗްއީއޯސީ
ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނަކީ ކޮޮވިޑް ނުރައްކާތެރިކަން ބޮޑު ބައެއްގެ ގޮތުގައި ފެށުނީއްސުރެ ޑޮކްޓަރުން ބުނަމުން އަންނައިރު، މަރުވި މީހުންގެ ތެރޭގައި އާންމުކޮށް ހުރި ބަލިތަކަކީ ލޭމައްޗަށް ދިއުމާއި ހަކުރު ބަލި، ހިތުގެ ބަލި، ސްޓްރޯކް އަދި ކިޑްނީގެ ބަލިތަކެވެ. އަދި މަރުވި މީހުންގެ އަށް ޕަސެންޓަކީ ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދި މީހުންނެވެ.
މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އޭގެ ތެރެއިން ކޮންމެވެސް އެއް ބައްޔަކަށް ފަރުވާކުރަމުން އައި މީހުންނެވެ. އަދި 60 ޕަސެންޓް މީހުންނަކީ ދެ ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހުންނެވެ.
މަރުވި މީހުންގެ ތެރޭގައި ހައި ރިސްކް މީހުން ގިނަ ނަމަވެސް އޭގެ ތެރެއިން ވެކްސިން ޖަހައިފައި ވަނީ އެންމެ 30 ޕަސެންޓް މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް
11 June 2021
އިއްޔެ 56 އަހަރުގެ އަންހެނަކު މަރުވި, އައިޖީއެމްއެޗް ގައި ޓެސްޓް ހެދިއިރު ކޮވިޑަށް ޕޮޒިޓިވް.
ޒިންމާކޮބާ
11 June 2021
ނަސީމުގެ ހިންގުންތެރި ކަމުގެ ނަތީޖާ.