ދުނިޔޭގެ "އެންމެ ބޮޑު" ކަމަށް ބުނާ އިންޑިއާގެ އާއިލާގެ އިސް މީހާ މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ މިޒޯރަމް ސްޓޭޓްގައި އުޅޭ އާއިލާގެ އިސްކޮށް ހުރި ޒިއޯނާ ޗާނާ، 76، މަރުވީ މި މަހުގެ 13 ވަނަ ދުވަހު ކަމަށާއި އޭނާ މަރުވީ ހަކުރުބައްޔާއި ލޭމައްޗަށް ދިއުމުގެ ބަލީގައި ކަމަށެވެ. ޗާނާ މަރުވުމާ ގުޅިގެން މިޒޯރަމް ސްޓޭޓްގެ ޗީފް މިނިސްޓަރު ޒޮރާމްތަންގާ ޓްވީޓެއް ކުރައްވައި އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.
ޗީފް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުގައި ޗާނާގެ އާއިލާ ބޮޑުކަމުން އެ އާއިލާ ދެކިލަން މިޒޯރަމް ސްޓޭޓަށް ޒިޔާތަތްކުރާ ޓޫރިސްޓުން ވެސް ވަރަށް ގިނަ އެވެ.
އޭނާ ވިދާޅުވީ ޗާނާ މަރުވި އިރު 38 "އަނބިން" އަދި 89 ދަރިން ތިބި ކަމަށެވެ. ޓްވީޓްގައި އޭނާ ހިއްސާކުރެއްވި ފޮޓޯއެއްގައި ހިމަނާފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު، ޗާނާގެ 39 އަނބިންނާއި 94 ދަރިންގެ އިތުރުން 33 ކާފަދަރިން ތިބެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޗާނާގެ ތިބެނީ 38 އަނބިންނާއި 89 ދަރިންނާއި 36 ކާފަދަރިންނެވެ. އަދި އެއް މުނިކާފަދަރި އެވެ.
ޗާނާގެ އާއިލާގެ އެންމެން ވެސް ދިރިއުއުޅެނީ އެއް ގެއެއްގަ އެވެ. އެއީ ހަތަރު ބުރިއަށް ހުންނަ 100 ކޮޓަރީގެ ގެއެކެވެ. ގެއަށް ކިޔައި އުޅެނީ "ނިއު ޖެނެރޭޝަން ހައުސް" އެވެ. މި ގެ އަކީ ޓޫރިސްޓުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ތަނެކެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި 1945 ގައި އުފަންވި ޗާނާ އެންމެ ފުރަތަމަ ކައިވެނިކުރީ އުމުރުން 17 އަހަރުގަ އެވެ. އަދި ފުރަތަމަ އަންހެނުން އޭނާ އަށް ވުރެ ތިން އަހަރު ދޮއްޓެވެ. އަދި އެއް އަހަރުގެ ތެރޭގައި އޭނާ 10 ކައިވެނި ވެސް ކޮށްފައިވެ އެވެ.