ކޮވިޑުން އަރައިގަތުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް ވެދޭ އެހީއެއްގެ ގޮތުގައި ޕާކިސްތާނު ސަރުކާރުގެ ފަރާތުން 5.9 މިލިއަން ރުފިޔާ މިއަދު ދީފި އެވެ. ޕާކިސްތާނުން މި ފައިސާގެ އެހީ ދީފައި ވަނީ ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުންނެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފައިސާ އެހީގެ ރަމްޒީ ޗެކު، މިނިސްޓަރު އަބްދުﷲ ޝަހިދުއާ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުހްތާރު އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ޕާކިސްތާނުން ރާއްޖެއާ މެދު އަބަދު ވެސް ބަހައްޓާ ގާތްކަން ފާހަގަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު ދަންނަވައިފަ އެވެ.
ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަކީ މިދިޔަ އަހަރު މާޗުގައި ސާކް ގައުމުތަކުގެ ވެރިން ބޭއްވި، ސާކް ހެޑް އޮފް ސްޓޭޓްސް އެންޑް ގަވަމެންޓްސްގެ ވާޗުއަލް ސަމިޓްގައި، ދުނިޔެ އަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން އުފެއްދި ފަންޑެކެވެ.
ދެކުނު އޭޝިއާގެ އަށް ގައުމެއްގެ މައްޗަށް އެކުލެވޭ، ސާކް ގައުމުތަކުގެ މެދުގައި ފައިސާގެ އެހީ ދީގެން އުފައްދާފައިވާ މި ފަންޑުގެ ބޭނުމަކީ ކޮވިޑްގެ ބަލިމަޑުކަމުން މި ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ދަތިތަކާއި ހީނަރުކަމުން އަރައިގަތުމަށް އެކީގައި މަސައްކަތް ކުރުމެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަށް ރާއްޖެ އިން ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) ހަދިޔާކުރަން ވަނީ ކުރިން ނިންމައިފަ އެވެ.