ކްލެމެންސީ ބޯޑަށް ޖައުފަރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު އައްޔަން ކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ކްލެމެންސީ ބޯޑަށް ޖައުފަރު އައްޔަން ކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ އިއްތިފާގުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަ މެމްބަރުން ތިއްބެވި އެވެ.

ކްލެމެންސީ ބޯޑަށް ޖައުފަރު އައްޔަން ކުރުމަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހެވެ.

ބޯޑުގައި ކުރިން ހުންނެވި ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެ ބޯޑުން ވަކި ކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ އެ ބޯޑުގެ މެމްބަރު ކަމުން ވައްޑެ އިއްޔެ ވަކި ކުރައްވައިފަ އެވެ. ވައްޑެ ވަކި ކުރެއްވީ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމަ އަށް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހިމެނޭ ވައްޑެ، ކްލެމެންސީ ބޯޑުން ވަކި ކުރަން ފެންނަ ކަމަށް ފާސް ކުރީ މިދިޔަ ހޯމަދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގަ އެވެ. ވައްޑެ އެ ބޯޑުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ. ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ. ކްލެމެންސީ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، އެމަނިކުފާނުގެ ފަރާތްޕުޅުން އެ އިލްތިމާސް ދިރާސާކޮށް، އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވައިލި ބޯޑެކެވެ.