ރޯދަ މަހު ގިނަ ބަޔަކު މަގުތައް ބޭނުން ކުރާނެތީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މަގު ބަންދު ކުރުމުގެ ހުއްދަ ދޫ ނުކުރަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ބަޔަކު މަގުތައް ބޭނުންކުރާ ދަނޑިވަޅެއްގައި މަގުތައް ބަންދުވެފައި އޮތުމުން ގިނަ ބަޔަކަށް އެކަމުގެ ދަތިކަން ފޯރާނެ ކަމަށެވެ.
އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މަގު ބަންދުކޮށްގެން މަގުމަތި ކޮނުމާއި ފައުންޑޭޝަނާއި ޝީޓް އެޅުން ފަދަ މަސައްކަތް ކުރުމުގެ ހުއްދަ ދޫނުކުރާ ގޮތަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް ނިންމީ އެންމެންގެ ފަސޭހަ އާއި މަންފާއަށް ބެލުމަށްފަހު އެވެ.
މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތް ކުރެވޭނީ ހައުސިން މިނިސްޓްރީން ހުއްދަ ލިބިގެންނެވެ.