އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ކުށަކަށް ހެދުމަށްޓަކައި ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސްކުރަން އެމްޑީޕީގެ ލީޑާޝިޕް ނުދެކޭ ނަމަ، ސަރުކާރަށް ތާއީދުކުރަން އުނދަގޫ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލާ ގުޅިގެން އިނގިރޭސި ބަހުން ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ޕާޓީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑަޝިޕްގެ ތެރޭގައި އޮންނަންވާނެ ކަމަށެވެ. އަދި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުދައްކާ ނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ގާތް ރަހުމަތްތެރިޔާ ނަޝީދު ވިދާޅުވެ އެވެ.

ނަފްރަތުގެ ބިލްގެ މައްސަލަ އަދި ސަރުކާރުގެ އެހެން ބައެއް ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވުން މިދިޔަ ހަފުތާ އިން ފެށިގެން ހުއްޓާލައްވައިފަ އެވެ.

ނަޝީދު މިއަދު ނެރުއްވި ބަޔާނުން ދޭހަވާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން އެއްބާރުލުން ދެއްވުން ހުއްޓައިލެއްވީ މައިގަނޑު ސަބަބަކީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ނަފްރަތުގެ ބިލާ މެދު ސަރުކާރުން އަމަލު ނުކުރުމެވެ.

ރައީސަށް ސިޔާސީ ގޮތުން އެއްބާރުލުން ދެއްވުން ހުއްޓައިލެއްވުމަށް ފަހު، އިދިކޮޅު ޕީޕީއެމާއެކު އެމްޑީޕީން ކޯލިޝަން ހަދަން ބާރު އަޅުއްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާ ނަޝީދުގެ އިނގިރޭސި ބަޔާނުގައި ވިދާޅުވީ، އެންމެ ފަހުން ރާއްޖޭގައި ދިން ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވީ އެ މަނިކުފާނު ކަމަށާއި އެއީ ހަރުކަށި ފިކުރުގެ މީހުން ކުރި ކަމެއް ކަމަށެވެ.

"އެ މީހަކީ ކާފަރެއް ކަމަށް ކަނޑައެޅުމަށް ފަހު ދެން އޮންނަނީ މަރުގެ އަދަބު ދިނުން. އެކަން ތަންފީޒުކުރަނީ ހަރުކަށި ޖިހާދީ ފިކުރުގެ މީހުން. މިގޮތަށް ޑރ. އަފްރާޝީމް އާއި ރިލްވާން އަދި ޔާމީނު މަރައިލީ، މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ އެ މަނިކުފާނަށް ދިން ހަމަލަ އާއި އެފަދަ އެހެން ޖަރީމާތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

"ނަފްރަތުގެ ބިލްގެ ބޭނުމަކީ މިގޮތަށް ކާފަރުކުރުމުގެ އަމަލުތައް ހުއްޓުވުން."

ނަފްރަތުގެ ބިލް ހުށަހެޅީ ސަރުކާރުން ކަމަށް ވިޔަސް އެތައް ބައެއްގެ ފިއްތުންތަކާއެކު، ސަރުކާރުން ފަހުން ބޭނުންވީ އެ ބިލް މަޖިލީހުން ބޭރުކޮށްލާށެވެ. އެ މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި ބޮޑު އަރައިރުމެއް އުފެދުމަށް ފަހު، އެއްބަސްވުމަކަށް އައީ ބިލް މަޖިލީހުން ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިލުމަށެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ބައެއްގެ ތާއީދެއް އެ ބިލަށް ނުލިބުނެވެ. ބިލަށް ފާސްކުރުމަށް ބާރު އަޅައި އެމްޑީޕީން ރަސްމީކޮށް ބަޔާން ނެރުނަސް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި އެ ބިލުގެ މައްސަލައިގައި އޮތީ ހިޔާލު ތަފާތުވުމާއި ބައިބައިވުމެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނަފްރަތުގެ ބިލާ ދެކޮޅަށް ތެދުވުމާއެކު، ސަރުކާރުން އެ ބިލަށް ކުރި ތާއީދު ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކޯލިޝަންގެ އެހީތެރިކަމާ އެކު، މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ބޭއްވި ޖަލްސާއެއްގައި ނަޝީދާއި އިމްރާން އަދި ސަރުކާރުގެ ބައެއް އިސްވެރިން.---ފައިލް ފޮޓޯ: މިހާރު
ސަރުކާރުން ބޭއްވި ޖަލްސާއެއްގައި ނަޝީދާއި އިމްރާން އަދި ސަރުކާރުގެ ބައެއް އިސްވެރިން.---ފައިލް ފޮޓޯ: މިހާރު

ނަޝީދު ވިދާޅުވީ، ގިނަ ދިވެހިންނަކީ ތަހުޒީބު ބައެއް ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މިއުޒިކާއި ސަގާފަތް، އިގްތިސޯދު އަދި މެދުމިނުގެ ދީނީ ކަންކަމަށް ލޯބިކުރާ ބައެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހިން ވޯޓު ދިނީ ހަރުކަށި ވިސްނުމުގެ މީހުންގެ ބަދަލުގައި މެދުމިނުގެ ވިސްނުމަށެވެ.

އަދާލަތު ޕާޓީއަކީ "ކުޑަ ހިއްސާ"އެއް އަދި މާ ބޮޑު ޕާޓީއެއް ނޫން ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވިދާޅުވިއިރު، އެ މަނިކުފާނު އިސްވެ މީގެ ކުރިން އެތައް ފަހަރަކު އެ ޕާޓީ އާއި އެމްޑީޕީ ގާތްކޮށް، ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވި އެވެ. ނަޝީދު ރާއްޖޭގައި ވެރިކަން ކުރެއްވި ތިން އަހަރު ވެސް ވެރިކަމަށް ވަޑައިގެންނެވުނީ އަދާލަތު ޕާޓީގެ އެހީތެރިކަމާއެކު އެވެ. އަދި އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް މިހާރުގެ ކޯލިޝަނަށް ވެރިކަމަށް އާދެވުނީ ވެސް އަދާލަތު ޕާޓީގެ ބުރަ މަސައްކަތުންނެވެ.