މި އިންތިހާބު ފަސްކޮށްފި ނަމަ ގާނޫނުގެ މުއްދަތުގައި އެއްވެސް އިންތިހާބެއް ބާއްވަން ލާޒިމެއް ނުވާނެ: އީސީ

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފި ނަމަ، ގާނޫނުގައި ބުނާ މުއްދަތުގައި އެއްވެސް އިންތިހާބެއް ބާއްވަން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ސިވިލް ކޯޓުގައި ބުނެފި އެވެ.

ލާ މަރުކަޒީ ގާނޫނު ބުނާ ގޮތުން ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިހާބު ބާއްވައި ނިންމަން ޖެހޭނެ އެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ފެބްރުއަރީ މަހު ހަމަވާ އިރު، ގާނޫނު އޮތް ގޮތުން ޖެނުއަރީ އަކީ އެ އިންތިހާބު ބޭއްވޭނެ އެންމެ ލަސް މުއްދަތެވެ.

ޕީޕީއެމްގެ އެތެރޭގައި ޖެހިފައިވާ މައްސަލަތަކާ ހެދި ކައުންސިލް އިންތިހާބަށް ތައްޔާރު ނުވެވޭތީ ކަމަށް ބުނެ އެ އިންތިހާބު ދެ މަހަށް ފަސްކުރަން އެ ޕާޓީން ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި، އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން އިލެކްޝަންސްގެ ވަކީލް ވިދާޅުވީ ކައުންސިލް އިންތިހާބު ޖެނުއަރީ މަހަށް ވުރެ ލަސްކޮށްފި ނަމަ، ކުރިއަށް އޮތް ތަނުގައި ބާއްވާ އެއްވެސް އިންތިހާބެއް ގާނޫނުގައި ބުނާ މުއްދަތުގައި ބާއްވަން ނުޖެހޭނެ ކަމަށެވެ.

ވޭތުވެ ދިޔަ އިންތިހާބުތައް ގާނޫނުގައި ބުނާ މުއްދަތުގައި ނިންމިފައި ނެތް ކަމަށް ޕީޕީއެމުން ފާހަގަ ކުރުމުން އިލެކްޝަންސްގެ ވަކީލް ވިދާޅުވީ މާޒީގައި އިންތިހާބުތަކެއް ލަސްވެފައި އޮތުމަކީ މުސްތަގްބަލުގައި އިންތިހާބުތައް ލަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި މި އިންތިހާބު ފަސްކޮށްފި ނަމަ، އެ ކޮމިޝަނުން ކުރި ހަރަދުތައް ބޭކާރު ވާނެތީ، އެކަމުގެ ކަންބޮޑުވުން ވެސް އެ ކޮމިޝަނުން ފާހަގަކުރި އެވެ.

އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް ހުސްނުއްސުއޫދު ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ.

ސުއޫދު ވިދާޅުވީ އިންތިހާބު ފަސްކޮށްފި ނަމަ އޭގެ ނުބައި އަސަރު ކުރާނެ ކަމަށާއި އޭރުން ދުވަހަކު ވެސް އެއްވެސް އިންތިހާބެއް ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވޭނެ ކަމަށެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަކޮށްފައިވާ ކަމަށާއި އެހެންވެ ގާނޫނަށް ބޯނުލެނބުމުގެ އެފަދަ ނުބައި ސަގާފަތެއް ފެތުރި ދާނެ ފަދަ ކަމަކަށް ފުރުސަތު ނުދޭން ޝަރީއަތުގެ ކިބައިން ސުއޫދު އެދިވަޑައިގަތެވެ.

އެމްޑީޕީ އާއި އަދާލަތުން ވެސް ތަދައްހުލްވެފައިވާ އެ މައްސަލައިގައި އެ ދެ ޕާޓީން ވެސް ވަކާލާތު ކުރަނީ އިންތިހާބު ފަސް ކުރުމާ ދެކޮޅަށެވެ.

މި މައްސަލައިގެ ހުކުމް ބުރާސްފަތި ދުވަހު އިއްވާނެ އެވެ.