ނަޝީދު "މިހާރު" އަށް ވިދާޅުވީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނޯންނަ ކަމަށް. މި އިންތިހާބުގައި ހޮވުނު ގިނަ ކެންޑިޑޭޓުން ތާއީދުކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށް ވިދާޅުވި.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ އެތެރޭގެ އިންތިހާބުގައި ހޮވުނީ ބަރުލަމާނީ ކެންޑިޑޭޓުން ކަމަށް. --- ފޮޓޯ/މިހާރު
26 ސެޕްޓެމްބަރ 2021 - 12:38
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ރޭ ނިމުނު އިރު ފެނުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕާޓީގެ ކޮންޓްރޯލް ނެންގެވި މަންޒަރު ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަތަސް، ގައުމީ މަޖިލީހަކީ އެއްވެސް އިރެއްގައި އެއްވެސް މީހެއްގެ ކޮންޓްރޯލް އޮންނަ ތަނެއް ނޫން ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު އިއްޔެ ބޭއްވީ ރައީސް އިބްރާޙިމް މުހަންމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައި ވަނިކޮށެވެ. އެހެންވެ މި އިންތިހާބު ސިފަކުރީ ގައުމީ މަޖިލީސް ކޮންޓްރޯލްކުރައްވާނެ ބޭފުޅަކު ކަނޑައެޅުމުގެ އިންތިހާބެއްގެ ގޮތުގަ އެވެ.
އިންތިހާބު ވާދަވެރިކަމާ އެކު ނިމުނު އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިިހްގެ ފެކްޝަނުން ބުނަނީ ޖުމްލަ 97 ގޮނޑީގެ ތެރެއިން 65 ގޮނޑި ކަށަވަރުވި ކަމަށެވެ. މިއީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ރައީސަށް ލިބިވަޑައިގަތުން ކަމަށް ވެސް އެ ފެކްޝަނުން ދެކެ އެވެ.
އެކަމަކު ނަޝީދު މިކަން ގަބޫލެއް ނުކުރައްވަ އެވެ.
ގައުމީ މަޖިލީހުގެ ކޮންޓްރޯލެއް އެއްވެސް އިރެއްގައި އަޅުގަނޑުމެންނެއް ނޫޅެން ނަގާކަށް. ހަމަ ގައިމު ވެސް އަޅުގަނޑެއް ނޫޅެން ކޮންޓްރޯލެއް ނަގާކަށް. -- ނަޝީދު
ގައުމީ މަޖިލީހަކީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަނެވެ. ފަސް އަހަރަށް އިންތިހާބުކުރި އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލެވިގެން ވަނީ، އެ ޕާޓީ ވެރިކަމުގައި އޮންނަ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.
ނަޝީދު "މިހާރު" އަށް ވިދާޅުވީ އިންތިހާބުގައި ހޮވުނު ގިނަ ކެންޑިޑޭޓުން ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. ގައުމީ މަޖިލީހަށް އިންތިހާބުވި އެންމެންގެ ތާއީދު އޮތް ގޮތެއް ބެލުމަށް ނަތީޖާ ގުނުވާފައިވާ ކަމަށާއި އޭގެއިން ފެންނަނީ ބަރުލަމާނީ ކެންޑިޑޭޓުން ގިނަ ތަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގުނާލިއިރު ބަރުލަމާނީ އަށް ތާއީދުކުރި ކެންޑިޑޭޓުން ގިނައިން އިންތިހާބު ވެފައި ހުރީ،" ނަޝީދު ވިދާޅުވި އެވެ.
އެކަމަކު އެއީ ކިހާ އަދަދެއް ކަމެއް ސާފުކޮށް ނަޝީދު ވިދާޅެއް ނުވެ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބުވި ގިނަ ކެންޑިޑޭޓުން ވަނީ ވާދަކުރެއްވުމުގެ މާ ކުރީގައި ވެސް ތާއީދުކުރަނީ ބަރުލަމާނީ ނިޒާމަށް ކަން ފާޅުގައި ބުނެފަ އެވެ. އެ ކެންޑިޑޭޓުންގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ވެސް އެކަން ފެންނާނެ ކަމަށް ވިދާޅުވި އެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމު ކަމުދާ ކެންޑިޑޭޓުންނަށް ތާއީދު އޮތް ކަމަށް އިންތިހާބުގެ ކުރިން ވިދާޅުވިއިރު، ވާދަކުރެއްވި ވަޒީރުން އިންތިހާބު ނުވާކަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އެމްޑީޕީގެ އިންތިހާބެއް އޮންނައިރު ވަޒީރުން ގައުމީ މަޖިލީހުގައި ތަމްސީލްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަބަދުވެސް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލަކީ އެއްވެސް އިރެއްގައި އެއްވެސް ބޭފުޅެއްގެ އަތުގައި އޮންނަ އެއްޗެއް ކަމަށް ދެކިގެން ނޫން އުޅެނީ. މިއީ ޑިމޮކްރެޓިކް އިންސްޓިޓިއުޝަނެއް، އެ މީހަކަށް ފެންނަ ގޮތަކަށް އަމަލުކުރަމުން ދާނެ،" ނަޝީދު ވިދާޅުވި އެވެ.
"ގައުމީ މަޖިލީހުގެ ކޮންޓްރޯލެއް އެއްވެސް އިރެއްގައި އަޅުގަނޑުމެންނެއް ނޫޅެން ނަގާކަށް. ހަމަ ގައިމު ވެސް އަޅުގަނޑެއް ނޫޅެން ކޮންޓްރޯލެއް ނަގާކަށް."
ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބަށް ފަހު ވެސް ޕާޓީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. ޕާޓީގެ އަމާޒުވާނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރާއްޖޭގެ ވެރިކަން ރަނގަޅުކުރަން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް މި އިންތިހާބުގައި ފެނުނީ ޒަމާނުއްސުރެން އެމްޑީޕީގެ މެމްބަރުން ތިބި ސާބިތުކަންމަތީގައި މެމްބަރުން ތިބި ކަން،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮލް ސޮލް
28 September 2021
އެކަކީ ތެޅިފޮޅިގަނެގެންވެސް ކަންކަން ކުރާ މީހެއް. އަނެކަކަކީ ކަމެއް ކުރެވޭވަަރުގެ އުރައްޕަތެއް ހުރި މީހެއް ނޫން. މީގަ މޮޅުވާނީ، މަހުޖަނުން ސަޕޯޓް ކުރާ މިހާ. މަހުޖަނުން ނައް ގިނަ ލާރި ދަވާލައިގެން ބަޗާފަ ނޭގެކަމައް ހެދިގެން ތިބެވޭނެ ގޮތް ސަޕޯޓް ކުރާ ވެރިއެއް މޮޅުވާނީ!
ސޮލް
28 September 2021
އުޅުނު .ނުލިބުނީ.
އެލެކެސް
27 September 2021
މޭބިސްކަދުރަކީ ވަރަށް ހިތި އެއްޗެއް. ނޫޅެން ކާކަށް. ނުވެސް ކެވޭނެ.
ތިޔަ
27 September 2021
ތިޔަ ޕާޓީ ޑިމޮކްރެޓިކްވެގެން ގޮސް މިހާރު މި ފެކްޝަން، އެ ފެކްޝަން ރަޖިސްޓްރީ ކުރާ ހިސާބަށްވެސް ގޮއްސި. އެހެން ކޮންކޮން ގައުމެއްގެ ޕާޓީތަކެއްގަ ގެންގުޅޭ ކަހަލަ ސިސްޓަމެއްބާ އެއީ؟ ޕާޓީ އެއްބައިނުވެ އޮވެ ދެބައިވެގެން އެތައް މަހެއްވެގެން ގޮސް ރޫޅޭއިރު ތިހެން ހެވިފަ ތިބޭ ޒާތުގެ ޑިމޮކްރެސީއަކީ އެމެރިކާވެސް ދަންނަފަދަ އެއްޗެއް ނޫންހެން ހީވަނީ.
ހެހޭ
27 September 2021
ހިޔަޅަށް މޭބިސްކަދުރު ނުބައިވިހެން.
އެލެކޮސް
27 September 2021
އެއްގޮތަކަށްވެސް ނޫޅެން! ކާކު އެލެކޮސް ދައްކާވާހަކަ ގަބޫލުކުރަނީ؟
ޖކކަakކkaޖ
27 September 2021
ކަމުދާ މީހެއް ނޫން.
ފ.ދޮންބެ
27 September 2021
ހެހެހެ. މަ ހައްޕު
ކިއުންތެރިއެއް
27 September 2021
އަންނި ކަލޭގެ އަނގަމަިތިރިވާނީ ކީއްކުރީމަހޭ?މާކުރީއްސުރެ އަހަރެން ބުނީމެއްނު މިޤައުމަކުއަންނިއަކައް ތާއީދެއްނެތޭ! ދެނެއްވެރިކަމުގެހިޔަނިވެސްނުފެންނާނެ! ފެނުނަސް ދެންޖެހޭނީހިޔަންޏައް މުދިނަގަން ހުރިހާކޮންޓުރޯލެއްވެސްނަގަންބޭނުން, ބޭނުންވިއަކަސް ދެނެއްނުނެގޭނެ
އިމަނާ
27 September 2021
ހިޔަޅުވެސް ބުނީ ހަމަ ތިފަދައިން.