މާލޭގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނަކުން އަތުލައިގަތް ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ބައެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާ އެކު އެ މީހުން ދުބާއީ އަށް ހިނގައްޖެ އެވެ.

އެނގިފައިވާ ގޮތުގައި މައްސަލަ ސާބިތު ނުވުމުން އެކަން "ސެލެބްރޭޓް ކުރަން" ދުބާއީ އަށް ފުރާފައި ވަނީ ދައުލަތުން ދައުވާ ކުރި މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލި ފަސް މީހަކާއި އެ ނެޓްވޯކުގައި އުޅޭ ކަމަށް ފުލުހުން ތުހުމަތުވާ އިތުރު ބައެކެވެ.

އޭގެ ތެރޭގައި ޑްރަގް ނެޓްވޯކުގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތު ކުރި މީހާ ވެސް ދޫކޮށްލުމާ އެކު ވަނީ ފުރައިގެން ގޮސްފަ އެވެ. އެއީ ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާތަކެއް ވެސް އަތުލައިގަތް މައްސަލައެކެވެ.

މި މީހުން ދުބާއީ އަށް ފުރާފައި ވާއިރު އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފުކުރަން ވެސް އޮތީ ނިންމައިފަ އެވެ.

ފަހަކަށް އައިސް މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދާއިރު މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުން ވަނީ 100 ކިލޯ ހެރޮއިން އަތުލައިގަނެ، އެ މައްސަލާގައި 10 މީހުން ހައްޔަރު ކޮށްފަ އެވެ. އޭގެ ފަހުން 200 ކިލޯގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލާގައި ދެ މީހަކު ވަނީ އަތުލައިގެންފަ އެވެ.

ނަމަވެސް އެ މައްސަލާގައި ވެސް ހިމެނޭ އިސް ދެ މީހުން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލައިފަ އެވެ. އަދި ފުލުހުން ވަނީ އެ ދެ މީހުން ފިޔަވައި އެ މައްސަލާގައި ހިމެނޭ އެހެން އެންމެންގެ ވަނަވަރު ހާމަކޮށްފަ އެވެ.

މީގެ އިތުރުން ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން 215 ކިލޯގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިގަނެ އެ މައްސަލާގައި ހިމެނޭ ދެ މީހަކު ހައްޔަރު ކޮށްފަ އެވެ.