އަށް ހޮސްޕިޓަލެއްގެ ނަރުހުން މާސްޓާސް ފެންވަރަށް ތަމްރީނުކުރަން ސަރުކާރުގެ ސްކޮލަޝިޕަށް މިއަދު ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ސްކޮލަޝިޕްގެ 15 ފުރުސަތުގައި ސާކްގެ ގައުމެއްގައި ނޫނީ މެލޭޝިޔާ ނުވަތަ ފިލިޕީންސްގައި ކިޔެވޭނެ ކަމަށެވެ. އެ ޖާގަތައް ހޯދުމަށް މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އެއަށްފަހު ސްކޮލަޝިޕްގައި ކިޔެވުމަށް ޖާގަ ހޯދުމަށް ހަ މަސް ދުވަސް ލިބޭނެ އެވެ.
ފުލީ ފަންޑެޑް ސްކޮލަޝިޕް ދޭން ނިންމާފައިވަނީ
- އައިޖީއެމްއެޗް
- ހުޅުމާލެ ހޮސްޕިޓަލް
- ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
- ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- މ. މުލީ ރީޖަނަލް ހޮސްޕިޓަލް
- ލ. ގަން ރީޖަނަލް ހޮސްޕިޓަލް
- ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި
- އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހުންނަށެވެ. ކިޔެވުން ނިންމުމަށްފަހު އެ ހޮސްޕިޓަލްތަކަށް ހިދުމަތްކުރަން ބޮންޑުކުރާނެ އެވެ.
މި މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ހުރިހާ ހަރަދެއް ދޭނީ ސަރުކާރުންނެވެ. އޭގެ ތެރޭގައި ކޯސް ފީއާ އެ ގައުމަކަށް ދިއުމަށް ދެކޮޅު ޓިކެޓާއި އެ ގައުމުތަކަށް ކަނޑައެޅިފައިވާ ރޭޓުން މަހުން މަހަށް ސްޓައިޕެންޑާއި ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗާ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ހަރަދު ހިމެނެ އެވެ. .
މިނިސްޓްރީން ބުނީ ނާސިން ސްކޮލަޝިޕްގައި ސްޕެޝަލައިޒޭޝަންގެ 27 ދާއިރާއަކުން ކިޔެވޭނެ ކަމަށެވެ. އެ ދާއިރާތަކުގެ ތެރޭގައި؛
- މެޓާނަލް ޗައިލްޑް ހެލްތް
- ޓްރޯމާ އެންޑް އިމަޖެންސީ ކެއާ
- މެންޓަލް ހެލްތު
- އޮންކޮލޮޖީ
- ކާޑިއޮލޮޖީ ހިމެނެ އެވެ.
ޖާގަ ހޯދުމުގައި މޯލްޑިވްސް ނާސިން ކައުންސިލް އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ މަރުކަޒަކާއި ކޯހެއްކަން ކަށަވަރުކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި އިހުތިޔާރުކުރާ ކޯހަކީ، އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ، ފުލްޓައިމް ކޯހަކަށް ވާންޖެހެ އެވެ.
ކޯހުގެ މުއްދަތުގައި މަރުކަޒަށް ހާޒިރުވެގެން ފުރިހަމަކުރަންޖެހޭ ކޯހަކަށް ވުމާއި ސުޕަވައިޒްޑް ޕްރެކްޓިކަލް ބައެއް ހިމެނުމުގެ އިތުރުން ކިޔަވައިދޭ މަރުކަޒުން އިންތިޒާމްކޮށް ހަމަޖައްސައި ދޭ ކޯހަކަށް ވެސް ވާންޖެހޭނެ ކަމަށް ބުންޏެވެ.
ރާއްޖޭގައި ނާސިންގެ ޑިގްރީ އަދި މާސްޓާސް ވެސް މިހާރު ހެދެ އެވެ. އެކަމަކު، ސްޕެޝަލައިޒޭޝަން ގެންދަނީ ކްރިޓިކަލް ކެއާ އަދި މިޑްވައިފްރީން އެކަންޏެވެ.