އޯލެވެލް އިމްތިހާނުގެ 2024 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ އަންނަ މަހު ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ އަހަރު ބޭއްވީ 2022 އަދި 2023 ވަނަ އަހަރުގެ ޖަލްސާ އެވެ.
މިނިސްޓްރީން ދަރިވަރުންނަށް އަންގާފައިވާ ގޮތުން، 2024ގެ ޖަލްސާ ބާއްވާނީ އަންނަ މަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ.
މިދިޔަ ޖެނުއަރީގައި ބޭއްވި އޯލެވެލް އިމްތިހާނުގައި 8،218 ދަރިވަރުން އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހެދި އެވެ.
އެ އިމްތިހާނުގެ ނަތީޖާ ދޫކޮށްފައި ވާއިރު ދިވެހި ދަރިވަރުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. މި އަހަރު ޖެނުއަރީގައި އޯލެވެލް ހެދި 2025ގެ ބެޗުން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެ ޖަލްސާގައި އިނާމު ދޭކަމެއް ސާފެއް ނުވި އެވެ.
އޯލެވެލް އަދި އޭލެވެލް ގަދަ 10 ގައި ހިމެނޭ ކުދިންގެ އަދަދު އިތުރު ވަމުން އަންނައިރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދާ ކުދިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.