ޚިޔާލު / އަގްސާ ތޫފާން

ވައުދުވެވިގެންވާ ބިމުގެ ހައްގުވެރިންނަކީ ކޮބާ؟

އަގްސާ މިސްކިތުގެ ބޭރުގައި މުސްލިމުންތަކެއް ހިފަހައްޓައިގެން އިޒްރޭލުގެ ސިފައިން ހަތިޔާރާ އެކު ބިރު ދައްކަނީ.

Play Audio News
Powered By Javaabu

ކަންޢާން އާއި އެ ބިމުގެ ވަށައިގެންވާ ބިންތައް (ނީލަކޯރުން ފެށިގެން ފުރާތު ކޯރާ ޖެހެންދެން) މާތްﷲ ޔަހޫދީންނަށް މިލްކު ކޮށްދެއްވާނެ ކަމުގެ ވައުދު އެ މީހުންގެ މުގައްދަސް ފޮތުގައި އައިސްފައި ވާތީ ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ ބިމެއް ކަމަށް އެ ބައިމީހުން ދައުވާ ކުރެ އެވެ. މިކަމަށް ބާރު ލިބޭ އެހެން ބައެއް ކަންކަން ވެސް އެ މީހުން ފާހަގަ ކުރެ އެވެ.

އޭގެ ތެރެއިން އެއްކަމަކީ އިބްރާހީމްގެފާނާއި ޔަޢުޤޫބުގެފާނާ ހަމައިން ފެށިގެން މޫސާގެފާނާއީ ޔޫޝަޢުގެފާނާ ހަމައަށް ޔަހޫދީންގެ ކާބަފައިން އެ ބިމުގައި ދިރިއުޅެމުން ދިއުމެވެ. ދެ ވަނަ ކަމަކީ ދާއޫދުގެފާނާއި ސުލައިމާނުގެފާނުގެ ޒަމާނުގައި ޔަހޫދީންގެ ރަސްކަން އެ ބިމުގައި ކުރުމެވެ. ތިން ވަނަ ކަމަކީ މީލާދީން 70 ވަނަ އަހަރުން ފެށިގެން ޔަހޫދީންތައް އެ ބިމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފަހާލެވުމާ ހަމައާ ޖެހެންދެން ވެސް އެ ބިމުގައި ޔަހޫދީން ދިރިއުޅެމުން ގެންދިއުމެވެ. ހަތަރު ވަނަ ކަމަކީ ޔަހޫދީންނަކީ އެހެން އެންމެންގެ ތެރެއިން ﷲ އިހުތިޔާރު ކުރެއްވި މާތް ދަރިކޮޅެއް ކަމަށް ވުމެވެ.

މި ދައުވާ އަށް ބަލާއިރު ތާރީޚީ ގޮތުން ފާހަގަ ކުރެވޭ އެންމެ ފުރަތަމަ ކަމަކީ ޔަހޫދީން ދުނިޔެ އަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ފަލަސްތީނުގެ ބިމުގައި އެހެން ދަރިކޮޅުތައް ދިރިއުޅެމުން ދިޔަ ކަމެވެ. އެ ބިމުގެ އުތުރު ބައިގައި މީލާދީގެ ކުރިން 3،000 އަހަރުން ފެށިގެން ފީނީޤީން ދިރިއުޅުނެވެ. އެ އަށް ފަހު މީލާދީގެ ކުރިން 2،500 ވަނަ އަހަރުން ފެށިގެން އެ ބިމުގެ މެދުބައިގައި އަރަބި ކަންޢާނީ ދަރިކޮޅުގެ މީހުން ދިރިއުޅެން ފެށި އެވެ. އެ އަށް ފަހު މީލާދީގެ ކުރިން 1،200 ވަނަ އަހަރުން ފެށިގެން ކްރީތު ޖަޒީރާގެ ފަލަސްޓީނު ކިޔާ ބަޔަކު ޔާފާ އާއި ޣައްޒާއާ ދެމެދުގެ ބިންތަކުގައި އުޅެން ފެށި އެވެ. ކަންޢާނީން މި ބައިމީހުނަށް ފަލަސްތީނީންއޭ ކިޔެވެ. އެއާ އެކު، އެ މީހުންނަށް ނިސްބަތްކޮށް މުޅި އެ ބިމަށް ވެސް ފަލަސްތީންގެ ނަން އާންމު ކުރެވިގެން ދިޔަ އެވެ. ބަނީއިސްރާއީލު (ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅު) އަށް ނިސްބަތްވާ ޔަހޫދީން އެ ބިމަށް ޔޫޝަޢުގެފާނާ އެކުގައި ވަނުމަށް ފަހު އެ ބިމުގައި ދިރިއުޅެމުން ދިޔަ އެހެން ޤަބީލާތަކާ އެކު ތަފާތު ހަނގުރާމަތައް ކޮށް، މީލާދީން 70 ވަނަ އަހަރުން ފެށިގެން އެ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޭރުކޮށްލެވިގެން ދިޔަ އެވެ.

ދެ ވަނަ ކަމަކީ ފަލަސްތީނަށް މިހާރު ހިޖުރަ ކޮށްފައިވާ ގިނަ ޔަހޫދީންނަކީ ބަނީ އިސްރާއީލުގެ މީހުން ކަމަށް ނުވުމެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ މީހުންނަކީ ރަޝިއާގެ ދެކުނުގައި އޮންނަ ޚަޒަރް ކިންގްޑަމް ގެ ނަސްލުގެ ބައެކެވެ. އެ މީހުންގެ ކާބަފައިން ދުވަހަކު ވެސް ފަލަސްތީނުގެ ބިމުގައި ފައި ޖައްސާލާފައި ވެސް ނުވެ އެވެ.

ތިން ވަނަ ކަމަކީ ބަނީއިސްރާއީލުން ފަލަސްތީންގައި ދިރިއުޅުނީ އެންމެ ގިނަ ވެގެން ވެސް ފަސް ވަރަކަށް ގަރުނު ކަމުގައި ވުމެވެ. އެ އަށް ފަހު އެ މީހުން އެ ރަށުން ބޭރުކޮށްލެވިގެން ދިޔަ އެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ އެ މީހުންނަށް ﷲ ދެއްވި އުޤޫބާތެކެވެ.

ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ފަށާފައިވާ ހަނގުރާމައިގައި، ހަމަލާދީ ފުނޑުފުނޑުކޮށްލި ގާޒާގެ އަލް އަހްލީ ހޮސްޕިޓަލް.

ދެން އޮތީ ދީނީގޮތުން މި ދައުވާގެ ހަގީގަތަށް ބަލައިލުމެވެ. މިގޮތުން ބަލާއިރު ފާހަގަ ކުރެވޭ އެއްކަމަކީ އެ މީހުންގެ މުޤައްދަސް ފޮތްތަކުގައި ހުރި ކަމަށް އެ ދައުވާ ކުރާ ނައްޞުތަކަކީ އޭގެ ސައްހަކަން ކަށަވަރު ކުރެވެން ނެތް ނައްސުތަކަކަށް ވުމެވެ. ސަބަބަކީ އެ މީހުންނަކީ، އެ މީހުންގެ އަހުދު އުވާލައި ފޮތުގެ ކަލިމަތައް އޭގެ އަސްލުން ނަގައި ތަޙުރީފު ކުރި ބައެއް ކަމުގައި ﷲ ބަޔާން ކުރައްވާފައި ވުމެވެ. (އަލްމާއިދާ 13).

ދެ ވަނަ ކަމަކީ، އެ މީހުންގެ ފޮތުގައި ހުރި ވާހަކަތައް ސައްހަ ކަމަށް ބެލިޔަސް އެ މީހުން އެ ބުނާ ގޮތަށް އެ ފޮތުގައި ސަރީހަކޮށް ނެތުމެވެ. އެ މީހުންގެ ފޮތްތަކުން ވެސް އެނގެން އޮތީ އިބްރާހީމްގެފާނަށް ކަންޢާންގެ ބިން ﷲ ދެއްވި ކަމެވެ. އެހެންކަމުން އެ ބިމުގައި ދިރިއުޅުމުގެ ހައްގު އިބްރާހީމްގެފާނުގެ އެންމެހާ ދަރިފަސްކޮޅަށް ލިބިގެންވާނެ އެވެ. އޭގެ ތެރޭގައި ޔަހޫދީން (އަސްލު) ނިސްބަތްވާ އެހެން ބަނީ އިސްރާއީލުން ހިމެނޭނެ އެވެ. އިބްރާހީމްގެފާނަކީ ޔަހޫދީއެއް ކަމަށް ޔަހޫދީން އަދި ނަޞާރާއެއް ކަމަށް ނަޞާރާއިން ކުރި ދައުވާތަކަށް ދެވިފައިވާ ރައްދެއްގެ ގޮތުގައި ޤުރްއާނުގައި ބަޔާން ކޮށްފައި ވަނީ އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާއި އަސްބާޠު އެއީ ޔަހޫދީން ނުވަތަ ނަޞާރާއިން ކަމުގައި ނުވާނެ ކަމަށެވެ. (އަލްބަޤަރާ 140).

ތިން ވަނަ ކަމަކީ ވައުދު ވެވިގެންވާ ބިމުން ޔަހޫދީންނަށް ހައްގު ވާނެ ކަމަށް ބެލިޔަސް އެ މީހުންގެ ފޮތުން ވެސް ޤުރްއާނުން ވެސް އެނގެނީ އެއީ އަބަދުގެ އަބަދަށް އޮތް ވައުދެއް ނޫން ކަމެވެ. ސަބަބަކީ ﷲ އެ ވައުދު ކުރައްވާފައި ވަނީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ނަސްލުގެ މީހުން އީމާންކަން މަތީ ދެމިތިބި ހިނދު ދެއްވި ނިއުމަތެއްގެ ގޮތުގައި ކަމަށް ވާތީ އެވެ. މިކަން ކަށަވަރު ވަނީ ބަނީއިސްރާއީލުންގެ ތެރެއިން ނަބީބޭކަލުން ފޮނުއްވި ކަމާއި އެ މީހުންގެ ތެރެއިން ރަސްރަސްކަލުން ލެއްވި ކަމާއި އެ ޒަމާނުގެ އެއްވެސް ބަޔަކަށް ނުދެއްވާ ފަދަ ނިއުމަތްތައް ﷲ ދެއްވިކަން ބަޔާން ކުރެއްވުމަށް ފަހު ދެން އޮތް ބަސްފުޅުންނެވެ.

"އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! މުޤައްދަސް ވެގެންވާ ބިމަށް ތިޔަބައި މީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކު ކަމުގައި ވެގެން ހިނގައިދާނެ އެވެ." (އަލްމާއިދަތު 21).

މި އާޔަތުގައި މި ބަޔާންކުރާ ބިން ބަނީއިސްރާއީލުންނަށް ކަނޑައެޅިގެން ވަނީ އަބަދަކަށް ނޫން ކަމަށް ތަފްސީރު އިލްމުވެރިން ވިދާޅުވެ އެވެ. އެއީ ﷲ އަށް ފުރަގަސްދީ، އެނބުރި ހިނގައްޖެ ނަމަ އެ މީހުން ގެއްލެނި ވެގެން ދާނެ ކަމަށް އޮތުމުންނެވެ. ތާރީހީ ގޮތުން ބަލާއިރު ވެސް އެ މީހުން ފަލަސްތީނުގެ ބިމުން ނެރެލެވި އެކި ދިމަދިމާއަށް އުކާލެވިގެން ދިޔަ އެވެ. އަނެއްކޮޅުން ބަލާއިރު ބިން ވާރުތަ ކޮށްދިނުން އޮންނަނީ ވެސް ﷲ އަށް އީމާންވާ ހެޔޮލަފާ އަޅުންނަށް ކަމުގައި ޒަބޫރުގައި ލިޔުއްވިގެން ވި ކަމަށް ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ. (އަލްއަންބިޔާއު 105). ބަނީއިސްރާއީލުންނަކީ ބިމުގައި ފަސާދަކުރި ބައެއް ކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވެ އެވެ. އަދި އޭގެ ސަބަބުން ﷲ އެ މީހުންނަށް ލައުނަތް ލެއްވިކަން ވެސް ބަޔާން ކުރައްވާފައި ވެ އެވެ.

ހަތަރު ވަނަ ކަމަކީ އެ މީހުންގެ ފޮތްތަކުގައި އަދި ކީރިތި ޤުރްއާނުގައި ވެސް ބަޔާންވެފައި އެވާ ވައުދު ވެވިގެންވާ ބިން ހަގީގަތުގައި އެ މީހުންނަށް ލިބިގެން ހިނގައްޖެ ކަމެވެ. އެއީ ޔޫޝައުގެފާނާ އެކު، އެ މީހުން އެ މުޤައްދަސް ބިމަށް ވަދެ އެ ތަނުގައި އެތައް ދުވަހެއް ވަންދެން އުޅެވުމެވެ. ނަމަވެސް އެ މީހުން ފުރަގަސްދީ ބިމުގައި ފަސާދަ ކުރުމުން އެ މީހުން ބިމުން ބޭރުކޮށްލެވިގެން ދިޔައީ އެވެ.

ފަސް ވަނަ ކަމަކީ ﷲ ގެ ވައުދުތައް އަބަދުވެސް އަންނަނީ ޝަރުތަކާ އެކުގައި ކަމަށް ވުމެވެ. އެއީ އެކަލާނގެ އަށް އަޅުވެތިވުމާއި ހެޔޮލަފާވުމާއި ބިމުގައި ފަސާދަ ނުވުމުގެ ޝަރުތެވެ. ތައުރާތުގައި ވެސް މިކަން ވަނީ ބަޔާން ކުރައްވާފަ އެވެ. އެ މީހުން އެ ޝަރުތުތައް ފުރިހަމަ ނުކުރާ ނަމަ ﷲ ގެ ވައުދުގެ ފޮނިމީރުކަން އެ މީހުންނަށް ނުލިބޭނެ ކަމަށެވެ. އަލްއަޢުރާފް ސޫރަތުގެ 128 ވަނަ އާޔަތާއި އަލްއަންބިޔާއު ސޫރަތުގެ 105 ވަނަ އާޔަތާއި އައްނޫރު ސޫރަތުގެ 55 ވަނަ އާޔަތާއި އަލްޙައްޖު ސޫރަތުގެ 41 ވަނަ އާޔަތުން މިކަމަށް އިތުރަށް ދަލީލު ލިބިގެން ދެއެވެ.

ވީމާ މި ހުރިހާ ކަމަކުން އެނގިގެން ދަނީ ވައުދުވެވިގެންވާ ބިމޭ މި ކިޔާ ބިމުން ޔަހޫދީންނަށް ހައްގެއް އޮތީ އެ މީހުންގެ ތެރެއިން ﷲ އަށް އީމާންވީ މީހުންނަށް އެކަނި ކަމެވެ. ﷲ އަށް ފުރަގަސްދީ، ބިމުގައި ފަސާދަ އުފެއްދި ޔަހޫދީންނަށް އަދި އެހެން ބަނީއިސްރާއީލުންނަށް ވެސް އެ ވައުދުން ހައްގެއް ނެތް ކަމެވެ. ތާރީހީ ގޮތުން ބަލާއިރު އެ މީހުން އެ ވަނީ އެ ބިމުން ބޭރުކޮށްލެވިފަ އެވެ. ހަމަ އެއާ އެކު، އިބްރާހީމްގެފާނުގެ ނަސްލަށް ނިސްބަތް ނުވާ ބަޔަކަށް ވެސް (އެބަޔަކަށް ޔަހޫދީންގެ ނަން ދެވުނަސް) އެ ވައުދުން ހައްގެއް ނެތް ކަމެވެ. ދެން އޮތީ މިހާރު އެ ތަނަށް އަރައި އެ ތަނުގައި ވަޒަންވެރިވަމުންދާ ދިއުމެވެ. އެކަން ސައްހަތޯ ނުވަތަ ނޫންތޯ ބަހުސް ކުރުން އެއީ އަދި އެހެން ކަމެކެވެ.

53 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 19%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިންގް އިލްހާމް ( މުޙައްމަދު އިލްހާމް )

21 November 2023

އަމިއްލަ ވަޒަން ނަމަ ހަންފަތުރާ ބިންމިލްކުކުރަން މަސައްކަތް ކުރަނީ ކީއްވެބާ އެކަމުންވެސް ޘާބިދުވޭ ޔަހޫދީންނަކީ ފަލަސްތީނުގެ ބިންވެރިން ނޫންކަން ،

ޞުލްޙަ66

21 October 2023

'ނައްޞު" ކަށަވަރު ނުވޭ ވަރަށް ގިނަ އެއްޗެހީގަ. އެކަމަކު ކަށަވަރޭ ކިޔައިގެން އުޅެނީ. އެމީހުންނަށް އެމީހުން ބުނާއެއްޗެހީގެ ނައްޞު ކަށަވަރު. އަހަރުމެނަށް އަހަރުމެން ބުނާއެއްޗެހީގެ ނައްޞު ކަށަވަރު. ސަޢުދަށް ސަޢުދުގެ ވިއުގެ ނައްޞު ކަށަވަރު. ޑަޒަންޓް މެޓަރ. ބިމަކީ ބައެއްގެ ނަން ޖަހާފަ ލިޔެފަ އޮންނަ އެއްޗެއް ނޫން. ފުރަތަމަ ކަމަކީއޭ ދެވަނަ ކަމަކީއޭ ތިންވަނަ ކަމަކީއޭ ކިޔައިގެން ދައްކާ ވާހަކަތަކުން ކުރާނެ މާކަ ބޮޑު ފައިދާއެއް ނެތް. ޞުލްޙަވެރިވާންވީ.

އަނގަމާ

21 October 2023

އެބިމުގައި އިބުރާހީމުގެފާނުގެ ކުރިންވެސް ކަންއާނީންނާ ފިލިސްތާ މީހުން ދިރިއުޅުނު. ޔަހޫދީން ގާތު އަހައިބަލަ އެމީހުންގެ ރަސްކަމެއް ގާއިމުވެފަ އޮވެފަ ކީއްވެތޯ އެ ރަސްކަން ވެއްޓި އެބިމުން ނެރެލެވުނީ އެކީއެކަށް. މިހާރުގެ ފަލަސްތީން މީހުނަކީ ކަންޢާނީންނާއި ފިލިސްތާ އަދި ޢަރަބިންނާއި ރޯމަނުންގެ މިކްސް ބައެއް. ގުރުއާން ބާވައިލެއްވުމަށްފަހު އިހުގެ ފޮތްތައްވަނީ މަންސޫޚުވެފަ.

1206

22 October 2023

ޤުރުއާނުގެ ކޮން އާޔަތެއް ކާކު ނަފީކުރީ. ޤުރުއާނުގެ އެއް އާޔަތުން އަނެއް އާޔަތަށް ތަފުސީލު ދޭ އާޔަތް ހުރޭ. އެފަދަ އިން ލިޔުންތެރިޔާ ތަފުސީލު ދެއްވާފައި ވަނީ ވެސް. މި ލިޔުމުގައި ނެތް ގޯހެއް. ދެން ތިޔަ ބުނީ ސަލާމް ލެއްވި އިބްރާހީމްގެ ފާނުގެ ކުރިން ފިލިސްތިޔާ އިން ކަންއާންގެ (މިހާރުގެ ފަލަސްތީނުގެ) ބިމުގައި ވަޒަންވެރި ވިޔޭ. އިބްރާހީމްގެފާނު އުފަންވެ ވަޑައިވެ އީސާއީ ސަނަތުގެ ކުރިން 20 ވަނަ ގަރުނު (ކިރިސްތިޔަނުންގެ ފަތްފުތްތަށް ބުނާ ގޮތުން). 1/4

1206

22 October 2023

ސަލާމްލެއްވި އިބްރާހީމްގެފާ ނުގެ އުމުރުފުޅަކީ 150 އަހަރާއި 200 އަހަރާ ދެމެދުގެ އުމުރުފުޅެއް ކަމުގައި ޚަބަރުތަކުން އައިސްފައިވަނީ. ސީދާ އުމުރުފުޅެއް އެނގިއެއް ނެތް. ބަހުސުގެ ބޭނުމަށް، 200 އަހަރު ކަމުގައި ބެލި ނަމަވެސް އީސާއީ ސަނަތުގެ 18 ވަނަ ގަރުނުގެ ކުރިއާ ހަމައަށް އެކަލޭގެފާނު ދިރިދުނިޔޭގައި ހުންނެވި ކަމުގައި ބެލިދާނެ. 2/4

1206

22 October 2023

އެހެންވިޔަސް އޭގެ 6 ސައްތަ އަހަރު ފަހުން، އީސާއީ ސަނަތުން ކުރީގެ 12 ވަނަ ގަރުނުގައި އޭރުގެ ކަންޢާންގެ ބިމުން ނަން ހިނގާފައި އޮތް މިއަދުގެ ފިލަޞްޠީނީންގެ ބިމަށް، ފިލިސްޓިޔާ ދަރިކޮޅުގެ މީހުން ހިޖުރަކޮށްފައިވާ ކަމަށް ކިރިސްތިޔަނުންގެ ފަތްފުތް ބުނާއިރު، ސަލާމްލެއްވި އިބްރާހީމްގެފާނަށް ވުރެ ކުރިން އެ މީހުން އެ ބިމަށް ހިޖުރކޮށްފައި ވާނީ ކިހިނަކުން. 3/4

1206

22 October 2023

ފިލިސްޓީންގގެ ވަކި ދަރިކޮޅެއް އުފެދިގެން އައި ސީދާ ތާރީޚެއް އެނގެން ނެތަސް ފެންނަން ހުރި އާސާރުތަކުން އެންމެ ދުރަށް ވެސް ފެންނާން އޮތީ އީސާއީ ސަނަތުގެ 12 ގަރުނު ކުރިން. މިއީ އެމީހުން ކަންޢާންގެ ބިމުގައި ވަޒަންވެރި ކަމުގައި ވެސް ބެލެވޭ ތާރީޚު. އެހެންވީމާ 6 ސައްތަ އަހަރު ކުރިން އުފަންވި މީހަކަށް ވުރެ ކުރިން، 6 ސައްތަ އަހަރު ފަހުން ފާޅުވި ބަޔަކުން ކަންއާނުގައި ވަޒަންވެރިވުން ތިޔައީ އަރަތެއް 4/4

ބުޑިސްޓް

22 October 2023

ދިވެހިރާއްޖެއަށް ދިވެހިން އައުމުގެ ކުރިން ވެސް ބަޔަކު އުުޅުނު. އެބަޔަކު މަރާފަ އަރާ މިތިބީ. ބުޑިސްޓް ފައްޅިތައް ތަޅާފައި މިސްކިތްތައް ވެސް އެޅީ. ބިން ހިފައިގެން ނޫން ގޮތަަކަށް އުޅޭ ބަޔަކު ދައްކަބަ.

ފހ

21 October 2023

ފުންނަޒަރު ބުނަނއތިޔައުޅެނީކީކޭތަ?

އާމީން

21 October 2023

ތާރީހް ލިއުމުގައި ބޮޑެތި އޮޅުވާލުންތައް އެބަހުރި. ޔާﷲ އަޅަމެންގެ ހިތްތައް ހައްގުން އެއްކިބާ ނުކުރައްވާނދޭވެ. އިބަ ﷲގެ އާޔަތްތަކާމެދު ރައުޔުނެރޭ ބައަކުކަމުގައި ނުލައްވާނދޭވެ.

1947

21 October 2023

މޫސާ ސއވ ފޮނުއްވި ރިސާލަތުން ޔަހޫދީން މި އުފެދިގެން ދިޔައީ، އެއީ 1947 ގަ ތޯ ނޫނީ އެޔަށް ވުރެ މާ ކުރިންތޯ؟ އީސާ ސއވ ދުނިޔައަށް ވަޑަގައިގެން އިރު އެ ބިމުގައި ޔަހޫދީން ތިބިކަން އެބަ އިނގޭ.

ކާހިލި

21 October 2023

ޔައުގޫބުގެފާނަށް ނިސްބަތްވާ ބައެއް ބަނީ އިސްރާއީލަކީ. ޔައުގޫބު އަދި މޫސާގެފާނަށް ވުރެ ކުރިންވެސް ކަންޢާނު (މިހާރުގެ ފަލަސްތީން) ގަ މީހުން ވަޒަންވެރިވެ އުޅެމުން ދިޔައީ.

ރަންގެރި

22 October 2023

ކާހިލި ތިބުނާ ބަޔަކު މިހާރު ނެތެއްނު. ގެރިޔަށް އަޅުކަން ކޮށް އުޅުނު ކަންޢާނީނަކީ މާ އިހު ޒަމާނަކު އެތާ އުޅުނު ބަޔެއް. މިހާރު ތިބީ ޔަހޫދީނާއި ޢަރަބި މުސްލިމުން. ޔަހޫދީނަކީ މިތާގެ އަސްލު ވަޒަންވެރިން ކަމަށް ވާ ކަންއާނީ ދަރިކޮޅުން އުފެދުނު ގޮއްޕެއް. ޢަރަބިނަކީ ޢުމަރުގެފާނަށް ފަހު 638 އިން ފެށިގެން ހިޖާޒް ފަދަ ޢަރަބި ކަރައިން އައިސް ފަލަސްތީންގައި ވަޒަންވެރި ވީ ޢަރަބި މުސްލިމުން.

1206

30 May 2024

ކާހިލި އަށް އޮޅިގެން ތިޔަ އުޅެނީ. ބަނީ އިސްރާއީލުންނަކީ އެކީ އެކަށް ޔަހޫދީންނެއް ނޫން. ޔަހޫދީ ކިޔޭ ދަރިކޮޅަކީ ބަނީ އިސްރާއީލޭ ކިޔުނު ބާގައިގެ ބަޔެއް. ބަނީ އިސްރާއިލް އޭ ކިޔެނީ، ސަލާމް ލެއްވި އިބްރާހީމްގެފާނުގެ ދަރިކަލުން، ސަލާމް ލެއްވި އިސްޙާޤްގެފާނުގެ ދަރިކަލުން، ސަލާމް ލެއްވި ޔަޢްޤޫބްގެފާނުގެ 12 ދަރިންންނާއި އެ ދަރިންގެ ދަރިފަސްކޮޅަށް. އިސްރާއީލް އަކީ ޔަޢްޤޫބްފާނުގެ ލަގަބުފުޅު. އެހެންވެ އާދަމްގެފާނުގެ ދަރިފަސްކޮޅަށް ބަނީ އާދަމް ކިޔުނު .. 1/2

1206

30 May 2024

..ކިޔުނު ފަދައިން އިސްރާއީލްގެ ފާނުގެ ދަރިފަސްކޮޅަށް ބަނީ އިސްރާއީލްގެ ނަމުން ނަން ދެވިގެންވޭ. އެ ކަލޭގެ ފާނުގެ 12 ދަރިކަލުންގެ ތެރެއިން ޔަހޫޛާ ނަމަކަށް ކިޔުނު ބޭކަލަކުވި. ޔަހޫދީންނަކީ އެ ގޮތުން، ސަލާމް ލެއްވި ޔަޢްޤޫބްގެފާނުގެ ދަރިކަލުން ޔަހޫޛާގެ ދަރިފަސްކޮޅު. ސަލާމް ލެއްވި ދާވޫދުގެފާނާއި އެކަލޭގެފާނުންގެ ދަރިކަލުން ސަލާމް ލެއްވި ސުލައިމާންގެފާނުންގެ ރަސްކަން ނިމުން، އެ ހިނދަށް އެއް ވެރިކަމެއްގެ ދަށުގައި މިހާރުގެ ފަލަސްތީނޭ ކިޔުނު.. 2/2

1206

30 May 2024

... ސަރަހައްދުގައި ބަނީ އިސްރާއީލުގެ 12 ދަރިކޮޅު އެއްވެރިކަމެއްގެ ދަށުގައި ނުތިބެތި، ވެރިކަން ދެބައިވެ، ބުންޔާމީންގެ ދަރިކޮޅު ނުވަތަ އެ ދަރިކޮޅާއެކު އަދި އެހެން އެއް ދަރިކޮޅެއް އެއްފަޅިޔަށް އަދި ދެން ބާކީ ތިބި ދަރިކޮޅުތައް އަނެއް ފަޅިޔަށް ޖެހި ވަކި ދެ ވެރިކަމެއް ކުރަމުން ދިޔަ، އެ ގޮތުން ގިނަ ދަރިކޮޅުތައް ދިޔަ ފަޅީގައި ވެރިކަމުގެ ކަންކަމަށް އިސްވީ ޔަހޫޛާ ދަރިކޮޅުގެ މީހުން. މި ބުނި ޔަހޫޛާ ދަރިކޮޅުގެ ނަން ޢަރަބި ބަހުން ޔަހޫދީ އަށް ބަދަލުވީ. 3/3

ނިތްކުރި ކަޅު ވިޔަކަސް ބާރެއް ނުލިބޭނެ!

21 October 2023

އެހެންވެގެންތާ އުސްމާނު ތަކުރުފާނު ވެރިވެގަނެގެން އުޅުނީ މިދިޔަ 200 އަހަރު! ހަގީގަތަކީ ގަދަ ބަޔަކު ހިފާ ހިސޯރު ކުރާ ބިމެއް ތިއީ!

މަނީކު

21 October 2023

ޔޫޓިއުބު ކޮމެންޓު ކިޔައިގެން އަދި ތާރީޚެއް ނޭގޭނެ.

އަބްރާހަމް

21 October 2023

ﷲ ދަރިއެއްގެ ބިޝާރަތު އިބްރާހިމްގެފާނަށް ދެއްވި. ދަރިއެއް ދެއްވުމަށް ވައުދު ވޮޑިގަތީ. ދެން އެދަރިފުޅު އުފަންވި. ނަމަކީ އިސްހާޤް. ދެން އެދަރިފުޅު ޤުރްބާން ކުރަން ﷲ އެންގެވުމުން އެ ދަރިފުޅު ކިޔަމަންގަތް. (ތަފްސީރު ތަބަރީ) މި ސަބަބަށް މި ދަރިފުޅާ މި ދަރިފުޅުގެ ދަރިކޮޅު ﷲ ޚިޔާރްކުރެއްވި (ޤުރުއާން: އިސްރާޢީލް ޚިޔާރްކުރެއްވީމެވެ). ދެން މި ދަރިފުޅަށް ފަލަސްތީން ދެއްވައި ބޮޑު ގައުމެއް އުފަންވާނޭ ކަމުގެ ވައުދުވަޑައިގަތް. މިދަރިކޮޅަށް ފަލަސްތީން ވައުދުވީ.

ބަނބުކެޔޮ

21 October 2023

ކަލޯ ތަނެއް ދޮރެއް ބަލާނުލާ އެއްޗެއް ލިޔެވެނިކޮށް ހެޔޮ ދޯ!! ޤުރުބާން ކުރަން މާތްﷲ އެންގެވީ އިސްމާޢީލްގެފާނު..އިސްޙާޤެއް ނޫން. ކިހިނެއްހޭ އައްޡޮބަރީގެ ތަފްސީރު ތިލިޔަނީ؟؟ މުޅިން ބޯހަލާކު.

ޖުހާ.

21 October 2023

އަޅުގަނޑުމެނަށް ފޮތްފޮތުން ފެންނަގޮތުން އިބްރާހީމުގެފާނު އިސްހާގުގެފާނު ގުރުބާން ކުރައްވާކަށް ނޫޅުއްވާ. ގުރުބާންކުރައްވަން އުޅުއްވީ އިސްމާޢީލްގެފާނު. އެއީ ހާޖަރުގެ ކިބައިން އިބްރާހީމުގެފާނަށް ލިބިވަޑައިގެންނެވި ބޭކަލެއް.

ކަށިކެޔޮ

21 October 2023

ބަނބުކެޔޮ ތަފްސީރު ފޮތެއް ހުޅުވާގެން ދުވަހަކު ވެސް ކީންތަ. ތަފްސީރުތައް ހުޅުވާގެން ކިޔާބަލަ ފުރަތަމަ.

ދިވެހިމޫސަ

06 November 2023

ނޫން ... ތިއީ ހުސްދޮގު މަޢުލޫމާތު ...

ތަފްސީރު2

21 October 2023

ﷲ މުޅި ދުނިޔޭން އިސްރާޢީލް ޙިޔާރްކުރައްވައި ކަންޢާންގެ ބިން ދެއްވީ. އެ ނިއުމަތް ހަދާންކޮށްދީ ޤުރުއާންގަ ވަރަށް ގިނަ ފަހަރު އައިސްފަވޭ. ދެން ﷲ މި ވައުދު ކެންސަލްކުރެއްވި ކަމެއް އެގެން ނެތް. ސަބަބަކީ ޢުމަރުގެފާނު ފަލަސްތީން ފަތަހަ ކުރުމަށްފަހު ވެސް ޔަހޫދީން ގެނެސް މިތާ ވަޒަންވެރިކުރުން. އޭގެން އެގެނީ އޭރަށް ވެސް އެ ވައުދު އޮތްކަން. މި ވައުދު އުވާލާގެން މިއުޅެނީ މީ ފަހުން އުފެދުނު ހިޔާލެެއް މި ކޮންފްލިކްޓަށްފަހު.

އަސްލުވާގޮތް

21 October 2023

ހަގީގަތަކީ ހަމައެކަނި އިލާހަކީ ﷲއެވެ. އެކަލާނގެ އެންގެވި ހަމައެކަނި ދީނަކީ އިސްލާމް ދީނެވެ. އަމުރުކުރެއްވީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށެވެ. ނަމަވެސް ކޮންމެބަޔަކުވެސް ޝައިތާނާއަށް ހެއްލި އަމިއްލައަށް ލޭބަ؛ލްތަކެއް އުފައްދައި އެބަޔަކު ގާތަށް އައި ރަސޫލުންނަށާއި އެބައެއްގެ ފާދިރީންނާއި 'އިލްމްވެރިން" އަޅުކަމުގެ ތެރެއަށް ވައްދައި ޝިރުކު ކުރަން ފެށިއެވެ. ކޮންމެބަޔަކުވެސް ބުނަނީ ތިމަންނަމެން މިއުޅެނީ އެންމެ ރަނގަޅު ގޮތަށްކަމުގައެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454