ހަދީސުން އެނގޭ ގޮތުގައި ރަމަޟާން މަހުގެ ރޯދަ ފިޔަވައި މަހެއްގައި ރޯދަ ހިފުން އެންމެ މާތް މަހަކީ މުހައްރަމް މަސް.
މުހައްރަމް މަހުގައި އަޅުކަންތައް ގިނަކޮށް، ރޯދަހިފުން އިތުރު ކުރުމަށް ސަމާލުކަން ދޭން ޖެހޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު
05 ޖުލައި 2025 - 09:30
ހެޔޮކަންތައް ކުރުމުގައި އިތުރު ހިތްވަރެއް ލައި އެކަކު އަނެކަކަށް ވާދަވެރިވެލާނެ މޫސުންތަކެއް މާތް ﷲ ލައްވަވާފައި ވުމަކީ ލިބިގެންދާ ނިއުމަތެކެވެ. މިފަދަ މޫސުންތަކުގެ ތެރެއިން އެއް މޫސުމަކީ މުހައްރަމް މަހެވެ. މުހައްރަމް މަހަކީ ހިޖުރީ ފުރަތަމަ މަހެވެ.
މުހައްރަމޭ ކިޔުނީ އަރަބިން އެ މަހުގައި ހަނގުރާމަ ކުރުން ހަރާމް ކޮށްފައިވާތީ އެވެ. މުހައްރަމް މަހަކީ ހުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރެއިން އެއް މަހެވެ. އައްތައުބާ 36 ވަނަ އާޔަތުގައި ﷲ ބަޔާން ކުރައްވާ ގޮތުގައި އަހަރެއްގައި ހިމެނޭ މައްސަރުތަކުގެ އަދަދަކީ 12 އެވެ. އޭގެ ތެރެއިން ހަތަރު މަހެއް ހުރުމަތްތެރިވެގެންވެ އެވެ. އެ މައްސަރުތަކުގައި އަމިއްލަ ނަފްސުތަކަށް އަނިޔާވެރި ނުވުމަށް ﷲ އަންގަވަ އެވެ. މި އާޔަތުގައި ބަޔާން އެ ކުރާ ހަތަރު މަހަކީ މާތް ނަބިއްޔާ ﷺ ބަޔާން ކުރައްވާ ގޮތުގައި ޛުލްޤަޢިދާ އާއި ޛުލްޙިއްޖާ އާއި މުހައްރަމް އާއި ރަޖަބު މަހެވެ (ބުޚާރީ އާއި މުސްލިމް).
މުހައްރަމް މަސް މާތްވެގެންވާ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ، މާތް ﷲ އަށް އެ މަސް ނިސްބަތް ކުރެވިގެން ވުމެވެ. ނަބިއްޔާ ﷺ ގެ ހަދީސެއްގައި ވަނީ "ރަމަޟާން މަހުގެ ރޯދައަށް ފަހު އެންމެ މާތް ރޯދަ އަކީ ﷲ ގެ މަސް މުހައްރަމްގައި ހިފާ ރޯދަ އެވެ." (މުސްލިމް). އިލްމުވެރިން ވިދާޅުވާ ގޮތުގައި މި މަސް ﷲ އަށް ނިސްބަތް ކޮށްފައި ވުމުން އެއިން ދޭހަ ވަނީ އެ މަހުގެ މާތް ކަމާއި މަތިވެރިކަމާއި ޝަރަފުވެރި ކަމެވެ.
ދެވަނަ ސަބަބަކީ، މުހައްރަމް މަހުގައި ރޯދަ ހިފުން ގިނަ ކުރަން މާތް ނަބިއްޔާ ﷺ އަންގަވާފައި ވުމެވެ. ކުރިން އިޝާރާތް ކުރި ހަދީސުން އެނގޭ ގޮތުގައި ރަމަޟާން މަހުގެ ރޯދަ ފިޔަވައި މަހެއްގައި ރޯދަ ހިފުން އެންމެ މާތް މަހަކީ މުހައްރަމް މަހެވެ. ނަމަވެސް ރޯދަ މަސް ފަދައިން މަހުގެ ހުރިހާ ދުވަހު ރޯދަ ހިފުމެއް ނުވެ އެވެ. އަލްއިމާމް ނަވަވީ ވިދާޅުވާ ގޮތުގައި ރަމަޟާން މަސް ފިޔަވައި އެހެން މަހެއްގައި ކީރިތި ރަސޫލާ މަސް އެއްކޮށް ރޯދަ ނުހިއްޕަވަ އެވެ. އެހެންކަމުން ހަދީސްގެ މުރާދަކީ އެ މަހުގެ ބައެއް ދުވަސްތަކުގައި ރޯދަ ހިފުން މާތް ކަމެވެ.
މުހައްރަމް މަސް މާތްވެގެންވާ ތިންވަނަ ސަބަބަކީ، އެ މަހުގައި ޢާޝޫރާ ދުވަސް ހިމެނިގެން ވުމެވެ. ޢާޝޫރާ ދުވަހަކީ ވަރަށް މާތް ވެގެންވާ ދުވަހެކެވެ. ޢާޝޫރާ ދުވަހަކީ މުހައްރަމް މަހުގެ 10 ވަނަ ދުވަހެވެ. ޢާޝޫރާ ކިޔުނީ ދިހަ އަކަށް ނިސްބަތް ކޮށެވެ. ޢާޝޫރާ ދުވަހުގެ މާތް ކަމާ ބެހޭ ގޮތުން އިބްނު އައްބާސްގެ ކިބައިން ރިވާ ވެގެންވާ ގޮތުގައި ޢާޝޫރާ ދުވަހާއި ރަމަޟާން މަހުގެ ދުވަސްތައް ފިޔަވައި އެ ދުވަހެއްގައި ރޯދަ ހިއްޕަވަން ކީރިތި ރަސޫލާ އެހާ ބޮޑަށް އިސްކަން ދެއްވި ދުވަހެއް ކަލޭގެފާނު ދެކެވަޑައި ނުގަންނަވަ އެވެ (ބުޚާރީ އާއި މުސްލިމް).
ޢާޝޫރާ ދުވަހު ހިފާ ރޯދައަކީ ފާއިތުވެދިޔަ އަހަރުގެ (ކުދި) ފާފަތައް އެކީ ފުހެވިގެންދާ ދުވަހެއް ކަމުގައި މާތް ނަބިއްޔާ ﷺ އުންމީދު ކުރައްވަ އެވެ. (މުސްލިމް).
ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ގުރައިޝުން ވެސް ކޮށް އުޅުނު ކަމެކެވެ. ނަބިއްޔާ ވެސް އެކަން ކުރެއްވި އެވެ. ނަމަވެސް ރަމަޟާން މަހުގެ ރޯދަ ފަރުޟު ވުމުން އެ ދުވަހުގެ ރޯދަ ހިފުން އިހުތިޔާރަށް ދޫކޮށްލެއްވި އެވެ. އެކަލޭގެފާނު މަދީނާ އަށް ހިޖުރަ ކުރެއްވި އިރު ޔަހޫދީން ވެސް އެ ދުވަހު ރޯދަ ހިފަމުން ދިޔައެވެ. އެއީ މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުން ފިރުއައުނުގެ ކިބައިން ސަލާމަތް ކުރައްވައި ފިރުއައުނު ޣަރަގު ކުރެވުނު ދުވަސް ކަމަށް ވާތީ މޫސާގެފާނު ﷲ އަށް ޝުކުރުވެރި ވުމުގެ ގޮތުން އެ ދުވަހު ރޯދަ ހިއްޕެވީތީ އެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރެއްވީ މޫސާގެ ފާނަށް ތިމަންމެން (މުސްލިމުން) މާ ހައްގުކަން ބޮޑުވެގެންވާ ކަމަށެވެ. އެހެންވެ އެކަލޭގެފާނު ރޯދަ ހިއްޕަވައި އެހެންމީހުންނަށް ރޯދަ ހިފުމަށް އަމުރު ކުރެއްވި އެވެ (ބުޚާރީ އާއި މުސްލިމް). އަދި ޔަހޫދީން ހިފާ ގޮތާ ހިލާފު ވުމުގެ ގޮތުން ނުވަވަނަ ދުވަހު އެކަލޭގެފާނު ރޯދަ ހިއްޕަވަން އަޒުމް ކަނޑައެޅުއްވި އެވެ (މުސްލިމް).
އެހެންކަމުން ޢާޝޫރާ ދުވަހު ރޯދަ ހިފުމުގައި އެންމެ މޮޅު ގޮތަކީ ނުވަވަނަ (ތާސޫޢާ) ދުވަހާ އެކުގައި ރޯދަ ހިފުމެވެ. އެގޮތަށް ނުކުރެވޭ ނަމަ އެގާރަ ވަނަ ދުވަހާ އެކުގައި ހިފުން ވެސް ރަނގަޅުވާނެ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. އެ މަހުގައި އެހެން ދުވަސްތަކުގައި ރޯދަ ހިފުން މުސްތަހައްބު ވެގެން ވެ އެވެ. އެ މަހުގެ ނުވަޔަކާއި 10 އާއި 11 އިގެ އިތުރުން 13 އިން 15 އަށް ތިން ދުވަހާއި ހޯމަ ބުރާސްފަތިތަކުގައި އެ މަހުގައި ރޯދަ ހިފިދާނެ އެވެ.
މުހައްރަމް މަހުގައި ހިނގާފައިވާ އެންމެ މުހިންމު ހާދިސާއަކީ ކުރިން ބަޔާން ކުރި ފަދައިން ޢާޝޫރާ ދުވަހު ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްވެ ފިރުއައުނު އަރަގުވުމެވެ. އެ މަހާ ގުޅިފައިވާ އަނެއް ހާދިސާ އަކީ ހިޖުރައެވެ. ހިޖުރަ ހިނގައި ދިޔައީ މުހައްރަމް މަހެއްގައި ކަމުގައި ނުވިއަސް މުސްލިމުން އަހަރު ގުނަން ފައްޓަން ޢުމަރުގެފާނު ހަމަޖެއްސެވީ މި މުހިންމު ހާދިސާއާ ގުޅުވައިގެންނެވެ. އެހެންކަމުން ހިޖުރީ ސަނަތުގެ ފުރަތަމަ މަސް ކަމުގައިވާ މުހައްރަމް މަސް ހިޖުރައާ އެ ވަނީ ގުޅުވާލެވިފަ އެވެ.
މުޙހައްރަމް މަހާ ގުޅިފައިވާ އަނެއް ހާދިސާ އަކީ އަނިޔާވެރި އުދުވާނީ ގޮތެއްގައި ކީރިތި ނަބިއްޔާ ﷺ ގެ ކާފަ ދަރިކަލުން ޙުސައިނުގެފާނު ޝަހީދު ކޮށްލެވިގެން ދިޔުމެވެ. އެކަން ހިނގީ މުހައްރަމް މަހެއްގައި އަދި ހަމަ ޢާޝޫރާ ދުވަހެއްގައި ކަރުބަލާ ގައެވެ. ނަމަވެސް މިއީ މުސްލިމުން ހިތާމަ ކުރުމަށްޓަކައި ފާހަގަ ކުރަންޖެހޭ ދުވަހެއް ނޫނެވެ. އަދި ބިދުއަވީ ކަންކަން ކުރަން ޖެހޭ ދުވަހެއް ވެސް ނޫނެވެ.
ކުރިން އިޝާރާތް ކުރި ފަދައިން މުހައްރަމް މަހުގައި (ޢާޝޫރާ ދުވަހު) ޙުސައިނުގެފާނު ޝަހީދު ކޮށްލެވުނީތީވެ ޝީޢީންގެ ބައެއް މީހުން މި ދުވަސް ފާހަގަ ކުރަމުން ގެންދެ އެވެ. އެ ދުވަހު އެ މީހުން ހިތާމަ ފާޅުކޮށް ރޮއެ ހަޅޭއްލަވައި ހަދަ އެވެ. މިކަމުގެ ތެރޭގައި އެ މީހުންގެ ކޯތާފަތާއި މޭމަތީގައި އަތުން ތަޅައި ހަދަ އެވެ. ހެދުން ކަރުވަޅުން ވީދާ ހަދަ އެވެ. މި ހުރިހާ ކަމަކީ ވެސް އިސްލާމް ދީނުގައި މަނާވެގެންވާ ކަންކަމެވެ.
މުހައްރަމް މަހުގެ ނުވަޔަކާއި 10 އާއި 11 އިގެ އިތުރުން 13 އިން 15 އަށް ތިން ދުވަހާއި ހޯމަ ބުރާސްފަތިތަކުގައި އެ މަހުގައި ރޯދަ ހިފިދާނެ އެވެ.
ހަމައެފަދައިން ޢާޝޫރާ ދުވަހު ކަނދި ކެއްކުމާއި ކަންޖާ އަޅައި ކުޑަކުދިން ކިރުމާއި ޢާޝޫރާ ވިލޭރޭގައި "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި އެ ރެ އާއި އެ ދުވަހުގައި ވަކި އަޅުކަންތަކެއް ކުރުމަކީ ރަސޫލާ ﷺ ގެ އެއްވެސް ބަސްފުޅަކުން ނުވަތަ އަމަލުފުޅަކުން ސާބިތުވާ ކަންކަމެއް ނޫނެވެ. އަދި "ޢާޝޫރާ ދުޢާ" ކީ މީހަކު އެ އަހަރު މަރު ނުވާނެ ކަމަށާއި އެރޭ އަޅުކަން ކުރާއިރު މޫސާގެފާނުގެ ވާހަކަ އައިސްފައިވާ ޤުރްއާނުގެ ސޫރަތްތައް ކިޔަވަން ޖެހޭނެ ކަމަށާއި ޢާޝޫރާ ދުވަހު ފެންވަރައި އަނދުން އެޅި މީހާ އެ އަހަރުގެ ތެރޭގައި ލޮލު ރޯގާއެއް ނުޖެހޭނެކަމަށާއި އެ ދުވަހު ހީނާފަތް އެޅުމާއި އެ ދުވަހު ބައްދަލުވާހައި ބަޔަކާ ސަލާންގަލާން ކުރުމަކީ މާތްކަމެއް ކަމަށް ބުނާ ވާހަކަތަކަކީ ވެސް ދީނުގެ ނައްޞުތަކުން ސާބިތުވާ ކަންކަމެއް ނޫނެވެ.
ނަމަވެސް މީގެ މާނައަކީ ދީނުގައި އާންމުކޮށް ހުއްދަ ކުރެވިފައިވާ ކަމެއް ނުވަތަ ކޮންމެ އިރަކުވިއަސް ކުރަން ހުޅުވާލެވިފައިވާ ހެޔޮ އަމަލެއް ވިއަސް އާދަކާދައެއްގެ ގޮތުގައި އެ ދުވަހު ކުރުން މަނާވާނެ އެކޭ ނޫނެވެ. ދީނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ހަދައިފި ނަމަ އެ ވާނީ ބިދުއަ އަކަށެވެ.
ވީމާ އެންމެ މުހިންމީ މާތް މައްސަރެއްގެ ގޮތުގައި މުހައްރަމް މަހުގެ ބޭނުން ހިފުމަށްޓަކައި ރޯދަ ހިފުން ގިނަ ކުރުމެވެ. މީގެ އިތުރުން ފަރުޟު އަޅުކަންތަކަށް ފަރުވާކުޑަނުކޮށް ސުންނަތް އަޅުކަންތަކާއި އެހެން ހުރިހާ ހެޔޮކަންތައް މިމަހުގައި ގިނަ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބާބް
06 July 2025
ރިބާ ހުއްދަ ދިވެހިރާއްޖެ! ކިބުރުވެރި މުނާފިގު ދިވެހިރާއްޖެ! ރިބާ ހުއްދަ ދިވެހިރާއްޖެ! ސައްތައިންސައްތަ މުސްލުމުންނޯ ބޯހަލާކު. ސައްތައިންސައްތަ މުނާފިގުން! ރިބާ ހުއްދަ ދިވެހިރާއްޖެ!
ސޯސަންމަގުން
05 July 2025
އަޅުކަންތައް އިތުރުކޮއްލެވޭތޯ ބަލާނަން
އަހުމަދު އަތީގު
05 July 2025
ބުނަން ޖެހޭބާ
88888
06 July 2025
ބުންޏަސް ކޮބާތަ މައްސަލައަކި. ހުސްނުބައިކަންތައް ފެތުރެޭ ތަނެއްގައި އަޅުގަކުމގެ ވާހަކަ ހަމަ ދައްކަންވީ