މިންގަނޑުތައް ފަހަނަޅައި ގޮސް އަނބިމީހާ އަށް އަނިޔާ ކޮށްފި ނަމަ ނުވަތަ އަނބިމީހާ ވެސް ފިރިމީހާ އަށް އަނިޔާ ކޮށްފި ނަމަ އެއީ މަދަނީ ނުވަތަ ޖިނާއީ ދައުވާ ކުރުމުގެ ހައްގު އަނެކާ އަށް ލިބޭނެ ކަމެއް.
25 އޮކްޓޯބަރ 2025 - 06:48
އިސްލާމީ ނަޒަރުން ބަލާއިރު ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭ ހައްގުތަކުގެ ތެރޭގައި ދެ ފަރާތުން އެއްވަރަށް ބައިވެރިވާ ހައްގު ތަކެއް ވެ އެވެ. މި ހައްގުތަކުގެ ތެރެއިން ބައެއް ކަންކަމަށް ކުރީގެ ލިޔުމެއްގައި ވާނީ ބަލާލައިފަ އެވެ. މި ލިޔުމުގައި ބަލައިލާނީ ދެބަސްވާ ހިނދު ދެމަފިރިން ދަމަހައްޓަން ޖެހޭ މިންގަނޑުތަކުގެ މައްޗަށެވެ.
އިންސާނީ ތަބީއަތުގެ ދަށުން ހިޔާލު ތަފާތުވެ ދެބަސްވުމަކީ ދެމަފިރިންގެ ދެމެދުގައި ވެސް މެދުވެރިވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ދެމަފިރިން ތަބާވާން ޖެހޭ އުސޫލުތަކެއް ނުވަތަ ދަމަހައްޓަން ޖެހޭ މިންގަނޑުތަކެއް ނެތް ނަމަ ހަމަނުޖެހުންތައް އުފެދި ކައިވެނި ރޫޅި ބަރުބާދުވެ ދަރިން ތިބި ނަމަ އެ ދަރިންގެ ތަރުބިޔަތަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ އެވެ. މިހެންވެ މާތްވެގެންވާ އިސްލާމް ދީނުގައި މިކަމަށް ހައްލު ގެނައުމުގެ ގޮތުން ދަމަހައްޓަން ޖެހޭ މުހިންމު އުސޫލުތަކެއް ނުވަތަ މިންގަނޑުތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
ދެމަފިރިންގެ ދެމެދުގައި ދެބަސްވުން އުފެދޭ ހިނދު ދަމަހައްޓަން ޖެހޭ އެއް މިންގަނޑަކީ ދޫ ރައްކާތެރި ކުރުމެވެ. އަނެކާ އަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި އަގުދަށް ކޮލުމާއި ހަޑިހުތުރުބަހުން ވާހަކަ ދެއްކުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެ އެވެ.
އަލްޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގައީ ﷲ ބަޔާން ކުރައްވަނީ ފިރިހެނުން ވިޔަސް އަދި އަންހެނުން ވިޔަސް އެކަކު އަނެކަކަށް ފުރައްސާރަ ނުކުރުމަށެވެ. އަމިއްލަ ނަފުސުތަކަށް (އެކަކު އަނެކަކަށް) އައިބު ނުކިޔުމަށެވެ. އަދި ނުރުހޭ ލަގަބުތަކުން މުހާތަބު ނުކުރުމަށެވެ. ރަސޫލާ ﷺ އަމުރު ކުރައްވަނީ އެކަކު އަނެކަކަށް ގޯސް ބަހެއް ނުބުނުމަށެވެ (މާލިކާއި އަޙުމަދު). އަދި ކަމެއްގައި ހަޑިހުތުރު ބަހެއް ނުވަތަ ކަމެއް ހިމެނޭ ނަމަ އެކަމެއްގެ ގަދަރު ވެއްޓި ނިކަމެތިވާނެ ކަމާއި ކަމެއްގައި ލަދުވެތިކަން ދެމެހެއްޓިއްޖެ ނަމަ އެ ކަމަކަށް ޒީނަތްތެރިކަން ލިބިގެންދާނެ ކަމަށެވެ (ތިރުމިޛީ އާއި އިބްނު މާޖާ).
އަދިވެސް އެކަލޭގެފާނު ހަދީސް ކުރައްވަނީ މުއުމިނަކީ ބަދުބަސް ބުނާ މީހެއް ނުވަތަ ލަޢުނަތްދޭ މީހެއް ނުވަތަ ހަޑިހުތުރުބަސް ބުނާ މީހެއް ނުވަތަ ދެރަކޮށްލަން ބަސް ބުނާ މީހެއް ނޫން ކަމަށެވެ (އަހުމަދާއި ތިރުމިޛީ)
ޒަވާޖީ ހަޔާތުގެ އަސްލަކީ ދެމީހުންގެ މެދުގައި ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން އޮތުމެވެ. ނަމަވެސް ދެބަސްވުމެއް އުފެދޭ ހިސާބުން އެކަކު އަނެކަކާ ވާހަކަ ނުދައްކައި ތިބުމަކީ ބައެއް ހާލަތްތަކުގައި ފަރުވާ އަކަށް ވިއަސް އެއީ ދެމިގެންދާ ކަމަކަށް ވެގެން ނުވާނެ އެވެ.
އެހެންވެ ތިން ދުވަހުގެ މުއްދަތަށް މިކަން ހުއްދަ ކުރިއަސް އެ އަށް ވުރެ މުއްދަތު އިތުރު ކުރުމަކީ މުސްލިމަކަށް ހުއްދަ ވެގެން ނުވާނެ ކަމެއް ކަމަށް ނަބިއްޔާ ﷺ ބަޔާން ކުރައްވައެވެ (އަޙުމަދު، ބުޚާރީ، މުސްލިމް، އަބޫދާއޫދު، ތިރުމިޛީ).
އަނބިމީހާ ކިޔަމަންތެރިވާން ދެކޮޅު ހަދާ ނަމަ އެއްދާން ކުރުމުން ދުރުހެލިވުމަކީ އިސްލާހީ ފިޔަވަޅެކެވެ. މިކަން އުންމު ސަލަމާ ގެ ކިބައިން ރިވާ ވެގެންވާ ހަދީސަކުންނާއި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވާ ހަދީސަކުން އެނގެ އެވެ.
އެހެންކަމުން މިފަދަ ހާލަތެއްގައި މެނުވީ ދެމަފިރިންގެ ދެމެދުގައި ދެބަސްވުމެއް އޮތޭ ކިޔާފައި (މަގުބޫލު އުޒުރެއް އޮތިއްޔާ މެނުވީ) އެއްދާން ކުރުމުގެ ހައްގުން އަނެކާ މަހުރޫމު ކޮށްގެން ނުވާނެ އެވެ.
ޢަބްދުﷲ ބުނު އަބީ ދުބާބުގެ ކިބައިން ރިވާ ކުރެވިގެންވާ ހަދީސެއްގައިވާ ގޮތުން އަންބިންގެ ގައިގައި ނުޖަހަން ރަސޫލާ ﷺ ވަނީ އަމުރު ކުރައްވައިފަ އެވެ. ނަމަވެސް ބައެއް އަނބިން ނުކިޔަމަންތެރިވާތީ އެކަމުގެ ޝަކުވާ ޢުމަރުގެފާނު ކުރެއްވުމުން ޖެހުމުގެ ހުއްދަ އެއް އެކަލޭގެފާނު ދެއްވި އެވެ.
އެކަމަކު، އެންމެ އިންސާފުވެރި ގޮތުގައި މިކަން ނުދިއުމުގެ ސަބަބުން ގިނަ އަންހެނުންތައް ޝަކުވާ ކުރަން ފެށި އެވެ. އެހެންވެ ރަސޫލާ ހަދީސް ކުރެއްވީ އެގޮތަށް އެކަން ކުރަނީ ހެޔޮ މީހުން ނޫން ކަމަށެވެ (އަޙުމަދު، އަބޫ ދާއޫދު، ނަސާއީ، އިބްނު ޙިއްބާން، އަލްޙާކިމް).
ވީމާ އައްނިސާއު ސޫރަތުގެ 34 ވަނަ އާޔަތުގައި ހުއްދަ ކޮށްފައި އެވާ ޖެހުމަކީ ހަމައެކަނި އިސްލާހު ކުރުމަށްޓަކައި އޮތް އިސްތިސްނާ އެކެވެ. އެއީ ރިވެތި ވައުޡުން ނަސޭހަތް ދިނުމުން ވެސް އަދި އޭގެ ފަހުން އެއްދާން ކުރުމުން ދުރުހެލިވުމުން ވެސް އަނބިމީހާ އިސްލާހު ނުވީމާ ފިރިމީހާ ގެ ފަރާތުން ކުރަން އޮންނަ އެންމެ ފަހު ކަމެއްގެ ގޮތުގައި ހުއްދަ ކޮށްފައި އޮންނަ ކަމެކެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެނީ ހަދީސް ގައި "އެއީ ހެޔޮ މީހުން ކުރާނެ ކަމެއް ނޫނޭ" ބަޔާން ކުރައްވާފައި ވާތީ އެވެ. މީގެ އިތުރުން އަދަބުވެރި ކުރުވުމަށްޓަކައި ޖަހާ އިރު ވެސް އޭގެ މިންގަނޑުތަކެއް ރަސޫލާ ވަނީ ބަޔާން ކުރައްވައިފަ އެވެ.
ޖެހި ތަނުގައި އޭގެ އަސަރު ހުރެގެން ނުވާނެ އެވެ. މޫނުގައި ޖަހައިގެން ނުވާނެ އެވެ. ނާޒުކު އެހެން އެއްވެސް ތަނެއްގައި ވެސް ޖަހައިގެން ނުވާނެ އެވެ. ވީމާ މި މިންގަނޑުތައް ފަހަނަޅައި ގޮސް އަނބިމީހާ އަށް އަނިޔާ ކޮށްފި ނަމަ ނުވަތަ އަނބިމީހާ ވެސް ފިރިމީހާ އަށް އަނިޔާ ކޮށްފި ނަމަ އެއީ މަދަނީ ނުވަތަ ޖިނާއީ ދައުވާ ކުރުމުގެ ހައްގު އަނެކާ އަށް ލިބޭނެ ކަމެކެވެ.
ދެމިފިރިންގެ މެދުގައި ހިލާފު އުފެދޭ އިރު ދަމަހައްޓަން ޖެހޭ އަނެއް މިންގަނޑަކީ ދަރިންގެ ލޯމަތިން އެކަން ސިއްރު ކުރުމެވެ. އެއީ ދަރިންގެ ތަރުބިޔަތަށް ނަފުސާނީ ގޮތުން ވިއަސް އަހުލާގީ ގޮތުން ވިއަސް އަތުވެދާނެ ހީނަރު ކަމަކުން ސަލާމަތް ވުމަށްޓަކަ އެވެ.
ހަމަ އެއާ އެކު، އެކަން އާއިލާގެ އެހެން މީހުންނަށް ވެސް އަދި ވަކިން ހާއްސަކޮށް އާއިލާގެ ބޭރު މީހުންނަށް ނޭންގުން ވަރަށް މުހިންމެވެ. ދެބަސްވުން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭނީ ދެމަފިރިން އެކަންޏެވެ. އެހެން ފަރާތަކަށް އަންގަން ވާނީ ދެމަފިރިން އެކަން ހައްލު ކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ފޭލް ވީމާ އެކަންޏެވެ.
އިސްލާމް ދީން ދެމަފިރިންނަށް ވެސް އަންގަނީ ދެމީހުން އެކަކު އަނެކަކަށް ހެޔޮ ގޮތުގައި މުއާމަލާތުތައް ކުރުމަށެވެ. "މަޢުރޫފު" (ރަނގަޅު ކަމުގެ ގޮތުގައި އެންމެން ދަންނަ) ގޮތުގައި "މުޢާޝަރާ" (ދިރިއުޅުން ބައްޓަން) ކުރުމަށެވެ.
އެކަމަކު މިކަން ނާކާމިޔާބުވެ ދެބަސްވުން އުފެދުނީމާ ހައްލު ކުރަން ފަށާނީ ފިރިމީހާ އިސްވެ ދެމަފިރިން އެކުގައި ވާހަކަ ދައްކައި ސުލްހަ ވެގެން ނެވެ. ސުލްހަވުމަކީ އެންމެ ހެޔޮ ގޮތެވެ (އައްނިސާއު 128).
އަނބިމީހާ ނުކިޔަމަންތެރި ވެގެން ހިލާފު އުފެދިއްޖެ ނަމަ އައްނިސާއު ސޫރަތުގެ 34 ވަނަ އާޔަތުގައިވާ ތިން ކަންތައް އިސްލާމީ އިރުޝާދުތަކާ އެއްގޮތަށް ތަރުތީބުން ކޮށްގެންނެވެ. މިހިސާބުން ނާކާމިޔާބު ވެއްޖެ ނަމަ ދެން އިސްލާމް ދީން ހުށަހަޅާ ހައްލަކީ ދެ ފަރާތުގެ އާއިލާ އިން އިހުތިޔާރު ކުރާ ދެ މީހަކު ފަނޑިޔާރުންގެ ގޮތުގައި ދެމަފިރިންގެ ގާތަށް ފޮނުވުމެވެ. މި ދެމީހުން މަސައްކަތް ކުރަން ޖެހޭނީ ސުލްހަވެރިކޮށް މިކަން ނިމޭނެ އެންމެ ހެޔޮ ގޮތަކަށް ނިންމޭތޯ އެވެ.
މި ހިސާބަށް ދާއިރު ދެމަފިރިން ވެސް އިސްލާހު ވުމުގެ ނިޔަތް އޮތިއްޔާ ﷲ އެކަމަށް ތައުފީގު ދެއްވާނެ ކަމަށް އެކަލާނގެ ވަނީ އަންގަވައިފަ އެވެ (އައްނަޙުލު 125).
ޒަވާޖީ ހަޔާތުގެ ސިއްރު ތަކަކީ ދެމަފިރިންގެ މެދުގައި އޮންނަ އަމާނަތެކެވެ. އަމާނާތަށް ހިޔާނަތްތެރި ނުވާން ﷲ އަންގަވާފައި ވެ އެވެ (އައްނިސާއު 58، އަލްއަންފާލު 27).
މިހެންވެ ޒަވާޖީ ހަޔާތުގެ ސިއްރުތަކުގެ ގޮތުގައި ހިމެނޭ ކަމެއް ކަމުގައިވާ އެއްދާން ކުރުމާ ގުޅޭ ކަންކަން އެހެން މީހުންނަށް ކިޔައިދޭ މީހާ އަކީ ﷲ ގެ ހަޒުރަތުގައި އެންމެ ނުބައި މީހުންގެ ތެރެއިން ހިމެނޭ މީހެއް ކަމަށް ނަބިއްޔާ ބަޔާން ކުރައްވާފައި ވެ އެވެ (އަޙުމަދު، މުސްލިމް، އަބޫދާއޫދު). އެއްދާން ކުރުމުގެ ވާހަކަ ނޫނަސް ދެމަފިރިންގެ މެދުގައި ދެއްކެވޭ ބައެއް ވާހަކަ ތަކަކީ ވެސް ސިއްރު ވާހަކަ ތަކެވެ. ރަސޫލާ ހަދީސް ކުރައްވާ ގޮތުގައި ވާހަކަ ތަކަކީ އަމާނާތެކެވެ (އަޙުމަދު އަބޫދާއޫދު، ތިރުމިޛީ).
ވީމާ ދެމަފިރިންގެ މެދުގައި ދެބަސްވުން އުފެދޭ ހާލަތްތަކުގައި އެކަމުން ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކުން ސަލާމަތް ވުމަށްޓަކައި ކޮންމެ ދެމަފިރިއަކު ވެސް މި ފާހަގަ ކުރި މިންގަނޑުތަކަށް ނުވަތަ އުސޫލުތަކަށް ތަބާވުން ވަރަށް މުހިންމެވެ.
		
		
		
		Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޯނޭ
31 October 2025
މިވާހަކަތަށް ދުރޫސުލް އަޙްލާގް އަދި ދީނިއްޔާތު ފޮތުގާ އޮތްނަމަ ރަނގަޅު ބަދަލެއް ފެނުނީސް ތޯއްޗެ. ޖީލު ތަކަކަށް ދެމި ގޮސް މިއޮތީ ފިރިހެނުން ބޭނުން ގޮތަކަށް އަމުރު ހިންގާ ސަގާފަތެއް
މިކަހަލަ ހަބަރުގިނަކުރޭ
25 October 2025
މުޖްތަމައުގެ ފޭރާން ރަނގަޅު ކުރަން އެބަ ޖެހޭ. ވަރީގެ ދުނިޔޭގެ ރެކޯޑު އޮތް ތަނެއް. މާނަޔަކީ މުޖްތަމައުގެ މައްސަލަތަށް ވަރަށް ގިނަވާނެކަން. އެވެސް ދުނިޔޭގެ ރެކޯޑު ތޯއްޗެއް