ފަރުވާ: ހެޕަޓައިޓިސް އަކީ ކޮބާ؟

އޭނާ އަކީ 25 އަހަރުގެ ޒުވާން ފިރިހެނެކެވެ. އިމާޖެންސީ ޑިޕާޓުމަންޓަށް ގެނެވުނީ އެތައް ދުވަހެއް ވަންދެން މޭ ނުބައިކޮށް ހޮނޑުލައި، ހުން އަންނާތީ އެވެ. ބަނޑުގައި ރިއްސާތީ އެވެ. ބަރުދަން ލުއިވެ، ވަރުދެރަވެ، ދެ ލޯ ރީނދޫވެފައިވާތީ އެވެ. ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވެފައި، ބޮޑުކަމުދާ ތަކެތީގެ ކުލަ ފަނޑުކޮށް ހުންނާތީ އޭނާ ޝަކުވާކުރި އެވެ. ކަންބޮޑުވި އެވެ. ގޮތް ނޭނގޭ ނުދަންނަ އެތައް ބަޔަކާ ނުސިޔާނު ގުޅުންތަކެއް ހިންގައިފައިވާތީ، އިންތިހާއަށް ބިރުގަންނަކަމަށް ވެސް ބުންޏެވެ. މިވަނީ ކީއްބާއެވެ؟ މިއީ ކޮން ބައްޔެއް ހެއްޔެވެ؟


"ތިޔަ ކިޔައިދިން ކަންކަމާއި ފެންނަ އަލާމާތްތަކާއި އަދި މި ރިޕޯޓްތަކުން ދައްކާ ގޮތުން ތިބާ އަށް ޖެހިފައި ވަނީ ހެޕަޓައިޓިސް ކިޔާ ބައްޔެއް،" ޑޮކްޓަރު ޖަވާބު ދިނެވެ. އަދި ކިޔައިދިނެވެ.

"ހެޕަޓައިޓިސް އަކީ ގެންލުންދެނިވި އެއްޗެއްގެ ސަބަބުން ނުވަތަ ޖަރާސީމެއްގެ ސަބަބުން ފުރަމޭ އަށް އަންނަ ބަދަލަކަށް ކިޔާ ނަމެއް. ނުވަތަ ފުރަމޭގެ ފަރުމާ އަށް ކޮންމެވެސް ސަބަބަކާ ހުރެ ބަދަލުތަކެއް އައުން. މި ބަދަލުތައް އައުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހެޕަޓައިޓިސް ވައިރަހާއި، ބައެއް އެހެނިހެން ވައިރަހާއި ބަނގުރާ ބުއިމާއި ބައެއް ބޭހާއި ވިހަ އާއި އަދި ބައެއް ކަހަލަ ކާނާ ފާހަގަކޮށްލެވޭ. ތިބާ އަށް މި ބަލި ޖެހުނީ ތިބާ ހިންގާފައިވާ ގޮތް ނޭނގޭ ޖިންސީ ގުޅުންތަކުގެ ސަބަބުން ކަމަށް ލަފާކުރެވޭ...."

އިންސާނާގެ ވިޔާނުދާ އުޅުމާއި ގުޅުމާއި އޭނާގެ ކެއިންބުއިމުގެ ވައްޓަފާޅި އަކީ ހެޕަޓައިޓިސް އަށް ހުށަހެޅިދާނެ ސަބަބުތަކެކެވެ. ޚާއްޞަކޮށް ވައިރަލް ހެޕަޓައިޓަސް އަށެވެ. ވައިރަލް ހެޕަޓައިޓިސް އަކީ ހެޕަޓައިޓިސް ޖައްސާ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމެވެ. ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ އަދި އީ އަކީ މިދެންނެވި ހެޕަޓައިޓިސް ވައިރަސްގެ ތަފާތު ވައްތަރުތަކެވެ. މިއިން ބާވަތެއްގެ ވައިރަހެއް ހަށިގަނޑުގައި ހުންނަތާ ހަ މަސް ނުވާ ނަމަ އެއީ އެކިއުޓު ހެޕަޓައިޓިސް އެވެ. އަދި ހަ މަހަށް ވުރެ ގިނަވެއްޖެ ނަމަ އެއީ ކުރޮނިކް ހެޕަޓައިޓިސް އެވެ.

ހެޕަޓައިޓިސް އޭ

ހެޕަޓައިޓިސް އޭ ވައިރަސް (އެޗްއޭވީ) އަކީ އާއްމު ގޮތެއްގައި ކުޑަކުދިންނާއި ދެވަންފުރައި އުމުރުގެ ކުދިންގެ ފަރާތުން ފެންނަ ވައިރަހެކެވެ. މައިގަނޑު ގޮތެއްގައި މި ވައިރަސް ފެތުރެނީ ފޫކޮޅަށް އަތްލައި ކެހުމަށް ފަހު، ރަނގަޅަށް އަތް ނުދޮވެ އަނގަޔަށް އަތްލުމުންނެވެ. އަދި ބައެއް ފަހަރު ތަގައްޔަރު ވެފައިވާ ފެނުތެރޭ ހުންނަ ރިނދަލި މަސް ފަދަ ތަކެއްޗާއި ނަޖިސް ފެން ނުވަތަ ނުތާހިރު ފެން އެކުލެވޭ ކާބޯތަކެތިން ވެސް ހެޕަޓައިޓިސް އޭ ޖެހިދާނެ އެވެ. މީގެ އިތުރުން ހެޕަޓައިޓިސް އޭ ވައިރަސް ހުރި މީހެއްގެ ލޭ އެޅުމާއި އެފަދަ މީހަކާ އެކު ޖިންސީ ގުޅުން ހިންގުމާއި ނުވަތަ އެފަދަ މީހެއްގެ ކުޅުގެ ޒަރިއްޔާއިން ވެސް އަނެކާ އަށް މި ބަލި ޖެހިދާނެ އެވެ. އާއްމު ގޮތެއްގައި މިބަލި ޖެހޭތާ ތިން ހަފުތާ އާއި ހަ ހަފުތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި މުޅިން ރަނގަޅުވެ އެވެ. ވަރަށް މަދު ހާލަތެއްގައި މެނުވީ މި ބަލީގެ ސަބަބުން ފުރާނަ އަށް ނުރައްކާވެގެން ނުދެ އެވެ. މިއީ މާބަނޑު މީހާގެ ފަރާތުން އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް ޖެހޭ ބައްޔެއް ނޫނެވެ. މި ބަލިން ސަލާމަތްވުމަށްޓަކައި ވީހާ ވެސް ބޮޑަަށް ސާފުތާހިރު ވާންވީ އެވެ. ރަނގަޅު ގޮތުގައި ޖިންސީ ގުޅުން ހިންގާށެވެ. ނުތާހިރު ފެން ބޭނުން ނުކުރާށެވެ. އަދި ރަނގަޅަށް ކައްކައި ރޯފިލުވައިގެން މެނުވީ ކާބޯތަކެތި ބޭނުން ނުކުރާށެވެ. އެހެނީ 10 މިނެޓް ވަންދެން ބޮކި ޖަހައި ކެކެންދެން ބަހައްޓައިފި ނަމަ މި ވައިރަސް މަރުވެދެ އެވެ.

ހެޕަޓައިޓިސް ބީ (އެޗްބީވީ)

މިއީ ހެޕަޓައިޓިސް ވައިރަސްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއްބާވަތުގެ ވައިރަހެވެ. ގާތްގަނޑަކަށް 220 މިލިޔަން މީހުން ވަނީ މިބަލީގެ ޝިކާރައަކަށް ވެފަ އެވެ. ދިވެހިރާއްޖޭގައި ވެސް މިބަލި ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރެވެ އެވެ. މި ބަލި ޖެހޭކަށް ވަކި އުމުރުފުރައެއް ނެތެވެ. މަންމަގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް ޖެހިދާނެ އެވެ. ނޫނީ ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމަށް ފަހުގައި ވެސް ޖެހިދާނެ އެވެ. މީހެއްގެ ގަޔަށް މި ވައިރަސް ހުރި ލޭ އެޅުމާއި، އެފަދަ މީހެއް ބޭނުންކުރާ ރޭޒަރު ނުވަތަ ކުރަފަތް ބޭނުން ކުރުމާއި، އެފަދަ މީހަކާ އެކު ޖިންސީ ގުޅުން ހިންގުމުން ނުވަތަ ތުންފަތަށް ބޮސްދިނުމުން ވެސް މި ނުރައްކާތެރި ވައިރަސް އަނެކާގެ ހަށިގަނޑަށް ވަދެ ހެޕަޓައިޓިސް ޖައްސަފާނެ އެވެ. އިންޖެކްޝަން ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރުމާއި، ޓެޓޫ ޖެހުމަކީ ވެސް ހެޕަޓައިޓިސް ޖެހިދާނެ ކަންކަމެވެ. އަދި އޮކިއުޕަންޗާ ފަދަ ކަންކަމުގައި، އެކަކަށް ބޭނުންކޮށްފައިވާ ކަށި އަނެކަކަށް ބޭނުންކުރުމުން ވެސް މިބަލިޖެހި އެކަކު ގައިން އަނެކަކު ގަޔަށް ފެތުރިދާނެ އެވެ.

ތުއްތުކުދިން ކުޅެން އުޅޭ އުޅުމުގައި، ވެއްޓި ނުވަތަ އެއްޗެއްގައި ޖެހި، ހަށިގަނޑުގެ ތަނެއް މަށައިގެން ގޮސް ނުވަތަ ކަނޑައިގެން ގޮސް އަންނަ ލޭ (ހެޕަޓައިޓިސް ހުރި ލެއެއް ނަމަ) އަނެއް ކުއްޖާގެ ގައިގައި އުނގުޅިދާދިއުމުގެ ސަބަބުން ވެސް ހެޕަޓައިޓިސް ފެތުރެން މެދުވެރިވެ އެވެ. އަދި ކުޅެން ގެންގުޅޭ ތަފާތު ވައްތަރުގެ ކުޅޭ ސާމާނުގެ ޒަރިއްޔާއިން ވެސް މި ބަލި ޖެހުމަކީ ވެދާނެކަމެކެވެ. އެހެނީ ހެޕަޓައިޓިސް ވައިރަސް ހަށިގަނޑުން ބޭރުވިޔަސް މަރުނުވެ ގިނައިރު ވަންދެން ކުޅޭ ސާމާނާއި އެހެނިހެން ތަކެއްޗާއި ތަންތަނުގައި ވެސް ހުރެދާނެ އެވެ. ވީމާ މިކަންކަމަށް ބެލެނިވެރިންނާއި މުދައްރިސުން ވެސް ސަމާލުވާންވާނެ އެވެ.

މީގެ އިތުރުން ދަތް އުނގުޅާ ބުރުހާއި އެކުއްޖެއްގެ ނުވަތަ އެމީހެއްގެ އަމިއްލަ ޒާތީ ސާމާނާއި ތަކެއްޗަށް ވެސް ވަރަށް ސަމާލުވާންވާނެ އެވެ. މީގެ މާނައަކީ އެހެން ކުދިންނާ އެކު ދަރިފުޅު ކުޅެން ނުފޮނުވުމެއް ވެސް ނޫނެވެ. އަދި ދަރިފުޅުގެ ކުޅޭތަކެތި އަނެއްކުއްޖާ ކުޅެލަން ނުދިނުމެއް ވެސް ނޫނެވެ. ނަމަވެސް އެއީ ހެޕަޓައިޓިސް ބީ ވެކްސިން ޖަހާފައިވާ ކުދިންތޯ ޔަގީންކުރުމެވެ. އެދަރިން ބަލަހައްޓައި ގެންގުޅޭ މައިންބަފައިންނަކީ ފާހިޝް އަމަލުތަކުން ދުރުވެފައިވާ އަދި މަސްތުވާތަކެތި ބޭނުން ނުކުރާ ބައެއްކަން ޔަގީންކުރުމެވެ.

މިބަލިން ސަލާމަތްވުމަށްޓަކައި ރައްކާތެރި ގޮތުގައި އަދި އިސްލާމް ދީން ހުއްދަކުރާ ގޮތަށް ޖިންސީ ގުޅުން ހިންގާށެވެ. ސާފުތާހިރުކަން އިސްކުރައްވާށެވެ. ހެޕަޓައިޓިސްއަށް ޓެސްޓް ކުރައްވާށެވެ. އަދި ހެޕަޓައިޓިސް ބީ ވެކްސިން ޖަހައި ޑޯޒް ފުރިހަމަ ކުރައްވާށެވެ. ލޭ އަޅާއިރު ރަނގަޅަށް ސްކްރީން ކުރައްވާށެވެ. އިތުބާރު ކުރެވޭ ތަނަކުން މެނުވީ ޞިއްހީ ފަރުވާ ނުހޯއްދަވާށެވެ. އެކަކު އަނެކެއްގެ ޒާތީ ތަކެތި ބޭނުން ނުކުރާށެވެ. ކަސްމަތި ޖެހުމާއި، ތުނބުޅި މަތިމަސް ބާލާއިރުގައި ބޭނުންކުރަނީ މުޅިން އާ ރޭޒަރު ތިލައެއްތޯ ޔަގީންކުރައްވާށެވެ. އޮކިއުޕަންޗާ ނުވަތަ ކަށި ހަރައިގެން ނުވަތަ ހިޖާމާ ފަރުވާ ހޯދާއިރު ބޭނުންކުރާ ކުރަފަތް އަދި ކައްޓަކީ މުޅިން އާ އެއްޗެހިތޯ ނުވަތަ ޖަރާސީމުތައް މަރާލާފައިވާ (ޑިސްއިންފެކްޓަޑް) ސާމާނުތޯ އަހައި ޔަގީންކުރާށެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ފާހިޝް އަމަލު ކުރުމާއި ޓެޓޫ ޖެހުން ހުއްޓާލަށެވެ.

ހެޕަޓައިޓިސްއަށް ޓެސްޓްކޮށް ބަލި ހުރިކަން މުޅިން ޔަގީންވެއްޖެ ނަމަ ސަމާލުވާށެވެ. ހަޔާތުގެ ބައިވެރިޔާ އާއި އެހެނިހެން ގާތް މީހުން ވެސް ޗެކްކުރާށެވެ. ޕޮސިޓިވްވި މީހުންގެ ހަށިގަނޑުގައި ވައިރަސް ހުރި މިންވަރު ދެނެގަންނާށެވެ. އެކަމަށްޓަކައި ފުރަމޭގެ ޚާއްޞަ ޑޮކްޓަރު ނުވަތަ ހެޕަޓޮލޮޖިސްޓަކަށް ދައްކާށެވެ. އަދި އެފަދަ ޑޮކްޓަރެއް ނެތް ނަމަ އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކަވާށެވެ. މަޝްވަރާ އާއި ލަފާ އަހައި ވިދާޅުވާ ގޮތަށް ފަރުވާ ކުރިޔަށް ގެންދަވާށެވެ. އެންޓިވައިރަލް ބޭސް ބޭނުންކުރަންޖެހިއްޖެ ނަމަ ގަވާއިދުން ބޭސް ބޭނުންކުރައްވާށެވެ. ނަމަވެސް މިހާރު މާކެޓުގައި ލިބެން ހުރި ބޭސްތަކަކީ ހަށިގަނޑުން އެ ވައިރަސް މުޅިން ފޮހެލާ ބޭސްތަކެއް ނޫނެވެ. އެ ބޭސްތަކުން ކޮށްދޭކަމަކީ ވައިރަސް ހުރި މިންވަރު ދަށްކޮށްދިނުމެވެ. ނަތީޖާއެއްގެ ގޮތުން ފުރަމޭ ހަލާކުވަމުންދާ ބާރުމިން ލަސްކުރުވަ އެވެ. އަދި އަނެކުންނަށް ފެތުރުމުގެ ފުރުޞަތު ކުޑަކޮށްދެ އެވެ.

ޞިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ކުއްލި ފަރުވާ އާއި ސަލާމަތްތެރިކަން ފޯރުކޮށްދޭ މީހުންނާއި، ޖަމާއަތްތެރިންނާއި، ކިޑުނީ ބަލީގައި ގިނަ ދުވަސް ވެފައިވާ ނުވަތަ ޑައިލިސިސް ހަދާ މީހުންނާއި، ލޭނުހިފާ (ހީމޯޕީލިއާ) ކުދިންނާއި މީހުންނާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެއްޖިންސުން ގުޅުން ހިންގާ މީހުން އަދި ހަށިވިއްކާ މީހުންނަށް ހެޕަޓައިޓިސް ބީ ޖެހުމުގެ ނުރައްކާ ބޮޑެވެ.

ހެޕަޓައިޓިސް ބީ އަކީ ނުރައްކާތެރި ބައްޔެކެވެ. ކުރިން ދެންނެވި 25 އަހަރުގެ ޒުވާނާގެ ފަރާތުން ފެނިފައިވާ އަލާމާތައް ނުފެނި ވެސް ހެޕަޓައިޓިސް ބީ ޖެހިފައި ހުރެދާނެ އެވެ. ނުވަތަ މި ބަލީގައި ދުވަސްތަކެއް ފާއިތުވުމުން އެފަދަ އަލާމާތްތަކެއް ފަހުން ވެސް ފެނިދާނެ އެވެ. މި ބަލީގައި ގިނަ ދުވަސް ވާވަރަކަށް ފުރަމޭގެ ކެންސަރަށް މަގުފަހިކުރުން ގާތެވެ. އެހެންކަމުން ބަލިޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ.

ހެޕަޓައިޓިސް ސީ (އެޗްސީވީ)

ރިކޯޑުތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 240 މިލިޔަން މީހުންނަށް ވަނީ މިބަލި ޖެހިފަ އެވެ. މިއީ ވެސް ނުރައްކާތެރި ބައްޔެކެވެ. ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް މިބަލި ޖެހިދާނެ އެވެ. މިބަލި ޖެހުމުން ފެންނަ އަލާމާތްތަކާއި ފެތުރޭ ގޮތަށް ބަލާއިރު އެހެނިހެން ހެޕަޓައިޓިސް ވައިރަސް ހަށިގަނޑަށް ވަނުމުން ފެންނަ އަލާމާތްތަކާ ދާދި އެއްގޮތެެވެ. އަދި ހެޕަޓައިޓިސް ބީ ފަދައިން މިބަލި ޖެހެން މެދުވެރިވާ ސަބަބުތަކާއި ފެތުރެން ދިމާވާ ގޮތްތައް ވެސް ދާދި އެއްގޮތެވެ. ވީމާ ހެޕަޓައިޓިސް ބީ އިން ރައްކާތެރިވުމަށް އަޅާ ގިނަ ފިޔަވަޅުތައް މިބަލިން ރައްކާތެރިވުމަށް ވެސް އެޅުން މުހިއްމެވެ. ތަފާތަކީ މި ބައްޔަށް އަދި ވެކްސިނެއް ހޯދިފައި ނެތްކަމެވެ. ނަމަވެސް ރަނގަޅު ބޭސް އުފެއްދިފައިވާކަން އެއީ އުފާވެރި ޚަބަރެކެވެ. އެހެނީ އެބޭސްތަކުން ހެޕަޓައިޓިސް ސީގެ ބައެއް ވައްތަރުތައް (ޖީނޯ ޓައިޕް 1 އަދި 2 ) ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ މީހުން، މިހާރު ރަނގަޅުވާކަން ވެސް ފާހަގަކުރެވެ އެވެ. ހެޕަޓައިޓިސް ސީ ވައިރަސްގެ ސަބަބުން ވެސް ފުރަމޭގެ ކެންސަރަށް މީހާ ހުށަހެޅިދެ އެވެ.

ހެޕަޓައިޓިސް ޑީ (އެޗްޑީވީ)

ހެޕަޓައިޓިސް ޑީ ނުވަތަ ޑެލްޓާ ވައިރަސް ވެސް ފުރަމޭގެ ކެންސަރަށް މަގުފަހިކުރެ އެވެ. ނަމަވެސް މިއީ އޭގެ ޒާތުގައި އެކަނި އަމިއްލައަށް ވިހައި ގިނަވެ އާލާވުމުގެ ގާބިލުކަން ހުރި ވައިރަހެއް ނޫނެވެ. އެހެންކަމުން ދަރިފަސްކޮޅު އިތުރުކުރުމަށްޓަކައި ހެޕަޓައިޓިސް ބީ ވައިރަސްގެ އެހީތެރިކަން ލިބުން މި ވައިރަހަށް ކޮންމެހެން މުހިއްމެވެ. މި ވައިރަސް ހަށިގަނޑަށް ވަދެއްޖެ ނަމަ ފެންނަ އަލާމާތްތަކާއި ފެތުރެން ދިމާވާ ކަންތައްތައް ހެޕަޓައިޓިސް ބީއާ މާ ބޮޑު ތަފާތެއް ނުހުރެ އެވެ. މި ވައިރަހަށް މިހާތަނަށް ވެކްސިނެއް ހޯދިފައެއްނުވެ އެވެ.

ހެޕަޓައިޓިސް އީ (އެޗްއީވީ)

މި ބައްޔަކީ ހެޕަޓައިޓިސް އޭއާ ދާދި އެއްގޮތް ބައްޔެކެވެ. އާއްމުގޮތެއްގައި މިބަލި ޖެހެނީ ތަގައްޔަރުވެފައި ހުންނަ ފެނާއި ކާނާ ބޭނުންކުރުމުންނެވެ. ޚާއްޞަކޮށް ކުއްތާ އާއި، އޫރާއި، މީދަލާއި ހިކަނދި ފަދަ ޖަނަވާރުގެ އަސަރު އެކުލެވޭ ފެން ބޭނުންކުރުމުންނެވެ. ނުވަތަ އެފަދަ އެއްޗެއްގެ މަސް ކެއުމުންނެވެ. ފޫކޮޅަށް އަތްލައި ކެހުމަށް ފަހު، ރަނގަޅަށް އަތް ނުދޮވެ އަނގަޔަށް އަތްލުމުގެ ސަބަބުން ވެސް މި ބަލި ޖެހިދާނެ އެވެ. ނަމަވެސް ޖިންސީ ގުޅުމުންނާއި، ލެޔާއި ލޭގެ މާއްދާތަކުންނާއި، މަންމަގެ ފަރާތުން ބަނޑުގައިވާ ދަރިފުޅަށް މިބަލި ޖެހޭ ކަމަކަށް ނުބެލެވެ އެވެ. މި ބައްޔަށް ވަނީ ވެކްސިނެއް ތައްޔާރުކޮށްފަ އެވެ. އަދި މި ވެކްސިން ކާމިޔާބުކަމާ އެކު ޗައިނާގައި އަންނަނީ ބޭނުންކުރަމުންނެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ހެޕަޓައިޓިސް މިވަނީ އާއްމުވާން ފަށާފަ އެވެ. ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގައި ހެޕަޓައިޓިސް ބީ ވެކްސިން ވަނީ ހިމަނާފަ އެވެ. ވީމާ ދިވެހި ތުއްތުކުދިންނަށް ހެޕަޓައިޓިސް ބީ ޖެހުމުގެ ފުރުޞަތު ކުޑަކަން ފާހަގަކުރަމެވެ. ނަމަވެސް ދޭސީ ބިދޭސީ ކައިވެނިތަކާއި، ގުޅުންތަކުގެ ސަބަބުން ހެޕަޓައިޓިސް ހަލުއިމިނެއްގައި ފެތުރިދާނެކަމުގެ ބިރު އެބަ އޮތެވެ. މާތްﷲ، އަޅުގަނޑުމެންގެ ރާއްޖެއަކީ ނުރައްކާތެރި ބަލިތަކުން ސަލާމަތްވެފައި ގައުމެއްކަމުގައި ލައްވާށިއެވެ. އާމީން ނޯޓް: މި ލިޔުމުގައި ބަޔާންކޮށްފައިވާ ވައިރަސްތައް ފިޔަވައި އެހެނިހެން ބައެއް ވައިރަސްތަކުން ވެސް ހެޕަޓައިޓިސް ޖެހިދާނެ އެވެ. އަދި ލޯ ރީނދޫވެފައިވާ ކޮންމެ މީހަކީ ހެޕަޓައިޓިސް ޖެހިފައިވާ މީހެއްކަމަށް ނުނިންމޭނެ އެވެ.

ޑރ. މުހައްމަދު ޒިޔާދު

ތ. ވޭމަންޑު އަށް އުފަން ޑރ. މުހައްމަދު ޒިޔާދަކީ ޗައިނާގެ ޑާލިއާން މެޑިކަލް ޔުނިވަސިޓީން އެމްބީބީއެސް ހައްދަވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ކިޔަވާ ވިދާޅުވި އިރު ސެލް ބައޮލޮޖީ މާއްދާ އިން 2008 ގައި މުޅި ޔުނިވަސިޓީން އެއް ވަނަ ހޯއްދެވި އެވެ. އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ކްރިސްޓިއަން މެޑިކަލް ކޮލެޖާއި ކަސްތުރުބާ މެޑިކަލް ކޮލެޖް އަދި އެމް.އެސް ރަމަޔާ މެޑިކަލް ކޮލެޖްގައި ތަމްރީން ހައްދަވައިފަ އެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެޑިކަލް ބައިން ހިންގާ ނޫސަންދާގަ އެވެ. އެމްއީއެސް އާއި ސިއެޗުއެސްއީގައި ތައުލީމް ހާސިލްކުރެއްވި އިރު އަދަބީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި އެވެ.