ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަކީ ފެންނަ ފެނުމަށް ކުރިއަރަމުންދާ، ނަމަވެސް ދުވަހެއް ދުވަހަކުން ބަލިކަށިވަމުންދާ ގައުމުގެ މުހިންމު ތަނބެކެވެ. މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އުދަރެސް އުސްވެ، ރިސޯޓުތައް ބިނާވަމުންދާއިރު، މި ބިނާތައް ކުރެހުމާއި ބިނާކުރުމުގެ ދިވެހި ގާބިލިއްޔަތު ދަނީ ނިޒާމީ ބަލިކަށިކަމެއްގެ ތެރެއަށް އަރަގުވަމުންނެވެ. ދެހާސް ފަސް ވަނަ އަހަރުގެ މެދުތެރޭގައި މި ސިނާއަތް 11 ޕަސެންޓަށް ކުރިއަރައި، ޖީޑީޕީގެ ހަ ޕަސެންޓު ހިއްސާކުރި ކަމުގައިވިޔަސް، މިއީ ހަމައެކަނި ބޭރުފުށުގެ ދަޅައެކެވެ.

ހަގީގަތަކީ، ބިޔަ މަޝްރޫއުތަކުން ދިވެހި ކޮންޓްރެކްޓަރުން ބާކީވެ، ބޭރުގެ ކުންފުނިތަކުގެ އަތްދަށުވެ، ދިވެހި ވިޔަފާރިތަކަށް ބާރުވެރިކަން ނުދެވޭ މާލީ ނިޒާމެއްގެ ތެރޭގައި އެ މީހުން ތަޅުލެވިފައިވާ ކަމެވެ.

އައު ބްރިޖެއް ނުވަތަ ހޮސްޕިޓަލެއް ހުޅުވޭއިރު، އަޅުގަނޑުމެން އުފާކުރަމެވެ. ނަމަވެސް، ފެންނަމުންދާ އެހެރަ ބޭރު ކުންފުނިތަކުގެ އުސް ކްރޭންތަކާއި މަސައްކަތްތެރިންގެ ބޮޑު ޕަސެންޓަކީ ބޭރު މީހުން ކަމަށް ވުމުން، ހިތްތަކުގައި އުފެދެނީ ބޮޑު ސުވާލެކެވެ.

މިއީ ހަމައެކަނި އަޅުގަޑުމެން ގައުމެއްގެ ހައިސިއްޔަތުން އޮތް ބިރުވެރި ކަމެއް ނޫނެވެ. މިއީ އިގުތިސާދީ ގޮތުން އޮތް ބޮޑު ގޮންޖެހުމެކެވެ. ސިޔާދަތީ ނުރައްކަލަކާ ކުރިމަތިވަމުންދާ ކަމުގެ ރަނގަބީލެކެވެ. އިގުތިސާދީ މައިނާރެއްގެ ބޮޑު ބައެއް ބޭރަށް ފޭދިގެންދާއިރު، އުމްރާނީ ތަރައްގީ އަށް ކުރާ ހަރަދުން ގައުމަށް ލިބެންޖެހޭ މަންފާ ދަނީ ބޭކާރުވަމުންނެވެ. މި ނާކާމިޔާބީގެ އަސްލަކީ ދިވެހިންގެ ހުނަރު ނެތުމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ރޭވުންތެރި އުސޫލުތަކާއި ފިޔަވަޅުތައް ނެތުމުގެ ނަތީޖާ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވެބްސައިޓްގައިވާ ތަފާސްހިސާބުތަކުން ހާމަވަނީ ކަންބޮޑުވާ މަންޒަރެކެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ރަޖިސްޓަރީ މިއަދު ވެފައިވަނީ ބޭނުން ނުކުރާ، ލައިސަންސްތަކެއް ވަޅުލެވިފައިވާ ތަނަކަށެވެ. އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ޖެނެރަލް ކޮންޓްރެކްޓަރުންގެ ގިންތި އެކެއް އަދި  ޖެނެރަލް ކޮންޓްރެކްޓަރުންގެ ގިންތި ދޭއް ގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކުންފުނިތަކަށް ވުރެ މުއްދަތު ހަމަވެފައިވާ ނުވަތަ ސައްހަ ނޫން ރަޖިސްޓްރޭޝަންތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. ސައްހަ ލައިސަންސް އޮތް ކުންފުނިތަކުގެ އަދަދު 1,900 އަށް ވުރެ މަދުއިރު، މުއްދަތު ހަމަވެފައިވާ ކުންފުނިތަކުގެ އަދަދު 2,200 އަށް ވުރެ މައްޗަށް އަރަ އެވެ.

ނަމެއްގައި ހުރި މިފަދަ ކުންފުނިތަކުން ދޭހަކޮށްދެނީ، ނިޒާމުގެ ތެރޭގައި އޮތް އިދާރީ އިހުމާލާއި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތުތައް އޮތް މިންވަރެވެ. ސުވާލަކީ، މިއީ ހަގީގަތުގައި ވެސް ހުއްޓިފައިވާ ވިޔަފާރިތަކެއް ހެއްޔެވެ؟ ނުވަތަ އުސޫލުން ބޭރުގެ ކުންފުނިތަކަށް ނަން ދީގެން ނާޖާއިޒު މަންފާ ހޯދަން މަޑުކޮށްގެން ތިބި "ޝެލް" ކުންފުނިތަކެއް ހެއްޔެވެ؟

މި ނިޒާމު އިސްލާހުކޮށް ގަވާއިދަށް ނުފެތޭ ކުންފުނިތައް އުވާލަންޖެހޭ ވަގުތު މާބޮޑަށް ވެސް ވަނީ ލަސްވެފަ އެވެ. ހަމައެކަނި ކަރުދާހުގައި އޮންނަ "ބާރުވެރިކަމެއްގެ" މައްޗަށް ހަރުދަނާ ސިނާއަތެއް އަދި ސިޔާސަތެއް ބިނާއެއް ނުކުރެވޭނެ އެވެ. ސަރުކާރުން އިސްކަންދޭންވީ، ހަގީގަތާ ހިލާފަށް އިތުރުވެފައިވާ މި ބޮޑު އަދަދަށް ވުރެ ބޮޑަށް، އަމަލީ ގޮތުން މަސައްކަތްކުރާ ކުންފުނިތައް ގަވާއިދަށް ފެއްތުމަށެވެ.

ލިޔުންތެރިޔާ
ލިޔުންތެރިޔާ

އިމާރާތްކުރުމުގެ ސިނާއަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހަރުދަނާ ގާނޫނީ އޮނިގަނޑަކީ އޭގެ މައިގަނޑު ބިންގަލެވެ.

މި ނިޒާމުގެ ތެރޭގައި ހުރި އުނިކަންކަމާއި ގޮންޖެހުންތައް ވަޒަންކުރުމަށްޓަކައި، ދިވެހިރާއްޖެ އާއި ބައިނަލްއަގުވާމީ މައިދާނުގައި މި ސިނާއަތް ބަލަހައްޓާ ރެގިއުލޭޓަރީ އުސޫލުތަކުގެ މެދުގައި ހުރި ފަރަގުތަކަށް ފުންކޮށް ނަޒަރު ހިންގާލުން ނުހަނު ބޭނުންތެރި އެވެ.

ލިޔުންތެރިޔާ
ލިޔުންތެރިޔާ

މަތީގައި ފެންނަ ދުނިޔޭގެ ގައުމުތަކުގެ ރެގިއުލޭޓަރީ ސިފަތަކުގެ ތަފާތުތަކުން ހާމަވާ ހިތާމަވެރި ހަގީގަތަކީ، އަޅާ ކިޔާލި އެހެން ގައުމުތަކާ ހިލާފަށް، މަސައްކަތަށް ފައިސާ ލިބޭނެކަން ގާނޫނީ ގޮތުން ކަށަވަރު ކޮށްދޭނެ ނިޒާމެއް ނެތް ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ ކަމެވެ. ސިންގަޕޫރާއި އިނގިރޭސި ވިލާތުގައި ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ނުހަނު އުނދަގޫ ކަމެކެވެ.

ނަމަވެސް، ދިވެހިރާއްޖޭގައި އެއީ އިދާރީ އާންމު އުސޫލެކެވެ. ސަރުކާރުން ދައްކަންޖެހޭ މިލިއަނުން ގުނޭ ފައިސާ ލަސްވުމުން، ބޭރުގެ ބޮޑެތި ކުންފުނިތަކަށް އެކަމުގެ ތަކުލީފު އުފުލިދާނެ އެވެ. އެކަމަކު، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއީ މަރެކެވެ. އެފަދަ ކުންފުނިތައް ބަނގުރޫޓުވެ، އިޔާދަނުކުރެވޭ ގެއްލުންތަކާ ކުރިމަތިވާނީއެވެ.

އިސްލާހީ ފިޔަވަޅު: ފައިސާ ދިނުން ކަށަވަރުކުރާ ގާނޫނެއް ހެދުން

ސިންގަޕޫރު ފަދައިން ފައިސާ ލިބުމުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ގާނޫނެއް ރާއްޖެ އަށް ބޭނުންވެ އެވެ. ސަރުކާރުން ފައިސާ ދިނުން ލަސްކޮށްފި ނަމަ އޭގެ ޖޫރިމަނާއާ އެކު، ފައިސާ ދޭންޖެހޭނެ ގޮތް ހަދަންޖެހެ އެވެ. މިއީ ދިވެހި ކޮންޓްރެކްޓަރުންނަށް އޮތް އެންމެ ބޮޑު ހިތްވަރަށް ވާނެ އެވެ.

ލިޔުންތެރިޔާ
ލިޔުންތެރިޔާ

އަޅުގަނޑުމެންގެ  ލޯކަލައިޒޭޝަން ސިޔާސަތަކީ އެއްވެސް ދިރުމެއް ނެތް، އޮޅުވާލަން ފަސޭހަ އުސޫލެކެވެ. ބޭރުގެ ކުންފުނިތަކަށް ފަސް މިލިއަން ޑޮލަރުގެ ހުރަހެއް އޮތް ނަމަވެސް މިއީ އިނގިރޭސި ވިލާތުގެ "ސޯޝަލް ވެލިއު" ނުވަތަ އިޖުތިމާއީ އަގުވަޒަން ކުރުމުގެ މޮޑެލްއާ ގާތްކުރާ ވަރުގެ ކަމެއް ވެސް ނޫނެވެ. އަޅުގަނޑުމެން ބޭރުގެ ކޮންޓްރެކްޓަރުން މަނާކުރާކަށް ނުޖެހެ އެވެ. އެކަމަކު، އެ މީހުން ރާއްޖެ އަށް ވަންނަން ވާނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ.

މެލޭޝިއާގެ ތަޖުރިބާއިން ދަސްވާ ފިލާވަޅަކީ، ހަމައެކަނި ކަރުދާހުގައި ދިވެހިންގެ ނަން އޮންނަ ކޮންޓްރެކްޓްތަކަށް ފުރުސަތު ދިނުމުގެ ނުރައްކަލެވެ. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ހިއްސާދާރުންގެ ގޮތުގައި ދިވެހިން ތިބުމެއް ނޫނެވެ. ބޮޑެތި މަޝްރޫއުތަކުގައި ދިވެހި ކުންފުނިތަކާ ގުޅިގެން މަސައްކަތްކޮށް، ފަންނީ ހުނަރާއި ޓެކްނޮލޮޖީ ރާއްޖެ އަށް ބަދަލުކުރުމަށް މަޖުބޫރުކުރާށެވެ.

އިސްލާހީ ފިޔަވަޅު: "އިޖުތިމާއީ މަންފާ" އަށް ބަލައި ޕްރޮކިއުމަންޓް ކުރިއަށް ގެންދިއުން

ޓެންޑަރުތައް ކާމިޔާބުކުރާ ފަރާތަކީ ހަމައެކަނި އެންމެ އަގުހެޔޮ ފަރާތަށް ވެގެން ނުވާނެ އެވެ. އިނގިރޭސި ވިލާތުގެ މޮޑެލް އަށް ބަލައި، ޓެންޑަރުގެ 20-30 ޕަސެންޓަކީ އިޖުތިމާއީ މަންފާއަށް (މީގެ ތެރޭގައި ދިވެހިން ތަމްރީނުކުރުން، ރާއްޖޭގެ އުފެއްދުންތައް ނުވަތަ ސަޕްލަޔަރުން ބޭނުންކުރުން، އަދި ރަށު ފެންވަރުގައި އިންވެސްޓްކުރުން) ބަލައިގެން ދެވޭ މާކްސް އަށް ހަދަންޖެހެ އެވެ. މީގެ ސަބަބުން ދިވެހި ކުންފުނިތަކަށް އިންސާފުވެރި ފުރުސަތެއް ލިބޭނެ އެވެ. އަދި މެޓީރިއަލް ދިރާސާކުރުމަށް މަގުފަހިވުމާއި އީޖާދު ކުރުމާއި ރާއްޖޭގައި ކޮންސްޓްރަކްޝަން އަށް ބޭނުންކުރާ ތަކެއްޗަށް ވެލިއު އިތުރުކުރުން ފަދަ އިޖާދީ ކަންކަމަށް މަގުފަހިކޮށްދޭނެ އެވެ.

ލިޔުންތެރިޔާ
ލިޔުންތެރިޔާ

ދިވެހިރާއްޖޭގައި މިހާރު އޮތް "މަސައްކަތްތެރިންގެ އަދަދަށް ބަރޯސާވާ" މޮޑެލްއަކީ އޮނިގަނޑުގެ ތެރެއިން އުފެދިފައިވާ ނުރައްކާތެރި ދަންތުރައެކެވެ. އަގުހެޔޮ ބޭރުގެ މަސައްކަތްތެރިންގެ ކޯޓާ އަށް ދެވިހިފާފައިވާ މިންވަރުން، އާ އީޖާދުތަކާއި ޓެކްނޮލޮޖީ އަށް އޮތް ޝައުގުވެރިކަން ވަނީ މަރުވެފަ އެވެ. މީގެ ސަބަބުން "ދިވެހިކުރުން" ނުވަތަ މޯލްޑިވިއަނައިޒޭޝަން އަކީ ހަމައެކަނި ކަރުދާހުގައި އޮތް ރީތި ޝިއާރަކެވެ.

މިއީ ސިންގަޕޫރާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގެ ވިސްނުމާ މުޅިން އިދިކޮޅު ގޮތެކެވެ. އެ ގައުމުތަކުގައި ބޮޑެތި ލެވީތަކާއި ހަރުކަށި އުސޫލުތަކުގެ ސަބަބުން، ހުނަރު ނެތް މަސައްކަތްތެރިން ގެންގުޅުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެކެވެ. އެހެންކަމުން، އަމިއްލަ މީހުން ތަމްރީނުކުރުމާއި އޮޓޮމޭޝަން ބޭނުންކުރުން އެ މީހުންނަށް ވަނީ މަޖުބޫރުވެފަ އެވެ. ދުނިޔޭގެ ގައުމުތަކުގައި ފަންނީ ހުނަރުވެރިން ހޯދުމަށާއި މެޝިނަރީ ބޭނުންކުރުމަށް ބާރުއަޅާއިރު، ދިވެހިރާއްޖެ އިން އަދިވެސް މި ފެންނަނީ ހަމައެކަނި "އަދަދު" އިތުރުކުރުމުގެ ބޯދާ އުސޫލެވެ.

މީގެ ސަބަބުން، އުޖޫރަ ކުޑަ އަދި އުފެއްދުންތެރިކަން ދަށް ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވުމުގެ ނުބައި ބުރުގެ ތެރޭގައި އަޅުގަނޑުމެން މިދަނީ ބަނދެވުން އިތުރުވަމުންނެވެ.

އިސްލާހީ ފިޔަވަޅު: ލެވީ ސިސްޓަމާއި ޓެކްނޮލޮޖީ

ހުނަރު ނެތް ބޭރުގެ މަސައްކަތްތެރިން ގެނައުމަށް އޮތް ބަރޯސާވުން މަދުކުރަމުން ގޮސް ނިމުމަކަށް ގެންނަންޖެހެ އެވެ. ސިންގަޕޫރުގެ މޮޑެލްއާ އެއްގޮތަށް ބޭރު މީހުންގެ ލެވީ ބޮޑުކޮށް، އެ ފައިސާއިން ދިވެހި ކުންފުނިތަކަށް ޒަމާނީ މެޝިނަރީ އާއި ޓެކްނޮލޮޖީ ހޯދުމަށް އެހީތެރިވާންޖެހެ އެވެ. ދިވެހި ކޮންޓްރެކްޓަރަކު 10 މަސައްކަތްތެރިންގެ ބަދަލުގައި މެޝިނެއް ބޭނުންކުރަން ފަށާ ނަމަ ދައުލަތުން އެކަމަށް މާލީ އެހީތެރިކަން ދޭންޖެހެ އެވެ. މިފަދަ އެތައް ކަމަކީ މިފަދަ އުސޫލުން ވާގިވެރިވެދޭނެ ކަންކަމެވެ.

ލިޔުންތެރިޔާ
ލިޔުންތެރިޔާ

އިސްތިރާޖީ ގޮތުން ބަލާއިރު، އަޅުގަނޑުމެންނަށް ޖެހިފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތް "ލެސޭ-ފެއާ" ނުވަތަ ދޫކޮށްލެވިފައިވާ ކުރު ވިސްނުމުގެ ބައްޔެކެވެ. ބޭރުގެ ކުންފުނިތަކުން ހިންގާ ބޮޑެތި މަޝްރޫއުތައް އަވަހަށް ނިންމާލުމަށް ދޭ އިސްކަން، އަމިއްލަ ގައުމީ ގާބިލިއްޔަތު ބިނާކުރުމަށް ނުދެވެ އެވެ.

މެލޭޝިއާ އިން އަމިއްލަ ވިޔަފާރިވެރިން އުފެއްދުމަށް ހާއްސަ ސިޔާސަތުތަކެއް ގެންގުޅޭއިރު، ސިންގަޕޫރާއި އިނގިރޭސި ވިލާތުން ދަނީ ޒަމާނީ ޓެކްނޮލޮޖީ އަދި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް އެ މީހުންގެ ސިނާއަތް ބަދަލުކުރަމުންނެވެ. ނަމަވެސް، އަޅުގަނޑުމެން އަދިވެސް އިމާރާތްކުރުމުގެ ދާއިރާއާ ދޭތެރޭ ދެކެނީ ހަމައެކަނި ޕްރޮޖެކްޓެއް ހިންގުމުގެ ވިސްނުމުންނެވެ.

ތަރައްގީވެފައިވާ ގައުމުތަކުން މުސްތަގުބަލަށްޓަކައި އެ މީހުންގެ ސިނާއަތްތައް ޑިޖިޓަލްކޮށް ހަރުދަނާކުރާއިރު، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ އަދިވެސް އޮތީ އަތުން ކުރާ މަސައްކަތަށް ބަރޯސާވެ، އިސްތިރާޖީ ގޮތުން ފަހަތުގަ އެވެ. މީގެ ސަބަބުން، އަމިއްލަ ސިނާއީ ބިންގަލެއް އެޅުމަށް ލިބޭ ފުރުސަތުތައް އަޅުގަނޑުމެންނަށް މިދަނީ ގެއްލެމުންނެވެ.

އިސްލާހީ ފިޔަވަޅު: ގައުމީ އިސްތިރާޖީ ޕްލޭނެއް އެކުލަވާލުން

މި ދާއިރާ ތަރައްގީ ވެފައިވާ އިގުތިސާދުތަކާ އެއްވަރު ކުރުމަށްޓަކައި، ދިވެހި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ ވިސްނުން ހަމައެކަނި "މަޝްރޫއެއް" ނިންމާލުމުގެ ވިސްނުމުން ދުރަށް ގޮސް، މުޅި "ސިނާއަތް" ބިނާކުރުމުގެ ވިސްނުމަކަށް ބަދަލުވާންޖެހެ އެވެ. މިކަން ރަނގަޅު ގޮތުގައި ކުރުމަށް ގައުމީ އިސްތިރާޖީ ޕްލޭނެއް އެކުލަވާލާ، އެ ޕްލޭނަށް ގާނޫނީ ބަރުވެރިކަން ދިނުމަކީ މި ސިނާއަތުގެ މިސްރާބު ބަދަލުކޮށްދޭނެ ކަމެކެވެ.

މާލީ ދުޅަހެޔޮކަމާ އެއް ހަމައެއްގައި ޕްރޮޖެކްޓްތައް ހިންގަން ޖެހޭ

ސަރުކާރު ޕްރޮޖެކްޓްތައް ހިންގުމުގައި ގައުމީ ތަރައްގީގެ ޕްލޭނަކަށް އަމަލު ކުރަންޖެހެ އެވެ. ގާނޫނުން މިކަން ލާޒިމްކުރަންޖެހެ އެވެ. އަޅުގަނޑުމެންނަށް މާލީ ދުޅަހެޔޮކަން ލިބެން އޮތީ ދައުލަތުގެ ފައިސާ އިސްރާފު ނުވާނެ ގޮތަކަށް، ތަރައްގީގެ މަޝްރޫއުތައް ހިންގައިގެންނެވެ. މި ފިޔަވަޅު ނާޅާއި، އަންނަ ކޮންމެ ސަރުކާރަކުން ޖެހޭނީ ސިޔާސީ ސަބަބުތަކަށް ޓަކައި ނެތް ފައިސާ އިން ޕްރޮޖެކްޓްތައް ހިންގާށެވެ. ބޭރުގެ ޤައުމުތަކުން ދޭ ލޯނުތައް ހުށަހަޅާ ކޮންމެ ޝަރުތުތަކާއެކު ޤަބޫލުކޮށް ބޭރުގެ ކުންފުނިތަކަށް ދީގެން ޕްރޮޖެކްޓް ހިންގާށެވެ.

ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް މިއަދު އޮތީ ނާޒުކު ފާލެއްގެ މަތީގަ އެވެ. އަޅުގަނޑުމެންނަށް އޮތީ ދެ ގޮތެކެވެ. އެއީ އެހެން ބަޔަކު ރާއްޖެ ބިނާކުރަން ދޫކޮށްލުމެވެ. ނުވަތަ ދިވެހި ބިނާވެރިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގާނޫނީ އޮނިގަނޑެއް ބިނާކުރުމެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ގާބިލިއްޔަތުން ގައުމު ބިނާކޮށް، ރާއްޖޭން ބޭރުގައި ވެސް ޕްރޮޖެކްޓްތައް ހިންގޭ ފަދަ ބަޔަކަށް ދިވެހިން ވުމެވެ. މިއީ ސިޔާސީ ނިންމުމެކެވެ. އަދި މިއީ ގައުމީ ވާޖިބެކެވެ. 

ލިޔުންތެރިޔާ:

އަނިލް އާދަމްއަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.