ރާއްޖޭގެ ތަރައްގީގެ ކުރިމަގަށް ނަޒަރު ހިންގަވާ ދިރާސާ ކުރައްވާ ބޭފުޅުން ސިންގަޕޫރު އެއީ މިސާލެއްގެ ގޮތުގައި އަދި އެންމެ ބޮޑަށް ތަރައްގީ ވެފައިވާ ގައުމުތަކުގެ މިންގަނޑަށް ވާސިލްވުމަށް ސިންގަޕޫރު ކުރި ދަތުރުގެ ފިލާވަޅުތައް އަޅުގަނޑުމެން ބަލައިގަންނާން ވާނެ ކަމުގައި ވިދާޅުވެ އެވެ. އެ ލަނޑުދަނޑި އެ ގައުމަށް ހާސިލް ކުރެވުނީ ވަރަށް ވަރުގަދަ ލީޑަރެއްގެ ނުގުޑާ ފަދަ އަޒުމަކާއި ހިތްވަރުން ރުކުރުވާލި ޕްލޭންތަކަކަށް ވަރަށް ސާބިތުކަމާ އެކީ އަމަލު ކުރެވުމުންނެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް އަޅުގަނޑުމެން އެދިއެދި ތިބި ލީކުއާންޔޫ ފަދަ ހިތްވަރުފުޅު ގަދަ ނުގުޑާ އަޒުމެއްގެ ވެރި ލީޑަރެއް މިހާރު މި ވަނީ ލިބިފަ އެވެ.
އެ ބޭފުޅަކީ 2023 ގައި ރާއްޖޭގެ މަލްޓި ޕާޓީ އިންތިހާބު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު އެވެ. ލީކުއާންޔޫ ފަދައިން ޑރ. މުއިއްޒު މިވަނީ ދިވެހިރާއްޖެ އަށް ވަރަށް ފުރިހަމަ ތަސައްވުރެއް (ވިޝަނެއް) ކުރައްސަވައިފަ އެވެ. އަދި އެ ވިޝަނަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތްތަކުގެ ބިންގާ އަޅުއްވާން ފައްޓަވައިފަ އެވެ. އާދެ! ދިވެހިރާއްޖެއަކީ 2040 ވަނަ އަހަރު އަންނައިރު އެންމެ ބޮޑަށް ތަރައްގީ ވެފައިވާ ގައުމެއްގެ ގޮތުގައި ހިމެނިގެން ދިއުމުގެ ވިޝަނަކީ އެ މަނިކުފާނު ވަރަށް ސާބިތުކަމާއެކީ ރާއްޖޭގެ ރައްޔިތުންނަށް ދައްކަވާ ކުރިމަގެވެ.
ސިންގަޕޫރު ނޫނީ އެހެން ގައުމެއްގެ ވެސް ކުރިމަގަށް މިފަދަ ތަސައްވުރެއް ހުށަހަޅުއްވާ ކޮންމެ ލީޑަރަކަށް ކުރިއަށް ވަޑައިގަތުމުގެ ރޭވުންތެރިކަމަށް ވާސިލްވުމުގައި ގައުމުގެ ތާރީހު އަދި އެ ގައުމެއްގައި އޮތް ކޮންސްޓިޓިއުޝަނަލް ކަލްޗާ އެ ތާރީހުގައި އަދާކުރި ދައުރަށް ފުންކޮށް ބަލާ ދިރާސާ ކުރެ އެވެ.
ރާއްޖޭގެ ތާރީހު ދައްކާ ގޮތުން ޒަމާނުއްސުރެ ހިގަމުން އައިސްފައި އޮތީ ރަސްކަމުގެ ނިޒާމެކެވެ. އެހެންކަމުން ރާއްޖޭގެ މީހުންގެ ސިޔާސީ ވިސްނުން ފެށުނީއްސުރެ ބައްޓަން ވެފައި ހުރީ ރަސްކަލެއްގެ ވިސްނުންފުޅުން ރާއްޖެ އަށް ހެޔޮ ނަފާ ހޯދޭނެ ކަމުގެ އިތުބާރު އެ ވެރި މީހާއަށް އަރުވާ ބީދައަކުންނެވެ.
ރަސްކަމެއްގެ ތެރޭގައި ދިވެހިރާއްޖެ އަށް ދައުލަތުގެ ވެރިކަން ހިންގާނެ ގޮތުގެ ލިޔެވިފައިވާ ގާނޫނުއަސާސީއެއް އެންމެ ފުރަތަމަ ފަހަރަށް ވުޖޫދު ކުރެވުނީ 1932 ވަނަ އަހަރު އެވެ. އެ ދުސްތޫރަށް ވާސިލްވުމުގައި ވެރިއަކަށް ހުންނެވި ޝަމްސުއްދީން ރަދުން III އަކީ 1902 އިން ފެށިގެން ރާއްޖޭގެ ތަހުތުގައި ރެދަލި ކުރައްވަމުން ގެންދެވި ރަދުންނެވެ.
1900-2000 ގެ ގަރުނުގެ ރާއްޖޭގެ ތާރީހަށް ނަޒަރު ހިންގާލާއިރު ރާއްޖޭގެ ދުސްތޫރީ ހަޔާތަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި އެއް ބޭފުޅަކީ އަބްދުލްމަޖީދު ދީދީ ނުވަތަ ފަހުން އައްސުލްޓާންގެ ލަގަބު އެރުވުނު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ޝަމްސުއްދީން ރަދުންނަށް 1902 ގައި ވެރިކަން ހޯއްދަވައި ދެއްވުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅަކީ ވެސް އެއީ އެވެ. ނަވާރަސަތޭކަ ތިރީސް ދެވަނަ އަހަރު ލިޔެވިގެން ދިޔަ ފުރަތަމަ ގާނޫނުއަސާސީ ބައްޓަން ކުރުމުގައި ވަރަށް އިސްކޮށް ދައުލަތަށް އެޑްވައިސް އެރުއްވި މުޝީރަކީ ވެސް އެއީ އެވެ. އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ނުފޫޒު އެ ކިލެގެފާނު އަވަހާރަވުމާ ހަމައަށް އާދެ! ކުރު ގޮތަކަށް ދަންނަވާނަމަ ގަރުނުގެ ފުރަތަމަ 50 އަހަރު ރާއްޖޭގެ ތާރީހުގައި އެކުލަވާލެވުނު ތިން ގާނޫނުއަސާސީއަށް ފޭއްދިގެން ދިޔަ އެވެ.
ނަވާރަސަތޭކަ ތިރީސް ދެވަނަ އަހަރުގެ ފުރަތަމަ ގާނޫނުއަސާސީ އާއި 1956 ގައި އެކުލަވައިލެވުނު ގާނޫނުއަސާސީއަކީ މި ދާއިރާގެ މާހިރުންގެ ނަޒަރުގައި ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި "ފައުންޑޭޝަނަލް ކޮންސްޓިޓިއުޝަން" ތަކެކެވެ. އޭގެ މާނައަކީ އެއީ ގައުމެއްގެ ތަރައްގީގެ ރާސްތާގައި ދެވަނައެއް ނެތް ފަދަ ބިންގާތަކެއް ކަމުގަ އެވެ.
ކޮންމެ ގައުމެއްގެ ވެސް ދުސްތޫރަށް މިފަދަ ބިންގާތަކެއް އަޅަނީ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ގެނެސް ދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުގަ އެވެ. މިއިން ކޮންމެ ގާނޫނުއަސާސީއަކުން ވެސް ވެރިއަކަށް ހުންނަވާ ވަލީއުލް އަމުރަކަށް ތަރައްގީގެ "ފިލްމެއް" ކުޅޭން ނުވަތަ ކުޅިމަގު ރާވާލުމުގެ ގޭމް ބޯޑެއް ލިބެއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ތަރައްގީ އަށް އަމާޒުކޮށް ދުސްތޫރީ ގޭމްބޯޑެއްގައި ކުޅިބައި އަތުރުއްވާ ފުރަތަމަ ގޭމް ޕްލޭނެއް ރޭވިގެން ދިޔައީ 1932 ވަނަ އަހަރު ޝަމްސުއްދީން ރަދުންގެ މޭސްތިރި ކަމުގައެވެ. ގާނޫނު އަސާސީއާ އެކު އުފެދުނު ރައްޔިތުންގެ މަޖިލީހުން ފާސްކުރި 17 ވަރަކަށް ގާނޫނުގެ ތެރެއިން ގިނަ ގާނޫނަށް ރައްޔިތުން އިންކާރުކޮށް ހޯހޯ ގޮވި އެވެ.
ނަތީޖާއަކަށްވީ އެ ރަދުންގެ ނިމުން ވަރަށް ހިތި ގޮތަކަށް ރައްޔިތުން ކުރިމަތި ކުރުމެވެ. އެއީ ތަރައްގީގެ ފިލްމުގެ ވަރަށް އަސަރު ކުރުވަނިވި ފެށުމެކެވެ. ނުބައިބައި ކުޅުނު މީހުންނާއި އެ ރަދުންނާއި ބައިއަތު ހިއްޕަވާ މުދަލާއި ކާބޯތަކެއްޗާއި ރުފިޔާ ގޯނިތައް ގާތްކޮށް ދެއްވި ގުޅީ އީސާ ކަލޭފާނު ވެސް ހިލިހިލާ ޖަހާ ހުރަގެއަށް ލެވުނެވެ.
ނަވާރަސަތޭކަ ތިރީސް ހަތަރުވަނަ އަހަރު ގާނޫނުއަސާސީއަށް ބަދަލު ގެނެސްދެން ވެރިކަމުގެ ތަހުތަށް ވަޑައިގެންނެވި ރަދުންނަށް ލަފާ އެރުއްވި މުޝީރަކީ ހަމަ އަބްދުލްމަޖީދު ދީދީ އެވެ. ފިލްމުގެ ދެވަނަ ބައި ފެށިގެން ކުރިއަށް ދިއުމުގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް އަސަރު ގަދަ މަންޒަރެއް އަތުވެއްޖެ އެވެ. ރަދުންނެއްގެ ރަސްކަމުގެ ހަޔާތެއް ނިމުމަކަށް އައީ އިސްތިއުފާ އަކުންނެވެ. ފިލަމު ދެން ކުރިއަށް ގެންދެވުނީ އެހެން ބަތޮލުންނާއި އެކުގައެވެ.
ކޮންމެއަކަސް ދުނިޔޭގެ އޮޔާއި ވައި ރާއްޖޭގެ ކަންކޮޅުތަކަށް ވެސް ފޯރި އެވެ. އަބްދުލްމަޖީދު ދީދީގެ އެންމެ ބާރުގަދަ އެއް ދަރިކަލުން ކަމުގައިވާ ހަސަން ފަރީދު ދީދީ ދެވަނަ ބޮޑު ހަގުރާމައިގައި މަނަވަރަކަށް ދެވުނު ޓޯޕީޑޯ ހަމަލާއެއްގައި ގެއްލިވަޑައިގަތުމާ އެކު އަނެއްކާ ވެސް ފިލްމުގެ އަސަރުގަދަ ހިސާބެއް ދައްކުވައި ދީފި އެވެ. އެ މާތް ބައްޕާފުޅަށް ކުރިމަތިވި ހިތާމައިގާ ފިލްމުގެ ބެލުންތެރިން ރޮއްވާލި އެވެ. ދެން 1950 ގެ އަހަރުތަކުގެ ކުރީކޮޅު މުޅީން އައު ތަރައްގީގެ އޮއިވަރެއް ރާއްޖޭގައި ހިގައިގަތުމާ އެކު އަނެއްކާ ވެސް އައު ގާނޫނުއަސާސީއެއް ގެނުވީ އެވެ. އައުބަތޮލެއް އާދެ! ވަލީއުލްއަމްރު އަލް އަމީރު މުހައްމަދު އަމީން ދީދީ ފިލްމުގެ ދެން އޮތްބައި އައު ރޫހެއްގައި ހިފެހެއްޓެވި އެވެ.
ކުރިން އިޝާރާތް ކުރި ގަރުނުގެ ދެވަނަ ބައިގައި ބަތޮލެއްގެ ބައި ވަރަށް އުންމީދީ ޖޯޝަކާ އެކު ވެސް އަމީން ދީދީ އަށް ކުޅުއްވުނީ ނުހަނު ގިނަ ޗެލެންޖުތަކާ އެކުގަ އެވެ. ނުބައިބައި ކުޅުއްވި އެތައް އެކްޓަރުންނެއްގެ އެހީގައި މި ބަތޮލުގެ ނިމުމުން ވެސް ބެލުންތެރީން ރޮއްވާލި އެވެ.
އަމީން ދީދީގެ ބަތޮލު ކަމުގައި ސިޔާސީ ޕާޓީ އާއި މަތިގެ އާއި ތިރިގެ އެކުލެވޭ ރައްޔިތުންގެ މަޖިލިސް އަދި ވަރަށް ޝަހުސިއްޔަތު ވަރުގަދަ އަންހެން ބޭފުޅުންތަކެއްގެ ދައުރު ސިޔާސީ ގެމް ބޯޑް އިން ފެނިގެން ދިޔަ އެވެ. ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ އެންމެ އަނދިރި މަންޒަރު ތަހައްމަލު ކުރެއްވި އަމީން ދީދީ އަށް ހިތްދަތި ނިމުމެއް އައުމާއެކު އެ ދައުރުގައި ފިލްމުގެ އެ ހިސާބުން ސަޕޯޓިން އެކްޓަރެއްގެ ބައިގައި އިބްރާހީމް ނާސިރު ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި ރާއްޖޭގެ ޒަމާނުއްސުރެ އޮތް ރަސްކަން އުވި އެހެން ގާނޫނު އަސާސީއަކުން ކުޅިމަގު ރޭވިއްޖެ އެވެ.
ގަރުނުގެ ދެން އޮތް ބައިގައި ބަތޮލު ނާސިރު ކުޅުއްވީ ބެލުންތެރިންގެ ހިތްތަކުގެ ވިންދު އަވަސްކޮށްލަނިވި މަންޒަރު ތަކެކެވެ. މަތިގެ އާއި ތިރިގެ އަދި ސިޔާސީ ޕާޓީ އެއީ ރައީސް ނާސިރު އެހާ އިސްކަން ދެއްވި "ކުޅި" ތަކެއް ނޫނެވެ. ރާއްޖޭގައި އޭރު އުފެދިފައި އޮތް ހަމައެކަނި ސިޔާށީ ޕާޓީ ތޮޅިއަށް ދިޔައީ އެވެ. އެކަން ވާނީ ވެސް އެހެނެވެ. އެއީ އަޅުގަނޑު ކުރިން ދެންނެވި ފަދައިން ދިވެހީންގެ ސިޔާސީ ވިސްނުން ނުވަތަ ކޮންސްޓިޓިއުޝަނަލް ކަލްޗަރ ޒަމާނުއްސުރެ ބައްޓަން ވެފައި މި ހުރީ އެއް ވެރިއެއްގެ ދަށުން ކަންކަން ތަރުތީބު ކުރާ އުސޫލުން ކަމުގައި ހަމަކަށަވަރުން ވެސް ވާތީ އެވެ.
އެންމެ ރީތި ހިސާބަށް މިވާގޮތަކީ ފިލްމުގައި ހިތާމައިގެ ވަގުތުތަކާއި ޖަޒުބާތުގެ ހުޅުކޮޅުތަކާއި ޖަލުތަކުގެ ތޭރިތައް ދައްކުވައިދޭ އަދި ގަބޫލުކުރަން ދަތި މަރުތަކާއި އަނިޔާ އާއި ވޭން އެޅުމުގެ ބައިތައް ނިމި ދެން އޮންނާނީ ނެށުމާއި އުފާފާޅު ކުރުމުގެ ބައިތައް ކަމުގައި ވާތީ އެވެ.
ވިންދު އަވަސް ކުރުވަނިވި ބައިތަކަކަށް ފަހު، ގަރުނުގެ ދެން އޮތް ބައި އާދެ! ފަހުގެ ފަންސަވީހަކަށް އަހަރު ތަމްސީލު ކުރެއްވުމަށް އެހެން ބަތޮލެއް ހަރަކާތްތެރިވެ ވަޑައިގަންނަވާން ފެއްޓެވި އެވެ. މައުމޫން އަބްދުލްގައްޔޫމެވެ. އިލްމުވެރި އިންޓެލެކްޗުއަލް ބޭފުޅެކެވެ. ސްލޯމޯޝަންގައި ގާނޫނުއަސާސީއެއް ރުކުރުވާން ފައްޓަވާ ފިލްމު ދިގުދަންމަވާލެއްވި އެވެ. މާދިގުވެގެން ދިއުމާ އެކު، ބެލުންތެރިން ފޫހިވީ އެވެ. ފޫހިކަމުގެ ތެރެއިން އަނެއްކާ ވެސް ބަވަނަވި ދުނިޔެއެއްގައި ސިޔާސީ ކަންކަން ކުރާންވީ ގޮތް ބުނެދޭނެ އެހެން އެކްޓަރުންތަކެއް ފެންނާން ފެށި އެވެ. މަތިގެ އާއި ތިރިގެ އުފެދިގެން ނުދިޔަސް ސިޔާސީ ޕާޓީތައް މަދަކަ ބައިވަރެއް ނޫން އުފެދި، އެކްޓަރުން ކޮޅުކޮޅު މައްޗަށް ދުވި އެވެ. އެ ހިސާބުން ފިލްމަށް އިންޓޯލް ގަޑި ޖެހުނީ އެވެ.
ސިޔާސީ ޕާޓީތަކާއެކު ދެން ފެށުނީ ފިލްމުގެ އައު ބައެކެވެ. މި ބައިގައި ފުރަތަމަ ބަތޮލަކަށް ހަރަކާތްތެރިވީ ބޮޑާ ކަމާއި ކިބުރުވެރިކަމާއި ތަކައްބުރު ކަމެއް ކުޑަކޮށް ވެސް ނެތް މުހައްމަދު ނަޝީދެވެ. ތަޅާފޮޅުންގަނޑެއްގެ ތެރެއިން އެ ބަތޮލުގެ ރޯލަށް ވެސް އަވަސް ނިމުމެއް އަތުވެއްޖެއެވެ. ފިލްމު އެހާ ހިސާބުން ވަރަށް އިންޓްރެސްޓިން ވެއްޖެ އެވެ. "ވަހީދު ކަމް އެންޑް ވަހީދު ގޯ" އަށް ފަހު ފާސްޓް އެންޑް ސްލޯ މޫވިން އެކްޓިން ދައްކުވައިދެއްވި ބަތޮލުންގެ ބައި އަދާކުރެއްވީ ރައީސް އަބްދުﷲ ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮންމެ ފިލްމެއްގައި ވެސް ފަހު ތަޅާލުންގަނޑު އެއީ ނޭވާ ހިފަހައްޓާލަންޖެހޭ ވަގުތުކޮޅެކެވެ. އެކަން ވެސް ނިމިއްޖެ އެވެ. އެތައް ގޮޅިއަކުން ކުޅިމަގު ހިގާގޮތް ރޭވުންތެރިކަމާ އެކު، ސިކުނޑިފުޅަށް ނަންގަވާ އެތައް ސަޕޯޓިން އެކްޓަރުންގެ ވެސް ކުޅަދާނަ އެކްޓިންއާ އެކު ދެން ލީޑް އެކްޓަރެއްގެ ބައި ނެންގެވީ އަނެއްކާ ވެސް މޮޅު އިންޓެލެކްޗުއަލް އަދި ޓެކްނޯކްރެޓިކް ބޭފުޅެކެވެ.
ލީކުއާންޔޫއޭ އެއްފަދައިން ނޫކަށި ފުރައިގެ އުމުރުފުޅުގައި ސިޔާސީ ތަޖުރިބާ ލިބިވަޑައިގެން، ޒުވާންކަމުގެ ޖޯޝުގައި ބާރު ސްޕީޑެއްގައި އަވަސް ހިންގެވުމެއް ހިންގަވާ ވަޑައިގަންނަވާ ރައީސް މުއިއްޒު އެވެ. އެ މަނިމުފާނަށް ލިބިވަޑައިގެންނެވީ ފިލްމުގެ އެންމެ ރީތި ހިސާބުގައި ބަތޮލެއްގެ ބައި އަދާކުރެއްވުމުގެ މަތިވެރި ނަސީބެވެ.
އެންމެ ރީތި ހިސާބަށް މިވާގޮތަކީ ފިލްމުގައި ހިތާމައިގެ ވަގުތުތަކާއި ޖަޒުބާތުގެ ހުޅުކޮޅުތަކާއި ޖަލުތަކުގެ ތޭރިތައް ދައްކުވައިދޭ އަދި ގަބޫލުކުރަން ދަތި މަރުތަކާއި އަނިޔާ އާއި ވޭން އެޅުމުގެ ބައިތައް ނިމި ދެން އޮންނާނީ ނެށުމާއި އުފާފާޅު ކުރުމުގެ ބައިތައް ކަމުގައި ވާތީ އެވެ.
ޑރ. މުއިއްޒަށް ކުޅިބައި އެތުރުއްވުމުގައި ހާސްކަމެއް ނެތެވެ. ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ ތިންވަނަ "ފައުންޑޭޝަނަލް ކޮންސްޓިޓިއުޝަން" އާދެ! މި ހިނގާ 2008 ވަނަ އަހަރު ފާސްކުރި ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ގާނޫނުއަސާސީ މިހާރު މިވަނީ ހަރު ހިސާބެއްގައި ޖެހިފަ އެވެ. އަދި އެ "ގޭމް ބޯޑް" ގެ އެހީގައި ތަރައްގީގެ ފިލްމު ވަނީ ރާއްޖޭގެ ކަންކޮޅުތަކަށް ނިސްބަތްވާ ގިނަ ރައްޔިތުންތަކަކަށް ފެންނާން ފަށައިފަ އެވެ. ކުރީގައި ކޮންޓްރޯލް ކުރި ކިތަންމެ ކަމެއްގެ އަސަރު މިހާރު މިވަނީ ކޮންޓްރޯލް ކުރެވިގެން ނަމަވެސް ގިނަ ބަޔަކަށް ފޯރާން ފަށައިފަ އެވެ. އެހެން ފިލްމެއް ޕްރޮޑިއުސް ކުރުމުގެ ބޭނުމެއް ނެތެވެ.
ނޯޓް:
މި އާޓިކަލް ލިޔުއްވި ޑރ. މަރިޔަމް ޒުލްފާ އަކީ މެލްބަން ޔުނިވާސިޓީގެ މެލްބަން ފޯރަމްގެ މެމްބަރެކެވެ. އެ ފޯރަމަކީ ގައުމުތަކުގެ ގާނޫނުއަސާސާ ދިރާސާކުރާ ގްރޫޕެކެވެ.
ޑރ. ޒުލްފާ ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި މި ފަހުން އެލްޖީއޭގެ ސީއީއޯ ކަން ވެސް ކުރެއްވި ޑރ. ޒުލްފާ އަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.