ސިންގަޕޫރުގެ ތަޖުރިބާކާރު ފަނޑިޔާރުން ހިމަނައިގެން ރާއްޖޭގައި ހާއްސަ ކޮމާޝަލް ކޯޓުތަކެއް އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ހުށަހެޅުއްވި ހުށަހެޅުއްވުމަކީ، ރާއްޖޭގައި އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމާ ބެހޭގޮތުންނާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި އެ މަނިކުފާނުގެ މާޒީއަށް ބަލާއިރު ސީރިއަސް އެތައް ސުވާލުތަކެއް އުފެދޭ ކަމެކެވެ. 

މިއާއެކު، އުފެދޭ އެންމެ އަސާސީ ސުވާލަކީ، ހަމައެކަނި ބޭރުގެ ފަނޑިޔާރުން ހިމަނައިގެން އިތުރު ކޯޓެއް އުފެއްދުމަކީ ބައިނަލްއަގުވާމީ އިންވެސްޓަރުން ބޭނުންވާ ހަގީގީ އިތުބާރު ލިބޭނެ ކަމެއްތޯ އެވެ؟

ޒަމާނީ ބައިނަލްއަގުވާމީ އިންވެސްޓަރުން ގައުމެއްގައި އެތައް މިލިއަން ޑޮލަރެއް އިންވެސްޓް ކުރާއިރު، ހަމައެކަނި ބަލަނީ އެ ގައުމެއްގެ ކޯޓުތަކަކަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން އިސްކަންދެނީ ވަކި ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީން ކަމަށާއި ގާނޫނުތަކުގައި އެކަށައަޅާފައިވާ ކަންކަން ތަންފީޒު ކުރެވޭ މިންވަރާއި ކަމާގުޅޭ ހާއްސަ ދާއިރާގެ ފަންނީ ތަޖުރިބާކާރުން ތިބި މިންވަރެވެ. އެންމެ މުހިންމު ކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ނިންމާ ނިންމުންތައް ރާއްޖޭގައި ތަންފީޒު ކުރެވޭ މިންވަރެވެ.

ކުއީން މޭރީ ޔުނިވާސިޓީ އޮފް ލަންޑަނާއި ވައިޓް އެންޑް ކޭސް ގުޅިގެން 2،402 ފަރާތެއް ބައިވެރިކޮށްގެން ހެދި "އިންޓަނޭޝަނަލް އާބިޓްރޭޝަން ސާވޭ 2025"އިން ދައްކާ ގތުގައި، އެ ސާވޭގައި ބައިވެރިވި 87 އިންސައްތަ މީހުން އިސްކަންދެނީ ބައިނަލްއަގުވާމީ އާބިޓްރޭޝަނަށް ނުވަތަ އާބިޓްރޭޝަނާއެކު މައްސަލަ ހައްލު ކުރުމުގެ އެހެން ގޮތްތައް ބޭނުން ކުރުމަށެވެ. މިއާ ހިލާފަށް، ހަމައެކަނި ކޯޓު މެދުވެރިކޮށް މައްސަލަ ހައްލު ކުރުމަށް އިސްކަންދެނީ އެންމެ ހަތަރު އިންސައްތަ މީހުންނެވެ.

މީގެ އެންމެ ވަރުގަދަ މިސާލަކީ ސިންގަޕޫރެވެ.

ދެހާސް ސައުވީސް ވަނަ އަހަރު ސިންގަޕޫރު އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (SIAC) އަށް 625 މައްސަލަ ހުށަހެޅިއިރު، އޭގެ 91 އިންސައްތައަކީ ބައިނަލްއަގުވާމީ މައްސަލަތަކެވެ. މީގެ ތެރޭގައި ގާތްގަނޑަކަށް 11.86 ބިލިއަން އެމެރިކާ ޑޮލަރުގެ މައްސަލަތައް ހިމެނެ އެވެ. 

އަދި 2025 ވަނަ އަހަރު SIAC އަށް 886 މައްސަލަ ހުށަހެޅިއިރު، މީގެ ތެރޭގައި 79 ގައުމެއްގެ ފަރާތްތަކާއި ގާތްގަނޑަކަށް 14.53 ބިލިއަން އެމެރިކާ ޑޮލަރުގެ މައްސަލަތައް ހިމެނެ އެވެ. މި ހިސާބުތަކުން ސާފުކޮށް ހާމަވަނީ ބައިނަލްއަގުވާމީ ވިޔަފާރީގައި އާބިޓްރޭޝަނަށް އޮތް އިތުބާރުގެ ބޮޑުކަމެވެ.

ފަނޑިޔާރުންގެ ގައުމިއްޔަތަށް ވުރެ އާބިޓްރޭޝަން މުހިންމުވާ ސަބަބު

ދިވެހިރާއްޖޭގެ ކޮމާޝަލް ކޯޓަކުން ކުރާ ހުކުމަކީ، އެ ކޯޓުގެ ފަނޑިޔާރަކީ ކުރިން ސިންގަޕޫރުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވީތީ، ބައިނަލްއަގުވާމީ ގޮތުން ތަންފީޒު ވާނެ އެއްޗެއް ނޫނެވެ. ނަމަވެސް، ބައިނަލްއަގުވާމީ އާބިޓްރޭޝަންގެ ނިންމުންތަކަކީ ނިއުޔޯކް ކޮންވެންޝަންގެ ދަށުން ރާއްޖެ ހިމެނޭހެން 172 ގައުމެއްގައި ތަންފީޒު ކުރުމުގެ ވަރުގަދަ ގާނޫނީ އޮނިގަނޑެއް އޮތް ނިންމުންތަކެކެވެ.

ރާއްޖޭގައި މިހާރު ވެސް އާބިޓްރޭޝަން ގާނޫނެއް އޮތުމުގެ އިތުރުން 2019 ވަނަ އަހަރު މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (MIAC) ވަނީ ގާއިމު ކޮށްފަ އެވެ. އެހެންކަމުން، އަޅުގަނޑުމެން އިސްކަންދޭ ކަމަކަށް ވާންވީ އިތުރު ޝަރުއީ ކޯޓެއް އުފެއްދުމުގެ ބަދަލުގައި، މިހާރު ހުރި މުއައްސަސާތައް ހަރުދަނާކޮށް ވަރުގަދަ ކުރުން ނޫންތޯ އެވެ؟

ސިންގަޕޫރަކީ ބައިނަލްއަގުވާމީ މައްސަލަ ހައްލުކުރާ މަރުކަޒަކަށްވީ ހަމައެކަނި ތަޖުރިބާކާރު ފަނޑިޔާރުން އައްޔަން ކޮށްގެން އެކަންޏެއް ނޫނެވެ. އެ ގައުމުން ވަނީ މިނިވަން ކޯޓުތަކާއި އާބިޓްރޭޝަނާއި މީޑިއޭޝަނާއި ޒަމާނީ ގާނޫނުތަކުގެ އިތުރުން ހަރުދަނާ ތަންފީޒީ ނިޒާމެއް ހިމެނޭހެން ވަށާޖެހޭ ފުރިހަމަ ނިޒާމެއް ގާއިމު ކޮށްފަ އެވެ. ސިންގަޕޫރުގެ ފަނޑިޔާރުގެއިން ވެސް އެ ގައުމުގެ އިންޓަނޭޝަނަލް ކޮމާޝަލް ކޯޓު ސިފަކުރަނީ އާބިޓްރޭޝަނާ ވާދަވެރި ތަނެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އާބިޓްރޭޝަނަށް އެހީތެރިވެދޭ ބައިވެރިއެއްގެ ގޮތުގަ އެވެ. 

ރައީސް ޔާމީން އިހުލާސްތެރިކަމާ އެކު، ސިންގަޕޫރުން މިސާލު ނަންގަވަން ބޭނުންފުޅުވާ ނަމަ ބައްލަވަންވީ ހަމައެކަނި އެ ތަނުގެ ފަނޑިޔާރުންނަކަށް ނޫނެވެ. ސިންގަޕޫރަކީ އިންވެސްޓަރުންނަށް ކަމުދާ ތަނަކަށް ހެދި މުއައްސަސާތައް ހިމެނޭ ހަރުދަނާ ނިޒާމަށެވެ.

ރައީސް ޔާމީންގެ މާޒީ

މި މައްސަލާގައި ފުންކޮށް ވިސްނާލަންޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. ރައީސް ޔާމީން ވަނީ 2013 އިން 2018 އަށް ފަސް އަހަރު ދުވަހު ރާއްޖޭގެ އެންމެ މަތީވެރިޔާގެ މަގާމު ފުރުއްވައިފަ އެވެ. މި ހުށަހެޅުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށާއި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އެހާ މުހިންމު ކަމެއް ނަމަ އެ މަނިކުފާނަށް އެ ބާރުތައް ލިބިވަޑައިގެންފައި އޮތް ދައުރުގައި އެކަން ނުކުރެއްވީ ކީއްވެގެންތޯ އެވެ؟

ވެރިކަމުން ވަކިވުމަށް ފަހު، ފަނޑިޔާރުގެއަށް ފާޑުކިޔުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް، އެންމެ މުހިންމު ސުވާލަކީ ވެރިކަމުގެ ބާރުތައް އަތުގައި އޮތްއިރު، އެ ދާއިރާ ވަރުގަދަ ކުރަން ކުރެވުނީ ކޮން ކަމެއްތޯ ކުރެވޭ ސުވާލެވެ. ބޭރުގެ ފަނޑިޔާރުންނަކީ ހައްލު ކަމަށް ދައްކައި، ތަކުރާރުކޮށް އަޅުގަނޑުމެންގެ ފަނޑިޔާރުގޭގެ އިތުބާރު ކުޑަކުރުމަކީ ޝަރުއީ ދާއިރާއަށް އާންމުން ކުރާ އިތުބާރު އިތުރަށް ގެއްލިގެންދާނެ ކަމެކެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަކީ ބޭރުން އިމްޕޯޓް ކުރެވޭނެ އެއްޗެއް ނޫނެވެ. އެކަން ކަށަވަރު ކުރަންޖެހޭނީ ހަރުދަނާ ޤާނޫނުތަކާއި މުއައްސަސާތަކުގެ ރައްކާތެރިކަމާއި ފަންނީ ގާބިލުކަމާއި އަދި ޒިންމާދާރުކުރުވުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ.

އިންވެސްޓަރުންގެ އިތުބާރުގެ ހަގީގީ އިމްތިހާނު

ރާއްޖޭގައި އިތުރު ކޮމާޝަލް ކޯޓެއް އުފެއްދިދާނެތޯ އެހުމުގެ ބަދަލުގައި، އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ މިއަށް ވުރެ މާ އުނދަގޫ ސުވާލެކެވެ: ރާއްޖޭގައި 500 މިލިއަން ޑޮލަރު އިންވެސްޓްކުރާ ބައިނަލްއަގުވާމީ އިންވެސްޓަރަކު، ބޮޑު ވިޔަފާރީގެ ދެބަސްވުމަކާ ގުޅޭ މައްސަލައެއް ދިމާވުމުން އަމިއްލަ އިހުތިޔާރުގައި މައްސަލަ ބަލާނެ މަރުކަޒަކަށް ރާއްޖެ އިހުތިޔާރު ކުރާނެ ހެއްޔެވެ؟

މީގެ ޖަވާބަކީ "ނޫނެކޭ" ކަމަށްވާ ނަމަ ހަމައެކަނި ބޭރުގެ ފަނޑިޔާރުން އައްޔަނުކޮށްގެން އަސާސީ މައްސަލައަކަށް ދާއިމީ ހައްލެއް ނުލިބޭނެ އެވެ. ރާއްޖެއަށް މިއަދު ބޭނުންވަނީ ވަރުގަދަ ޝަރުއީ ނިޒާމަކާއި ޒަމާނީ އާބިޓްރޭޝަން ގާނޫނުތަކާއި އިތުބާރު ކުރެވޭ އާބިޓްރޭޝަނާއި މީޑިއޭޝަން ނިޒާމުތަކުގެ އިތުރުން ވިޔަފާރީގެ ނިންމުންތައް ފަސޭހަކަމާ އެކު ތަންފީޒު ކުރެވޭނެ ހަރުދަނާ މަގުތަކެކެވެ. ހާއްސަކޮށް ކޮމާޝަލް ކޯޓުތަކަކީ މުހިންމު ދައުރެއް އަދާކުރެވިދާނެ ތަނެއް ނަމަވެސް އެއީ މުޅި ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެ ބައެކެވެ.

ކުރީގެ ރައީސް ޔާމީން މީގެ ކުރިން ކޯޓަށް ވަޑައިގަންނަވަން ގެކޮޅުން ނުކުމެވަޑައިގަންނަވަނީ: ޝަރުއީ ދާއިރާ އިސްލާހު ކުރައްވަން ޔާމީން މިހާރު ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވާއިރު އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ރެކޯޑަށް ވެސް ބަލަންޖެހޭ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ކުރީގެ ރައީސް ޔާމީން މީގެ ކުރިން ކޯޓަށް ވަޑައިގަންނަވަން ގެކޮޅުން ނުކުމެވަޑައިގަންނަވަނީ: ޝަރުއީ ދާއިރާ އިސްލާހު ކުރައްވަން ޔާމީން މިހާރު ޕޯޑިއަމްތަކުގައި ވާހަކަފުޅު ދައްކަވާއިރު އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ރެކޯޑަށް ވެސް ބަލަންޖެހޭ.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް ޔާމީނަށް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެ މަނިކުފާނުގެ އިހުލާސްތެރިކަން ސާބިތު ކޮށްދެއްވުމަށް ވެރިކަމުގެ ފަސް އަހަރު ދުވަސް ލިބިވަޑައިގަތެވެ. އެހެންކަމުން، މިހާރު އެ މަނިކުފާނު ހުށަހަޅުއްވާ މިފަދަ ހުށަހެޅުންތައް ވަޒަން ކުރަން ވާނީ ހަމައެކަނި ސިޔާސީ ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަފުޅުތަކަކަށް ބަލައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި، ރައީސް ޔާމީންގެ މާޒީގެ ރެކޯޑުތަކާއި އަމަލީ ނަތީޖާއަށް ރިއާޔަތް ކޮށްގެންނެވެ.

ހުލާސާކޮށް ބުނާ ނަމަ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ބިނާވެފައިވަނީ ފަނޑިޔާރެއްގެ ޕާސްޕޯޓަކަށް، ގައުމިއްޔަތަކަށް ނުވަތަ ކޯޓުގެ ނަން ބޯޑުގައި ލިޔެފައިވާ ނަމަކަށް ނޫނެވެ. އެ އިތުބާރު ބިނާވަނީ ގައުމުގެ މުޅި ގާނޫނީ ނިޒާމުގެ މިނިވަންކަމާއި އަދުލުވެރިކަމާއި ދެފުށް ފެންނަ މިންވަރާއި އަދި އެ ނިޒާމުގެ މައްޗަށް މުޖުތަމައު އާއި ބައިނަލްއަގުވާމީ މައިދާނުގައި އޮންނަ އިތުބާރެއްގެ މައްޗަށެވެ. މިދެންނެވި އިތުބާރަކީ އެއްވެސް ގައުމަކަށް ހަމައެކަނި ބޭރުން ފަނޑިޔާރުން އިމްޕޯޓް ކޮށްލައިގެން ހޯދޭނެ އެއްޗެއް ނޫނެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުޙުސިނަކީ ގާނޫނީ ފަންނުގެ ދާއިރާ އާއި ޝަރުއީ ދާއިރާގެ އިތުރުން ދައުލަތް ހިންގުމާއި ހާރިޖީ ދާއިރާގައި 20 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހާސިލް ކުރައްވާފައިވާ ގާނޫނީ  މާހިރެކެވެ. ޕީޖީގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމާއި ރައީސުލްޖުމްހޫރިއްޔާގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުކަން އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ހިމެނެ އެވެ. މީގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

މުހުތާޒު މިހާރު ހުންނެވީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމުގަ އެވެ.