ހެލްމެޓް އެޅިދާނެ، ބާރަށް ދުއްވުން ހުއްޓުވައިދޭނަންތަ؟

އަހަރެމެންގެ ތެރޭގައި ހިނގާ އެކި ކަންކަމާ ގުޅިގެން ފިޔަވަޅު އަޅާއިރު އަބަދުވެސް ފާހަގަވާ އެއް ކަމެއް އޮންނާނެ އެވެ. އެއީ އެ ކަމެއް ހިނގަން މެދުވެރިވާ ސަބަބު ނައްތާލުމުގެ ބަދަލުގައި، އެހެން ކޮންމެވެސް ފިޔަވަޅެއް އެޅުމެވެ. މިކަހަލަ ކަންކަމުގެ ލިސްޓެއް ހަދާ ނަމަ ވަރަށް ދިގުވާނެ އެވެ. އެކަމަކު އިހަށް ދުވަހު މަގުމަތިން ޕެލެޓްތައް ނެގުން ވެސް އެއީ އެކަހަލަ ކަމެކެވެ. ޕެލެޓްތަކާ ހެދި ނުރައްކާތެރި ހާދިސާތައް ހިނގާތީ އެ އެއްޗެހި ނެގި އިރު، އެ އެއްޗެހި ބަހައްޓަން ޖެހުނު ސަބަބާ މެދު ނުވިސްނުނީތީ އެ މަސައްކަތް ވީ ބޭކާރެވެ.


ހެލްމެޓް އެޅުމަކީ ރައްކާތެރިކަމުގެ ރަނގަޅު ފިޔަވަޅަކަށް ވިޔަސް މިކަން ކުރަން ޖެހުނު އަސްލު ސަބަބު ވެސް އޮތް ގޮތަށް އޮތީ އެވެ. އެއީ ސިނަމާލޭ ބްރިޖުގައި ދުއްވަން ޖެހޭ ގޮތާ ހިލާފަށް ދުއްވުމާއި މާ ބާރަށް ދުއްވުމެވެ. މިހެން ބުންޏަސް އިސްތިސްނާވާ މަދު ހާދިސާތަކެއް ހުރެދާނެ އެވެ.

ޓްރެފިކް ގާނޫނާއި ގަވައިދަކީ، ކަމެއް ދިމާވުމުން ނޫނީ ފިޔަވަޅު އަޅަން އޮންނަން އެއްޗެއް ކަމަކަށް ނުފެނެ އެވެ. އެހެން ބުނަން ޖެހޭ އެންމެ ފާޅު ހެއްކަކީ ސިނަމާލޭ ބްރިޖަށް ޓްރެފިކް ގާނޫނާއި ގަވައިދުތައް ހާއްސަވެގެން އުޅޭތަން ފެންނާތީ އެވެ. ބްރިޖް ހުޅުވި ދުވަހުން ފެށިގެން އެކަން އޮތީ އެހެންނެވެ.

ބްރިޖުގައި ބާރަށް ދުއްވި ކާރެއް އެކްސިޑެންޓުވެ ފުނޑުފުނޑުވެފަައި

ލިސްޓު ފަށަން ހިނގާށެވެ. ސައިކަލްގައި ލޯގަނޑު ނެތި ބްރިޖުގައި ދުއްވިޔަކަ ނުދިނެވެ. އެކަމަކު އެއީ ރާއްޖޭގައި ދުއްވާ ކޮންމެ ވެހިކަލެއްގައި ވެސް ހުންނަން ޖެހޭ އެއްޗެކެވެ. ބްރިޖުން ފޭބުމަށް ފަހު އެންމެ ލޯގަނޑެއް ނެތި ދުއްވިޔަސް، ފުލުހުން އެކަމާ އަޅާލާނީ ހިތަށްއެރި ފަހަރަކު އެވެ. ސައިކަލްގައި ޑަބަލް ސީޓްކޮށްގެން ދާއިރު، ބެލްޓް ނާޅުވައި ކުޑަކުދިން އުފުލުމަކީ ވެސް މަނާ ކަމެކެވެ. އެކަމަކު ބްރިޖް ނޫން ތަންތަނުގައި، ތުއްތު ކުދިން އަތުގައި އެލުވާލައިގެން ގެންދާހެން ހީވާ ފަހަރު ވެސް އާދެ އެވެ. ބައެއް ސައިކަލްތަކުގައި، ކުރީކޮޅުގެ ނަންބަރު ބޯޑު ސްޓިކާއެއް ގޮތަށް ތަތްކޮށްފައި ހުންނާތީ އެއީ ވެސް ބްރިޖުގައި މައްސަލަޔަކަށް ވާން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު އެއީ އަބަދުވެސް މަނާ ކަމެކެވެ. އެކަމަކު މިހާރު އަމަލުކުރާ ގޮތުން، މިއީ ވެސް ބްރިޖަށް ހާއްސަ ކަމަކަށް ވެއްޖެ އެވެ. ސައިކަލާއި ޕިކަޕްގައި މުދާ އުފުލުން ފަދަ ކަންކަމުގައި ވެސް ބްރިޖުގައި ވަރަށް ރަނގަޅަށް ގާނޫނު ތަންފީޒުކުރާތީ ފެނެ އެވެ. އެކަމަކު އެހެން މަގުތައް ބަލައިލީމާ، ޕިކަޕްތައް ފުރެންދެން އެއްޗެހި އަރުވާފައި އޭގެ މަތީގައި އިށީނދެ ތިބެގެން ހަމަ ދުއްވާ ނަގަނީ އެވެ. ސައިކަލަކީ ވެސް ކަންމަތީ ފިހާރަތަކަށް މުދާ އުފުލާ ކުދި ޕިކަޕްތަކެކޭ އެއްގޮތެވެ.

އެކަމަކު ބްރިޖުގައި ދުއްވާއިރު އަޅާ ހެލްމެޓްގެ ފެންވަރު ވެސް އެބަ ބަލަ އެވެ. ސާބަހެވެ!

ޓްރެފިކް ގާނޫނާއި ގަވައިދު ތަންފީޒުކުރުން ބްރިޖަށް ހާއްސަ ވެފައި ވާއިރު، އެ ތަނުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ މައިގަނޑު ސަބަބާ މެދު ފިޔަވަޅެއް ނޭޅެ އެވެ. ދަމަކުން ބަޑިއެއް ޖަހާހެން ބައެއް ރޭރޭ ފުލުހުން ނިކުމެ ބްރިޖްގައި ބެރިކޭޑް ޖަހައި، ބާރަށް ދުއްވާ މީހުން ހުއްޓުވިއެއް ކަމަކު އެއީ މައްސަލައިގެ ހައްލެއް ނޫނެވެ. ބާރަށް ދުއްވާ މީހުން އެ ދާ ގޮތަށް ގޮސް ބްރިޖްގެ ފެންސާއި ޑިވައިޑާ ފަޅާލާފައި އެ ދަނީ އެވެ. ހެލްމެޓާއި ދަގަނޑު ދަހަނާގައި ހުއްޓަސް އެއިން ވެހިކަލަކުން ޖެހިއްޖެ ނަމަ ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟

ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ މަސައްކަތް ދައްކުވައިދޭ ތަފާސްހިސާބު: ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅެއް ނޭޅޭ

ހެލްމެޓް އެޅުން މައްސަލައަކަށް ވަނީއެއް ނޫނެވެ. މައްސަލަ އަކީ ގާނޫނާއި ގަވައިދުން ބައެއް ކަންކަން، ބައެއް ތަންތަނަށް، ބައެއް މީހުންނަށް ތަންފީޒުކުރާތީ އެވެ. ބްރިޖް ހުޅުވާލި އިރު ވެސް ކަށަވަރުކަމާ އެކު އެނގޭ ކަމަކީ އެތަނުގައި އާދަޔާ ހިލާފަށް ބާރަށް ދުއްވާނެކަމެވެ. އެކަމަކު އެކަން ހުއްޓުވަން އިސްކަން ދިނުމުގެ ބަދަލުގައި ފިޔަވަޅު އަޅަން ފެށީ ނިސްބަތުން ބަލާއިރު ކަމަކަށް ނުވާ ކަންކަމުގަ އެވެ. އަދިވެސް އެކަން އެހެން ބާއްވާފައި ބްރިޖަށް އަރާ ވެހިކަލުގެ ނަންބަރު ޕްލޭޓާއި އޭގެ ފޮންޓު ހުރި ގޮތް އެއީ މާ ބޮޑު ކަމަކަށް ހަދައިގެން އުޅޭ ނަމަ ދުވަހަކު ވެސް ނަތީޖާއެއް ނުނެރެވޭނެ އެވެ.

ބްރިޖުގައި އެކަންޏެއް ނޫނެވެ. ރަށުތެރޭގައި ވެސް އަބަދު ރޭހެއްގައި އުޅޭ ބަޔަކު ފެނެ އެވެ. އެހެން މީހުން ތިބެން ޖެހޭނީ އެއިން ސައިކަލެއް، ކާރެއްގެ އަޑު އިވޭ އިރަށް މަގުގެ އެއްފަރާތަކަށް އަރައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އައިސް ނުޖެހޭތޯ ހިތާ ހިތުން ދުއާކުރުމުގަ އެވެ. އެކަމަކު ލައިންސަންސް އޮންނަ މީހަކު، ހަނދާން ނެތިގެން ވިޔަސް އަތުގައި ލައިސަންސް ނެތި ދުއްވައިފި ނަމަ އެ މީހަކާ މެދު ބަރާބަރަށް ފިޔަވަޅު އަޅަ އެވެ.

ފުލުހުން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުން ވެސް ފެންނަނީ މި މަންޒަރެއް ނޫން ހެއްޔެވެ؟ ކުރީ ހަފުތާގައި، މާލޭ ސަރަހައްދުގައި ބާރަށް ވެހިކަލް ދުއްވައިގެން ފިޔަވަޅެއް އަޅާފައި ވަނީ އެންމެ ފަހަރަކު އެވެ. އެކަމަކު ޓްރެފިކް ގާނޫނާ ހިލާފަށް އެންމެ ގިނައިން ކުރާ ކަމަކީ ގަވައިދާ ހިލާފަށް ބާރަށް ދުއްވުމެވެ. އެކްސިޑެންޓްތައް ހިނގުމުގެ އެންމެ އާންމު ސަބަބަކީ ވެސް އެއީ އެވެ. އެކަމަކު މަޑުން ދުއްވާ މީހުންނަށް އޮތީ، ބާރަށް ދުއްވާ މީހުން އައިސް ޖެހުނަސް އަނިޔާއެއް ނުވާނެކަން ޔަގީންކޮށްގެން މަގުމައްޗަށް ނިކުތުން ހެއްޔެވެ؟