ސައޫދީ އަރަބިއްޔާ އިން ހަދިޔާކުރި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ އޮފިޝަލުން ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
12 މެއި 2019 - 08:41
ސައޫދީން ހަދިޔާކުރާ ކަދުރު ލިބިއްޖެ އެވެ. މި އަހަރު ވެސް 50 ޓަނު ފޮނުވި އެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ސައޫދީން ދެމުން އަންނަ މި ހަދިޔާ ސިޔާސީވެ އެ ވާހަކަ ދެއްކުން ވެސް މަނާކުރާ ހިސާބަށް މީގެ ދެ އަހަރު ކުރިން ދިޔަ އެވެ. އެކަމާ ހެދި ކަމަށް ވެސް ވެދާނެ އެވެ. ޖެހިގެން އައި އަހަރުގެ ރޯދަ މަހަށް ކަދުރު ނުވެސް ލިބުނެވެ.
މީގެ އަހަރުތަކެއް ކުރިން، ސައޫދީން ދޭ މި ކަދުރަކީ ދިވެހިންނަށް ވަރަށް މުހިންމު ހަދިޔާއަކަށްވެ އެއަށް އިންތިޒާރުކުރެ އެވެ. ދިވެހިންގެ ފޯރުންތެރިކަން އޭރު ހުރި މިންވަރުން އަދި ބައެއް ބާވަތްތަކުގެ މުދާ ލިބުމުގައި އޭރު ހުރި ދަތިކަމުގެ ސަބަބުން، ކަދުރު ޕެކެޓެއް ލިބުނަސް އެއީ ބޮޑު އެއްޗެކެވެ. އެ ހާލަތު މިހާރު ބަދަލުވެފައި ވިޔަސް ކަދުރަށް ދިވެހި މީޑިއާ ވަރަށް ފާރަވެރިވެ އެވެ. ކަދުރު ލިބުނުތޯ ބަލަ އެވެ. ބަހާނެ ގޮތާއި މުޅި ޕްރޮސެސް ވަރަށް ރަނގަޅަށް ހާމަކޮށްދެ އެވެ. ފަހަރެއްގައި މިއީ ރާއްޖޭގެ މީޑިއާ އިން އެންމެ ރަނގަޅަށް ބަލާ އެއް ކަންތަކެވެ.
ދެން ކަދުރު ބެހުމުގެ ވާހަކަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ކަދުރު ބެހުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ ފަގީރުންނަށެވެ. ކޮންމެ ގެޔަކަށް ދޭ ވަރަށް ކަދުރު ނެތީ ކަމަށް ބުންޏެވެ. އެކަމަކު ފަގީރުންނަށް ކަދުރު ދިނުމަކީ އިސްލާމިކް މިނިސްޓްރީގެ ނިންމުމެއް ނޫނެވެ. އެއީ ސައޫދީން ކަދުރު ދިނުމުގައި ކުރި ޝަރުތެވެ. ކަދުރު ފޮނުވަނީ ސައޫދީގެ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުންނެވެ. އެތަނުން ނެރުނު ބަޔާނުގައި މި އަހަރު 43 ގައުމަކަށް 6،500 ޓަނުގެ ކަދުރު ބަހާނެ ކަމަށް ބުންޏެވެ. އަދި މިއީ ފަގީރުންނަށް ދޭ އެއްޗެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މީގެ ތެރެއިން 4،000 ޓަނު އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް މެދުވެރިކޮށް 14 ގައުމަކަށް ބަހަން ނިންމާފައި ވާއިރު އަނެއް 2،500 ޓަނު ބަހަން ހަވާލުކުރީ 29 ގައުމެއްގެ ސަރުކާރާ އެވެ.
އިސްލާމިކް މިނިސްޓްރީން މިފަހަރު ވަނީ ކަދުރު ބެހުން ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ. ފަގީރުންނަށް އިސްކަންދިން ނަމަވެސް، އުސޫލެއްގެ ގޮތުން ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ދޭން ވަނީ ނިންމައިފަ އެވެ. މި ޕެކެޓް ހޯދަން ދާން މިޖެހެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، އެ މީހެއްގެ ގޭބިސީ ނުވަތަ ގޭގެ ރަޖިސްޓްރީ ނުވަތަ ކުލީގެ އެގްރިމެންޓް ހިފައިގެންނެވެ. އެހެންވެ މި ކަމުގެ ބޮޑުކަން މި އޮތީ މީޑިއާގެ ތެރޭގައި އެކަންޏެއް ނޫނެވެ.
ސައޫދީން ހަދިޔާކުރި ކަދުރު. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
ކަދުރު ހަދިޔާކުރީ ފަގީރުންނަށް ކަމަށް ވިޔަސް މުޅި ގައުމުގެ އެންމެންނަށް މި ބަހަން އުޅޭތީ މިކަން މާ އުނދަގޫވަނީ ކަމަށް ވެދާނެ އެވެ. ރާއްޖޭގައި ފަގީރުންގެ ދަފްތަރެއް އެބަ އޮތެވެ. އޭގައި އޮތީ 16،209 ނަމެކެވެ. އެހެންވެ 50 ޓަނުން މިއިން ކޮންމެ މީހަކަށް ތިން ކިލޯ ކަދުރު ލިބޭނެ އެވެ. މިއީ އެކަށީގެންވާ މިންވަރެކެވެ. ރާއްޖޭ އެންމެންނަށް 50 ޓަނު ބަހާ ނަމަ މީހަކަށް ކަދުރެއް ވެސް ނުލިބޭނެ އެވެ. އެއީ ބޮލަކަށް ގްރާމެއް ވެސް ނުޖެހޭނެތީ އެވެ. ކަދުރު ބެހުން މިހާ ބޮޑު ކަމަކަށް ނުހަދާ، ފަގީރުންގެ ލިސްޓުގައި ހިމެނޭ އެންމެންނަށް ބަހާލީމާ ނިމުނީ އެވެ. ގޭގެ ރަޖިސްޓްރީ އާއި ކުލީގެ އެއްބަސްވުން ހިފައިގެން ކަދުރު ޕެކެޓެއް ހޯދަން އުޅުން އެއީ ގަބޫލުކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. ފަގީރުންގެ ލިސްޓެއް އޮވެފައި އެ މީހުންނާ ހިސާބަށް ފަސޭހައިން ދެވޭނެ ގޮތެއް އޮތް އިރު މިކަން ބޮޑު ތަކުލީފަކަށް ހަދަނީ ކީއްކުރަން ހެއްޔެވެ؟
ހުރިހާ ރައްޔިތުންނަށް ބަހަން ކަދުރު ލިބިފައި ހުއްޓަސް، ބޭނުންވާ މީހަކު ކަދުރު ގެންދަން މުއްދަތެއް ދީފައި ދެން ހުރި ނަމަ ހުރި އެއްޗެއް ވިއްޔާ ފަގީރުންނަށް ބަހަންވީ އެވެ.
ސައޫދީގެ މުއްސަނދިކަމާ ބަލާފައި، ކަދުރުކޮޅެއް އެއީ އެހީއެއް ނޫނޭ ބުނާ މީހުން ވެސް އުޅެފާނެ އެވެ. އެއީ އަދި އެހެން ބަހުސެކެވެ. އަނެއްކާ ކަދުރަކީ ކޮންމެ ރޯދަމަހާ ދިމާކޮށް ސައުދީން ފަގީރުންނަށް ދޭ އެހީއެކެވެ. މީހަކަށް ރޯދަ ވީއްލުމެއް ދޭނެ ތަނަވަސްކަން ނެތް މީހާ، ކަދުރު ފަޅިއެއްގެ މިންވަރު ހޭދަކޮށްގެން ނުވަތަ ފެންފޮދެއް ދީގެން ނަމަވެސް ނަފުސު ނަރަކައިން ދުރުކުރަން ކީރިތި ރަސޫލާ ވަނީ އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާއީދު
20 May 2019
ވަރަށް ރަނގަޅު ވާހަކައެއް ފަގީރުންނަށް ބަހާލީމަ ނިމުނީ
އުދުހޭ
14 May 2019
ފެނަކައިން މުއައްޒަފުންނަށް ބެހީ ކޮން ކަދުރެކޯ؟
ދީބު
14 May 2019
ތިޔަ ކަދުރުކޮޅުވެސް ދިނުން އެއްމެ އައުލާކަން ބޮޑީ ހަތަރު ފަސްބުރި ގެއެއްގެ ވެރި މާލޭ މީހުން.
ދޮށީކޮއި ޢަލީގެ މުޙައްމަދު
13 May 2019
މާލޭގެ ގެދޮރު ހުރެފައި ރަޖިސްޓަރީ އޮތިއްޔާ ފަގީރަކަށް ވިމާ އެމީހުން ކަދުރު ކޮޅެއް ދެވޭތޯ ބައްލަވައި ދެއްވުން އެދެމެވެ.
އެއޮތީ ފޮތިކާންދީފަ
13 May 2019
ލިޔުންތެރިޔާ ހިސާބު ކިޔެވިންތޯ؟ "ރާއްޖޭ އެންމެންނަށް 50 ޓަނު ބަހާ ނަމަ މީހަކަށް ކަދުރެއް ވެސް ނުލިބޭނެ އެވެ. އެއީ ބޮލަކަށް ގްރާމެއް ވެސް ނުޖެހޭނެތީ އެވެ." 50ޓަނަކީ 50،000ކިލޯ އެވެ. ނުވަތަ 50،000،000ގްރާމެވެ. ރާއްޖޭގެ އާބާދީ 50 މިލިޔަނަށް އެރިކަމެއް ނުދެނަހުރިން. ވިސްނާލައްވާ!
މެތަމެޓިޝަން
13 May 2019
މަވެސް މިއިނީ ރާއްޖޭގެ އާބާދީ ހާދަ މަތީއޭ ހިތަށް އަރާފަ. މިފަހަރު ތިއޮތީ އަދުރޭގެ ހިސާބު ޖެހުމަށްވުރެވެސް ގަދަކޮށް
ވަހީދު
13 May 2019
އެތަން މިތަނުން ކަމާއި ގުޅުން ނެތް މީހުން ގެނެސް މަޤާމުތައް ދިނީމަ ވާނީ ތިހެން. ހިންގުމުގެ ދާއިރާގައި އުޅެފައި ނެތް ފުވައްމުލަކު މީހަކު ގެނެސް މިނިސްޓްރީއަށް ލައިގެން ހަވާލު ކުރީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު " އިސްލާޙު ކުރަން ". ނިކަން ވިސްނަ ބަލަ 30 އަހަަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޤުރުއާން މުބާރާތް ނުބޭއްވި މިރޯދަ މަސް މިދަނީ ނިމެމުން. އަނެއް ކޮޅުން ރަށްރަށުގައި ހުރި ކީރިތު ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް އެހެނީ ހުއްޓިފައި.
ޝާފިޢު މުލައް
13 May 2019
މިސަރުކާރަށް ހުރިހާ ހުތުރެއް. ތިމީހުން ބޭރުކޮށްފައި އެހެން ބަޔަކު ލާންވީނުން. ކޮބާ ޝެއިޚް އިލިޔާސް މެން، ޑރ އިޔާޒުމެން.
ފޮނިޓައްޕު ހަސަނު
13 May 2019
ދިވެހިންވެސް އެބަޖެހޭ ވިސްނުމާއި އުޅުން ބަދަލުވާން. 18000ރ ގެ އެންމެ ފަހުގެ އައިފޯން ގެންގުޅުމަކުން މީހާ ތަރައްގީވީއެއް ނޫން. ގޭގެ ރަޖިސްޓްރީ ހިފައިގެން ސައުދީން ބަހަން ފޮނުވި ކަދުރުކޮޅުހޯދަން ގޮސް ކިއޫގައި ޖެހިގެން ހުންނަ އިރު ހިތަކަށް ނާރައޭ ތިމާ މި ހޯދަން އުޅޭ ކަދުރު ކިލޯގެ އަގަކީ 30ރ ކަމެއް. އަސްލު ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ސައުދީ އާއްމު މީހާއަށްވުރެން މަތީގައި އުޅެނީ.
ސޭކުބެ
13 May 2019
ފަޤީރުންނަށް ފޮނުވި އެއްޗެއް ފަޤީރުންނަށް ބަހާލީމާ އެނިމުނީ.
ހުސޭނުޭ
13 May 2019
މިރަށު ފަގީރުންގެ ލިސްޓްގަ ތިބީ 4 މީހުން . އެ 4މީހުނައް ކަދުރުދޭން ކައުންސިލުން 300 ރުފިޔާ ދީފަ އިސްލާމިކް މިނިސްޓްރީއައް މީހަކު ފޮނުވައިގެން އެކަދުރު ކޮޅު ބޯޓަކައް ލައިގެން ބޯޓް ނާލައް 30 ރުފިޔާ ދައްކާފަ އެ ކަދުރު ގެނައުމައްވުރެ ކައުންސިލުން މިރަށު ފިހާރަ އަކުން 4 ޕެކެޓް ކަދު ގަނެފަ އެ 4 ފަގީރުން ނައް ދިނަސް 330 ރުފިޔާ ހަރަދު ނުކޮށް މިކަންވާނެ. އިސްލާމިކް މިނިސްޓްރީ އައް ކަދުރު ކޮޅު އެރަށެއް ގެ ބޯޓައް އަރުވާލަ ނުދެވެންޔާ އެކީއްކުރާ ތަނެއް.
ދޮންދީދީ
13 May 2019
ބަރާބަރު ވާހަކައެއް. މީ 70ގެ އަހަރުތަކެއް ނުން. މީ 2019 ދިވެހިންގެ ދިރިއުޅުން ސައުދީ އާއްމު މީހާއަށް ވުރެން ކުރީގައި އުޅެނީ. ދެން ކީއްކުރަން 30ރ ގެ ކަދުރު ކިލޯއެއް ހޯދން އެވަރަކުން އުޅެންވީ.
ކާފަ
12 May 2019
ދަރިފުޅާ ދޫންޏާ, ކޮންމެ ކަމެއް ސިޔާސީ ކުރުން ހުއްޓާލަބަލަ...... މި ރަމަޟާންމަހު ހެޔޮ ޢަމަލު ގިނަކޮށްލަބަލަ...