އަމިއްލަ ޕާޓީގެ މީހާ "ހަވަރަށް"!

ޑިމޮކްރެސީއެއްގައި ބޭނުން ހިޔާލެއް ފާޅުކުރުމުގެ މާނަ އަކީ ވާދަވެރިޔާ "ހަވަރަށް" ދިނުން ހެއްޔެވެ؟ އެ މީހާގެ ފަތިފުށް މި ޒަމާނުގައި ނަމަ ސޯޝަލް މީޑިއާގައި ހާމަކޮށް، "އޮރިޔާން" ކުރުން ހެއްޔެވެ؟ ސިޔާސީ ހަރަކާތެއްގެ ތެރެއިން ތިމާގެ ވާދަވެރިޔާއާ މެދު ޚާއްސަކޮށް މާދަމާ ވެސް އަމިއްލަ ޕާޓީގައި ހުރެ، އެ ޕާޓީގެ އަސާސްތައް ދިފާއު ކުރުމަށް އެކުގައި މަސައްކަތް ކުރަން ހުރި މީހާއާ މެދު އެހާ އިހާނެތިކޮށް އަމަލުކުރާ ނަމަ ޑިމޮކްރެޓިކް ކިޔައިގެން ތިބުމުގެ ބޭނުމެއް ނެތެވެ.


އާ ރައްޔިތުންގެ މަޖިލިހުގެ ރައީސަކު އަންނަ އަންގާރަ ދުވަހުގެ ރޭ ހޮވާއިރު، މަތީގައި މި ބުނި ހުރިހާ ކަމެއް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދަނީ ތަމްސީލުވަމުންނެވެ. އެ މަގާމުގެ ވާދަވެރިކަން އޮތީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ތެރޭގައި އެކަންޏެވެ. އާ ރައްޔިތުންގެ މަޖިލިހުން 65 މެމްބަރުންނާ އެކު "ބޮޑު ސިންގާ" މެޖޯރިޓީއެއް އެ ޕާޓީ ނެގުމުން މަޖިލިހުގެ ރައީސްކަމަށް އެމްޑީޕީގެ ބޭފުޅަކަށް ނޫން އެހެން ބޭފުޅަކަށް ފުރުސަތެއް ނެތެވެ. އެއީ އެކަން ވާނެ ގޮތް ވެސް މެ އެވެ.

މަޖިލިހުގެ ރައީސްކަމުގެ ރޭހުގައި އެމްޑީޕީން ވާދަކުރައްވަނީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމެވެ. ތަޖުރިބާގެ ގޮތުން ދެ ބޭފުޅުން ވެސް އުޅުއްވަނީ ކުރީގަ އެވެ. މިހާރުގެ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ދެ ބޭފުޅުން ވެސް އަމަލީ ގޮތުން އުޅުއްވި އެވެ. އަފީފް، ރައްޔިތުންގެ މަޖިލިހުގައި 20 އަހަރު އަދި އަސްލަމް 15 އަހަރު ހޭދަކުރައްވައިފި އެވެ. އަސްލަމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރެވެ. ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީ އަށްޓަކައި އެތައް ގުރުބާނެއް ވެފައިވާ ބައެކެވެ. އަބަދުވެސް އިސްކުރެއްވީ އިސްލާހީ މަސައްކަތެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އަސްލަމް ސަލާމް ކުރައްވަނީ: އަސްލަމާ އެކު އިސްކޮށް ހުންނެވީ ނަޝީދު.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެކަމަކު، އަމިއްލަ ޕާޓީގެ ތެރޭގައި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ވާދަވެރިން އިސްވެ ތިބެ ފަލީހަތްކޮށް، ފަތިފުށް ހާމަކުރަމުން ގެންދިއުމަކީ ހުތުރު އަމަލެއް ކަމަށް ދެކެމެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ދެ ބޭފުޅުން ނުކުންނެވި އިރު، އެއިން އެއްވެސް ބޭފުޅެއްގެ އެ ވާހަކަތައް ނީވުނެވެ. އެ ބުނާ ވާހަކަތައް ހަމަ އޭރު ވެސް ހުންނާނެ އެވެ. "ފޮރުވާފައި" ހުރި ކަރުދާސްތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލެވޭނެ އެވެ. އަފީފާއި އަސްލަމްގެ އިދިކޮޅު ކެންޑިޑޭޓުން ވެސް މަޖިލިހުގެ އިންތިޚާބުގައި އެ ދެ ބޭފުޅުން "އޮރިޔާން" ނުކުރާ މިންވަރަށް އަމިއްލަ ޕާޓީގެ ތެރެއިން އެކަން އެބަ ކުރެ އެވެ. އެކަމަށް ހިތްވަރު ދޭ ބަޔަކު ވެސް އެބަ ތިއްބެވެ. މަޖިލިހުގެ އިންތިޚާބުގައި ވެސް އަސްލަމާއި އަފީފްގެ އިދިކޮޅު ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުގެ ފަރާތުން، އެ ދެ ބޭފުޅުންގެ މާޒީގެ ސަފުހާތައް ނެރެ އެންޓި ކެމްޕެއިން މިއާ ގާތްކުރާ މިންވަރަށް ވެސް ނުކުރެ އެވެ.

މަޖިލިހުގެ ރައީސަކަށް އެމްޑީޕީގެ ތެރެއިން ކޮންމެ ބޭފުޅަކު ހޮވިޔަސް އެ ބޭފުޅަކު އެ ޕާޓީ އަށް އިޚުލާސްތެރިވާނެކަމާ މެދު މިހާތަނަށް ޝައްކެއް ނުއުފެދެ އެވެ. މާޒީ އަށް ބަލާއިރު އެމްޑީޕީގެ މެމްބަރުންނަކީ އެ ނަމޫނާ ދައްކާފައިވާ ބައެކެވެ. އެ މީހުންނަށް އިސްވާނީ އެމްޑީޕީ އެވެ. ރާއްޖޭގެ އެހެން ޕާޓީތަކާ ބަލާއިރު، އެމްޑީޕީ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ދުވާ މަންޒަރު މަދެވެ. މަޖިލިހުގައި އާރެއް ބާރެއް ނެތް ދުވަސްވަރު ވެސް ވިއްސަކަށް މެމްބަރުންނާ އެކު އެމްޑީޕީ ފަސް އަހަރު ހޭދަކުރި އެވެ. ޕާޓީގެ މެމްބަރުންގެ އަދަދު އެވަރުގައި ހިފެހެއްޓި އެވެ. އެކަމަކު، އާ މަޖިލިހުގެ ސުޕަ މެޖޯރިޓީއާ އެކު މާ ބޮޑަށް ވެސް އެމްޑީޕީ އަލިވާނެ ކަމަށް ޔަގީން ކުރެވެ އެވެ. އެހެންވެއްޖެ ނަމަ މިހާރު މި ޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ؟

ވަކި ބޭފުޅަކު ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އެމްޑީޕީގެ ތެރެއިން އަތުވެއްޖެ ނަމަ ކަންކަން ގޯހުންގޯހަށް ދާނެ ކަމަށް ބުނާ ނަމަ އޭގެ މާނަ އަކީ ފަހަތުގައި ފޮރުވިފައިވާ އެހެން އެޖެންޑާއެއް އޮތުމެވެ. ސިޔާސީ ވަރުގަދަ އެޖެންޑާއެކެވެ. ގޮތް ނޭނގޭ އެޖެންޑާއެއް އުފަން ކުރަނީ އެވެ.

އަފީފް: ސޯޝަލް މީޑިއާގައި އޭނާ ވަނީ "ކަތިލާފައި".---ފޮޓޯ: ނިޝާން އަލީ/މިހާރު

އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އަފީފްގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަސްލަމާ އެކު އިސްވެ ހުންނެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންވީމާ، ސިޔާސީ ގޮތުން ބަލާ ނަމަ މިއީ އަސްލަމާއި އަފީފުގެ ވާދަވެރިކަމެއް ނޫނޭ ވެސް ބުނެވެން އެބަ އޮތެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ވާދަވެރިކަމެއް ބާވައޭ ބައެއް މީހުން ސުވާލުކުރެ އެވެ. ސައި މޭޒުތަކުން ވެސް އެ ވާހަކަ އިވެ އެވެ. އެއީ ހަމަ ވަރަށް ގާތް ކަމެއް ވެސް މެ އެވެ. ސިޔާސީ ވާދަވެރިކަމާއި ބާރުވެރިކަމާ ހިސާބަށް ދިއުމުން އެކުވެރިކަމާއި ރައްޓެހިކަން ގިނަ ފަހަރަށް އޮންނަނީ ގުރުބާންކޮށްފަ އެވެ. އެއީ ދުނިޔެ ދައްކަމުން އަންނަ މިސާލުތަކެވެ. ރާއްޖޭގެ ސިޔާސީ މާޒީ ވެސް އޮތީ ހަމަ އެހެންނެވެ. ސިޔާސީ ވާދަވެރިކަމުގައި އާއިލާތަކުގެ ތެރެއިން ކިތައްމެ ބަޔަކަށް ބޮޑެތި ގެއްލުން ވެފައި އެބަ ހުއްޓެވެ؟

މަޖިލިހުގެ ރައީސަކަށް އެމްޑީޕީގެ ތެރެއިން ކޮންމެ ބޭފުޅަކު ހޮވިޔަސް އެ ބޭފުޅަކު އެ ޕާޓީ އަށް އިޚުލާސްތެރިވާނެކަމާ މެދު މިހާތަނަށް ޝައްކެއް ނުއުފެދެ އެވެ. މާޒީ އަށް ބަލާއިރު އެމްޑީޕީގެ މެމްބަރުންނަކީ އެ ނަމޫނާ ދައްކާފައިވާ ބައެކެވެ. އެ މީހުންނަށް އިސްވާނީ އެމްޑީޕީ އެވެ. ރާއްޖޭގެ އެހެން ޕާޓީތަކާ ބަލާއިރު، އެމްޑީޕީ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީ އަށް ދުވާ މަންޒަރު މަދެވެ. މަޖިލިހުގައި އާރެއް ބާރެއް ނެތް ދުވަސްވަރު ވެސް ވިއްސަކަށް މެމްބަރުންނާ އެކު އެމްޑީޕީ ފަސް އަހަރު ހޭދަކުރި އެވެ. ޕާޓީގެ މެމްބަރުންގެ އަދަދު އެވަރުގައި ހިފެހެއްޓި އެވެ.

ރާއްޖޭގެ ސިޔާސީ ކުރިމަގުގައި ތަނަކަށް ވާނީ ރައްޔިތުންގެ މަޖިލިހެވެ. އެމްޑީޕީ އަށް 65 ގޮނޑި ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ. ސަރުކާރު ހިންގާ މައި ޕާޓީ ކަމަށް ވިޔަސް ސަރުކާރަށް ކޮންމެ ފަދަ ލޮޅުމެއް އަރުވައިލުމުގެ ގާބިލްކަން އެ ސުޕަ މެޖޯރިޓީ އަށް އޮންނާނެ އެވެ. އެ އަށް ސަރުކާރު ހިންގާ އިސް ފަރާތްތަކުން ވެސް ތައްޔާރުވާނެ ކަމަށް ގަބޫލުކުރަމާ ހިނގާށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި (މ) މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މަޖިލިސް ކުރާ މާލަމުގައި މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: މަޖިލިސް

މި މަޖިލިހުން ރާއްޖޭގެ ސިޔާސީ ނުފޫޒު ގަދަ ފަރާތްތަކުން ވަނީ ޖާގަ ހޯދައިފަ އެވެ. އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ، އެންމެ ބޮޑު ތާއީދެއް އޮތް ނަޝީދު ހުންނެވީ މަޖިލިހުގެ އެންމެ ކުރީ ސަފުގަ އެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަމެވެ. މަޖިލިހުގައި ބަސް ނުއިއްވޭ މަގާމެއްގައި ހުންނަވަން ބޭނުންފުޅު ނުވާތީ މަޖިލިހުގެ ރައީސްކަން ނަޝީދު ބޭނުންފުޅު ނުވާ ކަމަށް ކުރިން އޮތީ ވިދާޅުވެފަ އެވެ. އެކަމަކު މަޖިލިހުގެ ރައީސްކަމުގެ ވާދަވެރިކަމުގެ ތެރެއިން ޕާޓީގެ މަސްލަހަތަށްޓަކައި ފަހު ވަގުތު ނިންމަވާނެ ގޮތެއް އަދި ނޭނގެ އެވެ. މަސްލަހަތަށްޓަކައި މަޖިލިހުގެ ރައީސްކަމަށް ނަޝީދު ގެންނަން ބޭނުންވާ ބަޔަކު މިހާރު އެބަ ތިއްބެވެ.

މި ފަހަރު އެމްޑީޕީ ތެރެއިން މި ފެންނަނީ ތަފާތު މަންޒަރެކެވެ. އަމިއްލަ ޕާޓީގެ ތެރޭގައި ބޮޑެތި ފަލީހަތް ކުރުންތަކާއި އަގު ވައްޓާލުމުގެ ވަރުގަދަ ކެމްޕެއިނެކެވެ. މީގައި ވަކި ބަޔަކު އިސްތިސްނާ ކުރެވޭކަށް ވެސް ނެތެވެ. ޔަގީންވާ ކަމަކީ މިއީ ސިޔާސީ ބާރުވެރިކަން ހޯދުމުގެ ކެމްޕެއިނެއް ކަމެވެ. ފެންނަނީ އެ މަންޒަރެވެ. ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި ހުންނަވަނީ އަތްފައި ބަނދެވިފައި ހުންނަވާ ބޭފުޅެއް ނޫންކަން މާޒީން ސާބިތުވާނެ އެވެ. ގަވައިދުގެ ތެރޭގައި އުޅުއްވާނެ ކަމަށް ކުރިން ވިދާޅުވާނެ އެވެ. ބާރުވެރިކަން އިންތިހާ އަށް ލިބުނީމާ ދައްކާނީ އެހެން މަންޒަރެކެވެ.