ރައީސާއި އެމްޑީޕީއަށް، ހަނދާން ނައްތާނުލާތި!

ރާއްޖޭގެ މިނިވަން މުއައްސަސާތަކަކީ، އޭރަކު ހުންނަވާ ރައީސަކު ވިދާޅުވާހާ ކަމެއް، ވިދާޅުވާ ގޮތަކަށް ކުރާ އިދާރާތަކެއް ނޫން ކަމަށް ހެއްދެވުމުގެ މަސްއޫލިއްޔަތު މިހާރު އެޅިފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގަ އެވެ. އެކަމަކު ރައީސްގެ ބާރުގެ ދަށުގައި އޮތް އެ ޒިންމާ އަދާކުރައްވަނީ އެންމެ ރަނގަޅަށްތޯ ސުވާލު އުފެދޭ ގޮތަކަށް ބައެއް ނަންތައް އިޚުތިޔާރުކުރާ މަންޒަރު އެބަ ފެނެ އެވެ.


ނިމިދިޔަ ވެރިކަމުގައި ރާއްޖޭގެ މިނިވަން ހުރިހާ މުއައްސަސާތަކެއް ހިންގީ، ގާނޫނުގައި ނެތް ސިފަތަކެއްގެ ތެރެއިން، ސަރުކާރުގެ ކޮންޓްރޯލްގެ ދަށުންކަމާ މެދު އުފެދިފައި އޮތީ ޝައްކެއް ނޫނެވެ. އެއީ ކަށަވަރު، ދިވެހިން ކޮންމެ ދުވަހަކު ހެން އޭރު ތަޖުރިބާކުރި ހަގީގަތެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އަބްދުﷲ ދީދީ އެކަންޏެއް ނޫނެވެ. ވަކިނުކޮށް ތިއްބެވި ފަނޑިޔާރުންގެ ނަންތައް ވެސް ހަގީގަތުގައި ވަނީ ކަޅުވެ، އަނދިރިވެފަ އެވެ.

މިނިވަން މުއައްސަސާތައް އޭރު ހިންގި ގޮތުގެ ހިތި ތަޖުރިބާގެ ސަފުހާތައް އުކުމަކީ، މިވަގުތަށް ބޭކާރު ކަމެކެވެ. ރައީސަށް ހަމައެކަނި އޮތީ، އެ ތަޖުރިބާ އަލުން ކުރަން ނުޖެހޭނެ ގޮތަށް، ނުވަތަ އެ ފުރުސަތު ވީހާ ވެސް ހަނިކުރެވޭނެ ގޮތަކަށް، މުއައްސަސާތައް އަލުންބަލުން ނަގާ ކޮޅަށް ޖެހުމެވެ. ނަމަވެސް އެކަން ކުރެވޭނީ އެ މުއައްސަސާއެއްގެ ޒިންމާ އަދާކުރެވޭ ފަދަ ތަޖުރިބާ އާއި ވިސްނުމާއި ޚިޔާލު ވެސް ހުރި ބަޔަކަށެވެ. ނަން މަޝްހޫރުވުމަކުން، ނުވަތަ ވަކި ބަޔަކާ ގާތް ގުޅުމެއް އޮތުމަކުން ޖާގަ ދެއްވަން ޖެހޭ ވަރަށް ވުރެ، އެބަޔަކު ކުރަން ހުރި މަސައްކަތްތައް މާ ބޮޑީ އެވެ.

އަޅުގަނޑުމެންނަށް މި ފަހުން ފެނުނު އެއް މަންޒަރަކީ، ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމްގެ ނަން، އޭސީސީގެ މެމްބަރުކަމުގެ ލިސްޓުގެ މެދަށް ވަންތަނެވެ. ސަބަބު ވަރަށް ސާފެވެ: އޮފީސް މާހައުލުގައި އަންހެން މުވައްޒަފަކާ މެދު ނުކިއްސަރު ގޮތަކަށް އަމަލް ބެހެއްޓުމުގެ ތުހުމަތެވެ. ނިޔާޒް އެކަން ދޮގުކުރައްވަ އެވެ. އެކަމަކު އިދިކޮޅު އަޑުތައް ކަނޑުވާލަން އަނިޔާވެރިކަން އިސްކުރެއްވުމާއި ޚިޔާނާތުގެ ތުހުމަތު އެޅިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ފުރަތަމަ ތިލަކޮށްލެއްވުމުގެ ކްރެޑިޓް، އޭރުންސުރެ ދެމުން ގެންދިޔަ އެއް ބޭފުޅަކީ ނިޔާޒެވެ. އެވަރުގެ ޝަހުސިއްޔަތަކަށް އޭސީސީން ޖާގަ ނުލިބުނީ، އެއް ބަޔަކަށް ވިސްނިދާނެ އެވެ؛ ތުހުމަތުތަކެއް އޮތުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރުންގެ ވިސްނުން ހުރީ އެ މަގުން ކަމަށް ވާ ނަމަ، މިނިވަން މުއައްސަސާތަކަށް އައްޔަންކުރަން ފޮނުވާ އެހެން ނަންތަކާ މެދު ވެސް އެ ނަޒަރުން ބަލަން ޖެހޭނެ އެވެ. އަދި ރައީސްގެ ލިސްޓްގެ ކުރިއަށް އަންނަ ބައެއް ނަންތަކާ ގުޅިފައިވާ ސީރިޔަސް މައްސަލަތަކެއް، އާންމުންނާ ހަމައަށް ތިލަނުވިޔަސް، ހުރުން ވަރަށް އެކަށީގެންވެ އެވެ. އެއީ ރައީސަށް ލަފާއަރުވާ ބޭފުޅުންނަށް ހޯއްދެވޭނެ ކަންކަމެވެ. ވަކި އާއިލާއަކަށް ނިސްބަތްވުމަކުން، ވަކި ޕާޓީއަކަށް ކުރިންސުރެ ސަޕޯޓްކުރުމަކުން، ނުވަތަ އިންތިހާބު ކާމިޔާބުކުރަން ލިބުނު އެހީތެރިކަމުން، އެފަދަ މީހުންނަށް ގިނައިން މާކްސް ލިބި، ރައީސްގެ ހިތްޕުޅުންނާއި އެމްޑީޕީގެ މެމްބަރުންގެ ވިސްނުމުން ޖާގަ ކަށަވަރުވެގެން ނުވާނެ އެވެ.

މުއައްސަސާތަކަށް ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ، އެއްވެސް ޖެހިލުމެއް ނެތި އުފުލޭނީ، ހަމައެކަނި އިލްމީ ސެޓްފިކެޓްތަކެއް އޮވެގެން ނޫންކަން، ޑިމޮކްރަސީ ހަރުދަނާވެފައިވާ ގައުމުތަކުގެ ތަޖުރިބާ އިން ވެސް އެނގެ އެވެ. އަދި އެއީ ވަކި ދާއިރާއެއްގައި ގިނަ ދުވަހު އުޅެގެން ލިބޭ ގާބިލްކަމެއް ވެސް ނޫނެވެ. ބަލަން ޖެހެނީ އެބަޔަކު އެ ދާއިރާއެއްގައި އަމަލީ ގޮތުން ކުރި ބޮޑެތި ކަންކަމަށެވެ. އެބަޔަކު މަސައްކަތްކުރި ތަނަކަށް ގެނެސްދިން ކުރިއެރުމަށެވެ. ރައީސްގެ އަރިއަހަށް ނަންތައް ގެންދަވާ "މުޝީރުންނަށް" އެކަންކަން ހޯއްދެވޭނެ އެވެ. އެބައެއްގެ މިޒާޖާއި ވިސްނުން ހުރި ގޮތް ވެސް ބެއްލެވޭނެ އެވެ. އެއީ މި ޒަމާނުގެ ބަދަލުތަކަށް އަރާއަރަފޯދޭ ބައެއްތޯ، ހަމައެކަނި ހުސް އަނގަތަކެއްތޯ، އެނގެނީ ހިޔާލީ ފޮލޯ ކައްކަންތޯ ވެސް އިންސާފުކުރެއްވޭނެ އެވެ. ރައީސަށް ލަފާއެރުވުމުގެ ޒިންމާއަކީ އެވަރުގެ ބޮޑު ކަމެކެވެ. އަދި ވަކި ނަންތަކަކަށް އިސްކަން ދެއްވުމަކީ ހަމައެކަނި "ކަޅިއެއް އެއްލަވައިގެން" ރައީސް ކުރައްވަން ޖެހޭނެ ކަމެއް ވެސް ނޫނެވެ.

ކުރީ ސަރުކާރުގެ ފަސް އަހަރު، ދައުލަތް ހިންގުމުގެ (ތަރައްގީގެ މަޝްރޫއުތަކެއް ނޫން) ބައި ދިޔަ މިސްރާބުގެ އަސްލު މަންޒިލަކީ އިންތިހާބުން ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމެވެ. އެ "އަދަބު" އެމަނިކުފާނަށް ދިނީ ކޮން ސަބަބުތަކެއް މެދުވެރިވެގެންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާނެ އެވެ. އެހެންކަމުން އެ ސަބަބުތަކާ މެދު އަދިވެސް ވިސްނަވާށެވެ. ދައުލަތް ހިންގުމުގައި މިނިވަން މުއައްސަސާތަކުން ކުޅެން ޖެހޭ، ވަކި އަތަކަށް ނުޖެހުމުގެ ރޯލު، މުހިންމުވެފައި މި އޮތީ މުޅި ގައުމަށްކަން އަބަދުވެސް ހިޔާލަށް ގެންނަވާށެވެ.

ސުވާލުތަކެކެވެ: އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުނީ ކީއްވެގެންތޯ އެވެ؟ ސަރުކާރުން ކުރި ގާނޫނާ ހިލާފު ކަންކަން ނުހުއްޓުވުނީ ކީއްވެގެންތޯ އެވެ؟ މަގުމަތިން ދަނިކޮށް ވަގަށް ނަގައިގެން ގެންގޮސް، އިތުރު ހިލަމެއް ވެސް ނުވާނެ ގޮތް ދިވެހި ރައްޔިތުންނަށް ހަދާލަފާނެކަމުގެ ބިރު އުފެދުނީ ކީއްވެގެންތޯ އެވެ؟ އިދިކޮޅު ލީޑަރުން ބޭނުން އިރަކު ހައްޔަރުކޮށް، ޖަލަށް ލައި ހެދުނީ ކީއްވެގެންތޯ އެވެ؟ ވަކި މީޑިއާތަކަކަށް އަމާޒުކޮށް، ހަރުކަށި ފިޔަވަޅުތައް އެޅުނީ ކީއްވެގެންތޯ އެވެ؟ ކަމާ ބެހޭ ފަރާތްތަކުގެ ފަރުވާ ކުޑަވެގެން ޖަލުގައި މީހުން މަރުވަމުން ދިޔަ އިރު، އެއިން ކަމެއްގެ ހަގީގަތާ ހަމައަށް ނުދެވުނީ ކީއްވެގެންތޯ އެވެ؟

މި ސުވާލުތައް ނިސްބަތްވާ ދައުލަތުގެ ކޮންމެ އިދާރާއެއް ވެސް އޭރު އޮތީ ނިދައިފަ އެވެ. ނުވަތަ ސަރުކާރުން ބުނީމާ ނިދާ ކަހަލަ ބައެއްގެ މުށުތެރޭގަ އެވެ.

އެކަމަކު މިއީ ޔާމީންގެ ވެރިކަން ނިމުމަކުން، ދައުލަތުގެ އިދާރާތަކުގެ ހަތަރު ފާރު ތެރެއިން އަނެއްކާވެސް އުފަންނުވާނެ ސަގާފަތެކޭ ބުނެ ހިތްހަމަޖައްސާލެވޭކަށް ނެތެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، ދިވެހި ރައްޔިތުން ހަވާލުކުރި ޒިންމާއަށް ބަލާއިރު، ވަކި ކުލައެއް ދެކެ ލޯބިވާ ބަޔަކަށް، ވަކި އާއިލާތަކަކަށް ނިސްބަތްވާ ބަޔަކަށް، ވަކި މީހަކާ ގާތް ބަޔަކަށް ބައްލަވައިގެން މިނިވަން މުއައްސަސާތަކުން ޖާގައެއް ނުދެއްވޭނެ އެވެ.

ރައީސާއި މަޖިލިހުގެ ކޮންޓްރޯލް އޮތް އެމްޑީޕީ އެވެ: މިދިއަ ނޮވެމްބަރު 17 ގައި، ރާއްޖޭގައި ފެށުނީ، ރާއްޖޭގެ ތާރީޚު ކުރިން ނުދެކޭ ފަދަ އިސްލާހީ ބަދަލުތަކެއް ގެންނާނެ ވެރިކަމެއްކަން ހަނދާން ނައްތާނުލާށެވެ.