އޮޅުން ބޮޅުން: ވިސްނަވާ، ބަދަލަކަށް ބޭނުންވޭ!

ލާމަރުކަޒީ އުސޫލުން ތަންތަން ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކް ވެއްޓެއް ރަށު ފެންވަރުގައި ވެސް ގާއިމްކުރުމެވެ. މަޝްވަރާ ކޮށްގެން، ޚިޔާލު ހޯދައިގެން، ރަށުގެ ބޭނުންތަކަށް ބަލައިގެން ރަށްފުށުގައި ޑިމޮކްރެސީގެ އުޞޫލު އަށަގެންނެވުމެވެ. ޑިމޮކްރެސީގެ ބޮޑު "ސްޓޭޖަށް" އެރުމަށް އެންމެ ތިރިން ފެށިގެން މީހުން ތަމްރީނު ކުރުމެވެ. އެ ރަށެއްގައި ވަޒަންވެރިވެގެން ދިރިއުޅޭ ބަޔަކަށް، އެ ތަނެއްގައި ކަންތައް ހިނގާނެ ގޮތަކާ މެދު ގޮތް ބުނުމުގެ ފުރުސަތު ދިނުމެވެ. އެންމެ ތިރިން ފެށިގެން ރައްޔިތުންގެ އަޑު އުފުލުމެވެ. އެތަނެއްގައި ދިރިއުޅޭ ބައެއްގެ އުނދަގުލާއި އެ މީހުންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ، ހައްލެއް ހޯދުމަށް މަސައްކަތް ކުރުމެވެ.


މާލޭގައި ވެސް ކަންތައް ހިނގަނީ މިކަހަލަ ގޮތަކަށެވެ. މާލޭގެ ސިޓީ ކައުންސިލްގެ ތެރޭގައި ހަރަކާތްތެރި ވުމަށް ފުރުސަތު ނުލިބޭ، ރައްޔިތުންނަށް ޚިދުމަތްކުރަން، އަދި ތިމާ އުޅޭ މާޙައުލުގައި ކަންތައްތައް ރަނގަޅު ކުރުމަށް ބޭނުންވާ މީހުން، އެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ ތެރޭގައި ހަރަކާތްތެރިވެ އެވެ. މި ގޮތަށް ހަރަކާތްތެރިވާ ފަރާތްތަކަށް، ފަހަކަށް އައިސް "އެކްޓިވިސްޓު" ން ނޭ ވެސް ކިޔަ އެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެކްޓިވިސްޓުންގެ ތެރޭގައި ދެ ވައްތަރެއްގެ ބަޔަކު އުޅެ އެވެ. އެއް ބަޔަކީ ޕާޓީތަކުގެ އެތެރޭގައި އެކްޓިވިސްޓުންގެ ގޮތުގައި، ޤާނޫނީ އިމުގެ ތެރޭގައި ހަރަކާތްތެރިވާ ބައެކެވެ. އަނެއް ބަޔަކީ ބައެއް ފަހަރު ޤާނޫނީ އިމުން ބޭރުގައި ވެސް ހަރަކާތްތެރިވާ ފަރާތްތަކެވެ. މި ގޮތަށް ޤާނޫނީ އިމުގެ ތެރޭގައި ހަރަކާތްތެރިވި ބައެއް މީހުން ވަނީ އެންމެ ފަހުން ބޭއްވި އާއްމު އިންތިޚާބުގައި މިހާރުގެ ރައްޔިތުންގެ މަޖިލީހުން ގޮނޑި ވެސް ކާމިޔާބުކޮށްފަ އެވެ. މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެމީހުން ކޮށްފައިވާ މަސައްކަތަށް ބަލާއިރު ދެންނެވޭނީ، އެ މީހުން މަސައްކަތް ކޮށްފައި ވަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށެވެ. ރައްޔިތުންގެ ހައްގުގައި އަޑު އުފުލާފައި ވެއެވެ. އަޅުގަނޑު ދަންނަވަން މި އުޅެނީ ލޯކަލް ކައުންސިލްތައް އިންތިޚާބު ކުރަނީ ވެސް މި ބޭނުމުގައި ކަމެވެ. އެ ރަށެެއްގެ ސިޔާސީ މާހައުލެއްގެ ތެރެއިން ތަމްރީނާއި ތަޖުރިބާ ލިބިގެން ސިޔާސީ މައި ސްޓޭޖަށް ދާން ބޭނުންވާ މީހުން ދިއުމަށް ދުޅަހެޔޮ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރުމަށެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ރަށެއްގައި ދިރިއުޅޭ މީހަކަށް، އެ ރަށުގެ ދަތިތައް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭނެ އެވެ. އެ ރަށުގައި ރަޖިސްޓުރީކޮށްފައި ހުންނަ މީހަކު، ބޭރު ގައުމެއްގައި ދިރިއުޅުން އޭނާގެ ރަށަށް ވުރެ ފަސޭހަ ކަމަށް ފެނިގެން ބޭރު ގައުމަކަށް ދިރިއުޅުން ބަދަލުކޮށްފައި ވަނިކޮށް، އެ ގައުމުގައި ހުރެގެން އޭނާގެ ރަށުގެ ލޯކަލް ކައުންސިލުގެ މެމްބަރު ކަމާ ކުރިމަތިލާ މީހުންނަށް ވޯޓު ދިނުމުގެ ފުރުސަތު ދޭން ޖެހޭނެ ބާވަ އެވެ؟ އޭނާ އަށް ދުވަހުން ދުވަހަށް، އެ ރަށެއްގެ މީހުން ކުރިމަތިލާ އުނދަގޫތައް އިހުސާސެއް ނުކުރެވޭނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ރަށެއްގެ ކުނި އަންދާ ތަނެއްގެ ކައިރީގައި ގެދޮރު ހުރި ބަޔަކަށް ކުނި އެންދުމުން ވާ އުނދަގޫ އެ މީހުންނަށް އިހުސާސް ކުރެވޭ ގޮތަށް ގައުމުން ބޭރުގައި އުޅޭ މީހަކަށް އިހުސާސެއް ނުކުރެވޭނެ އެވެ. އަދި އެ ރަށެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ބައެއްގެ ތަޖުރިބާ ވެސް އޭނާއަކަށް ނޭނގޭނެ އެވެ.

ލޯކަލް ކައުންސިލްތަކަށް މެމްބަރުން ހޮވަނީ އެ ސަރަހައްދަކަށް ހާއްސަވެފައިވާ މައްސަލަތައް ބަލާ ހައްލު ހޯދައިދޭނެ ކަމަށް ބަލައިގެން. އެތަނެއް ގައި ދިރިއުޅޭ މީހުންނެވެ. އެ މީހުންނަށެވެ. މިހެން ވުމުން ބައެއް ގައުމުތަކުގައި ސެނެޓުގެ މެމްބަރަކަށް ވުމަށް އެ މީހަކު ކުރިމަތިލާ ސަރަހައްދެއްގައި ވަކި މުއްދަތެއް ވާންދެން ދިރިއުޅެން ވެސް ލާޒިމް ކުރެ އެވެ. އަދި ދިރިއުޅޭނެ ތަނެއް ވެސް ރަޖިސްޓުރީ ވެފައި އޮންނަން ޖެހެ އެވެ. އެ ގޮތަށް ހަަމަޖެއްސުމުގެ މައިގަނޑު މަގުސަދަކީ، ކުރިމަތިލާ ކެންޑިޑޭޓަށް އެ ސަރަހައްދުގެ ކަންތައް ރަނގަޅަށް އޮޅުންފިލާފައި އޮތުން ލާޒިމް ކުރުވުމަށެވެ.

ރާއްޖެ ކަހަލަ ޖަޒީރާތަކަކަށް ބިނާވެފައި އޮންނަ ގައުމަކާއި ބައެއް ބޮޑެތި އެހެން ގައުމުތަކާ ވަރަށް ތަފާތު ވެދާނެ އެވެ. ރާއްޖޭގެ އަތޮޅުތަކުގެ ގިނަ ރައްޔިތުން ވަޒީފާ ހޯދުމަށް ހިޖުރަކުރަން ޖެހެނީ މާލޭ ސަރަހައްދަށެވެ. ކޮންމެހެން މި ސަރަހައްދަށް އަންނަން ބޭނުން ވެގެނެއް ނޫނެވެ. އެ މީހުންގެ ދިރިއުޅުމުގެ ހާލަތު މަޖުބޫރުކޮށްގެންނެވެ. މިހެންވުމާ އެކު އެފަދަ މީހުންގެ ރަށު ކައުންސިލަށް ވޯޓު ލުމުގެ ފުރުސަތު މިހާރު ވެސް ތަނަވަސް ކޮށްފައި އޮންނަ ގޮތަށް އޮތުމަށް ބޭނުން ވާނެ އެެވެ. ނަމަވެސް ބޭރު ގައުމުތަކުގައި ދިރިއުޅެމުން ދާ މީހުންނަށް ރަށު ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ތަނަވަސް ވެފައި އޮތުމަކީ، މާ ބޮޑަށް ޑިމޮކްރެޓިކް ވާން ވެގެން ކުރެވޭ ޑިމޮކްރަސީއާ ފުށުއަރާ އަމަލަކަށް ނުވާނެ ބާވަ އެވެ؟ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިއާގައި، ވިލޭޖް ކައުންސިލް އާއި ސިޓީ ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ލުމުގެ ފުރުސަތު، އެ ގައުމުގެ ސަފީރު އޮފީސް ހުންނަ ހުރިހާ ގައުމެއްގައި، އެ ގައުމުން ބޭރުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައި އޮވޭ ބާވަ އެވެ؟ އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ނުއޮވެ އެވެ. މުސްލިމުންގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑޮނޭޝިއާގައި އާއްމު އިންތިޚާބުގައި ބޭރު ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ހަމަޖެހުނީ މި އަހަރު އެވެ.

ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވޯޓުލެވޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ ރަނގަޅު ކަމެއް ނޫނެވެ. ބޮޑު މަސައްކަތެކެވެ. ޚަރަދު ބޮޑު ކަމެކެވެ. ރަށްފުށުގައި ދިރިނުއުޅޭ ބަޔަކު، ރަށްފުށުގައި ދިރިއުޅޭ މީހުންގެ މައްޗަށް ބަސް ކިޔާނެ ބަޔަކު ހޯދުމަށް ވޯޓު ލެވޭ ގޮތަށް އޮތުމަކީ އަޅުގަނޑުގެ ނަޒަރުގައި ލާމަރުކަޒީ އުޞޫލަށް ހިންގުމުގެ މަގުސަދާ ވެސް ފުށުއަރާ ކަމެކެވެ. މިކަހަލަ މައްސަލަތަކަކީ ކޮންމެވެސް ފަރާތަކުން ހުށައަޅައިގެން ރައްޔިތުންގެ މަޖިލީހުގައި ގަޑިއެއްހާ އިރު ވާންދެން ބަހުސް ކޮށްލަން ވެސް ރަނގަޅު މައްސަލަތަކެކެވެ. އެ އިރުން މައްސަލައިގެ ދެކޮޅު ރައްޔިތުންނަށް ވަރަށް ރަނގަޅަށް ފެނިގެން ދާނެ އެވެ. ތެދުފުޅެކެވެ. ބޭސްފަރުވާ އަށާއި ވިޔަފާރީގެ ބޭނުމުގައި ރާއްޖެ އިން ބޭރުގައި އުޅޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ގެއްލޭނެ އެވެ. އެހެންނަމަވެސް އެފަދަ މީހުންގެ ތެރެއިން ވޯޓު ފޮށި ހުންނަ ހިސާބަށް ދިއުމަށް ވަގުތާއި މާލީ ތަނަވަސް ކަން އޮންނާނީ ކިތަށް މީހުންނަށް ބާވަ އެވެ؟ އަޅުގަނޑުގެ މި ލިއުމުގެ ބޭނުމަކީ ބަޔަކަށް ތަނަވަސް ވެފައި އޮތް ވޯޓް ލުމުގެ ފުރުސަތު ގެއްލުވާލުމަށް މަސައްކަތް ކުރުމެއް ނޫނެވެ. ރަށްފުށު ބާރުވެރި ކުރުމުގެ ނިޒާމުގައި އެތަނެއްގައި ދިރިއުޅޭ ބަޔަކަށް އެމީހުންގެ މައްޗަށް ބަސްކިޔޭ ބަޔަކު ހޮވުމަށް ބާރު އެޅުމެވެ.