ވެހެމުން ދިޔަ ބޯ ވާރެއިން ސަލާމަތްވާން، އަސްކަންޏެއް ދޮށުގައި ހުރީމެވެ.
މަގުގައި ފެން ބޮޑުވަމުން ދިޔަ އެވެ. ދުވާރުމަތީ ތިބި މީހުންނަށް ބެލުމެއް ނެތި، ކާރުތަކުން ފެންގަނޑު ކަނޑަމުން، ބުރުވަމުން ދަތުރުކުރެ އެވެ.
ދެން އިވުނީ އިނގިރޭސި ލަވައެއްގެ އަޑެވެ. ކޮން ލަވައެއްކަމެއް ނޭނގުނެވެ. ލަވަކިޔާ މީހާ ހުރީ، ކުއްލިއަކަށް، އަހަރެންގެ ކައިރީގަ އެވެ. ތުރުތުރު އަޅާ ހާލުގައި، ދެކޮޅަށް ހިނގަނީ އެވެ. ލައިގެން ހުރީ ރީނދޫ ކުލައިގެ ބާ ޓީޝާޓެކެވެ. ކަކުލަށް ވުރެ ތަންކޮޅެއް ތިރިއަށް ފައިބައި ވަރުގެ ބާރު ޖިންސެކެވެ. ނުދޮވެ ގިނަ ދުވަސް ވުމުން، ދާވެ، އޭގެ ނޫ ކުލަ، ކަޅަށް ބަދަލުވެފަ އެވެ.
އޭނާގެ އަޑު ބާރެވެ. ލަވަޔަށް ހުއްޓުމެއް ނާދެ އެވެ.
ކޮންމެވެސް ތާކަށް ދާން އުޅެމެ، އެކަމަކު ވާރޭގައި ތާށިވެ، ތެމި، މީހާގެ ހާލަތު، ކޮންޓްރޯލުން ނެއްޓެނީ އެވެ. އޭނާއަށް އޮތީ، މަގު ބެދިފަ އެވެ. ހަމަ ހޭގައި ތިބި މީހުން ކެތްތެރިކަމާ އެކު ވާރެއާ މެދު ވިސްނުމުގަ އެވެ. އެވަގުތު ލިބެން އޮތް ހިޔާވަހިކަމެއްގަ އެވެ. ވާރޭ ހުއްޓާލާނެ އިރަކަށް، ޝަކުވާއެއް ނެތި، އިންތިޒާރުގަ އެވެ.
އެކަމަކު އޭނާ ބާރުބާރަށް ދެކޮޅަށް ހިނގަމުން، ގަދަ އަޑުން ލަވަކިޔަނީ އެވެ. ވަށައިގެން ތިބި މީހުން ބަލާ ކަމެއް، އޭނާއަކީ މޮޔައެއްތޯ ހިތުގައި ސުވާލު އުފެދޭނެ ކަމެއް ރޭކައެއް ނުލަ އެވެ.
އެ ބާރެއް އޭނާގެ ވިސްނުމުގައި ނެތެވެ. ބައެއް ފަހަރަށް ނުވަތަ، އޭނާގެ ހާލަތަށް ބަލާ ނަމަ، ގިނަ ފަހަރަށް، ހަމަ ބުއްދި ފިލައި، ދުނިޔެ ކުޑަވެ، ވަށައިގެންވާ މާހައުލު ފުސްވެ ދެ އެވެ.
ވިއްސާރައިގައި ތާށިވެ، ތެމި، ހީކަރުވައިގަތުމުން، އޭނާގެ ސިކުނޑި ހަމައިގެ މަގުން ކައްސާލީ އެވެ. އޭނާގެ ހަށިގަނޑުގައި، ސިއްހީ ގޮތުން ރަނގަޅު މީހުންނަށް ލިބިދޭ ކެތްތެރިވުމުގެ ބާރެއް ނެތެވެ.
އޭނާ ދަންނަމެވެ. އުޅުނީ އެއް ސްކޫލެއްގަ އެވެ. ލިބިފައި ހުރި ރީތި ސިފައާ އެކު، އޭރު މަޝްހޫރެވެ. ބްރޭކްޑާންސްގެ ޒަމާނުގައި، 1980ގެ އަހަރުތަކުގެ ކުރީކޮޅު، އެ ހުނަރުން ފުރުނު ޒުވާނެކެވެ. އޭގެ ފަހުން އެކަމަކު މިހާރުހާ އާންމުންގެ ތެރޭގައި މަޝްހޫރު ނޫން، ރާޅާ އެޅުމުގައި ވެސް ތަފާތެވެ.
ކުއްލިއަކަށް މީހާގެ ކޮންމެ ދުވަހެއްގެ އާދަތަކުގެ ތެރެއަށް ވަދެގަތީ، އެ ގޯސް، ނުރައްކާތެރި މަސްތެވެ. ހުރިހާ ވައްތަރެއްގެ މަސްތުވުމެކެވެ. ރަލާއި ހިކި ބާވަތްތަކާއި ތެތް ބާވަތްތަކެވެ. އެ ހުރިހާ މަސްތެއްގެ ތެރެއިން ވެސް، ބައެއް ރައްޓެހިން ބުނާ ގޮތުގައި، ހެރޮއިންގެ ދެވިހިފުމުގެ ވަޅުގަނޑަށް ވެއްޓި، ނޭރި އުޅޭތާ އެތައް އަހަރެކެވެ.
މީހާގެ ސިފަޔަށް އައިސްފައި ހުރި ބަދަލުން އެއީ ކާކުކަން، އޭނާ ދަންނަ މީހުންނަށް ރޭކާލަނީ ވެސް، އިރުގަނޑެއް ފަހުންނެވެ. ހަންގަނޑުގެ ރީތިކަން ގެއްލި، ރޫޖެހިއްޖެ އެވެ. މޫނުގެ ތާޒާކަން، ގިނަ ދުވަހުގެ ގިނަ ވަގުތު، މަސްތުވެފައި އިނދެ، ނަގާލައިފި އެވެ. ދެ ލޮލުގެ ދިރުމުގެ އަލިކަން ގެއްލިފަ އެވެ. ފަން، ވަރުގަދަ އިސްތަށިގަނޑު، ހަރުވެ، ހަޑިވެފަ އެވެ.
އޭގެ ދުވަސްގަނޑެއް ކުރިން އޭނާ ފެނުނީ މަގުމަތީގައި ހުރި ކުނިތަކެއް ހާވަމުން ދަނިކޮށެވެ. އޭގެ ފަހުން އެއް ދުވަހަކު އޭނާ ހިނގަމުން ދިޔައީ ރާޅުގަނޑު ސަރަހައްދުގަ އެވެ. ރާޅާ އެޅުމުގައި މިހާރުގެ އެތައް ޒުވާނުން އުޅުނު އިރު އެކަމަށް އޭނާގެ ނަޒަރު ހުއްޓައެއް ނުލަ އެވެ. އެ ހުނަރަށް މިހާރު އޭނާގެ ޝައުގެއް ނެތެވެ.
ބާރު ބާރަށް ލަވަކިޔަމުން ދެ އެވެ. އަހަރެންގެ ކުރިމަތިން ދެ ފަހަރަށް ހުރަސްކުރި އެވެ. ބުނާނީ ކީކޭ ކަމެއް ނުވިސްނުނެވެ. އޭނާ ބޭނުންވަނީ ނުތެމި ހުންނަން ކަމެއް، ނުވަތަ ތަނަކަށް ވަދެ ހީފިލުވަންކަމެއް ވެސް ނޭނގުނެވެ. ކޮންމެ ފަހަރަކު ދުވާރު މަތިން އޭނާއަށް ދެވެނީ ވާރެޔާ ދެމިގެންނެވެ. އެހެންކަމުން އޭނާ އޭރު ވެސް އެހުރީ މަސްތެއްގައި ކަމަށް، މަންޒަރު ބަލަން ތިބި މީހުންގެ ހިތަށްއަރާނެ އެވެ.
އެއް ތަންކޮޅެއްގައި ބުރު ޖަހަޖަހާ ހުރެފައި، ދެން ފެނުނީ މަގުގެ އެއްކޮޅަށް ބާރުބަރަށް ހިނގައިގަންތަނެވެ. އޭރު ވެސް ލަވަޔަށް ހުއްޓުމެއް ނަ އެވެ. ބޯވާރޭގެ އަޑާއި، އޭނާގެ އަޑެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާ ގޮސް ލޯ މަތިން ގެއްލިއްޖެ އެވެ.
އެކަމަކު އެއީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގެ ކުރީކޮޅު ފެނުނު ޒުވާނާގެ ސިފައެއް ނޫނެވެ. މީހާ އެހާ ވަރަށް ބަދަލުކޮށް، ދުނިޔޭގެ ހަމައިގެ ރޮނގުން ބޭރުގައި އުޅެން ޖައްސާ މަސްތުވާތަކެތީގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން އެވަނީ އަނދިރީގަ އެވެ. އޭނާގެ އުއްމީދެއް ނެތެވެ. މީހުން އޭނާގެ މަތިން ހަނދާންކުރާކަށް ބޭނުމެއް ނުވެ އެވެ. ތިމާގެ މީހުންނާއި ރައްޓެހިން ދޫކޮށް، އެކަނިމާއެކަނި، ނުވަތަ އެ ބޭނުންކުރާ ބަޔަކާ އެކު، އުޅެނީ، ދުނިޔޭގައި އެހެން ގޮތެއް ނެތް ކަމަށް ބަލައިގެންނެވެ.
ހަގީގަތުގައި ގޮތްތައް އެބަ ހުއްޓެވެ. ސަލާމަތްވާނެ މަގުތައް ވެސް ވަނީ ފެނިފަ އެވެ. އެކަމަކު އެއީ ވެސް އަޒުމެއް އޮވެގެން ހާސިލްވާނެ ނަތީޖާއެކެވެ. މައްސަލައަކީ، އަދި ހިތާމައަކީ، އެ ފުރުސަތުތަކުގެ ބޭނުން، އެ އަޒުމުގައި ހިފޭ ގޮތް ނުވުމެވެ. ފަރުވާއަށޭ ކިޔާފައި ބަންދުން ވީއްލެނީ ވަގުތީ މިނިވަންކަމެއް ހޯދާށެވެ. ގަވާއިދުން ފަރުވާ ނުހޯދައި އުޅެނީ މަކަރުވެރި ރޭވުމެއްގަ އެވެ.
މަސްތުގެ ނުބައިކަމާއި ބިރުވެރިކަން ވަރަށް ފަހުން ވެސް ދިވެހިންނާ ހަމައަށް ތިލަވެއްޖެ އެވެ. ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލީ، މުޅި ދުވަހު މަސްތުވުމުގައި އުޅެ، އަދި އެކަން ކުރާނެ އިތުރު ފައިސާ ހޯދަން ފޭރުމުގެ ތެރޭގަ އެވެ. އެއީ މީހާގެ ހަމަ ބުއްދި ފިލައިގެން ގޮސް، އިންސާނަކު ކަތިލާ އިރު ވެސް، އަދި މަރަށް ތެޅޭ އިރު ވެސް، ހިތުގައި ރަހުމެއް ނުއުފެދޭކަން އަންގައިދިން ގަތުލެކެވެ.
އޭނާ އަނިޔާވެރިއެއް ނޫނެވެ. އެކަމަކު އުމުރުގެ ވަރަށް ބޮޑު ބައެއް ޖަލުގައި ހޭދަކޮށްފި އެވެ. އެހެންކަމުން އޭނާ އަނިޔާ ދިނީ އަމިއްލަ ނަފުސަށެވެ. އާއިލާ އަށާއި ރައްޓެހިންނަށެވެ. މުޅިން ބޭކާރު މީހަކަށް ވެގެން، ގައުމަށެވެ.
އެކަހަލަ ކިތައް މީހުން ހެއްޔެވެ؟ އެއް ބަޔަކު ގޭތެރޭގައި ރުޅިވެރިކަން ހައްދުން ނެއްޓިފަ އެވެ. ލާރި ނުދީފި ނަމަ އެއްޗެހިތައް ފުނޑުކޮށް، މުގުރުމުގަ އެވެ. މުޅި އާއިލާއަށް ބިރުވެރިކަމެވެ. އަނެއް ބަޔަކު ވަންނާނެ ގެއެއް ނެތި، މަގުމަތީގަ އެވެ. ފޭރުމާއި މާރާމާރީގަ އެވެ. ލޯބިވެރިންނާ ވަކިންނެވެ. އަނބިންނާއި ފިރިން ދޫކޮށްފަ އެވެ. ދަރިން ބިކަ ހާލުގަ އެވެ.
މި ނުރައްކަލުން ދިވެހި ގައުމު ސަލާމަތްވާނީ ކޮން ދުވަހުން ހެއްޔެވެ؟ ނުވަތަ ދުވަހަކަށް ވުރެ ދުވަހެއްގައި އެ އަދަދު ދާނީ މައްޗަށް ހެއްޔެވެ؟ ދައުލަތަށް ބުރަ ބޮޑުވެ، މުޅި ނިޒާމު ވެސް ހަލާކުވާނީ ހެއްޔެވެ؟
މިސްރާބު ހުރީ އެދިމާލަށެވެ. ވާރޭ ތެރޭގައި، ރަނގަޅަށް ހޭބުއްދި ނެތި، އޭނާ އެ އުޅުނު ގޮތުން ވިސްނުނީ އެހެންނެވެ. ޓެކްސީ ޑްރައިވަރުގެ ގާތިލްގެ މިޒާޖުން އެނގުނީ އެކަމެވެ. މާލޭގައި ހިންގާ "ޑްރަގް ކެފޭތަކުން" ފެނުނީ އެ މަންޒަރެވެ.
އާ އަހަރަށް އެތައް ބަޔަކު އާ އުއްމީދުތަކެއްކޮށް، ހެޔޮއެދުންތައް މިއަދު ފޮނުވަމުން ގެންދާ އިރު، ގައުމުގެ "މަސްތުގެ ބައިގަނޑު" އޮތީ ގައުމީ ބިރެއްގެ ގޮތުގަ އެވެ. އެއީ އާންމު އިންސާނުންގެ މިޒާޖުގެ ބައެއް ނޫނެވެ. އެމީހުންގެ ހުރިހާ އުއްމީދެއް އެ ގެއްލުވާލަނީ މަސްތުވުމުގަ އެވެ.
ވަކި ހިސާބަކުން އޭނާ ފަދަ، އެއްވެސް ބޭނުމެއް ނުހިފޭ، އެހެން މީހުންނަށާއި ދައުލަތަށް ބޮޑު ބުރައަކަށް ވެދެ އެވެ.
އޭނާގެ އަޑު އެވަގުތު، އެ ހިސާބުން ކެނޑުނަސް، އެހެން ހިސާބެއްގެ، އެހެން ބަޔަކަށް، އުނދަގޫކުރަމުން ގެންދާނެ އެވެ. މަރުވަންދެން ވެސް އެ އުނދަގުލާއި ނާއުއްމީދުގަ އެވެ.