މަރުގެ އަދަބު - ފުރިހަމަނުވާ ޖިނާއީ ނިޒާމެއްގެ ތެރެއިން

(ނޮވެމްބަރު 17 ގައި ޖެހި ބަޔާ ގުޅޭ)


ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތަކެއް 2006 ގައި ފެށި އެވެ. އެގޮތުން، ބައެއް ޤާނޫނުތައް އިޞްލާޙުކުރުމާއި، އައު ޤާނޫތައް ތަޢާރަފުކުރަން ނިންމި އެވެ. އޭގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ހެއްކާ ބެހޭ ޤާނޫނާއި، ޤާނޫނުލްޢުޤޫބާތާއި މިނޫން ވެސް ބައެއް ޤާނޫނުތައް ހިމެނެ އެވެ. އައު ޤާނޫނުލްޢުޤޫބާތެއް ތަޢާރަފުކުރަން ނިންމީ ޢަމަލު ކުރަމުން ދިޔަ ޤާނޫނުލްޢުޤޫބާތަކީ ޒަމާނަށް ފެތޭ ޤާނޫނަކަށް ނުވާތީ އެވެ. އެ މަސައްކަތް ފެށިތާ ގިނަ އަހަރުތަކެއް ވޭތުވުމަށް ފަހު އެޤާނޫނު ފާސްވީ 2014 ގަ އެވެ.

އިސްލާމް ދީން ޤަބޫލުކޮށްގެން ތިބޭ ސައްތަ އިން ސައްތަ އެދީނުގެ އަހުލުވެރިންގެ ގޮތުގައި ތިބި ދިވެހިންގެ މައްޗަށް ޢުޤޫބާތް ކަނޑައަޅާ ޤާނޫނެއް ހަދާއިރު، އިސްލާމް ދީނުގައި ޝަރުޢު ކުރައްވާފައިވާ ޢުޤޫބާތްތަކާ ގުޅޭ ޙުކުމްތައް ޖާމިޢު ގޮތެއްގައި ހިމެނިފައިވާނެ ކަމަށް ހީކުރެވުނެވެ.

ނަމަވެސް ފެނިގެން ދިޔައީ އައު ޤާނޫނުލްޢުޤޫބާތާ މެދު ބައެއް ޢިލްމުވެރިން އިޢުތިރާޟު ކުރެއްވި ތަނެވެ. ސެކިއުލާ ވިސްނުމުން އުފަންވި އޮރިޖިނަލް ޑްރާފްޓާއި، ފަހުން ދިވެހި ބަހަށް ބަދަލުކުރި ތަފާތު ޑްރާފްޓުތައް ފެނިފައި ވާތީ، ޢިލްމުވެރިން ކުރެއްވި ޝަކުވާއާ މެދު ދެބަސްވެވޭކަށް ނެތެވެ. އިސްލާމީ ޤައުމެއްގެ ދެވަނައެއް ނުވާ ފުރަތަމަ ޤާނޫނުލްޢުޤޫބާތުގެ ގޮތުގައި ފާހަގަކުރައްވާއިރު، އިސްލާމީ ބައެއް ޤައުމުތަކުގެ ޤާނޫނުލްޢުޤޫބާތްތައް ބައްލަވައިލައްވާށެވެ. ޤުރުއާނާއި ޙަދީޘުގައި ވާރިދުވެފައިވާ ޙައްދުތަކާއި ޤިޞާޞްތައް ފިޤްހު ޢިލްމުވެރިންގެ ރައުޔުއާ އެކު ޢުޤޫބާތުގެ ޤާނޫނުގައި ހިމަނާފައި ހުރެ އެވެ.

އިސްލާމީ ޝަރިޢާއާ އެއްގޮތަށް ޤާނޫނުތައް މޮޑިފައި ކުރަން ޖެހެނީ ޝަރުޢީ މައްސަލަތަކުގައި އެކިއެކި ފިޤްހު ފޮތްތަކާއި ތަފާތު ޢިލްމީ ފޮތްތައް ބަލައި އެފޮތްތަކުގައި ހުންނަ ރަޢުޔަށް ބުރަވެ މައްސަލަތައް ނިންމުމުގެ ބަދަލުގައި ޝަރުޢީ މައްސަލަތަކަށް ހައްލު ހޯދައިދޭ ޤާނޫނުތައް ހުރުމުން އެއް އުޞޫލަކަށް މައްސަލަތައް ނިންމަން ބާރުއެޅުމަށެވެ. އެކި ފަހަރު އެކި ފިޤްހު ފޮތްތަކުން އިސްތިދުލާލުކޮށް އެއްބާވަތެއްގެ މައްސަލަތަކުގައި ތަފާތު ޙުކުމްތައް ކުރުން ހުއްޓުވުމަށެވެ. ކޮންމެ ޕްރޮސިކިއުޓަރަކީ އަދި ޖިނާއީ މައްސަލަ ބައްލަވާ ކޮންމެ ފަނޑިޔާރަކީ ޢަރަބި ބަހާއި ދީނުގެ ޢިލްމަށް ކުޅަދާނަ ބޭފުޅަކަށް ނުވާނެތީ އެވެ.

ޤިޞާޞްހިފުމުގެ މަޤުޞަދުގެ ތެރޭގައި ނުހައްގުން ކުރެވޭ ޤަތުލް ހުއްޓުވުމާއި، އިންސާނުންގެ ފުރާނަ ހިމާޔަތް ކުރުން ހިމެނެ އެވެ. އިންސާނާގެ ފުރާނައަކީ ހިމާޔަތް ކުރެވިފައިވާ އެއްޗެއްކަމުގައި ލެހެއްޓެވުމެވެ. އެހެނީ އާދަމްގެފާނުގެ ދަރިފަސްކޮޅަކީ ޙުރުމަތްތެރި ކުރައްވާފައިވާ ބައެކެވެ.

އައު ޤާނޫނުލްޢުޤޫބާތް ފެށިގެން ނިޔަލަށް ވިދާޅުވާށެވެ. ކަމުނުގޮސްގެން ދޫކޮށްލި ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާއާ އެއްފަދަ ރިފަރެންސް މާއްދާއެއް އެބަ އޮތެވެ.

މިދެންނެވި މާއްދާއަކީ އާ ޤާނޫނުލްޢުޤުބާތުގެ 1205 ވަނަ މާއްދާ އެވެ. "ޤުރުއާނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސަބިތުވެއްޖެ ނަމަ، އިސްލާމީ ޝަރީޢަތުގެ އަޞްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ޤާނޫނާއި ޤުރުއާނުގައި ކަނޑައެޅިފައިވާ ޢުޤޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނެ އެވެ."

ޤުރުއާނުގައި ޙައްދު ކަނޑައެޅި ކުށްތަކަކީ ކޮބައިކަމާއި އޭގެ ޢުޤޫބާތްތަކަކީ ކޮބައިކަން މި ޤާނޫނުގައި ވެސް ބަޔާން ނުކޮށް، މިފަހަރު ވެސް އެކަންކަން ދޫކޮށްލެއްވީ ޝަރީޢަތް ކުރައްވަން ތިއްބަވާ ބައެއްގެ ޝަރުޢީ ޢިލްމުގެ ޤާބިލްކަން ހުރި މިންވަރެއްގެ މައްޗަށެވެ.

އިސްލާމީ ޝަރީޢަތުގައި ޙައްދު (މިންވަރު) ކަނޑައެޅީފައިވާ އުޤޫބާތްތަކުގެ ޢަދަދާ މެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތެވެ. ބައެއް ބޭފުޅުންގެ އަރިހުގައި ފަހެކެވެ. އަނެއް ބައި ބޭފުޅުންގެ އަރިހުގައި އަށެކެވެ. އަނެއް ބައި ބޭފުޅުންގެ އަރިހުގައި ތޭރަ އެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި ހަތެކެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތަށް ޢަމަލުކުރަން ރައްޖޭގެ ޤާނޫނުއަސާސީ ލާޒިމްކުރެ އެވެ. އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޢުޤޫބާތްތައް ޤާނޫނުލްޢުޤޫބާތުގައި ތަފްޞީލުކޮށް ލިޔަން ޖެހެނީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައަކަށް ވުމާ އެކު އެއް އުޞޫލަކުން ޢަމަލުކުރުން ލާޒިމްކުރުމަށެވެ.

މަތީ މަރުޙަލާގެ ކޯޓުތަކަށް ހުށަހަޅާ މަރުގެ މައްސަލަތައް

މަތީ މަރުޙަލާގެ ކޯޓުތަކަށް ހުށަހަޅާ މަރުގެ މައްސަލަތަކަކީ އިސްތިއުނާފީ މައްސަލަތަކެއްގެ ގޮތުގައި ބަލައިގެންވާނެ މައްސަލަތަކެއް ނޫނެވެ. އެފަދަ މައްސަލަތައް ކޮންމެ މަރުޙަލާއެއްގެ ކޯޓަކުން ވެސް ބަލަން ޖެހޭނީ އެ މަރުޙަލާއެއްގައި އަލުން ބަލާ މައްސަލައެއްގެ ގޮތުގަ އެވެ. އަލުން ބަލާ މައްސަލައެއް ގޮތުގައި ބެލުމަކީ ފުރަތަމަ މަރުޙަލާގެ ކޯޓެއްގައި ވެސް މައްސަލަ ބަލާނެ އުޞޫލުން ބެލުމެވެ. ކޮންމެ ކޯޓަކުން ވެސް ވަކިން އެ މައްސަލައާ ގުޅޭ ހެކިތަކާއި ޤަރީނާތައް ތަޤްޔީމުކޮށް، މައްސަލައާ ގުޅޭ ވާޤިޢާތަކުގެ މައްޗަށް ތަރައްތުބުވާ ޤާނޫނީ މަބުތައުތައް ތަޠްބީޤުކުރުމެވެ. ނަމަވެސް އިސްތިއުނާފީ ކޯޓަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިސްތިއުނާފީ ބާރު ނެތް ވާހަކައެއް ވެސް ނޫނެވެ.

އައު ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގައި ވަނީ "ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފި ނަމަ އެޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ އެވެ" މިހެންނެވެ.

އިސްލާމީ ޝަރީޢަތުގައި ޖިނާއީ ޢުޤޫބާތުގެ މަޤުޞަދު

ޖިނާއި ޢަދުލުގެ ނިޒާމުގެ ބިންގާއެޅިފައި ވަނީ ފަސް ކަމެއް ޙިމާޔަތް ކުރުމުގެ މައްޗަށެވެ. އެއީ އިންސާނާގެ ފުރާނަ އާއި ބުއްދި އާއި އަބުރާއި ނަސަބާއި މުދާ ޙިމާޔަތް ކުރުމަށެވެ. މި ދެންނެވި ޙައްޤުތަކުގެ ތެރެއިން އިންސާނުންނާ ސީދާ ގުޅިފައިވާ ޙައްޤުތަކެއްވެ އެވެ. އަނެއް ބައި ޙައްޤުތަކަކީ ﷲ އަށް ޚާއްޞަ ކުރެވިފައިވާ ޙައްޤުތަކެވެ.

ނުޙައްޤުން އިންސާނަކު އެހެން އިންސާނަކު މަރައިފި ނަމަ އިސްލާމީ ޝަރީޢަތުގައި ކަނޑަ އަޅާފައިވާ ޢުޤޫބާތަކީ ޤިޞާޞް އެވެ. ޤިޞާޞްއަކީ މުޖްތަމަޢުގެ ޙައްޤުގައި ވާޖިބު ކުރެއްވި ޢުޤޫބާތެކެވެ. ޤަތުލް ޢާއްމުވެ، މުޖްތަމަޢު ފަސާދަވުން ހުއްޓުވުމަށްޓަކަ އެވެ. މިކަމަށް އިޝާރަތް ލިބެނީ ބަޤަރާ ސޫރަތުގެ 217 ވަނަ އާޔަތުންނެވެ. މާތްﷲ ވަޙީކުރައްވާފައި ވަނީ ޤަތުލުކުރުމަށް ވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނަކު ނަގައިގަނެގެން ގެންދަނީ: އިސްލާމް ދީނުގައި ފުރާނައަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް

ޤިޞާޞްހިފުމުގެ މަޤުޞަދުގެ ތެރޭގައި ނުހައްގުން ކުރެވޭ ޤަތުލް ހުއްޓުވުމާއި، އިންސާނުންގެ ފުރާނަ ހިމާޔަތް ކުރުން ހިމެނެ އެވެ. އިންސާނާގެ ފުރާނައަކީ ހިމާޔަތް ކުރެވިފައިވާ އެއްޗެއްކަމުގައި ލެހެއްޓެވުމެވެ. އެހެނީ އާދަމްގެފާނުގެ ދަރިފަސްކޮޅަކީ ޙުރުމަތްތެރި ކުރައްވާފައިވާ ބައެކެވެ.

ޤިޞާޞްގެ ޙުކުމް މުސްލިމުންގެ މައްޗަށް ވާޖިބު ކުރެއްވުމުގެ ކުރިން ވެސް މަރަށް މަރު ހިފުމަކީ މައްކާގެ އަހުލުވެރިންގެ މެދުގައި އޮތް ކަމެކެވެ. އެބައި މީހުންގެ ތެރެއިން މީހަކު މަރާލައިފި ނަމަ މަރާލި މީހާގެ ބަދަލުގައި މީހަކު މެރުމަކީ މައްކާގެ ޤަބީލާތަކުގެ މެދުގައި އޮތް އާދަކާދައެކެވެ. ނަމަވެސް ޔަހޫދީންގެ މައްޗަށް ބާވައިލެއްވި ސަމާވީ ޙުކުމެކެވެ. ޤިޞާޞް ހިފުން ޔަހޫދީންގެ މައްޗަށް ވާޖިބު ކުރެއްވުނުކަން، މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުން އެނގެ އެވެ.

އެއް ފަހަރަކު، މައްކާގެ ދެ ޤަބީލާއެއްގެ ދެމެދުގައި ހިނގާ ދިޔަ ބޮޑު ތަޅާފޮޅުމެއްގައި ދެ ފަރާތުގެ ގިނަ ޢަދެއްގެ ބަޔަކު ޤަތުލުވި އެވެ. މަޤްތޫލުންގެ ތެރޭގައި އަންހެނުންނާއި، މިނިވަނުންނާއި، އަޅުން ހިމެނުނެވެ. މި ޤަތުލު ހިނގިއިރު، ދެ ޤަބީލާއަށް ނިސްބަތްވާ މީހުން ތިބީ ކުފުރުގެ މިއްލަތުގަ އެވެ. ނަމަވެސް ފަހުން ދެ ޤަބީލާގެ މީހުން އިސްލާމް ދީން ޤަބޫލުކުރި އެވެ. އެބައި މީހުންގެ ދެމެދުގައި އޮތް މަރުގެ މައްސަލަ އޮތީ ނުނިމި އެވެ. މިހެންވެ، މަރަށް މަރު ހިފުމުގެ ވާހަކަތައް ފެށިއްޖެ އެވެ. އެމީހުންގެ ތެރެއިން ބާރުވެރި ޤަބީލާ އިން ބުނީ ތިމަންނަމެން ޤަތުލުކުރާހުށީ އަޅުންގެ ބަދަލުގައި މިނިވަނުންނެވެ. އަންހެނުންގެ ބަދަލުގައި ފިރިހެނުންނެވެ. އެހިނދު ޖާހިލިއްޔަ ޒަމާނުގައި މަރަށް މަރު ހިފުމުގައި ޢަމަލުކުރަމުން އައި އުޞޫލު ބަދަލުކުރައްވައި، ޤިޞާޞްގެ އުޞޫލުތައް ބަޔާންކުރައްވައި، ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތް ބާވައިލެއްވި އެވެ. ޤިޞާޞް ޙުކުމް މި އުއްމަތުގެ މައްޗަށް ވަޖިބުވީ އެވެ.

ގިސާސްގެ ހުކުމް

މަރަށް މަރުހިފުމަކީ ޤިޞާޞްގެ ޙުކުމްގެ ތެރެއިން އިންސާނާގެ ނަފްސުގެ ޢުޤޫބާތެވެ. މާތްﷲ ވަޙީކުރައްވާފައިވެ އެވެ. "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ޤަތުލްކުރެވޭ މީހުންނާ މެދު ޤިޞާޞް ހިފުން ތިޔަ ބައި މީހުންގެ މައްޗަށް ފަރުޟު ކުރައްވައިފި އެވެ." (ސޫރަތުލް ބަޤަރާ 178) މިއީ ދިގު އާޔަތެކެވެ.

ރެޓްރިބިއުޓިވް ތިއަރީ

މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި ޤިޞާޞްގެ އުޞޫލުތައް ބަޔާން ކުރައްވާފައިވެ އެވެ. ނަފްސަކަށް ނަފްސުކެވެ. ލޮލަކަށް ލޮލެކެވެ. ދަތަކަށް ދަތެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. އަދި ހަށިގަނޑަށް ދޭ ޒަޚަމްތަކަކީ ވެސް ޤިޞާޞް ހުރި ކަމެކެވެ. މި އުޞޫލަކީ ކުށްކުރި މީހާއަށް އޭނާ ކުރި ކުށާ އެއްވަރުގެ އަދަބު ދިނުމުގެ އުޞޫލެވެ. މިއީ ރެޓްރިބިއުޓިވް ތިއަރީ އެވެ. (ފަހު ބައި މާދަމާ)

އެޑިޓަރުގެ ނޯޓު

އަހުމަދު ފާއިޒަކީ ރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ކުއްލިއަކަށް ގެނައި ބަދަލަކާ ގުޅިގެން އެމަނިކުފާނު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިހާރު ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި ގާނޫނީ އަދި ޝަރުއީ ދާއިރާގެ މައްސަލަތައް ގެންދަވަނީ ދިރާސާކުރައްވަމުންނެވެ. މިއީ އެގޮތުން އެމަނިކުފާނު ލިއުއްވި އިލްމީ ދިރާސާއެކެވެ.