މަރުގެ އަދަބު - ފުރިހަމަނުވާ ޖިނާއީ ނިޒާމެއްގެ ތެރެއިން

(އިއްޔެ ޖެހި ބަޔާ ގުޅޭ)


ޑިޓަރެންޓް ތިއަރީ

ޤިޞާޞްހިފުމަކީ، ލާދީނީ (ސެކިއުލަ) މީހުން ބުނާ ފަދަ ލާއިންސާނީ ޢުޤޫބާތެއް ނޫނެވެ. އިންސާނީ ނަސްލު ފަނާކުރުމެއް ވެސް ނޫނެވެ. އިންސާނީ ޙައްޤަށް އަރައިގަތުމެއް ވެސް ނުމެ ނޫންމެވެ. ޤިޞާޞަކީ ދިރިތިބީންގެ ފުރާނަ ސަލާމަތްކުރަން އިލާހީ ޤާނޫނުގައި ކަނޑައަޅުއްވާފައިވާ ޢުޤޫބާތެކެވެ. ޝަރުޢީ ހަމަތަކުގެ މަތިން ޤާތިލް މެރުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ލިބިގެންވާ ކަމެއް ކަމަށް އަންގަވާފައި ވެއެވެ.

ބުއްދިވެރިންނާއި މުޚާޠިބުކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެ އެވެ. "އަދި ޤިޞާޞް ހިފުމުގައި ތިޔަ ބައި މީހުންނަށް (ވަރަށް ބޮޑު) ދިރުމެއްވެ އެވެ. އޭ ބުއްދީގެ އަހުލުވެރިންނޭ! (އެއީ) ތިޔަ ބައި މީހުން ތަޤްވާވެރިވުމަށްޓަކަ އެވެ." (ސޫރަތުލް ބަޤަރާ 179).

އިންސާނާގެ ހިތުގައި އުފެދޭ ބިރުވެތިވުމުގެ އިޙުސާސަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ސިފައެކެވެ. ތިބާ ކުރާ ނޭދެވޭ ކަމަކުން ދުނިޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ޢުޤޫބާތެއް ލިބިދާނެކަމުގެ ބިރުވެތިކަން އުފެދުމަކީ، ނޭއްގާނީ ކަންތަކުންނާއި ބޮޑެތި ކުށްތަކުން ދުރުކުރުމުގެ އިތުރުން ނުބައި މަޤުޞަދުތަކުން ދުރުކުރާ ބާރަކަށް ވެސް ވެ އެވެ. ކުށްތަކަށް އަރައިގަތުމަށް ހުރަހަކަށް ވެ އެވެ. ކުށްވެރިޔާ އަށް ދޭ އަދަބު ދިރިތިބި މީހުންނަށް ޢިބުރަތަކަށް ވަނީ މިހެންވެ އެވެ. މި ފަލްސަފާގެ މައްޗަށް ބިނާވި ތިއަރީ އަކީ ޑިޓަރެންޓް ތިއަރީ އެވެ.

ޤިޞާޞް މަޢާފުކުރުން

ދާދި މިދާކަށް ދުވަހު، ސަޢޫދިއަރަބިޔާގައި ޤިޞާޞްގެ ޙުކުމެއް ތަންފީޒުކުރި އެވެ. ޤާތިލަކީ ސަޢުދިއަރަބިޔާގެ ޝާހީ ޢާއިލާއަށް ނިސްބަތްވާ ތުރުކީ ބިން ސަޢޫދު އަލްކަބީރު ނަމަކަށް ކިޔާ މީހެކެވެ. ޙުކުމް ތަންފީޒުކުރާ މައިދާނަށް މަޤުތޫލުގެ ވާރިޘުން ހާޒިރުކުރި އެވެ. ޤާތިލުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ކުރިން، ދުވަހުގެ މެންދުރު ނަމާދަށް ފަހު، ޙުކުމް ތަންފީޒު ކުރުމާ ދެމެދު އޮތް ކުޑަ ވަގުތުކޮޅުގައި ވެސް، މަޤުތޫލުގެ ވާރިޘުންގެ ކިބައިން ޝާހީ ޢާއިލާއިން އެދެމުން ދިޔައީ މަރުހިފުމުގެ ބަދަލުގައި މަރުގެ ދިޔައަށް ވާ ފައިސާ އަތުލުމަށް ފަހު މަޢާފުކޮށްދިނުމަށެވެ. ނަމަވެސް ވާރިޘުން އެގޮތާ ޤަބޫލެއް ނުވި އެވެ. މަރުގެ ޙުކުމް ތަންފީޒުކުރުމުގައި ސަޢުދިއަރަބިޔާގައި ޢަމަލުކުރާ އުޞޫލާ އެއްގޮތަށް ޤާތިލާ މެދު ޢަމަލުކުރި އެވެ. ރަސްގެފާނަށް ވެސް ކުރެއްވޭނެ ކަމެއް ނެތެވެ. އެހެނީ ޤާތިލަށް މަޢާފުދިނުމަކީ ސައުދީ ރަސްގެފާނަށް ލިބިގެންވާ ބަރެއް ނޫނެވެ. ރަސްގެފާނުގެ ދައުރަކީ ދެ ފަރާތުގެ ޢާއިލާއަށް ޢަދުލުވެރިވުމެވެ. ޤިޞާޞްހިފުމަކީ އިންސާނާގެ ޙައްޤުގައި ދޭ ޢުޤޫބާތަކަށް ވާތީ މަޢާފުކުރުމުގެ ބާރު ޙާކިމާއަކަށް ނެތެވެ. އިސްލާމްދީނުގައި ޤިޞާޞްހިފުމާއި، މަޢާފުކުރުމުގެ އިޚުތިޔާރު ދީފައި ވަނީ މަޤުތޫލުގެ ވާރިޘުންނަށެވެ.

ޤިޞާޞްއަކީ ﷲ އަށްޓަކައި ދޭ އުޤޫބާތެއް ނޫނެވެ. އިންސާނާގެ ޙައްޤުގައި ދޭ ޢުޤޫބާތެކެވެ. އެބަހީ ޤިޞާޞްހިފުމާއި މަޢާފުކުރުމުގެ ބާރު އޮތީ މަޤްތޫލުގެ ވާރިޘުންގެ އަތުގަ އެވެ. ވާރިޘުންގެ ތެރެއިން އެކަކު ނަމަވެސް ޤާތިލަށް މަޢާފުދީފި ނަމަ، ދެން ތިބި ވާރިޘުންނަށް ޤީޞާޞްހިފުން ހުއްދައެއް ނޫނެވެ.

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި ސަރަހައްދެއްގައި ފުލުހުން: ގިސާސްހިފުމުގައި ވާރިސުންނަށް ބާރުތަކެއް އިސްލާމް ދީނުގައި ދީފައިވޭ

ސޫރަތުލް ބަޤަރާ 178 ވަނަ އާޔަތުގެ މާނާގައިވެ އެވެ. "ފަހެ، އެމީހާގެ (މަރުވި) އަޚާއާގެ ފަރާތުން ޤިޞާޞްގެ ބައެއް މަޢާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (ވާރުތަވެރިޔާ) ހެޔޮ ގޮތުގައި މަރުގެ ދިޔައަށް އެދުން ހުއްޓެވެ. އަދި މަޢާފުކުރި ފަރާތަށް (މަޢާފުކުރެވުނުމީހާ) އިޙުސާންތެރިކަމާ އެކު އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަ ބައި މީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން (ތިޔަބައި މީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙުމަތެކެވެ. އެއަށް ފަހު، ދެކޮޅުވެރިވެ ޢަދާވާތްތެރި ވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޒާބު ހުއްޓެވެ."

ޤާތިލަށް މަޢާފުކޮށްދިނުމާއި މަރުގެ ދިޔައަށް އެދުމުގެ އިޚްތިޔާރު މަޤްތޫލްގެ ވާރިޘުންނަށް ދިނުމުގައި މަޞްލަޙަތެއް ވެ އެވެ. ޤިޞާޞް ހިފުމުގެ ބަދަލުގައި މަރުގެ ދިޔައަށް އެދޭ ޙާލަތުގައި މަޤްތޫލްގެ ވާރިޘުންނަށް މާލީ ފައިދާ ލިބުމެވެ. އަދި ޤާތިލްގެ ފުރާނަ ސަލާމަތް ވުމަކީ އޭނާއަށާއި އޭނާގެ ޢާއިލާއަށް ވެވޭ އިޙުސާންތެރިވުމެކެވެ. މުސްލިމެއްގެ ފުރާނަ ސަލާމަތްވެ، އިޞްލާޙުވުމަށް ފުރުޞަތު ލިބި އޭނާގެ ކިބައިން ލާބައަށް އުއްމީދުކުރުމަކީ މުޖްތަމަޢުގެ މަޞްލަޙަތެކެވެ.

ސޫރަތުލް އިސްރާގެ 33 ވަނަ އާޔަތުގެ މާނާގައި ވެއެވެ. "އަދި އަނިޔާގެ ގޮތުގައި މަރާލެވޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަ ކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަން ރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ، ޤަތުލްކުރުމުގައި އޭނާ އިސްރާފް ނުކުރާ ހުށިކަމެވެ! ހަމަ ކަށަވަރުން އެވަލީވެރިޔާއަކީ، ނަޞްރު ލިބިގެންވާ މީހެއްކަމުގައި ވިއެވެ."

މަޤްތޫލްގެ ވާރިޘުންނަށް ދީފައިވާ ބާރަކީ ޤިޞާޞްހިފުމެވެ. ދިޔައަށް އެދުމެވެ. މާފުކުރުމެވެ. މިއިން ކޮންމެ ކަމަކަށް ވެސް ވާރިޘުންނަށް އެދެވިދާނެ އެވެ. ޤިޞާޞްހިފުމަކީ ވާރިޘުންނަށް ލިބިދީފައިވާ ބާރަކަށް ވިއަސް އަމިއްލައަށް ޤިޞާޞްހިފުމުގެ އިޚްތިޔާރެއް ނެތެވެ. އެއީ ޙާކިމާގެ މަސްއޫލިއްޔަތެކެވެ.

ތަޞައްރަފްނުފުދޭ ކުދިންގެ ބަސް

ވާރިޘުންގެ ގޮތުގައި ތަޞައްރަފު ފުދިފައިނުވާ ކުޑަކުދިން ތިބި ޙާލަތުގައި ޤިޞާޞްހިފުމާ ބެހޭ ގޮތުން އަހުލުއް ސުއްނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިންގެ ރަޢުޔު ތަފާތެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މަޤްތޫލުގެ ވާރިޘުން ގޮތުގައި ބާލިޣުނުވާ ކުދިން ތިބި ނަމަ، އެކުދިން ބާލިޣުވެއްޖެއުމަށް ދާންދެން ޤިޞާޞް ނުހިފައި އިންތިޒާރު ކުރުން ހުއްޓެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބޮޑެތި މީހުން ޤިޞާޞްހިފަން އެދިއްޖެ ނަމަ، އިންތިޒާރު ނުކޮށް ޤިޞާޞްހިފުން ހުއްޓެވެ. ކުރިން ދެންނެވި ގޮތަށް ވިދާޅުވާ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޤިޞާޞްއަކީ ހުރިހާ ވާރިޘުން އެއްވަރަށް ހިއްސާވާ، އަދި ކޮންމެ ވާރިޘަކަށް ވެސް އެމީހެއްގެ ޙައްޤާ މެދު އަމިއްލައަށް ގޮތް ކަނޑައެޅުމުގެ ބާރު ލިބިފައިވާ ޙައްޤެކެވެ.

ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުއްނަތުން ވާރިދުވެފައިވާ ޖިނައީ، މަދަނީ، ޢާއިލީ މައްސަލަތަކުގައި އަހުލުއް ސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރެވެވަޑައިގަންނަވާ މަގަށް ދިވެހިރާއްޖޭގައި ޢަމަލުކުރަން ޖެހޭ ގޮތަށް، ޤާނޫނުއަސަސީގައި އިސްލާމީ ޝަރީޢަތް މާނަކޮށްފައިވެ އެވެ. ވީމާ، އަހުލުއް ސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ކިބައިން އައިސްފައިވާ ކޮންމެ ރަޢުޔުއަކީ ޝަރުޢީ މައްސަލަތަކުގައި ހުއްޖަތް ޤާއިމްކުރެވިދާނެ މަޞްދަރެކެވެ. މިދެންނެވި މާނަކުރުމަށް ބަލާއިރު، އެއްބާވަތެއްގެ މަރުގެ މައްސަލަތަކުގައި ދެ ގޮތަށް ޢަމަލުކުރުމުގެ ފުރުޞަތު އޮންނާނެ އެވެ. އެހެނީ ކުރިން ދެންނެވި ދެ ރައުޔަކީ ވެސް އަހުލުއް ސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިންގެ ރަޢުޔެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރަށް ޤުރުއާނާއި ސުއްނަތް ތަޠްބީޤު ކުރަން އެނގުން

ޝަރުޢީ މައްސަލަތައް ބައްލަވާ ފަނޑިޔާރަށް ޤުރުއާނާއި ސުންނަތުގެ އަލީގައި މައްސަލަތައް އިސްތިންބާތުކޮށް އިޖްތިޙާދުކުރަން އެނގުން ޝަރުޠަވެގެން ވެއެވެ. އެކަން މުޢާޒުގެފާނަށް ޔަމަނުގެ ޤާޟީކަން ދެއްވި ގޮތް ބަޔާންކޮށްފައިވާ ޙަދީޘުން އެނގެ އެވެ.

ކީރިތި ރަސޫލާ އަވަހާރަވުމުގެ ހަތެއް ނުވަތަ އަށެއްކަ މަސް ކުރިން ޔަމަންގެ ޤާޟީކަމުގެ މަޤާމަށް މުޢާޒުގެފާނު ޢައްޔަނު ކުރެއްވި އެވެ. މުޢާޒުގެފާނު ޔަމަނަށް ފުރާވަޑައިގަތުމަށްޓަކައި ތައްޔާރުވެވަޑައިގެން ހިނދު، އެކަލޭގެފާނާ މުޚާޠަބުކުރައްވައި ރަސޫލާ ޙަދީޘްފުޅު ކުރެއްވި އެވެ. "އޭ! މުޢާޒު އެވެ. ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭ މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކުރައްވާނީ ކޮން އެއްޗަކަށްތޯ އެވެ؟"

ޝަރުޢީ މައްސަލަތަކުގައި ޙުކުމްކުރައްވާ ފަނޑިޔާރަށް އިސްލާމީ ޝަރީޢަތުގެ އަސާސީ ދެ މަޞްދަރު ކަމުގައިވާ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައި އައިސްފައިވާ ޙުކުމްތައް ތަޠްބީޤު ކުރަން އެނގިވަޑައިގަންނަވަން ޖެހެ އެވެ.

ޖަވާބުގައި މުޢާޒުގެފާނު ދެންނެވި އެވެ. "ﷲގެ ފޮތަށެވެ." އެބަހީ ޤުރުއާނައަށެވެ.

އަދިވެސް ރަސޫލާ ޙަދީޘްފުޅުކުރެއްވި އެވެ. "ﷲގެ ފޮތުން ޙައްލު ފެނިވަޑައިނުގަތްފި ނަމަ، ބައްލަވާނީ ކޮން އެއްޗަކަށް ތޯއެވެ؟"

ޖަވާބުގައި މުޢާޒްގެފާނު ދެންނެވިއެވެ. "ﷲގެ ރަސޫލާގެ ސުއްނަތަށެވެ."

ދެން ވެސް ރަސޫލާ ޙަދީޘްފުޅު ކުރެއްވި އެވެ. "ތިމަން ކަލޭގެފާނުގެ ސުންނަތުން ޙައްލު ފެނިވަޑައިނުގެންފި ނަމަ ބައްލަވާނީ ކޮން އެއްޗަކަށްތޯ އެވެ؟"

ޖަވާބުގައި މުޢާޒުގެފާނު ދެންނެވީ، "ޤުރުއާނާއި ސުއްނަތުގެ އަލީގައި އިޖްތިހާދު ކުރައްވާނީ" ކަމަށެވެ.

މުޢާޒުގެފާނަކީ ރަސޫލާގެ އަރިހުން އުނގެނިވަޑައިގެންނެވި ޞަޙާބީ ބޭކަލެކެވެ. އެކަލޭގެފާނުންގެ ޢިލްމީ ޤާބިލްކަން ރަސޫލާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ނަމަވެސް ޓެސްޓުކުރެއްވީ މުޢާޒުގެފާނު ކިބައިގައި ޤާޟީކަމުގެ ޝަރުޠު ހަމަވޭތޯ އެވެ.

ޝަރުޢީ މައްސަލަތަކުގައި ޙުކުމްކުރައްވާ ފަނޑިޔާރަށް އިސްލާމީ ޝަރީޢަތުގެ އަސާސީ ދެ މަޞްދަރު ކަމުގައިވާ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައި އައިސްފައިވާ ޙުކުމްތައް ތަޠްބީޤު ކުރަން އެނގިވަޑައިގަންނަވަން ޖެހެ އެވެ. ޤުރުއާނާއި ސުންނަތުން އިސްތިންބާޠު ކުރައްވަން އެނގިވަޑައިގަންނަވަން ޖެހެ އެވެ. އިޖުތިހާދު ކުރެއްވުމުގެ ޝަރުޠު ފުރިހަމަވާން ޖެހެ އެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިދެންނެވި ފަދަ މީހުން ނެތް ތަނެއްގައި ޙާކިމާގެ މައްޗަށް ވަޖިބުވެގެން ވަނީ އެތަނެއްގައި ހުރި އެންމެ އެކަށީގެންވާ މީހަކު ޤާޟީކަމަށް ޢައްޔަނު ކުރެއްވުމެވެ. ނަމަވެސް ދިވެހި ރާއްޖޭއަކީ އެފަދަ ޙާލަތެއްގައި އޮތް ޤައުމެއް ނޫނެވެ. ޝަރުޢީ މައްސަލަތަކަށް ކުފޫހަމަވާ، ޝަރުއީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި އެތައް ބޭފުޅުނެއް ޤާޟީންގެ މަޤާމަށް ޢައްޔަންކުރުމުގެ ފުރުޞަތު އޮތް ޤައުމެކެވެ.

އިސްލާމީ ބައެއް ޤައުމުތަކުގައި ޝަރުޢީ މައްސަލަތަކަށް ޚާއްޞަ ޝަރީޢާ ކޯޓުތައް ނުވަތަ ޝަރީޢާ ޑިވިޒަން ނުވަތަ ޝަރީޢާ ބެންޗު ހަދާފައި ހުންނަނީ ޝަރީޢާ ޤާޟީން ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށެވެ. އެފަދަ ބެންޗުތަކުގައި ޝަރީޢާ ޢިލްމަށް ޚާއްޞަވެވަޑައިގެން ތިއްބަވާ ޤާނޫނީ ބޭފުޅުންނާއި ދީނީ ޢިލްމުވެރިން ތިއްބަވަ އެވެ.

ޖިނާއީ މައްސަލަތަކާ ގުޅޭ ސިޔާސަތާ މެދު އުފެދޭ ސުވާލު

ޖިނާއީ މައްސަލަތަކުގެ ސިޔާސަތުތައް ކަނޑައެޅުއްވުން ޤާނޫނުއަސާސީން މަތިކޮށްފައި ވަނީ ދައުލަތުގެ ބަންޑާރަނާއިބާ އެވެ. އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ ޙުކުމްތަކުގެ ޝަރުޢީ ނައްޞު، ޢުޤޫބާތުގެ ޤާނޫނުގައި ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްފައި ނުވާއިރު، ބައެއް އިސްލާމީ ޤައުމުތަކުގައި ކަންކޮށްފައިވާ ގޮތަށް، އިސްލާމީ ޝަރީޢަތުގައިވާ ޖަރީމާތަކާއި ޢުޤޫބާތްތައް ޤާނޫނުލްޢުޤޫބާތުގައި ތަދުވީނު ނުކޮށް، މިހާރު ހުރި ފުރިހަމަނުވާ ޤާނޫނުތަކަށް ބަރޯސާވެ މަރުގެ ޙުކުމް ތަންފީޒު ކުރާނީތޯ އެވެ؟ ޤިޞާޞްއަކީ ﷲ ބާވައިލެއްވި ޙުކުމްފުޅެކެވެ. މި ފަސްގަނޑުގައި ﷲގެ ޙުކުމްފުޅު ތަންފީޒު ކުރެވޭވަރުގެ ފުރިހަމަ ޖިނާއީ ނިޒާމެއް އެބަ އޮތްތޯ އެވެ؟

އެޑިޓަރުގެ ނޯޓު

އަހުމަދު ފާއިޒަކީ ރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ކުއްލިއަކަށް ގެނައި ބަދަލަކާ ގުޅިގެން އެމަނިކުފާނު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިހާރު ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި ގާނޫނީ އަދި ޝަރުއީ ދާއިރާގެ މައްސަލަތައް ގެންދަވަނީ ދިރާސާކުރައްވަމުންނެވެ. މިއީ އެގޮތުން އެމަނިކުފާނު ލިއުއްވި އިލްމީ ދިރާސާއެކެވެ.