ވަކިވަކި ސިފައިންނާއި ފުލުހުންގެ މައްޗަށް ދައުވާކުރުން

އެމްއެންޑީއެފްގެ ވެރިންގެ އަމުރަށް ސިފައިން އަމަލުކުރަމުން ދިއުމުގައި ވަކިވަކި ސިފައިން ކުރާ ކަންކަމުގެ ޒިންމާ ވަކިވަކި ސިފައިން އުފުލަން ޖެހޭނެ ހެއްޔެވެ؟ ނުވަތަ އެފަދަ ކަންކަމުގެ ޒިއްމާ އުފުލަން ޖެހޭނީ ސިފައިންގެ މުއައްސަސާއިން ހެއްޔެވެ؟ މި ސުވާލާ ބެހޭ ގޮތުން އެކިއެކި ފަރާތްތަކުން އެކި ގޮތަށް ޚިޔާލު ފާޅުކުރަމުން އެބަ ގެންދަވަ އެވެ. އެހެންކަމުން، އެ ސުވާލާ ބެހޭ ގޮތުން އަޅުގަނޑަށް ފެންނަ ގޮތެއް ވެސް ދަންނަވާލާނަމެވެ.


ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދާދި ފަހުން ވިދާޅުވެފައި ވަނީ، "އެތަނަށް ގޮސް އެ ހުންނަނީ އެއްގޮތަށް ވެސް ރަމީޒެއް ނޫން. ސިފައިން ކަނޑައަޅާފައިވާ ހެދުމެއްގައި ގޮސް ހުންނަ މީހެއް. އެހެންވީމާ އަޅުގަނޑުމެން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު، ލީޑަޝިޕުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރަމުންދާ ހިނދެއްގައި އޭނާ އެކަންޏެއް ނުވާނެ. އެކުގައި މުއައްސަސާ އޮންނާނެ. ދައުވާ ކުރާ ކަމުގައިވާ ނަމަވެސް އެކަމަށް ވަކާލާތު ކުރާނަން. އެއީ މުއައްސަސާ އިން ކުރާ ކަމެއްގެ ގޮތުގައި. ފަހަރެއްގައި ވެސް ވަކިވަކި ކުއްޖަކަށް އެ ދައުވާއެއް ނުކުރެވޭނެ."

ޑިފެންސް މިނިސްޓަރުގެ މި ބަސްފުޅު ގާނޫނުގެ ތަރާދުން ކިރާލުމުގެ ގޮތުން، މުއައްސަސާއެއްގެ ވެރިންގެ އަމުރަށް އެ މުއައްސަސާއެއްގެ މުވައްޒަފުން ކުރާ ކަންކަން ދެ ބާވަތަކަށް ބަހާލެވިދާނެ އެވެ. އެއް ބާވަތަކީ އެ ފަދަ މުވައްޒަފުން ވެރިންގެ އަމުރަށް ކުރާ ޖިނާއީ ކުށްތަކެވެ. އަނެއް ބާވަތަކީ އެފަދަ މުވައްޒަފުންގެ ފަރާތުން އެހެން ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުންތަކެވެ.

އެއްވެސް ސިފައެއްގައި، އަދި އެއްވެސް ހާލެއްގައި މީހަކު ކުރާ ޖިނާއީ ކުށެއްގެ މަސްއޫލިއްޔަތު އެހެން މީހަކަށް ނުވަތަ މުއައްސަސާއަކަށް ނުއުފުލޭނެ އެވެ. ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ސީދާ އެ އަމަލެއް ކުރި މީހެކެވެ.

ސިފައިންނަށް މިހާރު އެންމެ ބޮޑަށް ފާޑުކިއުންތައް އަމާޒުވެފައި ވަނީ ޖުލައި 31 ގައި ބޭއްވި މަޖިލިހުގެ ޖަލްސާ ފެށުމުގެ ކުރިން ސިފައިން ވަދެ، އިދިކޮޅު މެމްބަރުންނަށް ހުރަސް އެޅިއެޅުމަށް

އިސްލާމީ ޝަރީއަތް

"އެއްވެސް މީހަކު އެހެން މީހަކު ކުރާ ފާފައިގެ ޒިންމާ އުފުލާކަށް ނުޖެހޭނެ އެވެ." (އަލް އިސްރާ-15)

އެހެން އާޔަތެއްގައިވެ އެވެ: ".... އެމީހަކު ކުރިކަމެއްގެ ޖަޒާވަނީ އެމީހަކަށެވެ."

ޝަރުއީ ގާއިދާތައް

1- "ކަމެއް ނިސްބަތްކުރެވޭނީ (ޒިންމާ ނަގަން ޖެހޭނީ) އެކަމެއް ކުރި ފަރާތަކަށެވެ. އަމުރު ކުރި މީހާއަކަށް ނޫނެވެ. މަޖުބޫރުކުރެވިފައިވާ ޙާލު މެނުވީ އެވެ."

2- "ކަމެއް ކުރުމަށް މެދުވެރިވި ފަރާތާ، އެކަމެއް ކުރި ފަރާތާ އެއްތަންވެއްޖެ ނަމަ؛ އެކަމުގެ ހުކުމް ރައްދު ކުރެވޭނީ ކަން ކުރި ފަރާތަށެވެ."

3- "އެހެން މީހެއްގެ ބާރުގެ ދަށުގައިވާ ކަމެއް ކުރުމަށް ކުރާ އަމުރަކީ ބާޠިލް އަމުރެކެވެ." (ބާޠިލް އަމުރަކީ ވުޖޫދުގައި ނެތް އަމުރެއް ފަދަ އެވެ. އެގޮތުން އެފަދަ ބާޠިލް އަމުރަކަށް ތަބަޢަވެ ކަމެއް ކޮށްފި ނަމަ އެކަމުގެ ޒިންމާ ނަގާނީ ކަން ކުރި ފަރާތަކުންނެވެ.)

4- "ކަމެއްގެ ޒިންމާ ނަގާނީ އެކަމެއް (މުބާޝަރުކޮށް) ކުރި މީހާ އެވެ. އެމީހާގެ ޤަޞްދު ނެތް ނަމަވެސް މެއެވެ."

5- "ކަމެއް ކުރުމަށް ސަބަބަކަށް ވި މީހާ ޒިންމާ ނަގާކަށް ނުޖެހޭނެ އެވެ."

6- "ކަމަކަށް އަމުރު ކުރާ މީހާ އެކަމުގެ ޒިންމާ ނަގާކަށް ނުޖެހޭނެ އެވެ." (ޣައިރު ޤާނޫނީ އަމުރަކަށް ތަބަޢަވެ ކަމެއް ކޮށްފި ނަމަ އެކަމުގެ ޒިންމާ ނަގާނީ ކަން ކުރި މީހާ އެވެ. އަމުރު ކުރި މީހާއެއް ނޫނެވެ.)

ދިވެހިރާއްޖޭގައި އެޕްރީލް 2015 އިން ފެށިގެން އަމަލުކުރަމުން މި އަންނަ ގާނޫނުލްއުގޫބާތުގެ 20 ވަނަ މާއްދާގައި ކުށުގެ ޒިއްމާ މީސްމީހުން އުފުލުމުގެ އަސާސް ކަނޑައަޅާފައިވެ އެވެ. އެމާއްދާގައި ބުނެފައިވަނީ، އެމާއްދާގައި ބުނެފައިވާ ހާލަތްތަކުގައި އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާ މީހުން ކުށުގެ ޒިއްމާ އުފުލަން ޖެހޭނެ ކަމަށެވެ. ކުށުގެ އަމަލު ކުރާ މީހުން ކުށުގެ ޒިއްމާ އުފުލަން ނުޖެހޭނޭ އިސްތިސްނާ ހާލަތުތައް އެ ގާނޫނުގެ 30 ވަނަ ބާބާއި 40 ވަނަ ބާބުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކުން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު ކުރާ ކުށްތަކަށް އުފުލަން ޖެހޭ ޖިނާއީ ޒިއްމާއިން އެ މީސްމީހުން އިސްތިސްނާކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މީހަކު ބުނެގެން ގޮސް ކުށެއް ކޮށްފި ނަމަ ކުށްކުރުމުގައި އެމީހަކު ބައިވެރިވީކަމަށް ބެލެވޭނެ ކަމަށެވެ.

ސަލާމަތީ ޚިދުމަތަކުން ހަވާލުކުރާ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އަދާކުރަން ގޮސް ހުންނަ މީހަކު ކުރާ ކުށްތަކަށް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އަނެއް ސަބަބަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 245 ވަނަ މާއްދާގައިވާ ގޮތުން ސަލާމަތީ ޚިދުމަތެއްގައި ހިމެނޭ މީހަކަށް އައިރުގާނޫނީ އަމުރެއް ކުރި ނަމަވެސް އެފަދަ އައިރުގާނޫނީ އަމުރަކަށް ސަލާމަތީ ހިދުމަތުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެންނުވާނެ ކަމަށް ބުނެފައި ވާތީވެއެވެ.

ދެން އޮތީ މަދަނީ މަސްއޫލިއްޔަތެވެ. މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކުރާ ކަމަކުން އެހެން ފަރާތެއްގެ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުމެއްވެއްޖެ ނަމަ، އެގޮތުން ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ފައިސާއިން ދިނުމަށް ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުކުރެވިދާނެ އެވެ. ނަމަވެސް އެ އަމަލުގެ ތެރޭގައި ހިނގާފައިވާ ޖިނާއީ ކުށުގެ އަމަލެއް އޮތް ނަމަ އެކަމުގެ ޒިއްމާ އުފުލާނީ ސީދާ އެ މުވައްޒަފެކެވެ.

އިސްވެ މި ބަޔާންކުރި އުސޫލުތައް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އަބަދުވެސް ގެންދަނީ ތަންފީޒުކުރަމުންނެވެ. އެއްވެސް އިސްތިސްނާއެއް ނެތި އެވެ.