އިންތިޚާބު ގަޑުބަޑު ނުކުރަން އިންޒާރުދީ ކަޅުތުއްކަލާ ކޮއްޓަށް ލިޔުންތަކެއް އަޅައިފި

ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް ރިޔާސީ އިންތިޚާބަކީ ސައްހަ އިންތިޚާބެއް ކަމަށާއި އެ އިންތިޚާބު ގަޑުބަޑު ކުރަން ކުރާ މަސައްކަތް ހުއްޓާލަން އިންޒާރު ދީ، ސިފައިންގެ ކަޅުތުއްކަލާ ކޮށި (ކޭކޭ) އަށް ލިއުންތަކެއް ރޭ އަޅައިފި އެވެ.


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމަށް ދަންނަވާ ވާހަކައެއް ކަމަށް ބުނެ އަޅާފައިވާ ލިޔުމުގައި ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. ޖުމްލަކޮށް ބުނެފައި ވަނީ، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވި އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ސިފައިން ގަބޫލު ނުކުރާ ކަމަށެވެ.

އެއީ، ސައްހަ އިންތިޚާބެއްގެ ގޮތުގައި ސިފައިން ބަލައި ގަންނަ ކަމަށް ވެސް ލިޔުމުގައި ވެ އެވެ. އެހެންވެ، އިންތިޚާބު ބާތިލް ކުރަން ކުރާ މަސައްކަތުގައި ސިފައިން އެއްބާރުލުން ނުދޭނެ ކަަމަށް ވެސް ލިއެފައި ވެ އެވެ.

މި ލިޔުން ކޭކޭ އަށް އަޅާފައި މިވަނީ، ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލްކޮށްފައި ވަނިކޮށެވެ.

"ދިވެހި ސިފައިން ތިބޭނީ ރައްޔިތުންގެ ފަޅީގައި. ރައްޔިތުންގެ ހިމާޔަތުގައި. ރައްޔިތުންގެ ސަރުކާރުގެ ދިފާއުގައި،" ކަޅުތުއްކަލާ ކޮށްޓަށް އެޅި ލިއުމުގައިވެ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ނެގި ވޯޓުގެ ނަތީޖާ ބަދަލުކޮށް، ރައްޔިތުންގެ ވެރިކަން ގާނޫނުއަސާސީއާ ޚިލާފަށް ބަދަލުކުރުމަށް ކުރަމުން ގެންދާ ހުރިހާ ކަމެއް ހުއްޓާލަން ވެސް ލިޔުމުގައި ގޮވާލާފައިވެ އެވެ.

ރައްޔިތުންގެ ވޯޓުން އާ ރައީސެއްގެ ގޮތުގައި އިންތިޚާބުކޮށްފައިވާ އިބޫ އަށް، ސިފައިން އެއްބާރުލުންދީ، ވެރިކަން ގަޑުބަޑު ކުރަން ކުރާ މަސައްކަތަށް އެއްބާރުލުން ނުދޭނެ ކަމަށް އެ ލިޔުމުގައިވެ އެވެ. ރައްޔިތުންގެ ވޯޓު ނަގަހައްޓައި ގާނޫނުގެ ވެރިކަން ގާއިމްކުރުމަށާއި އިބޫގެ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް އޭގައި ދީފައިވެ އެވެ.

"ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި އެ ވޯޓުގެ ނަތީޖާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރުދައްކައިގެން ބަދަލުކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކުން އެކަން ހުއްޓާލުމަށް ގޮވާލަން،" ލިޔުމުގައި ވެ އެވެ.

މިނިސްޓަރު އެދިވަޑައިގަތީ ސިޔާސީ ކަންކަމާ ސިފައިން ދުރުވުމަށް

ކޭކޭ އަށް ލިއުންތައް އަޅާފައި ވަނިކޮށް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވަނީ ސިޔާސީ ކަންކަމުން ސިފައިން ދުރުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެމްއެންޑީއެފުން ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

އާދަމް ޝަރީފްގެ ފޭސްބުކްގައި ވިދާޅުވީ، ދިވެހި ސިފައިންނަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ލާޒިމްކުރާ ޒިންމާތައް އުފުލަން ޖެހޭ ބައެއް ކަމަށެވެ. ސިޔާސީ ކަންކަމާ ދުރުހެލި އަދި ދުރުހެލި ވާންޖެހޭ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބަށް ފަހު ވެސް މިރެއާ ހަމައަށް، އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއަކުން ނުފެނޭ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އިބޫ ވަނީ ސިފައިންގެ މައި މަރުކަޒަށް ޒިޔާރަތް ކުރައްވައި ޝިޔާމްއާ ބައްދަލުކުރެއްވި އެވެ. އެކަމަކު އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ދެ ފަރާތުން ވެސް ހާމައެއް ނުކުރެ އެވެ.

އިންތިޚާބު ބާތިލްކުރަން ކޯޓަށް ހުށަހެޅުމުގެ އަޑުތަކާ އެކު އިންތިޚާބުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުކުރުމަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދިނުމަށް އެދި އެކި ފަރާތްތަކުން ގޮވައިލުމުން އެ ކަމާ ގުޅިގެން، މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ކުރިން ވިދާޅުވެފައި ވަނީ ރައްޔިތުން ނިންމި ގޮތް ވަރަށް ސާފު ކަމަށާއި "ދެން ނިންމަން ޖެހެނީ ކޮން ގޮތެއް؟" ކަމަށެވެ.

ޕީޕީއެމުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިޚާބު އީސީން އޮޅުވައިލީ އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެ ގެންނެވި ލިޔެވޭ އަނގޮނޓިތަކަކާއި ފާހަގަ ބަދަލުވާ ގޮތަށް ޗާޕްކުރި ވޯޓު ކަރުދާސްތަކަކާއި ދެލި ފުހޮވޭ ގަލަންތަކަކުންނެވެ. އަދި އިންތިޚާބު އޮޅުވައިލަން އެ ކޮމިޝަންގެ މެމްބަރުން ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެކަމަކު މި ހުރިހާ ތުހުމަތެއް އެ މެމްބަރުން ވަނީ ދޮގުކުރައްވައިފަ އެވެ.