ހުޅުމާލޭގައި ހުންނަ ފިޔަވަތި ކުޑަކުދިންގެ ހިޔާގެ 12 ކޮޓަރީގައި ނުވަ އަހަރުން ދަށުގެ 94 ކުދިން އުޅެ އެވެ. ފެބްރުއަރީ 2016ގައި ހުޅުވި ފިޔަވަތި ހިޔާއިން ބަލަހައްޓާ ކުދިންނަށް ބޭނުންވާ ވަސީލަތްތަކުގެ ތެރޭގައި އެކަށީގެންވާ ކެއުމާއި ތައުލީމާއި ދުޅަހެޔޮ މާހައުލަކާއި ހެލިފެލި ކުޅެވޭނެ މާހައުލެއް ހިމެނެ އެވެ. ނަމަވެސް މި ހުރިހާ ވަސީލަތެއް ފުރިހަމަ ކުރުމުގެ މަސައްކަތެއް އަދި ނުނިމެ އެވެ. އެކަމަށް ފައިސާގެ އެހީ ބޭނުން ވެ އެވެ.

ފިޔަވަތި ކުޑަކުދިންގެ ހިޔާގެ މި މަސައްކަތަށް އެހީތެރިވާން ލޮޓަސް ފިހާރައިން އިއްޔެ ވަނީ ކެމްޕޭނެއް ލޯންޗް ކޮށްފަ އެވެ. "ގިވް ހޯޕް، ރިސީވް ހެލްތު" ކެމްޕޭނުގައި، އެ ފިހާރައިން ވިއްކާ އެންޓަބެކްސް ޝާވާ ކްރީމްގެ ކޮންމެ ވިޔަފާރި އަކުން ދެ ރުފިޔާ ފިޔަވަތި ޝެލްޓާ ޓްރަސްޓް ފަންޑަށް ޖަމާކުރާނެ އެވެ. އެންޓެބެކްސް އާއި ލޮޓަސް ފިހާރަ ގުޅިގެން ހިންގާ މި ކެމްޕޭން މިއަދުން ފެށިގެން އޯގަސްޓް 15 އަށް ކުރިއަށް ދާނެ އެވެ.

އެންޓެބެކްސް އުފައްދާ މެލޭޝިޔާގެ ލަމް ސޫން ކުންފުނީގެ ޖެނެރަލް މެނޭޖާ ސިއޫ ޔުއެން ހެންގް ވިދާޅުވީ މި ކެމްޕޭން ހިންގަނީ އެހެން ކުދިންނޭ އެއްފަދައިން ޔަތީމުންނަށް ވެސް ލޯތްބާއި އޯގާތެރި މާހައުލެއްގައި ހެދި ބޮޑުވުމުގެ ފުރުސަތު ދިނުމުގެ ނިޔަތުގައި ކަމަށެވެ. މި އަމާޒު އަސްލަކަށް ހެދުމަށް ދިވެހީންގެ އެއްބާރުލުން ދިނުމަށް އޭނާ އެދުނެވެ.

އެންޓަބެކްސްއަކީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިއްކަމުން އަންނަ ގިނަ ބައެއްގެ މަގުބޫލު ބްރޭންޑެކެވެ. ލޮޓަސް ފިހާރައިން މި ކެމްޕޭން ރޯދަ މަހާ ދިމާކޮށް ފެށީ، ޔަތީމުންނަށް އެހީތެރިވުމުގެ ރޫހު މީހުންގެ ތެރޭގައި އާލާވެ، ކެމްޕޭނަށް އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގަ އެވެ. ކެމްޕޭނުގެ ނަމުން ދޭހަވަނީ، ސިއްހަތަށް ރަނގަޅު އުފެއްދުމެއް ގަނެގެން، ޔަތީމުންނަށް އުންމީދެއް ދިނުން ކަމުގައި އެ ފިހާރައިން ބުންޏެވެ.

"އަޅުގަނޑުމެން މި އަމާޒުކުރަނީ ތިން މަސް ދުވަހުގެ ތެރޭ 200،000ރ. ހޯދައިދެވޭތޯ. ފިޔަވަތީގައި އިމާރާތްކުރާ ލާނިންގް ސެންޓަރަށް ފަރުނީޗަރާއި އެހެނިހެން މުހިންމު ވަސީލަތްތައް މި ފައިސާ އިން ހޯދޭނެ،" ގިވް ހޯޕް، ރިސީވް ހެލްތު ކެމްޕޭން ލޯންޗް ކުރަން މާބަލް ހޮޓަލްގެ ކޮންފަރެންސް ހޯލްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒައިނަލް ވިދާޅުވި އެވެ.

އިބްރާހިމް ޒައިނަލް ވާހަކަ ދައްކަވަނީ: ތިން މަސް ދުވަހުގެ ތެރޭގައި ދެ ލައްކައެއްހާ ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ
އިބްރާހިމް ޒައިނަލް ވާހަކަ ދައްކަވަނީ: ތިން މަސް ދުވަހުގެ ތެރޭގައި ދެ ލައްކައެއްހާ ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ

ފިޔަވަތި ހިޔަލުގެ އެންމެ އުންމީދީ މަސައްކަތަކީ ލާނިންގް ސެންޓާ ގާއިމްކޮށް، އެތަނުން ބަލަހައްޓާ ކުދިންނަށް އާޓްސް އަދި ކްރާފްޓްސް، އަދި ޕްލޭ ތެރަޕީގެ ހިދުމަތްތައް ދޭން ފެށުމެވެ. މިއީ އެތާނގެ ހިދުމަތްތައް ފުރިހަމަކުރުމުގެ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޖެންޑާ މިނިސްޓްރީގެ އިންސްޓިޓިއުޝަންސް މެނޭޖްމަންޓް ޑިވިޒަންގެ ހެޑް، މުންޒިރު އިބްރާހީމް ވިދާޅުވި ގޮތުގައި ފިޔަވަތި ލާނިންގް ސެންޓާ ހިންގުމަށް ބޭނުންވާނޭ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެންމެ ފުރިހަމަ ވަސީލަތްތައް އެތަނަށް ހޯދައިދިނުމަކީ އެތަނުން ބަލަހައްޓާ ކުދިންގެ މުސްތަގްބަލް އަލިކޮށްދޭނެ ކަމަކަށް ވެގެން ދާނެ ކަމެއް ކަމަށް މުންޒިރު ބުންޏެވެ. ވީމާ މުޖުތަމައުއަށް ފައިދާވާ މިކަހަލަ ކެމްޕޭންތައް ރާއްޖޭގައި ގިނައިން ހިންގާ، ދިވެހީން އެކަން ކަމަށް އެއްބާރުލުން ދޭން އޭނާ އެދިވަޑައިގަތެވެ.