ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް މިއަދު ވާހަކަ ދައްކަވަނީ: ކައުންސިލަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އީސީން ނުދޭނަމަ، އިންތިހާބު ފަސް ކުރުމުގެ މާނައެއް ނެތް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ޑިސެމްބަރ 2016 - 13:41
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބައެއް ނިންމުންތަކާ މެދު ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި އެވެ.
ކުރިން ޖެނުއަރީ 14 ގައި ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު، ސިވިލް ކޯޓުން މިހާރު ވަނީ ދެ މަސް ދުވަހަށް ފަސްކޮށްފަ އެވެ. ނަމަވެސް ސިވިލް ކޯޓުން އިންތިހާބު ފަސްކުރުމަށް ކުރި ހުކުމް އީސީ އިން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އީސީން ކުރިން ބުނެފައިވާ ގޮތުން އެ ކޮމިޝަނުން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ އަންނަ މަހު އިންތިހާބު ބޭއްވުމަށެވެ.
ހ. ކޮރަލް ރީފްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިސްތިއުނާފް މަރުހަލާގައި އެހެން ގޮތަކަށް ނުނިންމާ ހިނދަކު، އިލެކްޝަންސް ކޮމިޝަނުން ސިވިލް ކޯޓުގެ ހުކުމަށް ފުރިހަމަ އަށް ތަބާވާން ޖެހޭނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިންތިހާބު ފަސް ކުރަން ކުރި ހުކުމަކީ ޕީޕީއެމުން ހުށަހަޅާފައި އޮތް މައްސަލަ އަށް ރިއާޔަތްކޮށް، އެއީ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލު ކުރެވޭތީ ކޯޓުން ނިންމި ނިންމުމެކެވެ. ސިވިލް ކޯޓުން ނިންމީ ޕީޕީއެމަށް އިންތިހާބަށް ތައްޔާރު ނުވެވޭތީ އިންތިހާބު ފަސް ކުރާށެވެ.
"ފޯމު ހުށަހަޅަން ފުރުސަތު ނުދޭނަމަ، އިންތިހާބު ފަސް ކުރުމުގެ މާނައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެހެންވެ، އިންތިހާބުގައި ކުރިމަތިލާން އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ގޮތެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ހައްލު ކުރަން ކޯޓަށް ދިއުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލް ވިދާޅުވީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން އުފައްދާފައި ހުރި މުއައްސަސާތަކެއް ކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ކޯޓުން ހުކުމް ކުރިޔަސް، އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އިތުރު ކުރަން ނުވަތަ އަލުން ކުރިމަތިލާން ހުޅުވާލުމަށް އީސީ އިން އަދި ނުނިންމަ އެވެ.
އީސީން ކުރިން ބުނި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން 900 އަށްވުރެ ގިނަ ފޯމު ވަނީ ލިބިފަ އެވެ. ނަމަވެސް ޕީޕީއެމުން ބުނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވެގެން ހުށަހެޅި 700 ފޯމުގެ ތެރެއިން އެއްވެސް ފޯމެއް އީސީއަށް ހުށަހަޅާފައިނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރުޠު ޖަޒާޢީ
09 December 2016
އަދުރޭ! ޕީޕީއެމް އަކީ މުޅި ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންނެއް ނުނޭ! ހޭވެރިކަންވވެބަލަ! އަޖާއިބުވެޖެއް
އަހްމަދު
09 December 2016
މަކަރާއި ހީލަތުންފުރިގެންޗާބައެއް.
މޯޑް
09 December 2016
އެއީ ރައްޔިތުންނަށް ދައްކަ ދަޅަ އީސީއިން... ފަހު ވަގުތު ޕީ.ޕީ.އެމުން ބޭނުންވާ ގޮތް އީސީއިން ހަދާދޭނެ... މިހާރު އެއުޅެނީ އެއީ ވަރަށް މިނިވަން ތަނެއް ކަމަށް ދައްކާ ރައްޔިތުންނަށް އޮޅުވާލަން... ކީއްކުރާނީ... ހީހީ ހަލާކު...
ސުވަދީވް ރަދުން
09 December 2016
ހިންހަމަނުޖެހިގެން ތިބުން އެންމެރަންގަޅުވާނީ
9
08 December 2016
ހަމަ ހަމަ ޔަކުން ކަންކޮށް ނުދޭ. އެހެންޕާޓީ އަކަށް ޖަލްސާ ކޮށްލާން ބިމެއްނުދޭ. އިދާރީކަމެއް ކޮށްލަން އެއްވެސް ހޯލެއްނުދޭ. ކޯޓުން އިންސާފެއްނުލިބޭ.
އަބްދުއްލާ އަލީ
08 December 2016
ޕީޕީއެމުން ހިތް ހަމަނުޖެހުނަސް ގާނޫނުއަސާސީ ގެ 231 ނ ބެލުމުން އެގޭ ކޯޓް އަމުރު ގާނޫނުއަސާސީއާ ތައާރަޒްވާކަން ، އެހެން ވުމުން ފަސްކުރުމަކާނުލާ ގާނޫނުއަސާސީގެ 64 ވަނަ މާއްދާ އަށް އަމަލު ކޮށްގެން އުމުރު ހަމަވާދުވަހަށް ކައުންސިލް އިންތިހާބު ކުރުމަކީ އިލެކްސަނުގެ މައްޗަށް ވާޖިބު ކަމެއް އެކަން ނުކޮށްފިނަމަ އިލެކްސަނުގެ ހުވަޔާ ހިލާފު ވެވޭނެ. މެމްބަރުންގެ މައްޗަށް ސަރީއަތް ހިންގަންޖެހޭނެ ފުރުސަތު އިލެކްސަނުން ނުދެއްވާނެކަމަށް އުއްމީދުކުރަން ، ޕީޕީއެމުން އި8ލެކްސަނުގެ އިއުލާނަށް އަމަލުކުރުމާ ނުކުރުން އެއީ އެމީހުންގެ ހައްގެއް މުއްދަތު އިތުރުކުރާކަށެއްވެސް ނުޖެހޭނެ.
ހިހި
08 December 2016
ސަޅި ފިލްމެއް. ލޮލް
ހޯހޯ
08 December 2016
މިހާރު އަދުރޭ ހިތައްއަރުވާލި ކޮންމެކަމެއްވާނެ އެހެންވީމަހާސްނުވޭ
ކުޑަދޫއަހްމަދު
08 December 2016
އިލެކްޝަން ކޮމިޝަން ހެދިފައި އޮތީ ޕީ.ޕީ.އެމް ބޭނުންވާ ގޮތަށް ކަންކަން ކުރާކަށްނޫން! ހަގީގަތަކީ އިންތިހާބު ފަސްކުރާކަށް ނުވެސްޖެހޭ! ބަޔަކު އިންތިހާބަށް ތައްޔާރު ނުވެވުނޭ ކިޔާފައި މި ދައުލަތް ގަނޑުބަޑު ކުރާކަށް ނުޖެހޭ! ފަހުން ޒިންމާދާރު ކުރުވާނަން މިކަހަލަ ކަންކަމުގައި! އަދި ދުވަސް އެބައޮތް!
ޒިޔާ
08 December 2016
ކުދިންނަށް ފިލާވަޅު ދަސް ނުވާތީ އޭލެވެލް/އޯލެވެލް އިމްތިހާނުވެސް ލަސްކުރާނަމަ ހާދަ ރަނގަޅެވެ.