ޕީޕީއެމަށް 700 ފޯމް ލިބުނު، އެއްވެސް ފޯމެއް ހުށަހެއް ނާޅާ!

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތިދުވަހު ހަމަވިއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެއްވެސް ފޯމެއް ހުށަހަޅާފައި ނުވާނެ ކަމަށް އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ދޮރު ބަންދުވެފައިވާއިރު، އެ އިންތިހާބުގައި ވާދަކުރަން 900 އަށްވުރެ ގިނަ މީހުންގެ ފޯމު އީސީ އަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ފެކްޝަނުން ބުނީ އެ ފެކްޝަނަށް ލިބުނު 700 ފޯމުގެ ތެރެއިން އެއްވެސް ފޯމެއް އީސީ އަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް މިއަދު ވާހަކަ ދައްކަވަނީ: ޕާޓީގެ ހިންގުމަށް އައި ބަދަލާ ގުޅިގެން އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އއ. އުކުޅަހުގެ ބަޔަކު ޕީޕީއެމަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުުވީ އިންތިހާބު ފަސް ކުރަން ސިވިލް ކޯޓަށް ދާން މަޖުބޫރުވީ، ފޯމު ހުށަހެޅޭ ވަރަށް މައުލޫމާތު ނެތީމަ ކަމަށެވެ. ޕާޓީ ހިންގުމަށް އައި ބަދަލާ ގުޅިގެން އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ ގޮތުގައި ކުރިމަތިލި އެއްވެސް މީހަކު [އިލެކްޝަންސް އަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި] ނުހިމެނޭނެ،"

"އަޅުގަނޑުމެން ޕާޓީގެ ލިޔެކިޔުންތައް ނުލިބި، އިންތިހާބަށް ތައްޔާރު ނުވެވުނީމަ ކޯޓަށް ދިޔައީ،" ކައުންސިލްގެ އިންތިހާބު ދެ މަހަށް ފަސް ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބު ފަސްކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޕްރައިމަރީ ބާއްވަން ޖެހޭ ސަރަހައްދުތަކުގައި ޕްރައިމަރީ ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ހޯދަން ގިނަ އަދަދެއްގެ ފޯމުތަކެއް ލިބުނު ނަމަވެސް، އެންމެ ބޮޑު މައްސަލައަކަށް ދިމާވީ މެމްބަރުންގެ މައުލޫމާތު ނެތުން ކަމަށެވެ.

ޕީޕީއެމާ މިއަދު އަލަށް ގުޅުނު މީހަކު، މެމްބަޝިޕް ފޯމް ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމްއާ ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެކިއެކި ދިމާލުން މައުލޫމާތު އެއްކޮށް ދަފްތަރު ފުރިހަމަ ކުރެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އެކަމަކު އެކަށީގެންވާ ގޮތެއްގައި ދަފްތަރު އަދިވެސް އެކުލަވާނުލެވޭ،" ހަލީލް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާނަމަ، އެ ކެންޑިޑޭޓެއްގެ މައުލޫމާތު ވެރިފައި ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ އެވެ. ނަމަވެސް އެ މައުލޫމާތު ނުލިބި، ވަރަށް ގިނަ ބައެއްގެ ހައްގު ގެއްލިގެންދާތީ ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިން ޖެނުއަރީ 14 ގައި ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު، ސިވިލް ކޯޓުން މިހާރު ވަނީ ދެ މަސް ދުވަހަށް ފަސްކޮށްފަ އެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމް ކުރިޔަސް، އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އިތުރު ކުރަން ނުވަތަ އަލުން ކުރިމަތިލާން ހުޅުވާލުމަށް އީސީ އިން އަދި ނުނިންމަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ފެކްޝަނުން ބުނީ އިންތިހާބުގައި ކުރިމަތިލާން އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަމަށެވެ.

ޕީޕީއެމަށް ތައްޔާރު ނުވެވިގެން ކަމަށް ބުނެ ސިވިލް ކޯޓުން އިންތިހާބު ފަސްކުރުމަށް ކުރި ހުކުމް އީސީ އިން ވަނީ ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ އިސްތިއުނާފުގެ މައްސަލަ ވީހާވެސް އަވަހަށް ކޯޓުން ނިންމައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.