ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: މަޖިލިސް
18 ނޮވެމްބަރ 2021 - 11:40
މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ބުނެ އަދަދުތައް ކިޔަނީ އޮޅުވާލައިގެން ކަމަށް އިދިިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިއްޔެ ތިން އަހަރު ފުރުމާ ދިމާކޮށް، އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް މިހާރު ވަނީ 62 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން 56 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާއިރު، މިހާތަނަށް އެއްކޮށް ނިންމައިލެވިފައި ވަނީ އެއް މަޝްރޫއު ކަމަށް މި ސަރުކާރުން ބުނެ އެވެ.
ނަމަވެސް، ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޮވެމްބަރު 2013 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަމާޒު ހިފީ އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ 75 ޕަސެންޓަށް ފެނާއި ނަރުދަމާގެ ޔަގީންކަން ހޯދައި ދިނުމަށް ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގެ ދެވަނަ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިންއިލަން ޕްލޭނުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ހިންގާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުތަކުގެ އަދަދުތައް: އިދިކޮޅު މެމްބަރު ޝިޔާމް ވިދާޅުވީ، ޔާމީންގެ ސަރުކާރުގެ 37 ރަށެއްގެ ޕްރޮޖެކްޓް ޓާމިނޭޓްކޮށް، 34 ރަށެއްގެ މަސައްކަތް މި ސަރުކާރުން ހަވާލުކުރީ އަގުބޮޑުކޮށް ކަމަށް.
"އަޅުގަނޑުމެންގެ ވެރިކަން ނިންމައިލިއިރު، ދިވެހިރާއްޖޭގެ 75 އިން ސައްތަ އަށް ފެނާއި ނަރުދަމާ ޔަގީންކޮށްދިނުމުގެ 90 އިން ސައްތަ އެޗީވް ކުރި،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޔާމީންގެ ސަރުކާރުގައި 37 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން 950 މިލިއަން ރުފިޔާ ހޭދަކުރަން ކަނޑައަޅާފައި އޮތަސް މި ސަރުކާރުން އައިސް އެ ޕްރޮޖެކްޓް ޓާމިނޭޓް ކުރީ އެވެ.
"މި ސަރުކާރުން ކުރި ކަމަކީ އަޅުގަނޑުމެންގެ ސަރުކާރުން ފެށި ޕްރޮޖެކްޓް ޓާމިނޭޓް ކޮށްފައި ތިން ރަށް އުނިކޮށް، 34 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް 200 މިލިއަން ރުފިޔާ ބޮޑުކޮށް އެހެން ބަޔަކާ ހަވާލުކުރުން. އެ 37 ރަށުގެ މަސައްކަތް މި ސަރުކާރުން ހަވާލުކުރީ 1.1 ބިލިއަން ރުފިޔާ އަށް،" ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން 950 މިލިއަން ރުފިޔާ އަށް ހިންގި ޕްރޮޖެކްޓް މި ސަރުކާރުން އެ ހިންގަނީ 1.1 ބިލިއަނަށް. އަނެއްކާ 100 ޕަސެންޓް އޮޅުވާލައިގެން އަދަދުތައް އެ ކިޔަނީ."
"އަޅުގަނޑުމެންގެ ވެރިކަން ނިންމައިލިއިރު، ދިވެހިރާއްޖޭގެ 75 އިން ސައްތަ އަށް ފެނާއި ނަރުދަމާ ޔަގީންކޮށްދިނުމުގެ 90 އިން ސައްތަ އެޗީވް ކުރި،"--- ޝިޔާމް
ޝިޔާމް ވިދާޅުވާ ގޮތުގައި، ޔާމީންގެ ވެރިކަން ނޮވެމްބަރު 2018 ގައި ނިމުނުއިރު ވެސް 50 އާ ގާތްކުރާ އަދަދަކަށް ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް އެކި ރަށްރަށުގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރެއިން އެއް ރަށަކީ އޭނާގެ ދާއިރާ ހިމެނޭ ނައިފަރު ކަމަށް ވާއިރު، މިދިޔަ ތިން އަހަރު ވެސް އެ މަސައްކަތް މި ސަރުކާރަށް ފުރިހަމަ ނުކުރެވުނުކަން ފާހަގަކުރެއްވި އެވެ.
ޕްލޭނިން މިނިސްޓަރު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަން ތިން އަހަރު ވުމަކީ ބޮޑުވަރެއް ކަމަށް އެ ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވޭ.---ފައިލް ފޮޓޯ: މަޖިލިސް
"އެކަމާ ގުޅިގެން ދެވަނަ ފަހަރަށް ޕްލޭނިން މިނިސްޓަރު [އަސްލަމް] މަޖިލީހަށް ގެންނަން ހަ މަސް ވެއްޖެ ސިޓީ ލައިގެން އުޅޭތާ. އަދިވެސް ނާދޭ. މި އަންނަ އަހަރުގެ މެދުތެރޭގައި އެ މަސައްކަތް [ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް] ނިމެނީ. މިހާރު ތިން އަހަރު ވީއޭ،" ކަންބޮޑުވުމާއެކު ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ 85 ޕަސެންޓު ވަނީ ނިމިފައި ކަމަށެވެ.
"އެކަމަކު މި ސަރުކާރުގެ ތިން އަހަރު މި ދުއްވާލީ އެ މަސައްކަތް ނިންމައި ނުލެވިގެން. އެއީ ބޮޑުވަރެއް ނޫންތޯ؟،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔާމީންގެ ސަރުކާރުން ފަށައި ނިމުމާ ގާތަށް ގޮސްފައިވާ އެހެން ޕްރޮޖެކްޓްތައް ވެސް މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ނިންމައެއް ނުލެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެކެންޑިތަމް
30 December 2021
100% ދޮގު ޝިޔާމް ތިވިދާޅުވާ މަސައްކަތް ނިންމި ރަށްތަކުގެ ނަންތައް އަވަހަށް ހާމަކޮށްލަދެއްވާ،،،ކަލޭމެން ޕްރޮޖެކްޓު ހިންގީ މާލޭގަ އިބޫ ޕްރޮޖެކްޓް ހިންގަނީ ރާއްޖެތެރޭގަ،،،ޝީޔާމުމެން މެގަ ޕްރޮޖެކްޓް ހިންގައިގެން މެގަވައްކަން ކުރީ
ހިރުނދު
18 November 2021
ރޯމާދުވާލު އިއްޒަތްތެރި މަޖުލީހުގަ 100% ދޮގުހަދާ އޮޅުވަލަމުން ތިމާމީހާ ތިހިރަގެންދާއިރު އެކަން އިހުސާސް ކުރެވޭބާ؟ނުކުރެވޭނެ! ޔާމީނަށް އަޅުދާސްވެގެން ދުނިޔޭގެ ދަހިވެތިއެދުމުގާ ގެއްލިހަލަކުވެދާއިރު އެއްގޮތަކަށްވެސް ނޭންގޭ! މީހެއްގެ ވާހަކަ ދައްކަންވާނީ ތިމާގެ ފަސްބައި ސާފުކޮށްފަ! މިރާއްޖޭގަ ގައުމަށް ލޯބިވާ ގައުމުއެދޭ ދަރިންއެބަތިބި!އެކަމަކު ތިޔަ ޔާމީނުގެ އައުވާނުންނަކީ ގައުމަށް ކުޑަކޮށްވެސް ބޭނުންބަޔެއްނޫން! 5އަހަރުގެ ތަޖުރިބާއިން އެކަންދައްކަދީފި!
ނައިފަރޭ
18 November 2021
ބައްލަވާ ޝިޔާމު، ތިޔަ ވިދާޅުވީ ކަނޑައެޅިގެން އިތުރުފުޅެއް. ރައީސް ޔާމީނުގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު 85 އިންސައްތަ ނިމިފައޭ ތިޔަ ވިދާޅުވަނީ ކާކަށް އޮޅުވާލަންތޯ؟ ނައިފަރު ރައްޔިތުން ހެކިވާނެ ތިޔަ ވިދާޅުވާ ނަރުދަމާ އޭރުވެސް ބޮޑުބައި ނުނިމޭކަން. ނުވިތާކަށް ނަރުދަމާ ހަދަން އެމްޕީ ޝިޔާމުގެ ޕީޕީއެމް ސަރުކާރުން ޙަވާލުކުރީ ކިހާ ނާޤާބިލު ބަޔަކަށްކަން މިއީ ދުވާލުގެ މެންދުރުފަދައިން ފެންނަންހުރި ހަޤީޤަތެއް. މިމައްސަލަ ބެލޭނެ ދުވަހެއްވެސް އަންނާނެ.
ނުހަނު
18 November 2021
އެނޫން ގޮތަކަށް އެއްވެސް ކަމެއް އެބަ ކުރޭތޯ؟
މަޓީ
18 November 2021
ހަހަހާ ދެން އެހެން ރާއްޖެ އެއްގެ ރަށްތަކުގަ ދޯ މިހާރު މިއަޅަނީ. ލޮލައް ފެންނަން ހުންނަ ކަންކަމުގަވެސް ހުސް ދޮގު!
ރެޑިޓް
18 November 2021
ސިޔާމޫ.. ހަޖަމްް ކޮއްލާ.
ނިޒާމު ނަރުދަމާ
18 November 2021
މަނިކުފާނު މެން އެޅި ވަރުގަދަ ނަރުދަމާއެއް އޮންނާނެ ފުވައްމުލަކުގައި. އެ ނިޒާމް މަސައްކަތް ކުރާ ގޮތް ފުވައްމުލަކު މީހުން ކައިރީ އަހާބަލަ. ޖެހެނީ ގޫ ވަޅުން ނަގައިގެން ހިއްކަން. ތިވަރުން މިކަމާއި ނޫޅޭ