ލ. ގަން ރީޖަނަލް ހޮސްޕިޓަލް.-- ފޮޓޯ: ފޭސްބުކް
20 ނޮވެމްބަރ 2021 - 21:20
މީގެ ކުރިން ސިޒޭރިއަން ހެދި ލަކުނު ފަޅައިގެން ގޮސް ލޭ ފައިބާތީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް އިއްޔެ ގެންދިޔަ މާބަނޑު މީހަކަށް ފަރުވާދެމުން އަންނަނިކޮށް ރޭ އެ މީހާ މަރުވެއްޖެ އެވެ.
ގަމު ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހަމައްދު ޝިޔާމް މިރޭ "މިހާރު" އަށް ވިދާޅުވީ މަރުވެފައި ވަނީ ލ. ހިތަދޫން އެ ހޮސްޕިޓަލަށް ގެންދިޔަ 41 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ އިއްޔެ ހެނދުނު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް، އޭނާ ކުރިން ސިޒޭރިއަން ހަދައިފައި ހުރި ތަން ކުޑަކޮށް އިރައިގެން ގޮސް، ލޭ ފައިބާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހަރަކު ޑޮކްޓަރަށް ދައްކާފައި ވަނީ. ބަނޑަށް 25 ވަނަ ހަފުތާގައި ސްކޭނެއް ހަދައިފައި އިން. އޭގެ ފަހުން އެއްވެސް ވަރަކަށް ޑޮކްޓަރަށް ދައްކާފައެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އޭނާގެ ބަނޑުން ނެގި ތުއްތުކުއްޖާގެ ހާލަތު ވެސް ވަރަށް ސީރިއަސް ކަމަށާއި މިހާރު އެ ކުއްޖާ އަށް އޮކްސިޖަން ގުޅައިގެން ފަރުވާ ދެމުން އަންނައިރު، އިތުރު ފަރުވާ އަށް މާލެ ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ކުއްޖާ އަށް، 8 މަހުގައި ނެގިއިރު، ބަރުދަނުގައި ހުރީ 1.8 ކިލޯ އެވެ.
އަންހެން މީހާގެ ބަނޑުން ލޭ ފައިބާތީ އާއި ކުއްޖާގެ ވިންދު ދަށްވާ ކަމަށް ޓެސްޓުތަކުން ދެއްކުމުން ކުއްޖާ ނަގަން އަލުން ރޭ ސިޒޭރިއަން ހެދި އެވެ. ކުއްޖާ ނަގަން ބަނޑު ފަޅާލިއިރު، އޭނާގެ އިންޓާނަލް ބްލީޑިންއެއް ވެސް ހުރި ކަމަށާއި ލޭ މަނާ ނުވުމުން، އޭނާގެ ރަހިމު އެއްކޮށް ނެގި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އެ އަންހެން މީހާ މަރުވީ އެ އޮޕަރޭޝަނަށް ފަހު، ރޭ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. އައިސީޔޫ އަށް ބަދަލުކުރީ ވިންދު ދަށްވެ، އޮކްސިޖަން ލެވަލް ވެސް ދަށްވުމުންނެވެ. އޭނާ މަރުވީ އިތުރު ފަރުވާ އަށް މާލެ ފޮނުވަން އުޅެނިކޮށް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭޑުލައިފު
21 November 2021
ހުރިހާވެސް މައްސަލައަކީ، ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް އިތުރު ފަރުވާއަށް މާލެ ފޮނުވަންޖެހުން.
ޢައިޝ
21 November 2021
ހުރިހާވެސް މައްސަލައަކީ ރަށްރަށުގެ ޞިއްޙީ ފަރުވާއާއި މެދު ރައްޔިތުންގެ އިތުބާރެއް ނެތީމަ. ރަށްރަށުން ރަނގަޅު ޞިއްޙީ ފަރުވާ ލިބެން ނުހުންނާތީ، ރަނގަޅު ޑޮކްޓަރުން ނުތިބޭތީވެ ބޭނުންނުވަނީ ޑޮކްޓަރަށް ދައްކަން. އަހަރެން އުޅެނީ މާލޭގަ. ކުރިން ސިޒޭރިއަން ހެދިތަން 4 އަހަރު ފަހުން ދިޔައީ ތުނިވަމުން. މާބަނޑު އިރު ޑޮކްޓަރު ދިޔައީ ކޮންމެ ދެހަފްތާއިން ސްކޭންކުރަމުން. ސްކޭން ކުރަންގޮއްސަ ޑޮކްޓަރު ހަނދާންނެތިއްޔާ އަހަރެންވެސް ދިޔައީ ހަނދާން ކޮށްދެމުން.
ވަހީދު
21 November 2021
ހާދަހާ ހިތާމަވެރިއޭ. ލޮލުން ކަރުނު ހިލައިފި.
ހުސެންދީ
21 November 2021
މަވޯޓާ ޝަރީފް؛ ޑޮލަރުން ދިވެހިންގެ ޖީބުތަށް ފުރޭނޭ ސިއްޚީ ނިޒާމް: ސިޒޭރިއަން ހެދިތަނުން ލޭފައިބާއިގެން މަރު
ކޮތަރު
21 November 2021
ވަރަށް ހިތާމަވެރި ޚަބަރެއް. ﷲ މަރްޙޫމާއަށް ޖައްނަތުލް ފިރްދައުސް މިންވަރުކުރައްވާށި
ކެނޯއީ
21 November 2021
"އެންމެ ފަހަރަކު ޑޮކްޓަރަށް ދައްކާފައި ވަނީ..." އަސްލު ކިތައްފަހަރުބާ ދައްކަންޖެހެނީ، މީގައި ޕްބަލިކް ހެލްތުގެ ޒިންމާ ވަރަށްބޮޑު، ފެއިލް ވެއްޖެ. އެޗް.ޕީ.އޭ ގެ މިކަން ބެލެހެއްޓުމަށް ހަދާފައިވާ ޕްރޮގްރާމް ތަކުގެ އިސް ވެރިން އިސްތިއުފާދޭންޖެހޭ ވަރުގެ ކަމެއް. ޔޫ.އެން ގެ ކަމާއި ގުޅޭ ފަރާތްތަކުން ވެސް ޖެހޭ ކަންބޮޑުވުނަ ފާޅުކޮށް އެހީތެރިކަން އިތުރަށް ފޯރުކޮށްދޭން. އެޗް.ޕީ.އޭ އިން މިކަމުގައި އެއްޗެއްނުބުނެ އިސްލާހީ ފިޔަވަޅު ނާޅައި ދޫނުކުރޭ ޕްލީސް.
ހިތަދޫ 2
21 November 2021
ކީކޭ ދެން ބުނާނީ ދައްކަން ޖެހޭ ވަރު ތިއަހަނީ ނޭނގިގެން އެކަމަކު ހީވަނި މާހިރެއްހެން ލަފާ ދީ ނިންމާލީ ތި..
ހުސެން
21 November 2021
ހޮސްޕިޓަލަށް އައިރު ކުރިން ސިޒޭރިއަންހަދާފައިހުރި ލަކުނު އިރައިގެންގޮސް ލޭ އަންނަކަމަށްވިޔަސް ހާލު ސީރިއަސްނޫންކަމާ ހޮސްޕިޓަލަށް އައީ އާންމު ބަލިމީހަކު އަންނަހެންކަން ލިޔުމުންހާމަވޭ! މިއާޓިކަލްގައިހުރި މަޢުލޫމާތަށް ފުންކޮށްވިސްނާލުމުން ޕޭޝަންޓުގެ ހާލުދައްވެ ދުނިޔެއާވަކިވެގެން ދިޔައީ ލ.ގަމު ހޮސްޕިޓަލުން ކުރި އޮޕަރޭޝަނުގައި ހެދިގޯސްތަކެއްގެ ސަބަބުންކަން ހާމަވޭ! މިފަދަ އިހުމާލުވުންތަކާމެދު ހޮސްޕިޓަލްތައް ޒިންމާކުރުވާ ބަދަލުހޯދޭނެގޮތް އޮންނަންޖެހޭ
ޖޯޖް
21 November 2021
ކަމއެއްވާ އިރައް ދެންމާ ކަން އިނގޭ މީހަކައްވެ ރޯނު އެދުރު ނުހެދި އަމިއްލަ ސިކުޑިން އަންނަ ކޮއްމެ އެއްޗަކީ ކަން ހިނގި ގޮތް ކަމައް ހަދައި އަބަދުވއެސް ޑޮކްޓަރުން ގޯސް ކުރުމަކީ ދިވެހިނއގެ ހުންނަ ވަރައް ވިޔާނުދާ އާދައެއް
ޙަސަން ކަމޫ
20 November 2021
ތީ ހެލްމިނިސްޓަރަށް އެވޯޑު ދޭންޖެހޭ ކަމެއް! އެމްޑީޕީގެ ތަރަޢްޤީ ތިފެންނަނީ . މިހުރިހާ ދުވަހު ގަމުގެ މެމްބަރުކަން ކުރި ފައްޔާޟަށް ސަލާމް.
ތުނިޔަ
20 November 2021
41 އަހަރުގަ 9ވަނަ ދަރިފުޅުވިހާފަ ނިޔާވިއިރު، ސިއްހަތު ރަގަޅެއް ނުވާނެތާ! މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ތަނަވަސް ރަހުމަތުގައި ލައްވާ ޢާއިލާޔަށް ކެތްތެރިކަން ދެއްވާށި..އާމީން.
ލާމުތޭ
20 November 2021
ފުރަތަމަ ސިޒޭރިއަނާ މިފަހަރު ބަލިވެއިނުމާ ދެމެދު ކިތައް އަހަރުވިތޯ؟ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގައިފިއްޔާ، ބަލިވެއިނުމާ ދެމެދު 5 އަހަރުވަރު ހޭދަކުރަން ޑރ.ލަފާ ދެއްވާ. އެއީ އެނގިފައިވާ ގޮތުގައި ސިޒޭރިއަން ހެދިތަން ރަނގަޅަށް ހަމަޖެހުމަށް