24 ނޮވެމްބަރ 2021 - 06:44
މެންޓަލް ހެލްތު ނުވަތަ ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމާއި އެފަދަ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް "ވޮންޑަމައިންޑް" ގެ ނަމުގައި ޕްލެޓްފޯމެއް ލޯންޗްކުރަން ނިންމައިފި އެވެ.
އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ރަސްމީކޮށް ލޯންޗް ކުރަން ތައްޔާރީތައް ވަމުން އަންނަ މި ޕްލެޓްފޯމަކީ ސެލީނާ އާއި އާއި މަންމަ މޭންޑީ ޓީފީގެ އިތުރުން ދަ ނިއުސެޓްގެ ބާނީ އަދި ސީއީއޯ ޑެނިއަލާ ޕިއާޒަން ގުޅިގެން ލޯންޗްކުރާ އެއްޗެކެވެ.
ނަފުސާނީ މައްސަލަތަކަށް އެހީވުމުގެ ގޮތުން ލަވަކިޔުންތެރިއެއްގެ އިތުރުން ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސެލީނާ "ވޮންޑަމައިންޑް" ގެ ނަމުގައި ޕްލެޓްފޯމެއް ލޯންޗްކުރާ އިރު، އޭނާ އަކީ ވެސް މިފަދަ މައްސަލަތައް ތަޖުރިބާކޮށް، އެކި ދުވަސްވަރު ފަރުވާ ވެސް ހޯދާފައިވާ މީހެކެވެ. އެގޮތުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ބައިޕޯލާ ޑިސްއޯޑާ ހުރި ކަމަށް ވެސް ސެލީނާ ބުންޏެވެ.
The news is out! We are so excited to unveil the building of our mental fitness ecosystem to the world. - Selena, Mandy, and Daniella https://t.co/IN9fZl6uK1
— Wondermind (@letswondermind) November 18, 2021
ނަފުސާނި އެކިއެކި މައްސަލަތައް ވަރަށް ގިނަ ބަޔަކަށް ދިމާވި ނަމަވެސް، މުޖުތަމައުތަކުގައި އެކަމާ ދޭތެރޭ ދެކެވޭ ނުބައި ވިސްނުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ޖެހިލުންވެ، ފަރުވާ ހޯދަން ވެސް ފަސްޖެހެ އެވެ. މީގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެ، މީހާގެ އާންމު ދިރިއުޅުން އެއްކޮށް ގެއްލެ އެވެ.
ސެލީނާ ބުނީ ގޮތުގައި ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކުރުމާއި އެހީ ފޯރުކޮށްދޭން ޕްލެޓްފޯމެއް ހަދަން ނިންމީ އޭނާގެ އަމިއްލަ ތަޖުރިބާގެ ވެސް އަލީގަ އެވެ. އެހެންވެ "މައިންޑްވޮންޑާ" ވަރަށް ފުޅާކޮށް، އެކި ފެންވަރުގައި މެންޓަލް ހެލްތާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
"ދުވަހުން ދުވަހަށް ބޭނުންވާ ވަރަށް ގިނަ އެހީތައް އަހަރެމެން ފޯރުކޮށް ދޭނަން. އަދި މިކަމުގައި އެކްސްޕަޓީޒުންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނާނެ." ސެލީނާ ބުންޏެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި "ވޮންޑަމައިންޑް" ރަސްމީކޮށް ލޯންޗް ކުރިޔަސް، އޭގެ ވެބްސައިޓަށް މިހާރު ވެސް އެކްސެސްވެ، ރަޖިސްޓްރީ ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy