ޚިޔާލު

ސްޕޯޓްސް ޕޮލިޓިކްސް: ފީފާގެ ބްލައިންޑްސޮޕްޓްގެ ނިވަލުގައި، އިންތިހާބު ކަށަވަރު ނުކުރެވޭ ކްލަބްތަކެއްް

ދެހާސް އަށްވަނަ އަހަރު ބޭއްވި ފީފާގެ އިންތިހާބުގައި ބައިވެރިވި މަންދޫބުން:

ހާމިދު އަބްދުލްޣަފޫރު

01 ޑިސެމްބަރ 2021 - 07:40

8 comments

ފިފާ އިން މިހާރު ދެކެނީ ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނަކީ އިންސާފުވެރި އިންތިހާބަކުން ހޮވިފައިވާ ޑިމޮކްރެޓިކް އެސޯސިއޭޝަނެއް ކަމުގަ އެވެ. ސަރުކާރުގެ ކޮންޓްރޯލްގައި އޮތް އެސޯސިއޭޝަން ފީފާގެ ސީދާ ބެލުމުގެ ދަށުން އިންތިހާބުކުރީ ޖުލައި 2008 ގަ އެވެ.

ގަދަކަމުން ކުރުވި އިންތިހާބު:

ފުޓުބޯޅަ އެސޯސިއޭޝަން އިންތިހާބުކުރީ ސިޔާސީ ގޮތުން ނާޒުކު ދުވަސްވަރެއްގަ އެވެ. އެއީ މުޅި ރާއްޖެ، ޑިމޮކްރަސީއަކަށް ބަދަލު ކޮށްލި، ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގެ ވޯޓަށް އެންމެ ހަތަރު މަހަށް ވެފައި ވަނިކޮށް، ހޫނު ސިޔާސީ ކެމްޕެއިނެއްގެ ތުންފަތްމަތީގަ އެވެ. މިއީ އިއްތިފާގެއް ތޯއެވެ؟ ފިފާ އަކީ ހުޝިޔާރު ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ!

9/11 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ދުނިޔޭގެ ފުޓުބޯޅަ ޖަމިއްޔާގެ ސިޔާސަތު ބަދަލުވި އެވެ. ގްލޯބަލް ގުޑްގަވަނަސަށް ބާރު އެޅުމުގެ ގޮތުން، އިންތިހާބު ނުކޮށް ހުރި ގައުމީ ފުޓުބޯޅަ ޖަމިއްޔާތަށް އިންތިހާބު ކުރަން ނިންމި އެވެެ. މި ގޮތުން، ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން އިންތިހާބުކުރަން ފީފާ އިން ތަކުރާރުކޮށް އެންގި އެވެ. ފީފާގެ ސިޔާސަތު ބަދަލުވި ނަމަވެސް، ސަރުކާރުގެ ސިޔާސަތު ބަދަލެއް ނުވެ އެވެ. އިންތިހާބު ކަށަވަރު ކުރުމުގެ ސިޔާސަތެއް، އަދި ރޫހެއް ވެސް ސަރުކާރަކު ނެތެވެ. އެފްއޭއެމް އިންތިހާބު ނުކޮށްފި ނަމަ، ސަސްޕެންޑް ކުރާނެ ކަމަށް ވެސް ފީފާ އިން އެންގި އެވެ.

އެ ދުވަސްވަރު، ފީފާ އިން މަސައްކަތް ކުރަމުން ގެންދިޔައީ ސައްދާމް ހުސައިންގެ ލެގަސީއަކަށްވި، އިރާގުގެ ފުޓުބޯޅަ އެސޯސިޢޭޝަން ސަސްޕެންޑްކޮށް، އިންތިހާބު ކަށަވަރު ކުރުމަށެވެ. ރާއްޖޭގެ ފުރަތަމަ މަލްޓި ޕާޓީ އިންތިހާބުގެ ތުންފަތްމައްޗަށް އެފްއޭއެމްގެ އިންތިހާބު ތާވަލް ކޮށްލީ، ނޭނގި ތިބި ބަޔަކު ކުރި ކަމެއްގެ ގޮތުގައި ވިސްނައިގެން ނުވާނެ އެވެ.

ރާއްޖެ ސަސްޕެންޑް ވުމަކީ ސަރުކާރަށް ލަދުވެތި ކަމަކަށް ވާނެ އެވެ. ބައިނަލްއަގްވާމީ މުބާރާތްތައް ނުކުޅެވުމަކީ ޒުވާނުންގެ ނަފްރަތު ސަރުކާރަށް އަމާޒުވާނެ ކަމެކެވެ. އެންމެ ފަހުން ފީފާގެ "އިންޓަރިމް ކޮމިޓީ"ގެ ބެލުމުގެ ދަށުން، ފީފާގެ މަންދޫބުންގެ ހާޒިރުގައި، އިންތިހާބު ބޭއްވީ 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ތައްޓާއެކު ވޯޓު ހޯދުމަށް ރަށްރަށަށް ފުރަފުރައި އޮއްވަ އެވެ.

ދެހާސް އަށްވަނަ އަހަރު ބޭއްވި ފީފާގެ އިންތިހާބުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާ ޝާހިރު (ކ-4) އަދި ސެކްރެޓަރީ ޖެނެރަލް ޝާހް.

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާއަކަށް ފީފާ އިން ހަމަޖެއްސެވީ އިންޓަނޭޝަނަލް މެޗު ކޮމިޝަނަރު އަހުމަދު ޝާހިރު (މެނޭޖަރު) އެވެ. އެފްއޭއެމްގެ ފުރަތަމަ އިންތިހާބީ ރައީސަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ އަލީ އާޒިމެވެ. ރައީސްގެ ސެކްރެޓަރީ ޖެނެރަލަކަށް ވީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޝާހް އިސްމާއިލް އެވެ.

ފުޓުބޯޅައިން މުޅި ގައުމަށް ފައިދާ ކޮށްދިނުމުގެ ވައުދު:

ދިގު ވެރިކަމެއް ނޭވާ ހޮޅި އަށް އެޅިފައި އޮތް ވަގުތު ގައުމީ ފުޓުބޯޅަ ޖަމިއްޔާ އިންތިހާބު ކުރަން މަޖުބޫރު ވުމަކީ، ނުކުރާން ތިބި ބަޔަކަށް ބުރަ ކަމަކަށް ވި އެވެ. އިންތިހާބަކުން އެސޯސިއޭޝަން ވުޖޫދަށް ގެންނަންން ފީފާ އިން މަސައްކަތް ފެށިއިރު، ފީފާ އަށް ސާފުވި ހަގީގަތަކީ، ރާއްޖޭގެ ފުޓުބޯޅަ ކްލަބްތައް ހިންގަމުން ދަނީ ގާނޫނީ އޮނިގަނޑެއްގެ ތެރއިން ނޫން ކަމެވެ.

އެފްއޭއެމް އިންތިހާބު ނުކޮށްފި ނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އެންގި އިރު، އިންތިހާބަކާ ނުލައި ސަރުކާރުން އައްޔަން ކޮށްފައިވާ ފުޓުބޯޅަ އެސޯސިއޭޝަނުގެ ސިޔާސަތު ވަނީ ޅެމާއި ފަރިހިން ވައުދުވެފަ އެވެ. އެއީ "ފުޓުބޯޅަ އިން މުޅި ގައުމަށް ފައިދާ ކޮށްދޭނަން" ކަމަށެވެ.

ޖަޕާން-ކޮރެއާ ވާލްޑްކްޕް ކޮލިފައިންގައި މޯލްޑިވްސް- ޗައިނާ ހޯމް މެޗުގައި އެއްގޯލުން ޗައިނާ މޮޅުވުން ބެލީ ރާއްޖެ އަށް ލިބުނު މޮޅެއް ކަމުގަ އެވެ. އެ ހިސާބުން އެސޯސިއޭޝަންގެ ވިސްނުމަކަށް ވީ، އެ ޒަމާނުގެ އަތޮޅުވެރިންނާއި އެއިރުގެ ސިފައިންނާއި ފުލުހުންގެ ބައިވެރިވުމާއެކު، މުޅިި ރާއްޖެ އަށް ފުޓުބޯޅަ ފެތުރުމެވެ. ފުޓުބޯޅަ ސިޔާސީ ހަތިޔާރަކަށް ހެދުމުގެ ނިޔަތް ހާމަވީ އެވެ.

ކްލަބް ޖަމިއްޔާތައް އިންތިހާބު ކުރުމަކީ މަދަނީ މުޖްތަމައުގެ ބާރުވެރިކަން އުފައްދާ ކަމެކެވެ. މިއީ ޑިމޮކްރަސީ އާއި އިންތިހާބާ ބީރައްޓެހި ސަރުކާރުގެ ސިޔާސަތަކަށް ނުވި އެވެ. ކަތީބުންނާއި އަތޮޅުވެރިންނާއި ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުން އިންތިހާބަކާ ނުލައި އެކުލަވައިލެވޭ ޓީމުތަކެއް ސަރުކާރަށް މާ ރަނގަޅެވެ. މިއީ އެއިރުގެ ސިޔާސީ އޮއިވަރު ހުރި ގޮތެވެ. ފުޓުބޯޅަ އިން މުޅި ގައުމަށް ފައިދާ ކޮށްދިނުމުގެ ނިޔަތުގަ އެވެ. މުޅި ރާއްޖޭގައި ވެސް އަށަގަނުވާފައި އޮތީ އިންތިހާބު ކަށަވަރު ނުކުރެވޭ ސަގާފަތެކެވެ. އެފަދަ ކްލަބްތަކެކެވެ. އިންތިހާބު ކުރެވުނު އައު އެފްއޭއެމް ދެނެގަންނަން ވާނީ މި ފަސްމަންޒަރުގެ ތެރެއިންނެވެ.

ޑިމޮކްރެޓިކް އެފްއޭއެމްގެ ފެށުމާއި ނިމުން:

އެފްއޭއެމާ ދާދި އެކުއެކީ އިންތިހާބުވި އައު ޑިމޮކްރެޓިކް ސަރުކާރަށް ވުރެ ހަތަރު މަސް ދޮށި ފުޓުބޯޅަ އެސޯސިއޭޝަނަށް އައު ސަރުކާރުން މަރުހަބާ ކިޔެވެ. އެ އެސޯސިއޭޝަނަކަށް އުނދަގުލެއް ނުކުރެ އެވެ. އެހެން ނަމަވެސް ޑިމޮކްރެޓިކް އުސޫލުތަކާއި ގާނޫނާ އެއްގޮތަށް ކްލަބްތައް އިންތިހާބު ކުރަން އައު ކުޅިވަރާ ބެހޭ ވަޒީރު، މިހާރުގެ މަޖިލިސްގެ އިއްޒަތްތެރި މެމްބަރު ހަސަން ލަތީފް ބާރު އެޅުއްވި އެވެ. އެކަމަކު، ކްލަބްތައް މި ކަމަކާ ގަޔާއެއް ނުވި އެވެ. އެސޯސިއޭޝަނަށް މި ކަންވީ ބޮލުގެ ރިހުމަކަށެވެ.

އެއިރުގައި އޮތް ޖަމިއްޔާތަކާ ބެހޭ ގާނޫނޫނަކީ، ހަމަ މިހާރެކޭ ވެސް އެއްފަދަ އިން ތަންފީޒު ކުރެވޭ ގާނޫނެއް ނޫނެވެ. އެހާރާއި މިހާރުގެ ތަފާތަކީ، އެއިރު ހޯމް މިނިސްޓްރީގައި ހުންނެވީ "ރެޖިސްޓްރާ" އެކެވެ. މިހާރު ސްޕޯޓްސް މިނިސްޓްރީގައި ހުންނެވީ "ސްޕޯޓްސް ކޮމިޝަނަރ" އެކެވެ. ކަން ހިނގަނީ އަދިވެސް ހަމަ ކުރިއެކޭ އެއްގޮތަށެވެ. މިއީ ފީފާ އިން އުންމީދުކުރި "ގުޑްގަވަނަންސް" ހަގީގަތަކަށް ހެދޭނެ ވެއްޓެއް ނޫނެވެ.

އެފްއޭއެމް އިންތިހާބު ނުކޮށްފި ނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އެންގި އިރު، އިންތިހާބަކާ ނުލައި ސަރުކާރުން އައްޔަން ކޮށްފައިވާ ފުޓުބޯޅަ އެސޯސިއޭޝަނުގެ ސިޔާސަތު ވަނީ ޅެމާއި ފަރިހިން ވައުދުވެފަ އެވެ. އެއީ "ފުޓުބޯޅަ އިން މުޅި ގައުމަށް ފައިދާ ކޮށްދޭނަން" ކަމަށެވެ.

އިންތިހާބުކުރި އެފްއޭއެމަށް ވާރުތަވީ އިންތިހާބު ކަށަވަރު ނުކުރެވޭ މެމްބަރު ކްލަބަތަކެކެވެ. ކަތީބުންނާއި އަތޮޅުވެރިންނާއި ފުލުހުންނާއި ސިފައިންނާއެކު މަދަނީ މުޖްތަމައެއް ބިނާކުރުމުގެ ހީލަތްތެރި ވިސްނުން އެއިރު އޮތީ ދިވެހި ކުޅިވަރު މުޖުތަމައުގައި އަށަގަނެ، "ނޯމަލައިޒް" ވެފަ އެވެ. ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ ހެދި ނަމަވެސް، ފީފާގެ މެމްބަރު އެސޯސިއޭޝަނެއްގައި މި ތިބީ އިންތިހާބު ކަށަވަރު ނުކުރެވޭ ކްލަބްތަކެކެވެ.

ކްލަބް ޖަމިއްޔާ ރެގިއުލޭޓް ކުރުމަކީ ސަރުކާރުގެ ކަމެކެވެ. ސަރުކާރުން އެ ކަމެއް ނުކުރެ އެވެ. އިންތިހާބު ކަށަވަރު ކޮށެއް ނުދެ އެވެ. މާލޭގެ ފުޓުބޯޅަ ކްލަބްތައް އޮތީ ރަށާއި އަވަށްޓެރިންނާ ގުޅުން ކެނޑި މުޖުތަމައުގެ ހަވާސާގައި ވިއްސި ވިހާލި ވެފަ އެވެ. ޗާޓުން ބޭރުގައި ގެއްލިފަ އެވެ. ފުރަތަމަ އިންތިހާބުން ފެށިގެން ވެސް ފުޓުބޯޅަ އެސޯސިއޭޝަން އޮތީ ފީފާގެ ބްލައިންޑްސްޕޮޓްގަ އެވެ. ކްލަބަކީ ކްލަބެއް ނޫނެވެ! "އެބް އިނީ ޝިއޯ" އެވެ!

އެފްއޭއެމްގެ މެމްބަރު ކްލަބްތައް އެންމެ ފަހުން ވެގެން ދިޔައީ ސަރުކާރުން ފައިސާ ދީގެން ދަމަހައްޓައިދޭ ގޮނޑިކޮއްކޮ ކްލަބްތަކަކަށެވެ. ރިޔާސީ އިންތިހާބުން ބަލިވި، ވަރިކުރިފުޅު ވެސް އޮތީ މި ފިކުރުގަ އެވެ. ޑިމޮކްރެޓިކް ނިޒާމެއް ދަމަހައްޓަން ފަސޭހަކޮށްދޭ މޫޑުގައެއް ނޫނެވެ. ފަހަތަށް ވިސްނައިލުމުން މިހާރު މިކަން ސާފުވެ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަންގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އަލީ އާޒިމަށް ވެސް ދިމާވި "ބޮލުގެ ރިހުމަކީ" މެމްބަރު ކްލަބްތަކުގެ އިންތިހާބު ކަށަވަރު ކުރަން ޖެހުމެވެ. ދެވަނަ ބޮލުގެ ރިހުމަކީ، ކުރީގައި ދެންނެވި ފަދައިން، ފުލުހުންނާއި ސިފައިންގެ ކްލަބް ވެސް އެއްވަނަ ޑިވިޒަނަންގައި ވާދަކުރަން ޖެއްސި ޕްރެޝަރެވެ. ނަމަވެސް، ފީފާ އިން އިންތިހާބުކުރި އެސޯސިއޭޝަންގެ އެކްސްކޯ އިން ވެސް މި ކަމަކަށް އެއްބަހެއް ނުވި އެވެ. ނަސީބެއް ނޫންތޯ އެވެ! ބަގާވާތާއެކު އެފްއޭއެމްގެ ރައީސް ވެސް ބަދަލު ވެއްޖެ އެވެ. ޑިމޮކްރެޓިކް އެފްއޭއެމް ނިމުމަކަށް އައީ އެވެ.

ފުޓުބޯޅަ ސިޔާސީވުން:

ފެބްރުއަރީ 2012 ގައި ބަގާވާތަކުން ވެރިކަން ވައްޓާލުމާއެކު، އެސޯސިއޭޝަނާއި ކްލަބްތަކަށް އައީ ސިޔާސީ އީދެކެވެ. އިންތިހާބު ކަށަވަރު ނުކުރެވޭ މެމްބަރު ކްލަބްތަކާއި އެސޯސިއޭޝަންގެ ތެރެއަށް ވަދެގަތީ ގާތް ރަޙުމަތްތެރިންނާއި ރައްޔިތުންގެ މަޖިލިސްގެ އިއްޒަތްތެރި މެމްބަރުންގެ ފީންޏެކެވެ. ކޮންމެވެސް ސަބަބަކާ ހުރެ، ކުޅިވަރު ޖަމިއްޔާތަކަކީ ސިޔާސީ ވޯޓު ފަހިކުރެވޭ ވަސީލަތެއް ކަމުގައި ގަބޫލުކުރާ ސިޔާސީ ވެރިންތަކެއް އަނެއްކާވެސް ތިލަވެއްޖެ އެވެ. ތިން އަހަރު ކުރިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިޔަންޝިޕްގެ "ތަށި ވިއްކައިގެން" ރިޔާސީ އިންތިހާބަށް ވޯޓު ލިބޭނެ ކަމަށް ރަށްރަށަށް ދަތުރުކުރި އަހުލުވެރިންނެވެ. ކުޅިވަރު ފެނިފައި އޮތީ ސިޔާސީ ހަތިޔާރެއްގެ ގޮތުގަ އެވެ.

އެފްއޭއެމްގެ ރައީސްކަން ކުރިން ކުރެއްވި ބައެއް ބޭފުޅުންގެ ތެރެއިން އިލްހާމް ޝަވީދު، ތޯރިގް އަދި މިހާރުގެ ރައީސް ބައްސާމް.

ބަގާވާތަށް ފަހު، އެފްއޭއެމްގެ ރައީސަކަށް ވީ، މަޖިލިސްގެ އިއްޒަތްތެރި މެމްބަރެކެވެ. ވީޑިއޯ ޕްރޮޑިއުސަރެކެވެ. މެމްބަރު އިލްހާމް އަހުމަދެވެ. ޖެހިގެން އައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް އެޅިއިރު، ފީފާ އަށް އަނެއްކާވެސް ޖެހުނީ، "ނޯމަލައިޒޭޝަން ކޮމިޓީ" އެއް މެދުވެރިކޮށް، ބަގާވާތުގެ ސިޔާސީ ނުފޫޒުން އެސޯސިއޭޝަން މިންޖު ކޮށްދޭށެވެ. މިއީ ދެވަނަ ފަހަރެވެ.

މި ފަހަރު، ނޯމަލައިޒޭޝަން ކޮމިޓީގެ މޭސްތިރިއެއްގެ ގޮތުގައި ފީފާ އިން ހަމަޖެއްސެވީ، އެއިރުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހަންމަދު ޝަވީދެވެ. މަޝްހޫރު ވިޔަފާރިވެރިއެކެވެ. ވީބީ ކިޔާ ފުޓުބޯޅަ ކްލަބެއްގެ މަސްއޫލުވެރިއެއްގެ ގޮތުގައި 2007 އިން 2013 އަށް ހުންނެވި އެވެ. ރައީސް ޔާމީންގެ ދެވަނަ ދައުރުގެ ކެންޕޭން މެނޭޖަރަކަށް ވެސް އިއުލާނު ކުރައްވާނެ ސީޔާސީ ޝަޚުސިއްޔަތެކެވެ. ޑޭވިޑް ބެކަމް ފެންވަރުގެ ސްޕޯޓްސް ޕޮލިޓީޝަނެކެވެ.

ފީފާގެ ބްލައިންޑްސޮޕްޓް!

ދެހާސް ސާދަވަނަ އަހަރު ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސަކަށް މުހަންމަދު ޝަވީދު އައްޔަންކުރި ކުރުމަކީ ފީފާގެ ބްލައިންޑްސްޕޮޓްގައި ރާއްޖެ ދެމެހެއްޓިދާނެކަން ޔަގީންވި ދުވަހެވެ. އިންތިހާބު ކަށަވަރު ނުކުރެވޭ ކުޅިވަރު ކްލަބްތަކުގެެ ވޯޓުން ގައުމީ ޖަމިއްޔާތައް "އިންތިހާބު" ކުރުމުގެ ހާއްސަ ފަންނުވެރިއެއް އުފެދުނީ އެވެ. ލަސްތަކެއް ނުވެ ޖެހިގެން އައި އަހަރު ކުޅިވަރާ ބެހޭ ގާނޫނެއް ވެސް ފާސްކޮށްފި އެވެ. ގާނޫނުން އުފެއްދި ސްޕޯޓްސް ކޮމިޝަނަރުން ކްލަބަތަކުގެ އިންތިހާބު ކަށަވަރު ކޮށްދޭކަށް ނޫޅުއްވި އެވެ. އިންސާނުންނަށް ފެންނަނީި، ކުރިމަތީގައި ހިންގާ ކަންކަމެވެ. ވަޒަން ކުރެވޭނީ އެއިރުންނެވެ. ފަހަތުގައި ލޮލެއް ނުހުރެ އެވެ. ފަހަތުގައި ހިނގާ ކަންކަމެއް ނުފެނެ އެވެ.

ދެހާސް ސޯޅަވަނަ އަހަރު އެފްއޭއެމްގެ ތިންވަނަ ރައީސަކަށް އަނެއްކާވެސް ހޮވުނީ އިއްޒަތްތެރި މެމްބަރަކެވެ. ރައީސް އަހުމަދު ތޯރިގް (ޓޮމް) އެވެ. އެހެން ނަމަވެސް، ލަސްތަކެއް ނުވެ، ހަމަ އެ އަހަރުގެ ތެރޭ، ކްލަބް ވެލެންސިއާގެ މަސްއޫލްވެރިޔާ އަދީލް ޖަލީލްގެ ޒުވާން ފިރިހެން ދަރިކަލުން ބައްސާމް އަދީލް ޖަލީލް އެސޯސިއޭޝަންގެ ރައީސްކަމަށް ވަޑުވައިފި އެވެ.

އެފްއޭއެމްގެ ރިޔާސަތާ ހަވާލުވި ކޮންގްރެސްގެ ވިކްޓަރީ ސްޕީޗްގައި ރައީސް ބައްސާމް ވިދާޅުވީ، މުހަންމަދު ޝަވީދަކީ ރާއްޖޭގައި ހުންނެވި އެންމެ ނުފޫޒު ގަދަ ކުޅިވަރު ޝަހުސިއްޔަތު ކަމަށެވެ. އެ މަނިކުފާނު މިހާރު ވެސް ހުންނެވީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ ހިންގާ ކޮމީޓީގެ މެމްބަރެއްގެ ގޮތުގަ އެވެ. ދިވެހިރާއްޖޭގެ ޓިކެޓްގަ އެވެ.

ރައީސް ބައްސާމް ދެވަނަ ފަހަރަށް އިންތިހާބުވީ 2020 ވަނަ އަހަރުގެ ފުރަތަމަ ކޯވިޑް ލޮކްޑައުން ހުޅުވުނުތާ ހަފުތާއެއްގެ ތެރޭ، އަވަސް އަރުވާލާފައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގަ އެވެ.

ބްލައިންޑް ސްޕޮޓް ގައި އޮޕަރޭޓްކުރުން:

ދުނިޔޭގެ ބްލައިންޑްސްޕޮޓްގައި، ރާޑަރަށް ނާރާ ފަށުގައިި، ސިއްރިއްޔާތުގައި އޮޕަރޭޓް ކުރުމަކީ ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާތަކުގެ ބައެއް ވެރިންގެ ފަރާތުން ވެސް ފެނިފައި ހުރި ހީލަތްތެރި ސިފައެކެވެ.

އެކާވީސް އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި ޖުއާން އެންޓާނިއޯ ސަމަރާންޗް، އެމެރިކާގެ ކޮންގްރެސްގެ ފޮރިން ރިލޭޝަންސް ކޮމިޓީ އަށް ހާޒިރު ކުރި އެވެ. އެއީ، އޮލިމްޕިކް ސްޕޮންސަޝިޕްގެ އަގު އެރުވުމަށްޓަކައި "އިންސައިޑާ ޓްރޭޑިން" ގެ ގެ ޖިނާއީ ތުހުމަތުގަ އެވެ. އެ މަނިކުފާނު އެދިވަޑައިގަތީ، އަހަރު ނިމި، ކްރިސްމަސް އަށް، ނޫސްވެރިން ޗުއްޓީ ނަގާ ވަގުތު، އަދި ކޮންގްރެސް ވެސް ރިސެސް އަށް ދިއުމުގެ ކުރީ ދުވަހު އަޑުއެހުމަށް ހާޒިރު ވުމަށެވެ. ހާޒިރުވެވަޑައިގަތެވެ. އެހެން ނަމަވެސް ޚަބަރެއް ނެތެވެ!

އިހްތިޖާޖު!

ކޯވިޑް ލޮކްޑައުން އަށް ފަހު، ހަފުތާއެއް ނުވަނީސް އެފްއޭއެމްގެ ކޮންގްރެސް ބޭއްވުމަކީ ކޮންފަދަ ކަމެއްތޯ އެވެ؟ ފީފާ އިން ވެސް ކޯވިޑަށް ދޫދިނެވެ. އޮލިމްޕިކް ކޮމިޓީގެ ވެރިޔާ ދައްކުވައި ދެއްވި މަގުން ޒުވާން ފުޓުބޯޅަ ރައީސް ބައްސާމް އަދީލް ޖަލީލް ހިންގަވަމުން ގެންދަވަނީ ހިކުމަތްތެރިކަމާ އެކު އެވެ. އަރިހުގައި ހުންނެވީ ރާއްޖޭގެ އެންމެ ނުފޫޒުގަދަ ކުޅިވަރު ޝަހުސިއަޔަތެވެ. ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ!

މި ކަންކަމާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށް ޖުލައި 2020 ގައި "ޑިމޮކްރެޓިކް" އެފްއޭއެމްގެ ފުރަތަމަ ރައީސް އޮނަރަބަލް އަލީ އާޒިމް، އިހްތިޖާޖުގެ ހޫނު ސިޓީފުޅެއް ކުޅިވަރާ ބެހޭ ވަޒީރު އޮނަރަބަލް އަހުމަދު މަހުލޫފަށް ފޮނުއްވި އެވެ. މައިގަނޑު ޝަކުވާއަކީ އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ ހިލާފަށް ކޮންގްރެސް ބާއްވަން ދޫކޮށްލި ތުހުމަތެވެ. އިންތިހާބު ކަށަވަރު ކުރުމަކީ ވަޒީރަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއަކަށް ވާތީ އެވެ. ކަހާތަން ހިރުވައި ވެސް ނުލި އެވެ! ދޭނެ ޖަވާބެއް ވެސް ނެތީ އެވެ. އެއިރު އޮތީ، ނިއުރޭޑިއަންޓާއި ވިކްޓަރީ ލީގުން ވަކިކޮށްފަ އެވެ. ދަރަނިވެރި ކުރުވައިފަ އެވެ. އެންމެ ފަހުން ގައުމީ ޓީމުގައި ސްޓޭޓް މިނިސްޓަރު ވެސް ކުޅުއްވީ އެވެ! ގައުމީ ޓީމު ވެސް ބަލިވީ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ)، ސްޕޯޓްސް މިނިސްޓަރު މަހުލޫފު (ކ-2) އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް: އާޒިމްގެ ހޫނު ސިޓީއަށް މަހުލޫފު ވިދާޅުވާނެ އެއްޗެއް ވެސް ނެތް.

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ކަށަވަރު ނުކުރެވުމުގެ ހާސްކަމުގައި މިހާރުގެ ހެންވޭރު ހުޅަނގު ދާއިރާގެ އިއްޒަތްތެރި މެމްބަރު، އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު، އަލްއުސްތާޒު ހަސަން ލަތީފު ވެސް ވަނީ ކުޅިވަރުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ. ހުށަހެޅުއްވީ ކްލަބް ޖަމިއްޔާތަކުގެ އިންތިހާބުތައް ކަށަވަރު ކޮށްދިނުން ތަފުސީލްކޮށް ގާނޫނުނުގައި ލިޔުމަށެވެ. ކުރީގެ ރައީސް އަލީ އާޒިމް ވެސް ވިދާޅުވީ ހެޔޮކޮށެވެ. ކުޅިވަރާ ބެހޭ ވަޒީރަށް، ކްލަބް ޖަމިއްޔާތަކުގެ އިންތިހާބު ކަށަވަރު ކޮށްދެވެން ޖެހޭނެ އެވެ. މަޖިލިސްގެ އިޖުތިމާއީ ކޮމިޓީގެ ޚަބަރެއް އަދި ނުވެ އެވެ.

އަޅުގަނޑަށް އެންމެ ފަހުން އިވުނު ޚަބަރަކީ ސަރުކާރުން، މުޅިން އައު ކުޅިވަރުގެ ގާނޫނެއް ހުށަހަޅުއްވާ ޚަބަރެވެ. ބްލައިންޑް ސްޕޮޓުން ނުކުމެވޭނެ ގޮތެއް ހޯދަން ޖެހެ އެވެ؟

އެޑިޓަރުގެ ނޯޓް

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކައުންސިލްގައި މިހާރު ވެސް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ ތަމްސީލު ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނަސް ކްލަބެއް ހިންގަވަން ފެއްޓެވި ބޭފުޅަކީ ވެސް އެއީ އެވެ. މާލޭ ފިޓްނަސް ކްލަބްގެ ނަމުގައި ހާމިދު ޖިމެއް ހިންގަވާތާ މިހާރު 30 ވަރަކަށް އަހަރު ވެއްޖެ އެވެ.

8 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްމޭޝް-ފުވައްމުލައް

01 December 2021

ބަރާބަރު ވަހަކައެއް ހާމަިދު! ހަމަ ކުޅިވަރަކީ ކުލިވަރެއްނޫން!

The name is already taken The name is available. Register?

ސަސި

01 December 2021

ލިޔާ އެއްޗެއް ސާފުކޮށް 2 މާނަ ނުލާ ލިޔަންޖެހޭ، ބާރު އޮތް މީހުން ރަގަޅުކަމަށް ދެކޭ ކަންކަން ތަންފީޒު ކުރަން ޖެހޭ

The name is already taken The name is available. Register?

ދިއްދޫމީހާ

01 December 2021

ފުޓްބޯޅަ ސިޔާސީ ކޮއްލީ ހާމިދުމެންގެ ވެރިކަމުގާ 2008ގައި، އެއީ އަލީ އާޒިމް ހުރީ އިދިކޮޅު މެމްބަރެއްގެ ގޮތުގާ މަޖިލިސްގާ، އެއިރު މެމްބަރުން ގަންނަ ކުރި މައްސަކަތް ކާމިޔާބް ނުވެފާ އަނެއްކޮޅުން ސިޔާސީ ކަންތައް ވައިގައި ނުހިފާ ފުޓްބޯޅާގެ ފޯރި އޮތީމަ، ކުރި އެއްކަންތައް އެއީ ޤައުމީ ފުޓްބޯޅަ މުބާރާތަ ރައީސްދޭ ފައިސާގެ އިނާމް އެފަހަރު ނުދިނުން، ހާމިދު ސިކުނޑީގަ ބަގާވާތް ނޫން އެއްޗެއް ނީންދޭ، ބަލަ މީ ހާމިދުމެން ދަސްކޮއްދިން ޑިމޮކްރަސީއޭ،،

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

01 December 2021

އެފްއޭއެމްގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ދަނީ ފަހަތަށް. # އައްޑޫ އަދި ހުވަދޫގަ ލީގެއް އުފައްދައިގެން ނޫން ގޮތަކަށް ކްލަބް ފުޓްބޯޅައިގެ ފޯރި ނުގެނެވޭނެ. # އަބަދުވެސް މާލެއަށް ކުޅިވަރު ތަރައްގީކުރަން އުޅެގެން ކަމެއް ނުވާނެ. # އައްޑޫ ލީގެއް އުފައްދަން މަހްލޫފަށް ގޮވާލަން. #

The name is already taken The name is available. Register?

އަލިކޮއި

01 December 2021

ހާމިދުމެންނޭ ފުޓުބޯޅަ ސިޔާސީކުރީ. ނުވިތާކަށް ނޫސްތަކުގައި ފާޑުފާޑުގެ ސިޔާސީ ކުލަވަރުޖެހިފައިވާ ލިޔުންތައް އެފްއޭއެމް އާއި ގުޅުވައިގެން ލިޔަނީ. މި އާޓިކަލް ކިޔާލި ކޮންމެމީހަކަށްވެސް (ނިއުރޭޑިއަންޓް ސަޕޯޓަރުން ފިޔަވާ) އެގޭނެ މިއީ ޕޮލިޓިކަލް ޕްރޮޕަގަންޑާކަން. މަހުލޫފާއި ބައްސާމު ބޭރުކުރަން ރަންރީދޫލުން ފޯވެފައިތިބި ބަޔަކު ހިންގާ ޖަރީމާއެއްކަން. ޕްލީޒް ހާމިދު، ހަޖަމްކުރަން ދަސްކުރޭ.

The name is already taken The name is available. Register?

ވަތަނަބޭ!

01 December 2021

އަލިކޮއެ، އަލިކާ ކައިރިން އަހާލަބަލަ؟ އިލްހާމުމެން ފިފާއިން ދޭން ބުނި ދަނޑުތައް އމިއްލަ ރަށަށް ބަހާލި ގޮތް ހަނދާން އެބަހުރިތަ؟ ޓޮމް ވެސް ހަމަ އެފަދަ!

The name is already taken The name is available. Register?

ސުރުޚީ

01 December 2021

ލިތުންތެރިޔާ ވަކި ސިޔާސީ ފިކުރަކަށް ޖެހިގެންހުރެ ލިޔުފައިވާ ލިޔުމަަކާ ވަރަށް ވައްތަރު ގޮތެއް ލިޔުން ކިޔާލީމާ ހީވެއެވެ. އަލީ އާޒިމްގެ ދައުގައި ހޭވި ހަޑީގެ ވާހަކަ ހިމަނާލާފައި ނެތުމަކީ އޭގެ ހެއްކެކެވެ. އެމްޑީޕީ މެންބަރުންނަށް މޮޅުވާނީ އެމީހިން ކެހިވެރި ޕްލޭންތަކެވެ.

The name is already taken The name is available. Register?

މޮލޮކޭ

01 December 2021

ހަގީގްތ ހަމަކުރީމަ ބިރުގަތީ ބާ؟ ރާއްޖޭގެ ކްލަބުތައް ހަމަޔަކަށްނޭޅި ކިހިނެތް އެމީހުންގެ ވޯޓުން ހޮވާ އެފްއޭއެމެއް ހަމަމަގުން ދާނީ. ނިކަން ވިސްނަބަލަ! ކޮންމެ ބަޔަކު ތިއްބަސް ތިރިން މައްޗަށް އުސުލުތައް ދަމަހައްޓަން ޖެހޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454