ޑެވިން.
08 ޑިސެމްބަރ 2021 - 06:24
އެމެރިކާގެ ރައީސް ޑޮނަލްޓް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ހިންގަވަން އުފެއްދެވި ކުންފުނި ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) ގެ ސީއީއޯގެ މަގާމަށް ވަޑައިގަންނަވަން އެމެރިކާގައި ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑެވިން ނޫނެޒް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެކަން އޭނާ މިހާރު ކޮންގްރެސް އަށް ވެސް ރަސްމީކޮށް އަންގަވާފައިވާ އިރު ޓްރަމްޕް ކުންފުނީގެ ސީއީއޯގެ މަގާމަށް ޑެވިން ވަޑައިގަންނަވާކަން އިއުލާން ކުރެއްވީ ހޯމަ ދުވަހު އެވެ. އޭނާ އަކީ ކޮންގްރެސްގައި ކެލިފޯނިއާގެ ދާއިރާއެއް 2003 އިން ތަމްސީލުކުރައްވަމުން ގެންދަވާ ޓްރަމްޕްގެ ވަރަށް ވަފާތެރި ސަޕޯޓަރެކެވެ.
ޓީއެމްޓީޖީގެ ސީއީއޯގެ މަގާމާ ޑެބިން ހަވާލުވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގަ އެވެ. އަދި މިކަމަކީ 2024 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ކުރައްވާ މަސައްކަތް ވަރުގަދަ ކުރުމުގެ ގޮތުން އިތުރުކުރާ ބޮޅެއް ވެސް މެ އެވެ.
ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ޑެވިން އަކީ ވަރުގަދަ ލީޑަރެއް ކަމަށާއި އޭނަގެ ލީޑްޝިޕްގެ ދަށުން ކުރައްވާ މަސައްކަތުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ ދާއިރާ އެމެރިކާގައި ވަރަށް ބޮޑަށް ކަށަވަރުވާން މަގުފަހިވެގެން ދާނެ ކަމަށެވެ.
"އޭނަ އަކީ ލިބެރެލް މީޑިއާ ހުއްޓާލުމާއި ބޮޑެތި ޓެކް ކުންފުނިކުން އެމެރިކާގެ މިނިވަންކަމަށް [ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް] ބުރޫއަރުވަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެއްވޭނެ ބޭފުޅެއް." ފޭސްބުކާއި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވި އެވެެ.
ކޮންގްރެސް އިން އިސްތިއުފާ ދެއްވުމަށް ފަހު ޓްރަމްޕްގެ މީޑިއާ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވަޑައިގަތުމާ ބެހޭ ގޮތުން ޑެވިން ވިދާޅުވީ އެއްވެސް ހުރަހަކާ ނުލައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމެރިކާގައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި އިންޓަނެޓާ އެކު މިހާރު މުޅި ދުނިޔެ ބަވަނަވެފައިވާ އިރު، އިންޓަނެޓް ވުޖޫދަށް ގެނައި ބަޔަކީ ވެސް އެމެރިކާ ކަމަށްވާތީ އޭގެ ސަބަބުން ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން ވީހާ ވެސް ފުޅާކޮށް އެމެރިކާ އަށް ބޭނުކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ ޓީއެމްޓީޖީ އަކީ އެމެރިކާގައި އެކަން އިންސާފުވެރިކަމާ އެކު ކަށަވަރުކޮށް ދެވޭނެ ހަމައެކަނި ކުންފުނި ވެސް މެ." ޑެވިން ވިދާޅުވި އެވެ.
މީޑިއާ އަށް ހާއްސަ ކުންފުންޏެއް ޓްރަމްޕް އުފެއްދެވިކަން އިއުލާންކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން ޓީއެމްޓީޖީގެ ދަށުން "ޓުރުތު ސޯޝަލް" ގެ ނަމުގައި ސޯޝަލް އެޕެއް ލޯންޗްކުރަން ވަނީ ނިންމައިފަ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި ވަރަށް އަވަހަށް ޑިޖިޓަލް ވޯލްޑް އެކިއުޒިޝަންގެ ދަށުން ކުންފުނި ހިއްސާގެ ބާޒާރުހައި ވެސް ލިސްޓް ކުރަން ނިންމާފައިވާ އިރު އިންވެސްޓަރުންގެ ފަރާތުން މިހާރު ވެސް 1.25 ބިލިއަން ޑޮލަރު ލިބޭނެކަން ކަށަވަރުވެފައިވާ ކަމަށް ބުންޏެވެ.
ޓްރަމްޕް އަމިއްލަ ސޯޝަލް ޕްލެޓްފޯމެއް އުފައްދަން ނިންމެވީ މި އަހަރުގެ ކުރީކޮޅު ޓްވިޓާ އާއި ފޭސްބުކާއި އެހެން ވެސް ގިނަ ޕްލެޓްފޯމްތަކުން އޭނާ ބޭރުކޮށްލުމާ ގުޅިގެންނެވެ. އެ ފިޔަވަޅު އަޅަން މަޖުބޫރުވީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގަތުމުން ސަޕޯޓަރުންނަށް ހިތްވަރު ދެއްވައިގެން، އެމެރިކާގެ ގާނޫނު ހަދާ މަލިޖިސް ހިންމާ އިމާރާތް، ކެޕިޓޮލް ހިލް އަށް ބޮޑެތި ގެއްލުންތަކެއް ދިނުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަމްޕް
08 December 2021
މިރާއްޖޭގައި ވެސް މިހެންވާނެ ނަމަ