ޖޭޕީގެ މައި ޖަގަހަ، ކުނޫޒުގައި މީގެ ކުރިން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ޑިސެމްބަރ 2021 - 16:05
ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ކުށްވެރިކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭގޮތުން، ސަރުކާރުގެ ކޯލިޝަންގެ އެއް ޕާޓީ، ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ފަސްގަނޑުގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ބޭތިއްބުމާއި ރާއްޖޭގެ އެއްވެސް ތަނެއް އަސްކަރީ ބޭނުމަށް ބޭރުގެ ބަޔަކަށް ދިނުމަކީ ގާނޫނުއަސާސީ ބުނާގޮތުން އެއްވެސް ވެރިކަމަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
ރާއްޖޭގެ އެއްވެސް ތަނެއް މިލްކު ކޮށްދިނުމާއި އަސްކަރީ ބޭނުންތަކަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެހެންވެ، އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އެކުލަވައިލި އެއްވެސް މަޖިލީހަކުން ރާއްޖޭގެ އެއްވެސް ތަނެއް އަސްކަރީ ބޭނުމަށް ދިނުމަށް ފާސްކޮށްފައި ނުވާތީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ޖޭޕީގެ ބަޔާނުގައި ބުންޏެވެ.
"ދޭދޭ ގައުމުތަކުގެ މެދުގައި އުފައްދާ ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ދެ ގައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި ތައުލީމާއި ހުނަރު އިތުރު ކުރުމުގެ ބޭނުމާއި ކާރިސާތަކުން ސަލާމަތް ވުމަށް ކުރިއަށް ގެންދެވޭ ހަރާކާތްތަކަށާއި ދެ ގައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުމާއި ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ އެކިއެކި ހަރާކާތްތަކާއި ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާ ގުޅިގެން ވަކި މުއްދަތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެ ފަރާތަށް ފައިދާ ލިބޭ ކަންކަމެވެ،" ޖޭޕީން ބުންޏެވެ.
އެ ޕާޓީން ބުނިގޮތުގައި، ބުނީ އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިވާ އުސޫލެއް ކަމަށެވެ. އެ ފަދަ ބޭނުމެއްގައި ހަތިޔާރު ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރިވުމަކީ އަސްކަރީ ހަރަކާތެއް ކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން ސިޔާސީ ބޭނުމަށް ކޮށް އުޅޭ ކަމެއް ކަމަށް ޖޭޕީން ދެކެ އެވެ.
"އެހެން ކަމުން އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއް ކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތެވެ،" ބަޔާނުގައި ބުންޏެވެ.
ރާއްޖެ އިން އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ބޭނުންކުރި "އިންޑިއާ މިލިޓަރީ އައުޓް" އަށް ފަހު، ދެން އެންމެ ގިނައިން ބޭނުން ކުރަނީ "އިންޑިއާ އައުޓް" ސްލޯގަން އެވެ. ޖޭޕީން ބުނީ ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި ދެބަސް ނުވެވޭ ހަގީގަތަކީ ހުރިހާ ގައުމަކުން ވެސް އެ ގައުމެއްގެ އަވަށްޓެރި ގައުމުތަކާއި ކުދި ބޮޑު އެންމެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެވެ.
"ޒަމާނުއްސުރެ ގާތް އެކުވެރި ގައުމެއްގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިޔާއަށް ނިސްބަތްކޮށް އިންޑިއާ އައުޓްއޭ ގޮވުމަކީ މި ދެ ގައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމުގައި މި ފާޓީން ދެކެމެވެ. ސިޔާސީ މަގުސަދެއް ހާސިލްކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ އަމަލުތަކުން މި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ވިޔަފާރި އަދި އެ ނޫންވެސް ޒާތީ އެކިއެކި މުއާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށް ވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ އިންތިހާއަށް ކަންބޮޑުވަމެވެ،" ޖޭޕީގެ ބަޔާނުގައި ވެ އެވެ.
އިންޑިއާއާ ދެކޮޅު ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ދިގުމުއްދަތަކަށް ގެއްލުން ލިބުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މި ގައުމުގެ ސަލާމަތާއި މިނިވަންކަން ދެމެހެއްޓުމުގައި ފާރަވެރިއެއްގެ ގޮތުގައި ޖޭޕީ އަބަދު ވެސް އޮންނާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޙްމަދް…
27 December 2021
ގިނަފަހަރަށް ޑިފެންސަށް ކުޅެވެނީ މެޗުގެ ކުރީކޮގައި ލަނޑުޖަހާނެ ފަހި ފުރުސަރު ތަށް ބޭކާރު ކޮއްލާ .ބޮޑެތި ގޯސްތަކެއް ހެދުނީމައެވެ ދެން (އިނޑިއާ އައުޓު) ހުއްޓވަން އުޅޭނެ ކަމެއްނެތެވެ.އެދާނީ ބާރަށް ކުރިއަށް… ކަލޭމެން ސިޔާސީ ދަހިވެތިކަމުގައި މިޤައުމުގެ މިނިވަންކަން ވިއްކާލަ މިޤައުމާއި ރައްޔިތުން އަޅުވެތި ކޮއްފީމުއެވެ. إنشاء الله އަޑަށް ބާރުލާފަ ދިވެހިން ދެންވެސް ގޮވާލާނީ އިންޑިއާ އައުޓު.އިންޑިއާ އައުޓު.
ކޮރަލް
27 December 2021
ކޯލިޝަނުން ވަކިވާ އިރަށް ނޫނީ ބޭރު ކުރާ އިރަށް ރާގު ބަދަލު ވާނެ އެވެ.
ތުނިޔަ
27 December 2021
ގާސިމަށް ގާނޫނު އެގޭތޯ ؟ ކޮސްނުގޮވާހުރޭ ތިކަހަލަގައްދާރުންދައްކާނީ މޮޔަވާހަކަ ގާސިމަށް ހެޔޮވިސްނުންދެއްވާށި
ޔޫޓޫ
27 December 2021
ޗައިނާއިން މިގައުމަށް އެންމެ އަސްކަރީ މީހެއްވެސް ނާރުވާ ތިއްބާ ޗައިނާއިން މިގައުމުގަ އަސްކަރީ ބޭހެއް ހަދަނީ ކަމަށް ކިޔައިގެން ދުނިޔޭގެ މީޑިއާއާއަށް ވާހަކަ ފެތުރީ އިންޑިއާއިން. އެކަމަށް އެހީވެދިނީ ގައުމަށް ޣައްދާރުވެގެން މިހާރު ތިޔަ އުޅޭ މީހުން. މިހާރު އެގައުމުގެ ސިފައިން އަރުވައިގެން ތިބެ އެންމެން ކުރިމަތީ ކޯލިޝަން ލީޑަރުންތައް އޮޅުވާލާވަރު ފެންނަނީ. ނޫނީ އިންޑިއާއިން އެ ކުޅޭ ގޭމް ނޭނގޭނަމަ ގަމާރުކަމުގެ އިންތިހާ ވެރިންގެ ފަރާތުން މި ފެންނަނީ
އަބްޑޫޅް
28 December 2021
އެފަހަރު ސިނައިން ބޭހެއް ހެދި ކަމުގަ ބުނީ ރާއްޖޭގަ ނުވެސް އޮންނަ ރަށެއްގަ. އިންޑިޔާ މީހުންނަކީ އެހެން މީހުންގެ ނަން ވެސް، ނަމުގެ ވެރި މީހާ އަށް ވުރެން ބޮޑަށް އެ މީހުންނަށް (އިންޑިޔާ މީހުންނަށް) އެގޭ ބައެއް.
ކިކް
27 December 2021
އިންޑިއާ އައުޓޭ ގޮވިއަސް އެމީހުން ތިބޭނީ އަބަދުވެސް އަވައްޓެރިންގެ ގޮތުގައި. ދުނިޔޭގެ ޗާޓުގައި އެމީހުން އޮންނާނީ އަބަދުވެސް ރާއްޖެއާ އިންވެގެން. މިހާރު މިއުޅެނީ އެމީހުންނަށް ހީވާ ކުށްހީއެއް ފިލުވަދޭންވެގެން. މިގައުމުގެ ހުރިހާ ދިމާލަކަށް އަތްގަދަކުރާ އަތްގަދަކުރުން މަދުކުރަންވެގެން. އެކި ބަހަނާތަކުގަ އެކި ނަންނަމުގަ އެމީހުންގެ އަސްކަރީ މީހުން މިގައުމުގަ މަކަރުވެރި ގޮތުގައި ބައިތިއްބާ ބޭތިއްބުން ކުޑަކުރަންވެގެން. ކަނޑުގެ ޗާޓުން ފައިދާ ނަގައިގެން
އަސްތާ
27 December 2021
ގާނޫނީ ހަމައިން ކަންކަން ބަލާނަމަ މިހާރު ވެރިކަމުގަ ހުސް ތިޔަ ތިބީ ދައުވާކުރެވިގެން ކުށްވެރިވެގެން ކޯޓުން ހުކުމެއް އައިއްސަ ތިބި ކުށްވެރިންގެ ގްރޫޕެއް. ގައުމުގެ އެންމެ މަތީ ކޯޓުން ތިޔަ މީހުންގެ ކުށެއް ނެތްކަމަށް ނިންމާފައެއް ނެތް. ކުރީގެ ވެރިކަން ވައްޓަންވެގެން އެކި ގޮތްގޮތަށް ކުޅުނު ކުޅިގަނޑަކީ ނުކުރާ ކަންކަމަކަށް ނުވާނެ.
ޙުސް
27 December 2021
ކަލޯ ކޮސްނުގޮވަ މަދޑުން ހުރުން ބުއްދިވެރި
ނާން
27 December 2021
ޖޭވީ ދޯ?!
ހެސްކިޔާފަ
27 December 2021
ދިވެހި ޤައުމުގެ އެންމެ ބޮޑު ކަރަޕްޓް ރައީސް , ރައީސް ޔާމީން އަބަދަށްޓަކާ , ދިވެހި ޤައުމުގެ ހެވާލާބައަށްޓަކާ އައުޓު. ގޮޅި ހުރީ ރެޑީކޮށް. ހެއްހެއް.
ކަސަބެ
27 December 2021
މިގައުމުގައި ބޮޑެތި މަހުޖަނުން ޓެކްސް ނުދައްކާ ވާހަކައަޑުއަހަން، އެކަމަކު ޓެކްސް ނުދައްކާ ކަމަށްނިންމޭނޭ ގާނޫނީހަމައެއްވެސް ނެތޯ! މިގައުމުގައި މަހުޖަނުން ސަރުކާރު ގެރެންޓީގަ ބޭރުގެބެންކުތަކުން ނަގާ ލޯނު ތައްވެސް ނުދައްކާތިބޭވާހަކަ އަޑުއިވޭ. އެކަމަކު އެކަން ބެލޭނެ ގާނޫނީ ހަމައެއްވެސް ނެތޯ! މިގައުމުގައި ބޮޑު މަހުޖަނަކު ނަޝީދުގެ ވެރިކަންވެއްޓުނުދުވަހު ޕޮލިސް އިމާރާތެއްގައި ވަރަށް އުފާފާޅުކުރި. އެކަންވީގޮތް ބެލޭނެ ގާނޫނީހަމައެއްވެސް ނެތޯ!