ކޮމަންޑުއަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އެއް ފަހަރަށް ވުރެން ގިނައިން ކޮންމެ ބޭފުޅަކު ވެސް ކެމްޕޭނަށް މި ރަށަށް ވަޑައިގަތް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
07 ފެބުރުއަރީ 2022 - 09:24
ކޮމަންޑޫ ދާއިރާގެ "ކުޑަކުޑަ އިންތިހާބު" ގެ ނަތީޖާ އަށް ފަހު ސިޔާސީ ޕާޓީތަކުން ބުނާ ގޮތުން ނަމަ އެ އިންތިހާބު އެހާ މުހިންމު ވެގެން އުޅުނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ބޮޑު މަންޒަރު ކުރަހައިދިނީތީ އެވެ. ޕާޓީތަކުގެ ވިސްނުމުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ހިސާބުތައް ޖަހަން ޖެހޭނީ ކޮމަންޑޫ ދާއިރާ އިން ދެއްކި ނަތީޖާ އިންނެވެ. މި ސަރުކާރަށާއި ޕާޓީތަކަށް އޮތް ތާއީދު އެ ދާއިރާގެ ބައި އިލެކްޝަނުން ދެއްކީތީ އެވެ.
ރައްޔިތުންގެ މަޖިލީހުގައި 65 މެންބަރުންގެ ސުޕަަ މެޖޯރިޓީ އޮތް އެމްޑީޕީން ބޮޑު ހަރަދެއް ކޮށްގެން އިތުރު އެއް ގޮނޑި އެ ޕާޓީ އަށް ލިބުނަސް މަޖިލީހުގައި ގާނޫނީ އަދި ސިޔާސީ ގޮތުން ލިބޭނެ އިތުރު ބާރެއް ނެތެވެ. އެ ގޮނޑި ނުލިބުނަސް އެ ޕާޓީގެ ބާރު މަޖިލީހުގައި ގުޑައެއް ނުލާނެ އެވެ.
އެގޮތަށް ކޮމަންޑޫ ދާއިރާގެ ގޮނޑި އިދިކޮޅަށް ލިބުން ނަމަވެސް މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އިތުރު ބާރުވެރިކަމެއް ނުވަތަ ވޯޓުން ތަފާތެއް ގެނެވޭ ވަރުގެ ބަދަލެއް ނާންނާނެ އެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބުނު ނަމަވެސް އިތުރު އެއް މެންބަރާއެކު ޕީޕީއެމް ދެމިއޮންނާނީ މިހާރެކޭ އެއްގޮތަށް "ކުޑަކުޑަ މައިނޯރިޓީ" ގެ ގޮތުގަ އެވެ.
އެކަމަކު އެމްޑީޕީ އާއި ޕީޕީއެމް ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑީގައި ވާދަވެރިކަމާއެކު ގަދައަށް ވިއްދަން ޖެހުނީ އެ އިންތިހާބުން ފެންނާނެ ބޮޑު މަންޒަރާ ހެދި އެވެ.
ކެމްޕޭން ނިންމާލުމުގެ ހިނގާލުމުގައި ޕީޕީއެމްގެ ސަޕޯޓަރުން ދިދަ ހިފައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މި ފަހަރުގެ އިންތިހާބުން ޔަގީނުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަށަވަރުވި އެއް ކަމަކީ ކޯލިޝަންގެ މުހިންމު ކަމެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބަށް ހެދި ކޯލިޝަން ރޫޅާލިޔަ ނުދީ ހިފެހެއްޓުމުގެ ފައިދާ އެ މަނިކުފާނު ކިތަންމެ ރަނގަޅަކަށް ވެސް ނަންގަވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 2018 ގައި ވެރިކަމާ ހަވާލުވީއްސުރެ އަބަދުވެސް ގެންދެވީ ކޯލިޝަން ދަމަހައްޓަން ކުރެއްވުނުހާ ކަމެއް ކުރައްވަމުންނެވެ. އަމިއްލަފުޅު ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އެހެން ވެރިންގެ ފިއްތުންތައް ކުރިމަތި ކުރެއްވިޔަސް ކޯލިޝަން ހިފެހެއްޓެވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެއް ޕާޓީން މަސައްކަތް ކޮށްގެން ރިޔާސީ އިންތިހާބެއް ނެގުމަކީ ނުކުރެވޭނެ ކަމެއް ކަން އެންމެން ކަހަލަ ގޮތަކަށް އިއްތިފާގުވެ އެވެ. އެހެންވެ، އެ "ބަނދެވުމުން" އަރައިގަތުމަށް ނަޝީދު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. ކޮމަންޑޫ ދާއިރާގެ އިންތިހާބުން އެމްޑީޕީ މޮޅުވިޔަސް އޭގެ "ފޮނިމީރުކަން" އެންމެ ފުރިހަމަ އަށް އެ މަނިކުފާނަށް އިހުސާސް ނުކުރެއްވުނީ ކޯލިޝަނާ ދެކޮޅަށް ގެންގުޅުއްވާ ވިސްނުންފުޅާ ހެދި ކަމަށް މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
އެހެންވެ، މި ބައި އިލެކްޝަންގެ ނަތީޖާއާއެކު ނަޝީދު އެންމެންގެ ސިކުނޑި އަށް ވިސްނައިދޭން އުޅުއްވީ ބަރުލަމާނީ ނިޒާމާ ނުލައި ދެން އެމްޑީޕީ އަށް ވެރިކަން ނުލިބޭނެ ކަމެވެ. މާނައަކީ ބައި އިލެކްޝަންގެ ނަތީޖާ އިން އެ މަންޒަރު ނަޝީދަށް ވަރަށް ސާފުކޮށް ފެނިވަޑައިގެން ކުރިއާލައި އެންމެންގެ ސަމާލުކަމަށް މައްސަލަ ގެންނެވީ އެވެ. ކޯލިޝަން ގޮވައިގެން ވެރިކަން ކުރެއްވުމުގެ އުނދަގޫ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާތީ އެ ކަމުން ސަލާމަތްވެ، ޕާޓީ އެކަނި ނުކުމެ ވެރިކަން ހޯދުމުގެ މަގު ކޮއްޓަވަން ފެއްޓެވި އެވެ.
ކުރުކޮށް ބުނާނަމަ 2023 އަށް ޕާޓީތަކުގެ ލައިން އަޕް އަތުރާލަން ޖެހޭ ގޮތާއި ގެންގުޅެންވީ އުކުޅުތައް ޓެސްޓު ކޮށް މި އިންތިހާބުން އެ މަންޒަރު ސާފު ކޮށްދީފި އެވެ.
ކޮމަންޑޫ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް ލިބުނީ ވޯޓުލީ މީހުންގެ 48 ޕަސެންޓެވެ. ޕީޕީއެމަށް 40 ޕަސެންޓު ލިބުނު އިރު އެމްއެންޕީ އަށް ހޯދުނީ 11 ޕަސެންޓު ވޯޓެވެ.
ނަތީޖާ އިން އެނގޭ ކަމަކީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހާއި ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގުޅިވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ހޯއްދަވަން މަސައްކަތް ކުރެއްވިޔަސް ދެބައިކުޅަ އެއްބައި ވޯޓު ވެސް ކަށަވަރެއް ނުކުރެވުނު ކަމެވެ. ފަންސާސް ޕަސެންޓު ވެސް އެ ތިން ބޭފުޅުންގެ "ގަދަބާރުން" ނުހޯއްދެވުނެވެ.
ޕާޓީގެ ކާމިޔާބީ އަށް އުފާފާޅު ކުރުމުގެ ބަދަލުގައި އެ މައްސަލަ އެންމެ ފުރަތަމަ ވެސް ނެންގެވީ ނަޝީދެވެ. އެ މަނިކުފާނު އެމްޑީޕީގެ ވަޓްސެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވި ގޮތުގައި ނަތީޖާ އިން ފެނުނީ އެމްޑީޕީ އަށް އެކަނި އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމެވެ.
"50 ޕަސަންޓު ވެސް ހުރަސް ނުކުރި. ބަރުލަމާނީ އަށް ބަދަލު ނުވެއްޖެ ނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ،" ނަތީޖާ އާ މެދު ހިތްހަމަޖެހިވަޑައި ނުގެން އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު: ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހު، އެންމެ ފުރަތަމަ ވެސް އެމްޑީޕީގެ ސަމާލުކަމަށް ގެންނެވީ ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މުހިންމުކަން.
ނަޝީދު އެ ވިދާޅުވަނީ 2023 ގައި ރިޔާސީ ނިޒާމެއްގެ ތެރެއިން އިންތިހާބު ބާއްވައިފި ނަމަ އެމްޑީޕީ އަށް ކުޑަވެސް އުންމީދެއް އޮތީ އަނެއްކާވެސް ޕާޓީތަކާއެކު ކޯލިޝަނެއް ހެދުމެވެ. އެމްޑީޕީގެ ފުރިހަމަ ބާރުވެރިކަން އޮންނަ ވެރިކަމެއް ގާއިމު ކުރެވޭނީ 2023 ގެ ކުރިން މަޖިލީހަށް ބާރުތައް ފުރޮޅާލައި، ބަރުލަމާނީ ނިޒާމު ގާއިމް ކުރުމެވެ.
އެކަމަކު "މިހާރު" އާ ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި ގޮތުގައި، ރައީސްގެ މި ފަހަރުގެ ރިޔާސީ ބަޔާނުގައި ހުރި ކަންކަން އަކުރުން އަކުރަށް ފުއްދައިފި ނަމަ އެމްޑީޕީ އެކަނި ވެސް 2023 ނެގިދާނެ އެވެ.
ނަމަވެސް އެހެން ޕާޓީތަކުގެ ބޭފުޅުން ކެބިނެޓްގައި ބައިތިއްބައިގެން އެކަށީގެންވާ ނަތީޖާ ނުނެރެވޭ ކަމުގެ ޝަކުވާ ވަރަށް ބޮޑު ކަމަށް ބޮންޑޭ ވިދާޅުވި އެވެ. ނަޝީދު އެ ވިދާޅުވާ ގޮތަށް ބަރުލަމާނީ އަށް ބަދަލުކޮށް، ސީދާ ރައްޔިތުންގެ މަންދޫބުންނާ މަސައްކަތް ހަވާލު ކުރަން ޖެހެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ރައީސުން މިކަމާ ވަރަށް ބޮޑަށް މަޝްވަރާ ކުރާނެ. އަދި ޕާޓީ އަށް އެންމެ ފައިދާވާ ގޮތަކަށް ގުޅިގެން މުޅި ޕާޓީ އެކަތިގަނޑެއް ގޮތަށް ނިކުމެ ދެން ހުރި އިންތިހާބުތައް ވެސް ނަގާނެ،" ބޮންޑޭ ވިދާޅުވި އެވެ.
ރާއްޖޭގެ މަލްޓި ޕާޓީ ސިސްޓަމް ފެށިގެން މިހާތަނަށް އައި ހުރިހާ އިންތިހާބަކުން ދެއްކި ނަތީޖާ އަކީ ވެރިކަން ކުރެވެނީ ނުވަތަ އިންތިހާބު ކާމިޔާބު ކުރެވޭނީ ދެތިން ޕާޓީއަކާ ކޯލިޝަނެއް ހަދައިގެންނެވެ. އެ ހަގީގަތް އަދިވެސް ބަދަލު ނުވާ ކަމާއި ކޯލިޝަންގެ ދެން ތިބި ލީޑަރުން ރައީސަށް މުހިންމު ކަން ކޮމަންޑޫ ދާއިރާގެ ކެމްޕޭނުން ފެނުނެވެ.
ރައީސް ސޯލިހް ކޮމަންޑުއަށް ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރައީސްގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކެމްޕެއިން ތެރޭ އެ މަނިކުފާނަށް ކޮވިޑް-19 ޖެހުމުގެ ކުރިން އެންމެ ފުރަތަމަ ޕްލޭން ކުރައްވާފައި އޮތީ ހަތަރު ލީޑަރުން ގޮވައިގެން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެން 2023 ގެ ކުޑަވަރެއްގެ ޓީޒާ އެއް ދައްކައިލުމެވެ.
ކޮވިޑުން ފަސޭހަފުޅުވެ، ނަޝީދާއި ގާސިމާއި އިމްރާނާއެކު ދާއިރާ އަށް ވަޑައިގެން އެ މަނިކުފާނު އެ މަންޒަރު ވަރަށް ސާފުކޮށް ދެއްކެވި އެވެ. ނަމަވެސް މި ބައި އިލެކްޝަންގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ވަކި ކޮޅެއް ނުނަންގަވައި ދުރުގަ އެވެ. އެ މަނިކުފާނު ނެންގެވީ އިންތިހާބަށް ސަރުކާރުން ފޯރުވަމުންދިޔަ ނުފޫޒުގެ ވާހަކަތަކެވެ.
މި ފަހަރުގެ ބައި އިލެކްޝަންގައި އެމްޑީޕީ ނަގާފައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ފެނުނު މަންޒަރުތަކަށް ބަލާއިރު ގާސިމެވެ. ދެ ހަފުތާއެއްހާ ދުވަހު ކޮމަންޑޫ ދާއިރާގައި ހުންނަވައިގެން ކެމްޕެއިން ކުރެއްވި އެވެ. އެކި ފަރާތްތަކާ ބައްދަލުކުރައްވައި ހައްދަވަމުން ގެންދެވި އެވެ. ކޯޓުގެ ހުކުމާއެކު، ގާސިމްގެ އެއިމްސް ކުންފުންޏަށް ދައުލަތުން 50 މިލިއަން ރުފިޔާ، މި ބައި އިލެކްޝަން ބޯމަތިވެފައި އޮއްވައި ދޫކުރިކުރުމަކީ ވެސް އޭގެ ބަދަލު ކަމަށް ބުނުމުގެ ފުރުސަތު ލިބެ އެވެ. އަދި އެންމެންނަށް ނޭނގުނަސް 2023 ގައި ރައީސާއެކު ހުންނަވައިފި ނަމަ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ބަދަލުގައި ގާސިމަށް ނައިބު ރައީސްގެ މަގާމު ދިނުމާއި އަދާލަތަށް ވެސް މި ވަގުތު ނެތް ސިޔާސީ އެތައް ބާރެއް ދޭނެ ކަމުގެ މަޝްވަރާތަކެއް ހިނގި ކަމަށް އެ ޕާޓީތަކުގެ ބައެއް މެމްބަރުން ބުނެ އެވެ.
"ރައީސް އޮތީ މާ ކުރިން ހިސާބު ޖަހާފައި. ނަޝީދު ނުކުންނަ ނަމަ ގާސިމެއް އިމްރާނެއް ފަހަތަކަށް ނާރާނެ. އެ ދެ ޕާޓީގެ ބެކިން އޮތީ ހަމައެކަނި ރައީސަށް. އެއީ ނަޝީދު ސައިޑްލައިން ކުރެވޭނީ ވެސް އަދި ޔާމީން ބަލި ކުރެވޭނެ ހަމައެކަނި ރޫޓަކީ ވެސް އިބޫ ކަމަށް ވާތީ،" މި ވަގުތަށް ސިޔާސީ މަސައްކަތާ ދުރުގައި ހުންނެވި ކުރީގެ މަޖިލިސް މެންބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.
ދާދި ފަހުން ނަޝީދު ސްރީ ލަންކާ އަށް ވަޑައިގެން އެ ގައުމުގެ މީޑިއާތަކުގައި ދެއްކި ވާހަކަތަކުން އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުވެ، އެމްޑީޕީގެ އެތެރޭގެ "ރެނދުތައް" ބެދޭނެ ކަމުގެ އިޝާރާތެއް ލިބުނެވެ.
ބަރުލަމާނީ ގެންނަން ކޯލިޝަންގެ ލީޑަރުންނާ ލޮބީ ކުރައްވައި، މި އަހަރު އެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕްރައިމަރީގައި ރައީސާ ވެސް ވާދަކުރަން ތައްޔާރަށް ހުންނެވި ނަޝީދު ލަންކާގައި ވިދާޅުވީ، އެ މަނިކުފާނަށް 2023 ގައި ވާދަ ނުކުރެވުނަސް މުހިންމީ އެމްޑީޕީގެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ
ވަރަށް ގިނަ ސިޔާސީ މީހުންނަށް ގަބޫލު ކުރެވުނު ގޮތުގައި ނަޝީދު ފަހަތަށް ޖެހިވަޑައިގަތީ އެވެ.
ކޮމަންޑޫ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެކަމަަކު މި އިންތިހާބުގެ ނަތީޖާއާއެކު އަނެއްކާވެސް ބަރުލަމާނީ ނިޒާމް އޮތުމުގެ މުހިންމުކަން އެމްޑީޕީގެ މެންބަރުންނަށް ދައްކުވައި ދިނުމުގެ މަސައްކަތް އެ މަނިކުފާނު ފައްޓަވައިފި އެވެ.
ބަރުލަމާނީ ޕެޓިޝަންގެ މަސައްކަތް ވެސް ހުއްޓިފައި އޮތުމަށް ފަހު އިތުރު ގިޔަރެއް ކުރިޔަށް ޖަހައި ވަރަށް ބާރަށް ދެން ކުރިޔަށް ދާނެ -- އެމްޑީޕީ މެންބަރެއް
"ބަރުލަމާނީ ޕެޓިޝަންގެ މަސައްކަތް ވެސް ހުއްޓިފައި އޮތުމަށް ފަހު އިތުރު ގިޔަރެއް ކުރިޔަށް ޖަހައި ވަރަށް ބާރަށް ދެން ކުރިޔަށް ދާނެ،" އޭގައި ސޮއި ކުރެއްވި އެއް މެންބަރަކު ވިދާޅުވި އެވެ.
ނަޝީދުގެ މި ނިންމެވުން 2023 އާ ހަމައަށް ދާއިރު ބަދަލުވެފައި އޮވެދާނެ އެވެ. އެކަމަކު އޭގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަކަށް ގޮސްގެން ވިޔަސް އެ މަނިކުފާނުގެ އެ ވިސްނުން ޓެސްޓުކޮށް ހިސާބު ޖައްސަވާނެ ކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލުކުރެ އެވެ.
އެމްޑީޕީން ނަޝީދަށް ޖާގަ އޮތް އެއް ރޫޓަކީ އަދި ދައުލަތް ހިންގުމުގެ އެންމެ އިސް ވެރިޔާގެ މަގާމަށް އާދެވެން އޮތް ހަމައެކަނި މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް ވާތީ އެއީ އަދި ޓެސްޓު ކޮށްލަން އޮތް ކަމެކެވެ.
ޕީޕީއެމް/ޕީއެންސީ އިން ވަކާލާތު ކުރާ ގޮތުގައި "އިންޑިޔާ އައުޓް" އަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރު ކުރަން ގައުމުގެ ވަތަނީ ފިކުރުގެ އެންމެން ކުރާ މުހިންމު މަސައްކަތެކެވެ. އެކަމަކު ޕާޓީގެ ހުރިހާ ސިޔާސީ ހަރަކާތެއްގައި ބޭނުން ކުރާ އެ ސްލޯގަން ވަމުން އަންނަނީ 2023 ގައި ބޮޑު ރޯލެއް ކުޅޭނެ އިދިކޮޅުގެ އެންމެ ވަރުގަދަ ހަތިޔާރަށެވެ.
"ޔާމީން އާންމުކޮށް ކުޅެނީ އެންމެ ނުރައްކާ ކާޑު. އަބަދުވެސް އިންތިހާބުތަކަކީ އިދިކޮޅުގެ އަޑުގަދަ ކުރަން ލިބޭ ފުރުސަތެއް. ދެހާސް އަށެއްގައި ވައިގަ ހިފުވީ ބަދަލަކަށް. ދެހާސް ބާރައިގައި ވެރިކަން ވައްޓާލީ ލާދީނީ ވިއްކައިގެން. ދެހާސް އަށާރައިގައި ނެގީ ވައްކަމާ ދެކޮޅުވެ އިންސާފު ހޯދަން. ދެހާސް ތޭވީހުގައި ހިނގާނެ އެއްޗަކީ އިންޑިޔާ އައުޓް،" އެނަލިސްޓަކު ވިދާޅުވި އެވެ.
ށ. ކޮމަންޑޫގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
ކޮމަންޑޫ ދާއިރާގެ އިންތިހާބުން ވެސް ފެނުނީ އެ މަންޒަރެވެ. ޔާމީން އެ ދާއިރާ އަށް ވަޑައިގެން ދެއްކެވިހާ ވާހަކައަކީ އިންޑިއާގެ ސިފައިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމުގެ ވާހަކަތަކެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ދެވެން އޮތް ހަމައެކަނި އެއްޗަކީ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި މަޖިލީހުގައި ވަކާލާތު ކުރުމެވެ. "އިންޑިޔާގެ ނުފޫޒާ" ދެކޮޅުވުމެވެ.
އެ ވާހަކަތަކުން އެކަނި ވެސް ޕީޕީއެމުން 40 ޕަސެންޓު ހޯދި އެވެ. އެ ޕާޓީ އެ ނަތީޖާއާ މެދު އެހާ ހިތްހަމަޖެހޭ ސަބަބަކީ "އިންޑިޔާ އައުޓް" އެކަނި ވިއްކައިގެން ބޮޑު ކުރިއެރުމެއް ހޯދުމެވެ.
ބައި އިލެކްޝަނަށް ފަހު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ޕާޓީން ހިސާބު ޖެހީ 2023 ގެ ރިޔާސީ އިންތިހާބަށް ކަމަށެވެ. އަދި ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން ޖެހި ހިސާބު އެ ބޭފުޅުންނަކަށް ނޭނގެ. އަޅުގަނޑުމެން ޖެހި ހިސާބަކީ މި ގައުމު މިދާ މިސްރާބު -- އަދުރޭ
"އަޅުގަނޑުމެން ޖެހި ހިސާބު އެ ބޭފުޅުންނަކަށް ނޭނގޭ. އަޅުގަނޑުމެން ޖެހި ހިސާބަކީ މި ގައުމު މިދާ މިސްރާބު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ އެމްޑީޕީ އަށް ތޯ ޕީޕީއެމް އަށް ތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ހަރަކާތެއްގައި "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވައި ވާހަކަފުޅު ދައްކަވަނީ.
އިންތިހާބުން ބައްޔެއް ނުވާ ކަމަށާއި މިހާރު މި ހުރި ހިސާބު ވަޒަން ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބު އެކަނި ކާމިޔާބު ކޮށްލެވޭ ވަރުގެ ހަމައެކަނި ބޭފުޅަކީ ޔާމީން ކަން ސާފު ވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ސިޔާސީ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑެވެ. އެހެންވެ އެ ޕާޓީން އަދިވެސް ކޯލިޝަން ހެދުމުގެ ފުރުސަތު އެބައޮތެވެ. އެއީ މި ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އިދިކޮޅު ރޯލެއް ކުޅުނު އެމްއެންޕީ އާ ތޯ އެއީ އުފައްދާލަން ރަނގަޅު ސުވާލެކެވެ.
ވާދަވެރިކަން ބޮޑު މި އިންތިހާބު ނިމުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް ވެސް ހިތްހަމަ ޖެހޭ ނަތީޖާއަކުން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އެއީ ގޮނޑި ކާމިޔާބު ކުރެވުމާއި ނުކުރެވުމެއް ނޫނެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރި ޓެސްޓުތައް ރަނގަޅު މިސްރާބަކަށް ހުރުމުންނެވެ. އެ ޓެސްޓާއެކު، ދެން އެ ބޭފުޅުން ކުރައްސަވާނީ އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އަމަލު ކުރާނެ މަގުޗާޓެކެވެ. އެކަމަކު ކުއްލިއަކަށް ހާލަތު ބަދަލުވެ، ސިޔާސީ އޮއިވަރު އެނބުރުމަކީ ސިޔާސީ މަސްރަހުގައި އާ ކަމެއް ވެސް ނޫނެވެ. ރާއްޖެ އަކީ ސިޔާސީ މަސްރަހު އެއް ދުވަހުން ވެސް ހިތަށް ނުވެސް ގެނެވޭ ގޮތަށް ބަދަލުވާ ގައުމަކަށް ވާތީ އެވެ. އެހެންވެ، މަގުޗާޓް ވެސް ބަދަލުވުމުގެ ފުރުސަތު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
09 February 2022
ޢަޅުގަނޑަކި މާލެ ރައްޔިތެއް ދޫކޮއް ލާނެ ކުޑަބި މެއްނެތް އަޅުގަނޑައް ހުލު މާލެއިން ލިބުނު ކޮތަރު ކޮސީގެ ބަދަލުގަ ގޯއްޗެއް ދޭނަ މަ ވޯޓުދޭނަން އެ މްޑީޕީޔައް އެހެންނޫނީ ޕީޕީއެ މް އައްވޯޓުދޭނި
ކަބީލާނީ
08 February 2022
ހަސަން ކުރުސީ ނޫނީ އެލެކްސް އަހުމަދު ނޫނީ އިސްތިއުފާ ދިން ކުރީގެ ރައީސް ނަޝީދު ގެ ފަސް މަންޒަރު ގެ އޮފުކަން ގެއްލި ރާއްޖޭގެ ސިޔާސީ މަޝްރަހުން އޮސް ނިމިއްޖެކަން މި އިލެކްޝަން އިން ޔަގީން ވެއްޖެ! ދެން ލަލަލާ
މާރިޔާ
07 February 2022
އަޅުގަނޑަށް އެންމެ ރަނގަޅު ކޮމެންޓެއް ކޮއްފައިވަނީ މާރަނގަ.
ޑިސްއޮނަރަބަލް ޑީޑީ
07 February 2022
ދޮންކެކުރި ގަމީސްލައިގެންހުރިމީހާއާއެކު 2023 ނުކުންނަން ހަނދާންނައްތާލާ. އެންމެނަށްވެސް އެނގޭ އެއީ ކޮންބާވަތެއްގެ މީހެއްކަން. ހުސޭން ވަހީދު 2019 ގާ ގޮނޑިނެގީ 56 ޕަސެންޓުން. ރަޝީދަށް ގޮނޑިނެގުނީ 48 ޕަސެންޓުން. އެހެންވީމާ ސުވާލަކީ އެތަަށްމިލިޔަނެއް ތަޅާލިއިގެން ތާއީދުއެރީތޯ ނުވަތަ ވެއްޓުނީތޯ؟
ޖޯއި
07 February 2022
އެންމެ ރަށަކުން ދެއްކި ނަތީޖާއަކުން 2023 ކުރެހުމަކީ މޮޔަކަމެއް. ރަށަކީ ވޯޓް ސްވިންގް ރަށެއްނުން، ރަަށަކީ އެމްޑީޕީގެ ރަށެއް، ބްލައިންޑްލީ ލޯޔަލް! ނަތީޖާ ލިބުނީ ދެތިން ސަރަހައްދެއްގެ ދެތިންތަނަކުން ލިބުނު ވޯޓަކުންނެއްނުން.
ރަދީފްއޮފިޝިއަލް
07 February 2022
ކޮބާ މަބުނިގޮތަށް ދޯ މޮޑަރޭޓަރާ؟؟
ހިބިރިންބެއްޔާގެ ކުޑަސޮރު
07 February 2022
ފޮނިކުކަނޑާ! އަނެއްކާ އާދަންބޭމެންނަަށްޖެހުނު ހާލުޖެހިދާނެ.
އެޑްމުންޑޯ
07 February 2022
ބައި އިލެކްޝަނުން ދެއްކީ 2023 ގައި ކުރިމަތިލާންޖެހޭނެ ނާކާމިޔާބީގެ ތަސައްވަރު ،،،،،
އަބަ
07 February 2022
ސާފު ބަހުން ނަޝީދު އިޢުތިރާފް ވީ ބަރުލަމާނީ ގެންނަން އުޅެނީ ކޮންމެހެން އެއިން ގައުމަށް އިތުރު ފައިދާއެއް ކުރާނެތީ އެއް ނޫންކަމެވެ. އަދި ކިއެއްހެއްޔެވެ؟ ވެރިކަމުގައި ބަގުޑިބެއްދުމުގެ ބޭނުމުގައި ކަމެވެ. މިވަރުންވެސް ވިސްނޭ މީހަކަށް ވިއްޔާ ވިސްނޭނެއެވެ.
ޢަކިޔޯ
07 February 2022
ނަޝީދު އިސްތިއުފާ
ފޫބި
07 February 2022
ބަރުލަމާނީއަށް ތާއީދުކުރާނަމަ ލައިކް ކޮށްލަވައްވާ