ރިޔާސީ އިންތިހާބުތަކުން ފެނުނީ އެއް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބޭކަން. އެކަމަކު 30 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެވުމަކީ ވެސް ހައްލެއް ނޫން.
މާލެ: ސެޕްޓެމްބަރު 23، 2018: ރިޔާސީ އިންތިހާބުގެ ވޯޓުލާން އަރަބިއްޔާ ސުކޫލުގައި ބަހައްޓާފައިހުރި ފޮށިތަކަށް ވޯޓުލާ މީހުން ގަދަ އަވީގައި ކުޑަ ނަގައިގެން ކިޔޫގައި.--ފޮޓޯ: ނިޝާން އަލީ/މިހާރު
13 ފެބުރުއަރީ 2022 - 07:37
ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ވޯޓު ނަގާ ގޮތް ބަދަލުކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކުން މި ފެށުނީ ޝައުގުވެރި ބަހުސެކެވެ. ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ނަމަ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އާދެވޭ ގޮތަށް ހަދަންވީ ކަމަށް ނަޝީދު ވިދާޅުވުމުން ގިނަ ބައެއްގެ ދުލުކުރީ ރައްދަކަށްވީ ނަޝީދަށް ތާއީދު އޮތް މިންވަރަށް އިން ޖަހަނީ ކަމަށެވެ؛ އެއީ ނަޝީދުގެ ސައިޒު ކަމަށެވެ.
އެކަމަކު ނަޝީދުގެ އެ ހުށަހެޅުއްވުމާ ގުޅޭ ސިޔާސީ ހަގީގަތްތައް ވެސް ގަބޫލުކުރަން ޖެހެ އެވެ.
އެންމެ ފުރަތަމަ، ރިޔާސީ އިންތިހާބު ނޫން އެހެން އިންތިހާބުތަކުގައި މިހާރު ވެސް މި ވޯޓު ލަނީ ނަޝީދު އެ ވިދާޅުވި "ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް" އުސޫލުންނެވެ. މިއީ ކެންޑިޑޭޓުންގެ ތެރެއިން އެ މީހަކަށް ފެންނަ ނަމެއްގައި ފާހަގަ ޖަހައި، އެންމެ ގިނަ މީހުންނަށް ކަމުދާ މީހަކު އިންތިހާބުވާ ގޮތެވެ. ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް މި ތިއްބެވި ގިނަ ބޭފުޅުންނަކީ ވޯޓުގެ 50 ޕަސެންޓަށް ވުރެ މަދުން ލިބިވަޑައިގެން "ރައްޔިތުންގެ ހޮވުމަށް" ވެފައިވާ ބޭފުޅުންނެވެ. ވޯޓު ލިބުނު ޕަސެންޓޭޖް އެއަށްވުރެ ވެސް މަދު ބޭފުޅުން ވެސް އުޅޭނެ އެވެ.
އެންމެ ފަހުން މި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ ވެސް މިސާލެކެވެ. އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް 48.56 ޕަސެންޓް ލިބިވަޑައިގަތްއިރު ޕީޕީއެމްގެ ކެންޑިޑޭޓަށް 40.24 އަދި އެމްއެންޕީގެ ކެންޑިޑޭޓަށް 11.20 ޕަސެންޓް ލިބިވަޑައިގަތެވެ. މެޖޯރިޓީ އެ އޮތީ އިންތިހާބުވި ކެންޑިޑޭޓާ ދެކޮޅަށެވެ. އެކަމަކު މި ތިބީ މި އުސޫލު ގަބޫލުކޮށްގެންނެވެ.
ނަމަވެސް، ރައީސްކަމުގެ މަގާމު މާބޮޑަށް ވެސް ތަފާތުވެފައި މުހިންމުވާތީ މި އޮންނަނީ ވޯޓުގެ 50 ޕަސްޓަށްވުރެ މަތިން، ނުވަތަ 50 ޕަސެންޓުގެ އިތުރުން އެންމެ ވޯޓަކުން ވެސް އިންތިހާބުވާ ގޮތަށެވެ. އެކަމަކު ސުވާލަކީ ރާއްޖޭގައި މިހާރު މި އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ބޭއްވި އެއްވެސް އިންތިހާބެއްގައި މި ބުނާ 50 ޕަސެންޓުން މަތީގެ ތާއީދު، ގާނޫނުއަސާސީގައި އެ މާނަކުރާ ގޮތަށް ލިބުނުތޯ އެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ލާފައިވާ ވޯޓު ކަރުދާސްކޮޅެއް ދައްކާލަނީ. .--- ފޮޓޯ: މިހާރު
މި 50 ޕަސެންޓުގެ އިން ފަހަނަޅައި ދެވެނީ އިންތިހާބުގައި ހަމައެކަނި ދެ ކެންޑިޑޭޓުން ވާދަކުރާ ނަމަ އެވެ. އެއަށްވުރެ ގިނަވެއްޖެ ނަމަ ވޯޓުތައް ބެހިގެންގޮސް، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓެއް ހަމައެއްނުވެ އެވެ. ދެން ދާންޖެހެނީ ދެ ވަނަ ބުރަކަށެވެ. އެ ބުރުގައި 50 ޕަސެންޓް ހަމަކުރަން މި ޖެހެނީ އެންމެ ކުރި ލިބުނު ދެ ކެންޑިޑޭޓުންގެ ފަހަތުން ތިބި ކެންޑިޑޭޓުންނަށް ސަރުކާރުން ބައި އަޅާ ގޮތަށް އެ ބޭފުޅުންގެ ތާއީދާ އެކުގަ އެވެ. ތާއީދުގެ 50 ޕަސެންޓް ފެންނަނީ ނަންބަރަކުންނެވެ. މި 50 ގައި ތިބޭ ނަމަ އަބަދު އޮންނާނީ ކޯލިޝަނެވެ. ވަކި ލީޑަރަކަށް ބާރެއް ނޯންނާނެ އެވެ.
▪️ ރިޔާސީ އިންތިޚާބު 2008
މި އިންތިހާބުގައި ހަ ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 30 އަހަރުގެ ވެރިކަމަށް ފަހު ވާދަކުރައްވައި އެންމެ ކުރި ހޯއްދެވީ 40.63 ޕަސެންޓުންނެވެ. މައުމޫނަށް ފަހު އެންމެ މަތިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 25.09 ޕަސެންޓެވެ. އެހެންވެ ޖެހުނީ ދެ ވަނަ ބުރަކަށް ދާށެވެ. އެ ބުރުގައި ނަޝީދު ކާމިޔާބުކުރެއްވީ އެހެން ޕާޓީތަކާ އެކު ހެއްދެވި ކޯލިޝަނުންނެވެ.
▪️ ރިޔާސީ އިންތިހާބު 2013
މި އިންތިހާބުގައި ކުރީ ފަހަރަށް ވުރެ ކެންޑިޑޭޓުންގެ އަދަދު ދެ ބައިކުޅަ އެއްބައި މަދެވެ. އެއީ އެންމެ ތިން ކެންޑިޑޭޓުންނެވެ. އެވަރުން ވެސް އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން 50 ޕަސެންޓް ހަމައެއް ނުކުރެއްވުނެވެ. އެހެންވެ ދެ ވަނަ ބުރަކުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި މި އިންތިހާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެއީ އިންތިޚާބުގައި ތިން ވަނަ އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދާ އެކުގަ އެވެ.
ފުރަތަމަ ބުރުގައި ނަޝީދަށް 46.93 ޕަސެންޓެވެ. ޔާމީނަށް އެންމެ 29.72 ޕަސެންޓެވެ. އެކަމަކު އިންތިހާބު ކާމިޔާބުކުރެއްވީ 23.34 ޕަސެންޓް ލިބިވަޑައިގެންނެވި ގާސިމްގެ ތާއީދާ އެކު 51.39 ޕަސެންޓުންނެވެ.
▪️ ރިޔާސީ އިންތިހާބު 2018
މިއީ މި އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ބޭއްވި، ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓެއް ވާދަކުރެއްވި ހަމައެކަނި ރިޔާސީ އިންތިހާބެވެ. ޔާމީންގެ މައްޗަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯދެއްވީ ޔާމީނާ ދެކޮޅު ހުރިހާ ޕާޓީތަކެއް އަދި ސިޔާސީ ނުފޫޒު ގަދަ ފަރާތްތަކާ އެކު ހެއްދެވި ކޯލިޝަނުންނެވެ. ކާމިޔާބީގެ ޕަސެންޓޭޖަކީ 58.38 އެވެ.
މިދިޔަ ތިން އިންތިހާބުގައި ވެސް ފެންނަން މި އޮތީ އެއް ކެންޑިޑޭޓަކަށް ރައްޔިތުންގެ ނުވަތަ ވޯޓު ލީ މީހުންގެ 50 ޕަސެންޓަށް ވުރެ ބޮޑު ތާއީދެއް ލިބިވަޑައިގެން އިންތިހާބުވި މަންޒަރެއް ނޫނެވެ. އެއް ބޭފުޅަކަށް އެވަރު ނުވާނެތީ މި ޖެހެނީ އެންމެން އެއްވާށެވެ. ރިޔާސީ ނިޒާމެކޭ ކިޔަސް، ބަރުލަމާނީ އުސޫލަށް ސަރުކާރު އެކުލަވައިލަން މަޖުބޫރުވަނީ އެވެ. ކޯލިޝަން ޕާޓްނަރުންނަށް ބައި އަޅަން ޖެހޭތީ އެވެ. ނަތީޖާ އަކީ ރައްޔިތުންގެ މަޖިލީހުން އެންމެ ގޮނޑިއެއް ވެސް ހޯދޭ ވަރުގެ ތާއީދެއް ނެތް ޕާޓީތަކަށް ވެސް ސަރުކާރުން ޖާގަ ދީ ވަޒީރުން ވެސް އެ ޕާޓީތަކުން އައްޔަންކުރަން ޖެހުމެވެ.
މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ ވޯޓުގެ 50 ޕަސެންޓް ހޯއްދެވޭނެ ސިޔާސީ ލީޑަރެއް ނެތް ކަމެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނައިން ކުރިމަތިލައިފި ނަމަ ދެ ވަނަ ބުރެއް ބާއްވަންޖެހޭނެ ކަމެވެ. އަދި ދެ ވަނަ ބުރެއް ބާއްވާ ނަމަ ކާމިޔާބު ހޯދަން ކޯލިޝަނެއް ހަދަންޖެހޭނެ ކަމެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި މީހަކު ވޯޓު ލަނީ. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
މިހެން އިންތިހާބު ތަކުރާރުކުރަން ޖެހުމުން ހިނގާ ހަރަދު ވެސް އަދި އޮތީ އެވެ.
އެހެންވެ މި 50 ޕަސެންޓަކީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮވެ، ސިޔާސީ ކަންކަން މި އޮތް ގޮތުން ރާއްޖެއަށް އެންމެ ރަނގަޅު ނިސްބަތް ކަމަކަށް ވެސް ނުފެނެ އެވެ. އެކަމަކު ނަޝީދު އެ ވިދާޅުވާ 30 ޕަސެންޓަކީ ހައްލެއް ހެއްޔެވެ؟
މިދިޔަ ތިން އިންތިހާބަށް ބަލާއިރު ވެސް އެންމެ މަގުބޫލު ކެންޑިޑޭޓުންނަށް ފުރަތަމަ ބުރުން 30 ޕަސެންޓް ވޯޓު ފަސޭހަކަމާ އެކު ހޯއްދެވެ އެވެ. މިއީ ފެންނަން އޮތް ހަގީގަތެއް ކަމަށް ވާއިރު، ނަޝީދު އެ ވިދާޅުވާ ގޮތަށް 30 ޕަސެންޓަކީ އިންތިހާބު ކާމިޔާބުކުރަން އެންމެ ދަށް މިންވަރު ކަމަށް ހަދައިފި ނަމަ ދެ ވަނަ ބުރަކަށް ދާން ޖެހުން ވަރަށް ދުރުވާނެ އެވެ. އެކަމަކު މައްސަލަ އަކީ ގައުމެއްގެ ވެރިކަން ކުރުމަށް މިއީ މާ ދަށް ނިސްބަތެއް ކަމަށް ގަބޫލުކުރެވުމެވެ.
ނަޝީދަށް ފެނިވަޑައިގަތީ "ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް" އުސޫލުން އިންތިހާބު ބޭއްވުމުން ހައްލަކަށް ވެދާނެ ކަމަށެެވެ. އެކަމަކު ކޯލިޝަން ހަދައި ސަރުކާރުން ބައި އަޅައި، ސިޔާސީ ބޭފުޅުން ރުއްސަން އުޅޭ އުޅުން ނިމުމަކަށް ގެނެސް ކޮންމެ ފަހަރަކު ވެސް އެއްބުރުން ރިޔާސީ އިންތިހާބު ނިންމިދާނެ އެވެ. އެއީ "ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް" އުސޫލު ދޫކޮށް "އޯލްޓަނޭޓިވް ވޯޓް" ނުވަތަ އޭވީ އުސޫލުން ވޯޓު ލައިގެންނެވެ. މިއީ އިންސްޓެންޓް-ރަންއޯފް ނުވަތަ ވަގުތުން ދެ ވަނަ ބުރުގެ ވޯޓު ވެސް ލެވޭ ގޮތެކެވެ. މާނަ އަކީ، ފުރަތަމަ ބުރުގައި ވޯޓު ލާއިރު ވެސް، ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ މީހަކު ވޯޓު ދޭނެ މީހެއް އެނގެން އޮތުމުން ދެ ވަނަ ބުރުގައި އަލުން ވޯޓު ލާން ނުޖެހުމެވެ.
ސްރީ ލަންކާގައި މިގޮތަށް ވޯޓު ލެވެ އެވެ. އިންތިޚާބުކުރަން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ފާހަގަ ޖެހުން ނުވަތަ އެ މީހަކަށް އެންމެ ކަމުދާ، ގިނަވެގެން ތިން ކެންޑިޑޭޓަކަށް ތަރުތީބު ނަންބަރު ދިނުމަށް އޮންނަނީ އިހްތިޔާރު ދީފަ އެވެ. އެކަމަކު ލަންކާގައި 1980ގެ ތެރޭގައި މިގޮތަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ރަން-އޯފް ވޯޓް ގުނާކަށް ނުޖެހެ އެވެ. ފުރަތަމަ ބުރުން ކޮންމެ ފަހަރަކު ވެސް އެއް ކެންޑިޑޭޓަކަށް 50 ޕަސެންޓް ހަމަވެ އެވެ.
ރިޔާސީ އިންތިޚާބު ބާއްވާ ގޮތް ބަދަލުކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އިނގިރޭސި ވިލާތުގެ ގާނޫނުގެ ހަދާ މަޖިލީހުގެ ގިނަ ކޮމިޓީތަކުގެ މުގައްރިރުން ހޮވުމަށާއި ލޯޑް ސްޕީކާ ވެސް ހޮވަނީ މިގޮތަށެވެ.
މިގޮތަށް ދޭ ވޯޓް ގުނަނީ، ފުރަތަމަ ހޮވުމަކަށް އެންމެ ގިނަ މީހުންގެ ވޯޓު ލިބުނު ކެންޑިޑޭޓަކަށް 50 ޕަސެންޓް ހަމަނުވާ ނަމަ، ފުރަތަމަ ހޮވުމުގެ ގޮތުގައި އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓް ފެއިލްކޮށް އެ ކެންޑިޑޭޓްގެ ވޯޓް ކަރުދާހުގައި ދެން ހުރި ތަރުތީބުން ބާކީ ތިބި ކެންޑިޑޭޓުންނަށް ވޯޓު އެއްކުރާ ގޮތަށެވެ. އޭރުން އަލުން ވޯޓު ނުލައި ދެން އެންމެ ތާއީދު ބޮޑު ކެންޑިޑޭޓެއް އޮންނާނީ ފެންނާށެވެ.
އެކަމަކު ނަޝީދު މިގޮތަށް ހުށަނޭޅުއްވުމުން އެނގެނީ ބޭނުންފުޅުވަނީ ކޮންމެ ފަހަރަކު ދެ ވަނަ ބުރަކަށް ދާން ޖެހޭތީ އެކަން ނިމުމަކަށް ގެންނަން ނޫންނެވެ. ނަޝީދު ސާފުކޮށް އެ ވާހަކަ ވިދާޅު ވެސް ވި އެވެ.
"އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް އަޅުގަނޑުމެން ބަދަލުވުން. ފަސްޓް ޕާސްޓް ދަ ޕޯސްޓަށް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ބަދަލުވުން. .... އެހެން ނަމަވެސް 30 ޕަސެންޓަށްވުރެ ދަށްވެއްޖެ ނަމަ އަލުން އަނބުރާ، އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރެއް ބޭއްވުން...'" އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނަޝީދު ވިދާޅުވި އެވެ.
މިހެން ހެދުމުން އަނެއްކާވެސް އެ ލިބެނީ ކޯލިޝަނެއް ހަދައިގެން ވަކި ކެންޑިޑޭޓަކު ވެރިކަމަށް ގެނައުމުގެ ފުރުސަތެވެ. އޮޓޮމެޓިކުން ދެވަނަ ބުރުގެ ވޯޓު ލެވޭ އުސޫލުގައި އެހެންނެއް ނުވާނެ އެވެ.
އެކި ގައުމުތަކުގައި އެ ގައުމެއްގެ ސިޔާސީ ހާލަތަށް ހަދާފައިވާ ވޯޓު ލުމުގެ އުސޫލުތައް އެބަ ހުއްޓެވެ. އިންތިޚާބީ ނިޒާމާއި އުސޫލުތަކާ މެދު ގައުމުތަކުގައި ބަހުސް ބޮޑެވެ. އެންމެ ޒަމާންވީ ޑިމޮކްރަސީ ކަމަށްވާ އެމެރިކާ އަކީ ވެސް ޕޮޕިއުލާ ވޯޓުން ރައީސް އިންތިހާބުކުރާ ގައުމެއް ނޫނެވެ. އެންމެ ގިނައިން ވޯޓު ލިބުނު ކެންޑިޑޭޓް ފެއިލްވި ކިތަންމެ ފަހަރެއް ހިނގައްޖެ އެވެ. އެހެންވެ އެންމެ އިންސާފުވެރި ގޮތަކީ ކޮބައިކަމާ މެދު އަބަދުވެސް ވާހަކަ ދެކެވެ އެވެ.
އެނގޭ ކަމަކީ ރާއްޖޭގައި މިހާރު މި އޮތީ ވެސް ރައީސް ކަމަށް އިންތިހާބުވާ ބޭފުޅެއްގެ ހަގީގީ ތާއީދު ފެންނަ ގޮތަކަށް ނޫންކަމެވެ. އެކަމަކު އެންމެ 30 ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތް ނުހަދައި އެހެން ހައްލުތައް ވެސް ހޯދިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
09 June 2022
ވޭދުވެދިޔަ 3 އަހަރުތެރޭ ދަރަނި ބޮޑުވެ އިގްތިޞޯދު ކުރަން ނޭގޭތަން މިފެންނަނީ، އިންތިޚާބުތަކަށް ފާޅުގައި ނުފޫޒުފޯރުވުމަނީ، ދީނަށް ފުރައްސާރަކުރުމާއި ޖިންސީ ފުރައްސާރަތަކާއި، މާރާމާރީތަކަށް ހައްލު ނުލިބިގެން މިއުޅެނީ ކޮންބާރެއް ނުލިބިން ތޯ. ވައްކަމާއި ކޮރަޕްޝަން އިތުރުވެ ގޯހުން ގޯހަށް، މަރުތަކުގެ މައްސަލަތަކެއް ބެލި އިންސޯފުލިބުނީކީނޫން،، އަތްލެވޭތަރައްޤީއެއް އަތްނުލެވޭތަރައްޤީއެއް ވަނީކީ ނޫން، ، 2023 އަމުދުން ހަދާންނައްތާލަން ޖެހޭނީ
އަފްރާސިޔާބު
13 February 2022
100 މީހުން ރައީސްކަމަށް ކުރިމަތިލައި އޭގެތެރެއިން އެވަގުތު ސަރުކާރުގައި އޮތްބަޔަކުގެ ނުބައި ނުލަފާކަން ފެނުމާއި، އަދި އެމީހުން ބެހި ފައިސާއާއި ތަކެއްޗާއި ވަޒީފާގެ މުހުތާދު ތައްފެނި ބައެއްމީހުން ވޯޓުލައި އަނެއްބަޔަކު ނުލައި، ދެން އިދިކޮޅަށް ނުކުތްމީހުން ބެހި ފައިސާގެ ބޭނުމުގައި ވޯޓުލައި، ނުލަފާކަމާ ދެކޮޅަށް ބަޔަކު ވޯޓު ދިނުމަކީ ހަގީގީ ތާއީދު އޮތް މިންވަރު އެނގޭނޭ ކަމެއްނޫން. ގިނަ ޕާޓީތަކުގެ ތާއީދާއެކުވެސް ވެރިކަމަށް އާދެވޭނީ ރައްޔިތުންބޭނުންވެގެން
120687
13 February 2022
މިހާރު އިސް ސަފުގައި ފެންނަން ތިބި އެކަކަށްވެސް ވޯޓެއް ނުދޭނަން. ޚާއްޞަކޮށް އެމް.ޑީ.ޕީ އަށް އޮޅިގެންވެސް ނުދޭނަން. މިނިވަން ފަސްބައި ކިލަނބު ނޫން ދީނަށް ފުރިހައަށް ބޯލަނބައި އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސްލާމްދީނުގެ ވިސްނުން އިސްކުރާނޭ މީހަކަށް މަގޭ ފުރިހަމަ ތާއީދު އެބައޮތް. އެހެންނޫނީ 2023 ރިޔާސީ އިންތިޚާބު މިހާރުއްސުރެ ބޮއިކޮޓް ކުރީ މި.
މޮޑަފްް
13 February 2022
މިހާތަނަށް އެކަނި ނިކުމެގެން 41% އަށް ވުރެ މަތިން ހޯދުނީ ހަމައެކަނި އެމްޑީޕީއަށްކަން މިހިސާބުތަކުން ފެންނަނީ. ދެން ކީކޭ މިކިޔަނީ.
ކަނީތަ
13 February 2022
2018ގަ ޔާމީން އެކަނި ނިކުމެ 42% ހޯދި
ކޯޅެކޯޅޭ ކޯލިޝަން
13 February 2022
ތިޔަ ކިޔެނީ އަދި ރަނގަޅަކަށް ނޫން. 2 ވަނަ ބުރަކަށް ދާއިރު ވަކި ކޯލިޝަނާއި ހެދިއެއް ނޫން ވެރިކަން ލިބެނީ. އެހިސާބަށް ދާއިރު 2 ވަނަ ބުރުގެ 2 ކެންޑިޑޭޓުން ތެރެއިން ކޮންމެވެސް އެކަކީ ރައްޔިތުން އެއްގޮތަކަށް ވެސް ވެރިކަމަށް އަންނަން ނޭދޭ ކެންޑިޑޭޓަކަށް ވާތީ ގިނަ ރައްޔިތުން އަނެއް ކެންޑިޑޭޓަށް ވޯޓުލަނީ. އެއީކީ ތާއީދު އޮވެގެން ދޭ ވޯޓޭއް ނޫން، ތާއީދު ނެތީމަދޭ އެންޓި-ވޯޓެއް. މީ މިހާތަނަށް ރައްޔިތުން ދައްކަމުން ދިޔަ މިސާލަކީ. ދެންވެސް ހޭއަރާ ސިޔާސީ ޕާޓީޒް
އޮޅުވާއޮޅުވާ
13 February 2022
ކޯޅުކޯޅޭއަށް ތިބުނެވުނީ ރަނގަޅަށް! އެހިސާބުން ވެރިކަމަށް އަންނަން (ގިނަ) ރައްޔިތުން ބޭނުންނުވާ މީހާ އެ ބާކީވަނީ!!
120687
13 February 2022
ބައެއް ފަހަރަށް މި ފަދަ އެއް ނެތޭ ހީވާ ފަހަރުވެސް އާދެއެވެ. އަނެއްބައި ފަހަރަށް ހަމަ މަދީ ނަގުލަކާ ދަޅަކާ އޭ ހީވާ ފަހަރުވެސް އާދެއެވެ. 8. ހުލާޞާއަކީ މި ވެރިކަމަކީ ވެރިކަމުގެ ލައްޒަތަށްޓަކައި، ނުވާ ލޯތްބެއްގައި ހިތާ ދެކޮޅަށް ދެމިތިބި ކައިވެންޏެކެވެ (އަ މެރެޖް އޮފް ކޮންސީކުއެންޝަލް ކޮންވީނިއަންސް އެކެވެ). 9. ދެން ނުވެވި އޮތް ތަޖުރިބާ އަކީ މި އިން އެއްކަމެއްގައި ވަސް ވެސް ޖެހިފައި ނެތް، 2023 ގައި އާރޯތާނަ ވެރިޔަކު ހޮވުން. 3/3
120687
13 February 2022
ޖާގަ ދިނަސް، ނުވާ ކައިވެންޏެއްގައި ވަގޮށް ނޫނީ ނުޖެހޭނެކަމެވެ. 4. ދެން ބެލީ އަނެއްކާވެސް އެކުލަވައިގެން އުޅެވޭނެ ކަމަށް ފެން ކޯލިޝަނަކަށެވެ. 5. ނަމަވެސް އެއިންވެސް ފެނުނީ ވެރިކަމުގެ ރާހަތާއި ޖެހުނީމާ އަތްނބެއް ދަރިއެއް، މަޔެއް ބަފަޔެއް ނޯންނަ ކަމެވެ. 6. ދެން އަނެއްކާވެސް ކޯލިޝަން އެހެން ތަޖުރިބާއެއް ކުރަން ނިންމިއެވެ. 7. އެއީ ވެރިޔަކަށް އާ މޫނެއް ލުމުގެ ތަޖުރިބާއެއް 8. އެ ތަޖުރިބާ ފެންނަނީ ހުތްފޮނި ލުނބޯހުތު ފަންޏެއް ކަމުގައެވެ. ބަޔެއް 2/3
120687
13 February 2022
ނޫސްވެރިން ވާހަކަ ނުދައްކާ އުނިކޮށްލާފައި ނުވަތަ ގަސްދުގައި ފަސްއަޅައި ފޮރުވާފައި ޕޮއިންޓުތަކެއް މި ކަމުގައި އެބަހުރި. 1. ޚުދުމުޚުތާރު ވެރިކަމެއް ތަޖުރިބާ ކުރި ރައްޔިތަކު މިނިވަން ވޯޓެއް ލުމުގެ ފުރުސަތު ލިބުނަސް، ބެލީ ވޯޓުލާން ލިބިފައި ހުރި ޗޮއިސްތަކަށް ޝައްކުގެ ނަޒަރުން. 2. ދެން ޚުދުމުޚުތާރު ވެރިޔަކު އައުމަށް ފުރުސަތު ނުލިބޭނެ ގޮތަކަށް ރައްޔިތުން ބެލީ ކޯލިޝަނަކުން. 3. ފުރަތަމަ ކޯލިޝަންގެ ތަޖުރިބާ އިން ރައްޔިތުންނަށް އެނގުނީ އަދި ކޯލިޝަނަކަށް 1/3
ރަޝީދު
13 February 2022
މީނައަށް ދޭންވީނު ގަލޮޅު ދަނޑުބެލެހެއްޓުމުގެ ވެރިކަން.
ނޭދެން
13 February 2022
އެމްޑީޕީ އެކަނި ކުރި ވެރިކަމެއް މިގައުމުގައި ފެނިއްޖެ. އިތުރަށް އެކަން ތަކުރާރު ކުރުމަކީ ގައުމަށް ހަމަނުޖެހުން ގެންނަން އުޅުން. ދެން އެމީހުން ކުރާ ވެރިކަމެއްގަ މާ ޚުދުމުޚުތާރުވެފަ މާ އަނިޔާވެރިވާނެ. އެއީ ޔަގީންކަމެއް. އެވެރިކަމާ އަނިޔާވެރިކަމާ ގުޅުވޭނެ ވެރިކަމުގަ ކުރި މުޒާހަރާތަކުގަ ހިނގި ކަންކަމަށް ބަލާފަ. ދެވަނަ 7 ފެބްރުއަރީ އަޔަ ނުދޭން ދެން ބޭނުންކުރާނެ ބާރު މާ ގަދަވާނެ އެވެރިކަމުގަ އެހާތަނަށް ހުރިހާ ކަމެއް އިންޑިއާއާ ހަވާލުނުކޮށް އޮވެއްޖެނަމަ