22 ފެބުރުއަރީ 2022 - 13:17
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ނުވެ، އަނެއްކާވެސް ބޭރުކޮށްލައިފި އެވެ. މިއީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ތޯރިގު ހުށަހެޅުއްވި ދެވަނަ ފަހަރެވެ.
އިދިކޮޅު ޕީޕީއެމްގެ މެންބަރު ތޯރިގު ހުށަހެޅުއްވި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އަދި 46 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކަމަށް ވާއިރު، ތޯރިގްގެ އިސްލާހު ބޭރުކޮށްލީ އެ ޕާޓީގެ މެމްބަރުންގެ ވޯޓުންނެވެ.
ނަމަވެސް އެމްޑީޕީން ވެރިކަމަށް އައީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމުގެ ވައުދާއެކު އެވެ.
1- މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް.
2- އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް.
3- ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން.
4- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް.
5- ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް.
6- ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް.
7- ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން
8- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު.
9- ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް.
10- ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް.
11- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް.
ތޯރިގު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ޖޭއެސްސީގައި އެއްވެސް ސިޔާސީ މީހަކު ނުހިމެނޭނެ އެވެ. އެ ކޮމިޝަންގައި ތިބޭނީ ރިޓަޔާ ކޮށްފައިވާ ފަނޑިޔާރަކާއި އިންތިހާބުކުރާ ދެ ވަކީލުންނާއި ޔުނިވާސިޓީތަކުގައި ޝަރީއަތް ކިޔަވައިދޭ ބޭފުޅަކާއި ގާނޫނު ކިޔަވައިދޭ ބޭފުޅަކާއި ތައުލީމީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރެކެވެ. އަދި ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ދާއިރާއަކުން މަތީ ތައުލީމް ހޯދާފައިވާ ބޭފުޅެއް ހިމަނަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
ޖޭއެސްސީގެ ދައުރު ތިން އަހަރަށް ބަދަލު ކުރުމާއި އެ ކޮމިޝަންގެ އެއްވެސް މެންބަރަކަށް ދެވަނަ ފަހަރަށް އެ މަގާމު އަދާނުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ވެސް ތޯރިގްގެ ހުށަހެޅުމުގައި ވާ ބައެކެވެ.
އެ މައްސަލަ އަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން އެ އިސްލާހަށް ތާއީދެއް ނުކުރެ އެވެ. ޖޭއެސްސީން ސިޔާސީ މީހުން ބޭރު ކުރުމަށް އެ މެންބަރުން ދެކޮޅެވެ. އަދި އެ ކޮމިޝަންގައި މަޖިލިސް މެންބަރުންނާއި ކޮންމެވެސް މިންވަރަކަށް ސިޔާސީ ބާރުވެރިކަން އޮންނަން ޖެހޭ ކަމަށް އެމްޑީޕީން ގަބޫލު ކުރެ އެވެ. އަދި އެ ކޮމިޝަންގައި ފަނޑިޔާރުންނާއި ވަކީލުން ތިބެގެން ނުވާނެ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ޖެހޭނީ ވަރަށް ބޮޑަށް ދިރާސާކޮށް އެންމެންގެ މަޝްވަރާއާ އެކުގައި ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. އަދި މިއީ އެ މަސައްކަތް ކުރަން ރަނގަޅު ވަގުތު ނޫން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.
އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި ޕީޕީއެމްގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނިޔަތެއް އެމްޑީޕީ އާއި މި ސަރުކާރުގެ ނެތެވެ. ޖޭއެސްސީން ސިޔާސީ މީހުން ބޭރު ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށް ވާއިރު ކޮމިޓީ މަރުހަލާގައި ބައެއް އިސްލާހުތައް ގެނެސްގެން ވެސް އެކަން މިހާރުން މިހާރަށް ކުރެވިދާނެ ކަމަށް ޕީޕީއެމްގެ މެންބަރުން ވިދާޅުވި އެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެން ވާނީ 10 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައި ކޯޓުން އަދި ދަށު ކޯޓަކުން ފަނޑިޔާރަކާއި އާންމު މެންބަރަކާއި ގާނޫނީ ވަކީލެއް އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނައިބު އަދި ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް ހިމެނެ އެވެ.
އެ މައްސަލާގައި ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި މި ދައުރު ނިމުމުގެ ކުރިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
120687
23 February 2022
ތިޔަ ބަދަލުކުރަން ހިތް ރުހޭނެ ބަޔަކު ހިޔެއް ނުވޭ އަންނާނެ ހެންނެއް.
ސަވާނާހަސަން
23 February 2022
ތޯރިގުމެންނަށް ހީވަނީ މިހާރުވެސް ޔާމީނު އުޅުނުގޮތަށް ޖޭއެސްސީގައި ތިބޭމީހުން ކޯޓުތައް ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވާކަމަށް އެހެންވީމަ ތޯރިގުމެން ބޭނުންވާ ބަޔަކު ޖޭއެސްސީ އަށް ލާންވެގެން ހުށަހެޅި އިސްލާހެއްތީ ބޭނުމަކީ ޔާމީނުގެ ޝަރީއަތްތަކަށް ނުފޫޒުފޯރުވޭނެ މަގެއް ހޯދުން
ބޮޑުމީހާ
22 February 2022
ސާބަހޭ އެމްޑީޕީ އަދި އަންނި! ޑިމޮކްރަސީ ފައްކާވަމުން ތިދަނީ. ވައުދުތައް ތިފުއްދަނީ ރަނުން ރަނަށް. މޮޅުކަމަކީ މާދަމާ ވޯޓެއް އޮތަސް މިބައިގަނޑު ކިޔާނެ ބޯހިޔާވެހިކަން ހޯދަން، އިންސާފު ގާއިމްކުރަން، ޖޭއެސްސީ މިނިވަންކުރަން، ބަޢާވާތް ބަލަން އެމްޑީޕީއަށް ވޯޓްދޭށޭ
ާއުނިމާ
22 February 2022
އެމްޑީޕީ އަކީ ވައުދުވާ ނަމަވެސް ވައުދު ފުއްދުމުގެ ހިތްވަރާއި ފަންވަރުވެސް ނެތްބައް! މީ އަޖާއިބެއްކަހަލަ ލީޑަރުން އުޅޭޕާޓީއެއް! ބައެއް ފަހަރު މިމީހުން ދައްކާވާހަކަ ހަމަނުޖެހޭތީ އަންނަނީ ޒާތެއްގެ ހިންޏެއް!
މުހައްނަދު ދާވޫދު
22 February 2022
މުނާފިގު ސިފަތަކަކީ ފާޅުކޮށް ފެންނަމުން ދާ އެއްޗެކެވެ..ކަންތައްތައް ރަނގަޅުކުރުގެ ނިޔަތެއްނެތި މާސިންގާ ދޮގުތައް ހަދަމުންދިޔައީ ދިވެހިންގެ ބޯކާލާށެވެ، އެކަންވިޔެވެ ، އެހެނަސް ދިވެހިން މިއަދު ބިކަވެއްޖެއެވެ.
އޮނަރަބްލް އަފީފު ދީދީ
22 February 2022
ޖޭއެސްސީގެ ކޮންޕޮޒިޝަނަށް ބަދަލު ގެނައުން އަވަސްކުރުމަކީ ކޮންމެހެން ބޭނުން ކަމެއް. އަދި މިބަދަލުތައް ފުރިހަމަވާއިރު ދައުލަތުގެ 3 ބާރުގެ އިސްވެރިންގެ ބަދަލުގައި ހައިކޯޓާއި ސްޕްރީމް ކޯޓް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ވޯޓް ދެއްވައިގެން އިންތިޙާބްކުރާ ސްޕްރީމް ކޯޓްގެ ފަޑިޔާރަކު އަދި މަޖިލިސް މެންބަރުންގެތެރެއިން އިންތިޙާބްގައި ރައްޔިތުންގެވޯޓް އެންމެގިނައަދަދަކަށް ލިބޭ މެންބަރު ޖޭއެސްސީއަށް އޮޓަމެޓިކުން އައްޔަންކުރާގޮތަށްހެދުން ރަނގަޅު.
މައިޝަން.
22 February 2022
މަޖިލީހުން ޖޭއެސްސީއަށް އަންނަ މެންބަރު ތިގޮތަށް އިންތިޙާބު ވާގޮތަށް އޮތުން ވަރަށް ރަނގަޅުވެދާނެ. އޭރުން ޕާޓީ ތަކުން ޑިލްހަދައިގެން މެންބަރަކު އިންތިހާބު ކުރުމުގެ ބަދަލުގައި އަބަދުވެސް އެތަނުގައި އިންނާނީ ރައްޔިތުން އެންމެ ގިނައިން ވޯޓްދީފައިވާ މެންބަރު. ސަޅިގޮތެއް.
ހަސަނު
22 February 2022
ޖޭއެސްސީ ބަދަލު ކުރާން ޖެހޭ.. އެކަމަކު އަދި އެކަން ކުރާންޖެހޭ ވަގުތު ނާދޭ.. އޭގެ ކުރިން ކުރަންޖެހޭ ކަމަކީ މިރާއްޖޭގެ ފަނޑިޔާރުގެ ސާފުކޮށް ނިންމުން..
އުދުހޭ
22 February 2022
ނަމުގައި ޑިމޮކްރެސީ ޖަހައިގެން އުޅޭ ބައިގަނޑަށް ޑިމޮކްރެސީއަކީ ހިތި ޒަހަރަށް ވެއްޖެ.