ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން މިދިޔަ ޖެނުއަރީ މަހު ބޭއްވި އެއްވުމެއްގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 މާޗް 2022 - 20:54
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އަންނަ ހުކުރު ދުވަހު ކުރިއަށްގެންދާ ބޮޑު ހަރަކާތް އޮންނާނެ ކަމަށާއި އެކަމަށް ބޭނުންވާ ހުއްދަ ސިޓީ ކައުންސިލުން ދީފައިވާ ކަމަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.
އެ ކޯލިޝަނުން ބޭއްވި ނިއުސް ބްރީފިންގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނޭވާ "ހޮޅިއަށް" ގެ ނަމުގައި ބާއްވާ ހަރަކާތާ ގުޅިގެން ހޯމް މިނިސްޓްރީ އަދި ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން ޕީޕީއެމް/ޕީއެންސީގެ އެއްވެސް މެމްބަރަކާ ބައްދަލުކޮށްފައިނުވާ ކަމަށެވެ.
މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ހުއްޓުވާނެ ކަމަށެވެ.
ހީނާ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ބޭއްވުމަށް އަބަދު ވެސް ހުއްދައަށް އެދޭ ކަމަށެވެ. އަންނަ ހުކުރު ދުވަހުގެ ހަރަކާތަށް ސިޓީ ކައުންސިލުން ހުއްދަތަކެއް ދީފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ބެނާތައް ދެމުމަށާއި އެ އެއްވުމަށް ބައެއް ސަރަހައްދުތައް ބޭނުންކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަންސަވީސް ވަނަ ދުވަހު "ނޭވާ ހޮޅިއަށް" މި ނަމުގައި ޕީޕީއެމުން ރާވާފައިވާ ހަރަކާތް ހަމަ ކުރިއަށްދާނެ. އަޅުގަނޑުމެންގެ އެއްވެސް ހަރަކާތަކީ އެއްވެސް ވަރަކަށް ގާނޫނާ ހިލާފަށް ނުވަތަ ހަމަނުޖެހުން އުފެދޭގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ނޫން،" ހީނާ ވިދާޅުވި އެވެ.
އިންޑިއާ ސިފައިންނާ ދެކޮޅު ހަރަކާތްތައް މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެއްވުންތައް ބޭއްވިއަސް ގާނޫނާ ހިލާފު އަދި ހަމަޖެހުން އުފެދޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އެހެންވެ، އެ އެއްވުން ބޭއްވުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ކޯލިޝަނުން އެދިވަޑައިގަތެވެ.
އެ އެއްވުމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް މާލޭގައި ސިލްސިލާ ގޮތެއްގައި ކޮންމެ ހުކުރު ދުވަހު މުޒާހަރާ އަށް ނުކުމެ އެވެ. އެ އެއްވުންތަކަށް ވެސް ފުލުހުން ހުރަސް އަޅައި ހުއްޓުވަ އެވެ. އަދި ކޮންމެ ދުވަހަކު މީހުން ހައްޔަރުކުރުމަށް ފަހު 24 ގަޑިއިރުތެރޭ ދޫކޮށްލަ އެވެ. ނަމަވެސް ޖަލުން ޔާމީން މިނިވަންވުމާއެކު އިންޑިއާއާ ދެކޮޅު ހަރަކާތްތައް އިތުރަށް ފުޅާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވަލިންގޕަ
22 March 2022
ކައުންސިލުން ތިހުއްދަ ދިން ބަޔަކާމެދު ވަގުތުން ފިޔަޅު އަޅަންޖެހޭ ގާނޫނުގަ މަނާކަމެއް ކުރަން ކައުންސިލަކަށްވެސް ހުއްދައެއް ނުދެވޭނެ
އުދުހޭ
22 March 2022
ގާނޫނުއަސާސީގަ ހުއްދަ އޮންނާނެ ލިޔެފަ. އެވަރުން ފުދެންވާނެ.
ބޮޑުމީހާ
22 March 2022
ބާއްވަންވީ. މީ އިންޑިއާގެ ފައިބުޑަށް ވެއްޓިގެން އެބުރޭ ސަރުކާރެއް. ރައްޔިތުންނަށް ވީވައުދުތައް ހަދާންނެތިފަތިބީ
ނަސީމް
22 March 2022
ސިޓީކައުންސިލްގަ މުއީޒުބޭ އިދެގެން ގަޑިއެކު އެއްފަހަރު ހުއްދަ ދިނަސް ފުލުހުންނާއި ސިފައިން ތިކަންކުރާކަށް ފުރުސަތުނުދޭނެ. ރުޅާލާނެ ތިކަމެއްނުވާނެ. އަޅެފަށާބަލަ ވާގޮތްބަލަން.
އިބްރ
21 March 2022
އިންޑިއާ ސިފައިން މިޤައުމުގައި ބައިތިއްބުމަށްޓަލައި މިސަރުކާރުން ދެއްކި އެއްވެސް ސަބަބެއް ރައްޔިތުން ޤަބޫލެއްނުކުރި. 1) ޓެރެރިސްޓުން ނައްތައިލުން 2) ހަރުކަށި ފިކުރު ހުއްޓުވުން 3) ކަނޑުފޭރޭ ހުއްޓުވުން 4) އިންޑިއާގެ މަސައްކަތުމީހުންގެ ދިފާއުގައި 5) އިންޑިއާ މީހުންގެ އިންވެސްޓްމަންޓްސް ތައް ހިމާޔަތްކުރުން 6) މަސްތުވާތަކެތި ރާއްޖެއެތެރެވުން ހުއްޓުވުން. މީގެތެރޭގައި ރާއްޖޭގެ ފުލުހުންނާއި ސިފައިންނަށް ކޮންޓްރޯލް ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
ކުރަފި
21 March 2022
ސާބަހޭ. ލަންކާ ބަންގާޅަށް މިގައުމު ނެހެދިގެން ނިދި ނާންނަ ބައެއް ދޯ މީ. ބަލަ ދައުރު ހަމަވާއިރު ބާއްވާ އިންތިޚާބަށް މަޑު ކޮށްބަލަ. ޗައިނާ އިން ވާނެ އެހީ އެ ފެންނަނީ ލަންކާ އިން. ބަރުމަރުކާ އަޑިއަށްދާ ވަރަށް ދަރަނި ދީފައި އެތިބީ ހެވިފައި. ދުވާލަކު ހަގަޑިއިރު ކަރަންޓް ކަޑާ ލަންކާ ގައި.
ޢަހު
21 March 2022
ކަލޭމެން އިދިކޮޅުގަ ތިބެ ހޭވި ހަޑި ކޮބައިތަ؟ގައިމު ޕޕ މީހުން އެއްވެސްތަނެއް އަންދައެއް ނުލާ
1828
22 March 2022
އެހެންވެއްޖެއްޔަ ފުރަތަމަ ޤާނޫނު އަސާސީ ބަދަލުކޮށްބަލަ. ހިޔާލު ފާޅުކުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްޤުދީފައި އެބައޮތް. އެހައްޤުގެ ބޭނުން ރައްޔިތުން ކުރަންޖެހޭ. ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވަން ނިކުންނަން ޖެހޭ.
ހިބަރު
22 March 2022
ކަލޯ ބޮލުފޮށާ އެޅެނީ މިއޮއް އިންޑިޔާ ތައްޕާހަށްް ވެއްޓިގެން