ދުނިޔެ / ރަޝިއާ

ރަޝިޔާ އަށް ދަތިކުރުމުން ޑޮލަރުގެ ނުފޫޒު ކުޑަވާނެ: އައިއެމްއެފް

31 މާޗް 2022 - 14:51

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ މާލީ ދާއިރާގައި އެމެރިކާގެ ޑޮލަރު ދަމަހައްޓަމުން އައި ނުފޫޒަށް ފަނޑުކަމެއް އަންނާނެ ކަމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

"އެ ހާލަތު މެދުވެރިވިޔަސް ބައިނަލްއަގުވާމީ ގޮތުން ނުފޫޒު އެންމެ ގަދަ ފައިސާއެއްގެ ގޮތުގައި އަދިވެސް ދެމި އޮންނާނީ އެމެރިކާ ޑޮލަރު. ނަމަވެސް ދަށް މިންވަރެއްގައި އެ ނުފޫޒަށް ބަދަލުތަކެއް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެގައި އައިއެމްއެފްގެ ފަސްޓް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ގީތާ ގޯޕީނާތު ވިދާޅުވި އެވެ.

ގީތާ ވިދާޅުވި ގޮތުގައި، ޔޫކްރޭން ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ވިޔަފާރި މުއާމަލާތްތަކަށް އައިސްފައިވާ ކުއްލި ބަދަލުތަކުގެ ސަބަބުން، ބައެއް ގައުމުތަކުން މިހާރު ވެސް އަންނަނީ، ވިޔަފާރީގެ މުއާމަލާތްތަކަށް އަގު ދައްކާނީ ކޮން ފައިސާއަކުންތޯ ކަނޑައެޅުމަށް މަޝްވަރާ ކުރަމުންނެވެ.

އޭގެ އިތުރުން، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، ޑިޖިޓަލް ފައިސާގެ ބާވަތްތަކުން ކުރާ މުއާމަލާތްތައް އިތުރުވުމަށް މަގު ފަހިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވިޔަފާރީގައި ބޭނުންކުރާނެ ފައިސާގެ ބާވަތްތަކާ މެދު، ސުވާލު އުފެދެން ފެށީ، ގީތާ ވިދާޅުވި ގޮތުގައި، ރަޝިޔާގެ މަރުކަޒީ ބޭންކާއި މާލީ އެހެން އިދާރާތަކާ އެކުގައި މުއާމަލާތުކުރުން، ވިލާތުގެ ގައުމުތަކުން ހުއްޓައިލުމާ ގުޅިގެންނެވެ.

އޭގެ ނަތީޖާއަކަށްވީ، އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ބާވަތްތަކުގެ ފައިސާ ބޭނުންކޮށްގެން ރަޝިޔާގެ ބޭންކްތަކާއި ކުންފުނިތަކާ އެކުގައި މުއާމަލާތްކުރުމުގެ ވިސްނުންތަކެއް އުފަންވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ބާޒާރުތަކުގައި ރަޝިޔާ އިން ކުރާ ވިޔަފާރިތަކުގައި ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެ ގައުމުން މަސައްކަތް ކުރަމުން އަންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އެ މަސައްކަތް އިތުރަށް ފުޅާވެގެން ދިޔައީ، 2014 ވަނަ އަހަރު ރަޝިޔާ ސިފައިން ޔޫކްރޭންގެ ކްރީމިއާ ހިފުމާ ގުޅިގެން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ރަޝިޔާ އިން އެ މަސައްކަތް ފުޅާކޮށްފައި ވިޔަސް، ޔޫކްރޭން ހަނގުރާމަ ފެށުމާ ހަމައަށް ވެސް، ރަޝިޔާގެ ފޮރިން ރިޒާވްގެ ގާތްގަނޑަކަށް ފަސް ބައިކުޅަ އެއްބައި، ހުރީ ޑޮލަރުން އަގުކުރެވޭ މުދަލުގެ ގޮތުގަ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މުދާ ހުރީ ޖަރުމަން ވިލާތުގަ އާއި ފަރަންސޭސި ވިލާތުގެ އިތުރުން ޖަޕާނުގަ އެވެ. އެ ހުރިހާ ގައުމުތަކެއް ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ދުނިޔޭގެ މާލީ ނިޒާމުން ރަޝިޔާ ބޭރުކުރުމަށެވެ.

ގީތާ ވިދާޅުވި ގޮތުގައި ޑޮލަރުގެ ބަދަލުގައި އެހެން ބާވަތްތަކުގެ ފައިސާ އިން ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފެށުމުން، ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ރިޒާވްގެ ގޮތުގައި ކަނޑައަޅާ މުދަލުގެ ބާވަތްތަކަށް ބަދަލު އަންނާނެ އެވެ.

ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް ގިރާކޮށް، ރަޝިޔާ އާއި އިންޑިޔާއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި އިންޑިއާގެ ރުޕީ އާއި ރަޝިޔާގެ ރުބެލް އިން ވިޔަފާރިކުރުމަށް އިންޑިޔާއިން މިހާރު އަންނަނީ ވިސްނަމުންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންޑިޔާއިން އެ ވިސްނާ ފަދަ އިންތިޒާމެއް ހަމަޖެހިއްޖެ ނަމަ، ރަޝިޔާގެ ތެޔޮ ހެޔޮ އަގުގައި އިންޑިއާ އަށް އެތެރެ ކުރުމަށް މަގުފަހިވާނެ އެވެ. އޭގެ އިތުރުން، އިންޑިއާގައި އުފައްދާ ދަނޑުވެރިކަމުގެ މެޝިންތަކާއި ބޭހާއި ފަރުނީޗަރާ ގުޅޭ އާލާތްތަކާއި އެހެން މުދާތައް ރަޝިޔާގައި ވިއްކުމުގެ މަގު ވެސް ތަނަވަސްވެގެންދާނެ އެވެ.

0 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454