މީހުން

ނަސީބުގެ ދަތުރު، ރާއްޖެ ދޫކޮށް ނުދެވުނު!

އަންވަރު ކުރެއްދޫ ރިސޯޓުގެ ބަގީއެއްގައި "މިހާރު" ގެ ނޫސްވެރިންނަށް ފޮޓޯއަކަށް ތައްޔާރުވެގެން: އޭނާ ރާއްޖޭގައި އުޅޭތާ 34 އަހަރު ވެއްޖެ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރެއްދޫ ރިސޯޓުން މުހައްމަދު އަންވަރާ ދިމާވީ ބައްދަލުވުން އޮތް ތަނަށް ދާން ބަގީންނެވެ. ފަރިތަކަމާ އެކު އޭނާ ދިޔައީ އަހަރެމެންނާ ދިވެހިން ވާހަކަ ދައްކަމުންނެވެ. ކޮވިޑުގެ ހާލަތުގައި ދަތުރުފަތުރުގެ އުނދަގޫތަކާ އެކު ކުރަން ޖެހުނު ތަފާތު ތަޖުރިބާ އާއި ރަށުގެ އެކި ތަންތަން ކިޔައި ދެމުން ދިޔައީ މައުލޫމާތު އެހާ މުއްސަނދިކޮށެވެ.

ކޮން ރަށެއްތޯ ނޭހިއަސް ގާތްގަނޑަކަށް އަހަރެމެން ނިންމައިގެން ތިބީ އޭނާއަކީ ދިވެއްސެއް ކަމަށެވެ. އެކަމަކު ހީކުރި ގޮތާ ހިލާފަށް އެއީ ސްރީ ލަންކާގެ ރައްޔިތެއް ކަން އެނގުނީ އޭނާގެ "ބަރާބަރު" ވާހަކަތަކުގެ ތެރެއިންނެވެ. އޭނާއަށް އޮތީ މަސައްކަތުގެ އަހުލާގާއި އަޅާލުމާއި އޯގާތެރިކަމުގައި ނަމޫނާއެއް ކަމުގެ ތައުރީފެވެ.

ރާއްޖެއާ އޭނާ ގުޅުނު މާޒީ އެހާ އުފާވެރިއެއް ނޫނެވެ. އެއީ ދިރިއުޅުމުގައި ކުރިމަތިވި މަޖުބޫރީ ހާލަތެކެވެ. މަންމަ އާއި ބައްޕަ މަރުވެ ހަގަށް ތިބި ކުދިންގެ ޒިންމާ ނަގަން ޖެހުނީ އެވެ. އޭރު އަމިއްލަ ގައުމު ދޫކޮށް އެހެން ތަނެއްގައި ދިރިއުޅުމަކީ އޭނާގެ ވިސްނުން ދިޔަ ހިސާބެއް ނޫނެވެ. ރާއްޖެއަށް ދަތުރު ހެދީ ވެސް މުޅި އުމުރަކަށް ނޫނެވެ. ޑިސެމްބަރު، 29، 1988 ގައި މާލެ އައީ އާއިލާގެ ކަންކަން ހަމައަކަށް އަޅުވައި އެނބުރި ގައުމަށް ދާގޮތަށެވެ.

އަންވަރު ކުރެއްދޫ ރިސޯޓުގައި: ސްރީ ލަންކާއަށް ދެން ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުމެއް އޭނާގެ ނެތް.

އެކަމަކު ހުރިހާ ކަމެއް ބަދަލުވީ އެވެ. އެނބުރި ގައުމަށް އަންވަރަކަށް ނުދެވުނެވެ.

ރާއްޖެއަކީ "ނަސީބު"

އަންވަރު މިހާރު ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ނަސީބުގެ ދަތުރެވެ. ފުރަތަމަ ފިޔަވަޅާ އެކު ވެވުނީ އާދަޔާ ހިލާފު ލޯތްބެކެވެ. ފަހުން އެ ލޯބި ބަންޑުންކޮށްލީ ހަޔާތުގެ ދިވެހި ބައިވެރިޔާ އަށެވެ. އިސްލާމްވެ، އަންވަރު ރާއްޖޭގައި ދިރިއުޅޭތާ މިހާރު 34 އަހަރު ވެއްޖެ އެވެ. ރައްޔިތުކަން ނުލިބުނަސް ހަމަ ދިވެއްސެކެވެ.

އަންވަރުު ބުނި ގޮތުގައި ދިވެހިންނެކޭ އެއްގޮތަށް އޭނާ ވެސް ރާއްޖެ ދެކެ ލޯބިވެ އެވެ. އަންހެނުންގެ އުފަން ރަށް، ޅ. ހިންނަވަރު ދެކެނީ އޭނާ ވެސް އުފަން ރަށުގެ ގޮތުގަ އެވެ. ކުރެއްދޫ ރިސޯޓުގައި ވަޒީފާ އަދާކުރިއަސް އޭނާ ދިރިއުޅެނީ އަންހެނުންނާއި ދެ ދަރިންނާ އެކު ހިންނަވަރުގަ އެވެ.

"ރާއްޖެ މާ ބޮޑަށް ވެސް ހިތްގައިމު. ހިންނަވަރު މީހުން އަޅުގަނޑަށް ވަރަށް ރަނގަޅު. ލަންކާއަށް ވުރެން ރާއްޖޭގައި ގިނަ ދުވަސްވީމަ ގުޅުން ވެސް ގާތް،" އޭނާ ކިޔައިދިނެވެ.

އަންވަރުގެ އަންހެނުންނާއި ދެ ކުދިން: ހިންނަވަރަކީ އަންވަރު ދެކޭ ގޮތުގައި އޭނާގެ އުފަން ރަށް.

އަންވަރަށް ކުރެއްދޫ ރިސޯޓުން ވަޒީފާ ހަމަޖެހުނީ ކްރައުން ކޮމްޕެނީގައި ވަޒީފާ އަދާކުރި އޭނާގެ ބޭބެގެ ފަރާތުންނެވެ. ބޭބެ ވެސް ރާއްޖެ އަންނަން ޖެހުނީ އާއިލާގެ ހަރަދުތައް ބަލަހައްޓަންވެގެންނެވެ.

ބާ ހެލްޕަރެއްގެ ވަޒީފާ އިން ފަށައި ލިބުނު ހުރިހާ ފައިސާއެއް ފޮނުވީ ލަންކާގައި ތިބި އާއިލާއަށެވެ. އެގޮތުގައި ވަރަށް ގިނަ ދުވަސް ހޭދަވި އެވެ. ވަޒީފާގެ ކުރިއެރުން ލިބި މަގާމްތައް ބަދަލުވި އެވެ.

އަންހެނުންނާ ބައްދަލުވީ، އަންވަރު ބުނި ގޮތުގައި ހަމަ އެ ރިސޯޓުންނެވެ. ވަޒީފާގައި ދެ މީހުން އެކީގައި އުޅެ 2006 ގައި ކައިވެނިކޮށް މިހާރު ހިންނަވަރުގައި ދެ މީހުންގެ ދިރިއުޅުން ބިނާކޮށްފި އެވެ.

އަންވަރު ރިސޯޓުގައި: އޭނާއަށް ރާއްޖެ އާދެވުނީ ކުރިމަތިވި މަޖުބޫރީ ހާލަތަކާ ހެދި ނަމަވެސް އެއީ ނަސީބުގެ ދަތުރު ކަމަށް އޭނާ ދެކޭ.

ކުރެއްދުއާ ޖެހިގެން އޮންނާތީ ހަފުތާއަކު ދެތިން ދުވަހު ހިންނަވަރަށް ދެވެ އެވެ. މި ދަތުރު އުނދަގޫވީ ކޮވިޑުގެ ހާލަތުގައި ރިސޯޓް ބަންދުކޮށްފައި ބާއްވަން ޖެހުމުންނެވެ. އެހެން ރިސޯޓްތަކެކޭ އެއްގޮތަށް ކުރެއްދޫގައި ވެސް ދަތުރުފަތުރުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ.

ތަފާތެއް ނުކުރޭ، ހިތްހަމަޖެހުމަކީ އެއީ

އަންވަރަށް ރާއްޖެ އެންމެ ކަމުދާ ސަބަބަކީ ދިވެހިންގެ ހިތްހެޔޮ ކަމެވެ. ރިސޯޓުގައި ވެސް އަދި ހިންނަވަރުގައި ވެސް އޭނާއަކީ ދިވެއްސެއް ނޫން ކަމުގެ އިހްސާސެއް ނުވާ ކަމަށް އަންވަރު ބުންޏެވެ.

"މިތާ އެންމެންނަށް އެނގޭނެ އަހަރެން ލަންކާ ކަން. ހުރިހާ މުވައްޒަފުން ވެސް ވަރަށް ރަނގަޅު، ވަރަށް ގާތްކޮށް އެންމެން ވެސް ވާހަކަ ދައްކަނީ. އަޅުގަނޑު ވެސް ދެކެނީ ހަމަ އެއީ އެއް އާއިލާއެއްހާ ގާތް މީހުންގެ ގޮތުގައި،" އޭނާ ބުންޏެވެ.

"ރިސޯޓް މެނޭޖްމަންޓް ވެސް ރަނގަޅު. އެހެންވީމަ ދުވަހަކު ވެސް ހިތަށް ނާރާ މިތަނުން ދާނަމޭ އެހެން ތަނަކަށް."

ރާއްޖެ އައި އިރު މިކަހަލަ ހިތްހަމަޖެހުމެއް މި ގައުމުން ލިބިދާނެ ކަމަކަށް އޭނާ އުއްމީދު ނުކުރިއަސް މިހާރު އޭނާއަށް ހުރިހާ ގޮތަކުން ވެސް ރާއްޖެ ހާއްސަ އެވެ. އޭނާ ބުނާ ގޮތުގައި ދިރިއުޅުމުގައި އޮތީ މަސައްކަތްކޮށްގެން ރަނގަޅަށް އުޅުމެވެ. އޭނާގެ ކުރިއެރުމާ ގުޅިފައި އޮތީ އެކަމެވެ.

"ވަޒީފާއަށް ރާއްޖެ އައި ފަހުން ވެސް 10-12 ފަހަރު ލަންކާ އަށް ދިޔައިން އާއިލާގެ ގާތަށް. ދެން ވެސް ބޭނުންވީމަ ދެވޭނެތާ، ދިރިއުޅެން ދާކަށް ނުވިސްނަން މިހާރު،" އަންވަރު ބުންޏެވެ.

"އެއްގޮތަކަށް ވެސް ހިއެއް ނުވޭ މިއީ އަމިއްލަ ގައުމެއް ނޫނޭ. ދިވެހިން ފެނުނީމަ އަމިއްލަ ރައްޔިތުން ކަމުގެ އިހްސާސް ވަނީ."

އަހަރެމެންނާ ވެސް އަންވަރު، އެހާ ގާތްކޮށް ވާހަކަ ދެއްކުނު ސަބަބަކީ އެއީ އެވެ.

7 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 4%
icon angry icon angry 0%
icon wow icon wow 2%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުމައިން

20 April 2022

އަންވަރަށް ދިވެހި ރައްޔިތުކަން ދޭން ނުޖެހޭ ސަބަބެއް މިހާރަކު ނުފެނޭ. މިހާ ދުވަހު ނުދީތިބީ ހަރުދަނާ އުސޫލެއްގެ ތެރެއިން. އެކަމަކު މިހާރު އެއޮއް ބަހާނަގަނީ. މިސާލަކަށް ތަރުކްޝީ ނަތާޝާ ރަނަވަކަ ކިޔާ މީހަކަށް އެބައޮތް ދިވެހި ރައްޔިރުކަންދީ އައިޑީ ކާޑު ހަދައިދީފަ. އައިޑީ ކާޑު ނަމްބަރު ފެށެނީ 461އިން.

The name is already taken The name is available. Register?

މަވެސް މިވެސް ދިވެއްސެއް

19 April 2022

34އަހަރު ރާއްޖޭގެ އިޤްދިސާދަށް ޚިދުމަތްކުރުމުގަ. ދިވެހި ދަރިންތަކެއްގެ ބައްޕައެއް. ދީން ޤަބޫލްކޮށް ދިވެހި އާއިލާތަކާ ގުޅިފައިވާ ދިވެހިބަހާއި ސަޤާފަތަށް ހޭނިފައިވާ މިފަދަމީހުން ރާއްޖޭގައި ހޭދަކުރުރި ދިޤުމުއްދަތުގައި ބޮޑު ޤާނޫނީ ކުށެއްނުކުރާނަމަ ދިވެހި ރައްޔިތުކަން ނުދޭންވީ ސަބަބެއް ނެތް. 30 އަހަރަކީ ކުރުމުއްދަތެއްނޫން. މުސްކުޅިވެ ގައިބާރު ދެރަވީ ރާއްޖޭގައި ޚިދުމަށްކޮށް. ނަސްލަށް ނުބަލާ ޚިދުމަތަށް ބަލަމާ.

The name is already taken The name is available. Register?

ބައި

19 April 2022

އެއްވެސް ގައުމެއްގެ ރައްޔަތުކަމަކީ އޭނަ އުޅޭ މުއްދަތަށް އެކަނި ބަލާފައި ދޭ އެއްޗެއްނޫން. ބަންގާޅުގެ މީހުންގެ ގޮތުގައި މިތާއުޅޭ 3 ލައްކަ މީހުންގެ ތެރޭގައި ތިމުއްދަތަާް އުޅެފައި ތިބޭ ކިތައްމީހުން ތިބޭނެ. މިކަހަލަ ކޮންމެ ވާހަކަޔަކާއެކު ކިޔާނެ އޭނަޔަށް ރައްޔަތުކަން ދޭންވީނުންހޭ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

19 April 2022

ލަންކާ މީހުންނަކީ ހަމަ ދިވެހިން. ހަގީގަތުގައި ކޮއިމާލާއަކީ ލަންކާގެ ޕްރިންސެއް. އޭނާގެ އަންނުންނާއެކު ރިޓްރީޓަކަށް ރަސްގަތީމަށް އައިގޮތަށް މިތާ ވަޒަންވެރިވެ މާލެއަށް ބަދަލުވެ، މާލޭގައި ރަސްކަން ކުރަން ފެށީ އެ ޕްރިންސް. އޭރު ރާއްޖޭގައި ދިރިއުޅެނީ ލަންކާގެ މަސްބޯޓްފަހަރުން ވާނުވާގައި ލައްގާފައިތިބި 200 އެއްހާ މީހުން. އެހެންކަމުން، އިންޑިއާއަށް ވުރެއް ލަންކާއަށް ހަމްދަރުދީވެ ގާތް ގުޅުމެއް ބޭއްވުން މާ މުހިންމު. މާ ޓްރަސްޓަޑު ބައެއް އެއީ. ވީއާބްރަދާސް

The name is already taken The name is available. Register?

މަސްހުނި ދިވެހިން

19 April 2022

ލަންކާގެ މަސްބޯޓްފަހަރުން ލެއްގި މީހިން އެކަންޏެއްނޫން. އިރުމައްޗާއި ހުޅަގުން އިންޑިއާ ކަނޑުހުރަސްކުރި އުޅަންދުފަހަރުން ލެއްގި ނުވަތަ ފަރަށް ފަރައި އެބުރި ދެވޭނެގޮތެއް ނެތި އުޅުނު އެހެން ޤައުމުތަކުގެ މީހުންވެސް އުޅުނު. މެލޭޝިއާ ސަރަހައްދާއި ޗައިނާއާއި ޔަމާނައި ސޯމާލިއާ އެނޫންވެސް ނަސްލުތަކުގެ މީހުން. އެތަން މިތަނުން އިންޑިއާ ގަނޑުގަ ތަތުރުކުރި މީހުން މަސްހުނިވެ އުދުނު ޤައުމެއް. ދިވެހި ނަސްލުގެ ސިފަތަކުން މިކަން ފެނޭ.

The name is already taken The name is available. Register?

މީރުބަހުރުވަ

19 April 2022

އެހެންވިއްޔާ އަރަބިކަރައިގެ ހުރިހާ ގައުމެއްގަ އުޅެނީ ސައުދީމީހުންތާ، ނޯތުކޮރެއާގަ އުޅެނީ ސައުތުކޮރެއާގެ މީހުންތާ، އިންޑިއާގަ އުޅެނީ ޕާކިސްތާނާއި ބަންގާޅު ރައްޔިތުންތާ.

The name is already taken The name is available. Register?

މޯދީ.

20 April 2022

މީރުބަހުރުވަ ގެ ކޮމެންޓް ކިޔަމުން އައިސް އިންޑިއާގަ އުޅެނީ ޕާކިސްތާނާއި ބަންގާޅު ރައްޔިތުންތާ އޭ ބުނި ހިސާބުން އެގިއްޖެ ތަނެއް ދޮރެއް އުޑެއް ބުޑެއް ނޭގި ކޮމެންޓް ކުރި މީހެއްކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454