ފްލޮރިޑާގެ އެޓާނީ ޖެނެރަލް ޕާމް ބޮންޑީ އާއި ޓްރަމްޕް: ޓްރަމްޕް ފައުންޑޭޝަނުން ފްލޮރިޑާގެ އެޓާނީ ޖެނެރަލްއާ ގުޅުން އޮތް ބަޔަކަށް އެހީ ދިން މައްސަލަ ދަނީ ބަލަމުން. --ފޮޓޯ:އޭޕީ
25 ޑިސެމްބަރ 2016 - 12:45
ނިއު ޔޯކް (ޑިސެމްބަރު 25) - ހައިރާތުގެ ގޮތުގައި އެހީ ދިނުމަށް އުފައްދާފައިވާ ފައުންޑޭޝަން އުވާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"ޓްރަމްޕް ފައުންޑޭޝަން" އުވާލަން ނިންމާފައި މި ވަނީ އެ ޖަމާއަތާ ގުޅޭ މައްސަލައެއް ވެސް ބަލަމުން ދަނިކޮށެވެ. ޓްރަމްޕް ވިދާޅުވީ ވެރިކަމުގައި ހުންނަވާ އިރު މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.
ނިއު ޔޯކުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ޓްރަމްޕް ފައުންޑޭޝަނުން އެހީ ދިނުމުގައި "އުސޫލުން ބޭރުން ހިންގާފައިވާ" ކަމަށް ބެލެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން ދަނިކޮށް ފައުންޑޭޝަން އުވާ ނުލެވޭނެ ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
އެޓާނީ ޖެނެރަލް އެރިކް ޝްނެއިޑާމަން ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވަނީ ނިއު ޔޯކުގައި ޗެރިޓީތައް ހިންގުމުގެ ގަވާއިދާ އެއްގޮތަށް ޓްރަމްޕް ފައުންޑޭޝަން ހިންގާފައިވާކަން ޔަގީން ކުރަން ބޭނުންވާ ކަމަށެވެ. އެޓާނީ ޖެނެރަލް ބަލަމުން ދަނީ ފްލޮރިޑާގެ ރިޕަބްލިކަން އެޓާނީ ޖެނެރަލް އަށް ތާއީދުކުރާ ބަޔަކަށް 2013 ވަނަ އަހަރު އެހީ ދިން މައްސަލައެކެވެ. މި އެހީ ދީފައި ވަނީ ފްލޮރިޑާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ޓްރަމްޕް ޔުނިވާސިޓީއާ ގުޅޭ މައްސަލައެއް ބަލަން އުޅުނު ދުވަސްވަރު ކަމަށް ވެސް ވެ އެވެ.
ޓްރަމްޕް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ވޭތުވެދިޔަ ތަނުގައި އެހީތެރިކަން ބޭނުންވެފައިވާ އެތައް ބަޔަކަށް އޭނާގެ ފައުންޑޭޝަނުން އެތައް މިލިއަން ޑޮލަރެއްގެ އެހީވެދީފައިވާ ކަމަށެވެ. އެކަމަކު ރައީސް ކަމުގައި ހުންނަ އިރު މަސްލަހަތު ފުށުއަރާ ކަމެއް މެދުވެރިވެދާނެތީ ޓްރަމްޕް ފައުންޑޭޝަނުގެ ބަދަލުގައި އެހީގެ ކަންތައް އެހެން ގޮތަކަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރައްވާނީ ޖެނުއަރީ 20 ވަނަ ދުވަހު އެވެ.
ޑްރަމްޕް ފައުންޑޭޝަން އުފައްދާފައި ވަނީ 1987 ވަނަ އަހަރު އެވެ. މި ފައުންޑޭޝަނުން 2005 ވަނަ އަހަރާ ހަމައަށް އެހީދެމުން ދިޔައީ ޓްރަމްޕް އަމިއްލަ އަށެވެ. ނަމަވެސް އޭގެ ފަހުން ފައުންޑޭޝަނަށް އެހީ ދެނީ ޓްރަމްޕުގެ ރަހުމަތްތެރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
25 December 2016
ވިސްނާލާ ޓްރަމްޕްގެ ރޭވުންތެރިކަން . 1987 ހާތަނުން ފެށިގެން ޓްރަމްޕް މިއައީ ގައުމުގެ ރައީސްކަމަށް ފައިނެގުމަށްރާވަމުން އެކަމަށް މަގުފަހިކުރަމުން . މިއަދު އެހޯދީ އެމަގާމުވެސް 29 އަހަރުގެ މަސައްކަތަށްފަހު . 29 އަހަރު ވީއިރުވެސް ވެރިކަމުގާހަކަ ނުދައްކާ ހުރެފާ އިންތިހާބަށް ކުރިމަތި ލެއްވީ އެންމެ ބާރުގަދަ އެއްޕާޓީ ގެ ތެރެއިން ، އަހަރުމެންގެ ގައުމުގެ މަހުޖަނުންނަށް މިވާގޮތަކީ ކެތް މަދުވެގެން ވެރިކަމުގެ ނިދި ނުފިލައިގެން އަވަސް އަރުވާލައިގެ ޕާޓީ ހަދާ ކުރިމަތިލީމަ ނުހޮވުނީ ، ޓްރަމްޕް ގެ މުއްސަނދި ކަމާހުރެވެސް އާޕާޓީއެއް ހަދައިގެން ނުކުތްނަމަ ޓްރަމްޕް ވެސް ނުހޮވޭނެ. ރޮސްޕަރޯއަށް ވީވަރު ވާނީ